ޢީދުގައި، ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުން

ހައްދުފަހަނައެޅުން ގިނަބަޔަކަށް ވިސްނެނީ ހަރުކަށިވުމުގެ މާނައިގައެވެ. އަދި ދީނީގޮތުން ހައްދުފަހަނައެޅުމޭ ބުނެވިއްޖެނަމަ ގިނަބަޔަކަށް ވިސްނިފައި އޮންނަނީ އެއީ ބޮން ގޮއްވުން ނުވަތަ ޖަނުން ފިދާވުން ކަމުގައެވެ. ވާނީވެސް އެހެނެވެ. އާއްމުކޮށް ގިނަބަޔަކު ކިޔާ ނޫސްތަކުގައި “ހައްދުފަހަނައެޅުން” މި ބަސް ބޭނުން ކޮއްފައިވަނީ އަދި ކުރެވެމުންދަނީ މިފަދަ ހާދިސާތަކާ ގުޅުވައިގެނެވެ. އެހެން ކަމުން، މި ބަސް އެހެން ގޮތަކަށް ބޭނުންކޮށްލެވޭތޯ ބަލާލާނަމެވެ. އެއީ، ޢީދު ފާހަގަ ކުރުމުގެ ނަމުގައި ހައްދު ފަހަނައަޅައި ދިއުމަށެވެ.

ފިޠުރު ޢީދާއި އަޟްހާ ޢީދަކީ ދީނީ ގޮތުން ފާހަގަކުރެވޭ ދެދުވަހެވެ. މި ދެދުވަހުގައި ކުޅިވަރުކުޅެ އުފާފާޅުކުރުމަކީ ނުހަނު ބޮޑަށް ބާރުއެޅިފައިވާ ކަމެކެވެ. އެހެންނަމަވެސް ގިނަބަޔަކު އިހުމާލްވެފައިވާ އެއްކަމަކީ މިފަދަ ދުވަސްތަކުގައި ކުޅިވަރު ކުޅުމުގައި ދީނުގައި ކަނޑައަޅުއްވާފައިވާ އިންތަކާއި މިންތަކެވެ. ޢީދު ކުޅިވަރު ކުޅުމުގައި ދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ދެވޭނަމަ، އެދެވެނީ ދީނުގެ ނަމުގައި ހައްދުފަނައަޅައި ނޫންތޯއެވެ؟ އުފަލާއި މަޖާކުރުމުގެ ސަބަބެއް ކަމުގައިވަނީ ދީނީ ޝިޢާރެކެވެ. އެހެންނަމަވެސް، ކުޅިވަރު ކުޅުމުގެ ނަމުގައި ހިންގޭ ބައެއް ހަރަކާތްތަކުގެ ސަބަބުން ގެއްލިގެންދަނީ ދީނުގެ ޢިއްޒަތާއި ޝަރަފެވެ. ބުރޫއަރަނީ މިފަދަ ދުވަސްތަކުން ލިބިގަންނަންޖެހޭ ދީނީ، އިޖްތިމާއީ، އަދި ރޫޙާނީ އަޚްލާޤަށެވެ. އޮޅިގެންދަނި މިފަދ ަދުވަސްތައް ފާހަގަކުރުމުގެ ހަޤީޤީ މަޤްޞަދެވެ.

ޢީދުގެ އުފާފާޅުކުރުމުގެ ނަމުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ އެއްހަރަކާތަކީ އެކި ރަށްރަށުގައި، އެކިފެންވަރުގައި، ބޮޑެތި ޚަރަދުކޮށްގެން ބޭއްވޭ މއުޒިކް ޝޯތަކެވެ. ލަވަޔާއި މިއުޒިކަކީ ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ޙަރާމް އެއްޗަކަށް ވީއިރު، ދީނުގެ ޝިޢާރެއް ފާޅުކުރުމުގެ ނަމުގައި މިފަދަ ޙަރާމް ކަމަކަށް އަރައިގަތުމަކީ ދީނުގެނަމުގައި ހައްދުފަހަނައެޅުން ކަމުގައި ނުވާނެތޯއެވެ؟ ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ މިފަދަ ޝޯތަކުގައި ދެ ޖިންސުގެ މީހުން މަސްހުނިވެ، އެއްބަޔަކު އަނެއްބަޔަކު ގައިގޯޅިވެ، ނަށާ، ބައެއްފަހަރު ވާނުވާނޭނގޭ މަސްތުގެ ހާލަތައް މީހުންދާކަމެވެ. އަދި މިފަދަ ފާޙިޝް ޢަމަލުތައް ހިންގެނީ ބޮޑެތި ވިޔަފާރިތަކުން މާލީއެހީ ލިބިގެންކަން ފާހަގަކޮށްލަންޖެހެވެ.

ޢީދުގެ އުފާފާޅުކުރުމުގެ ނަމުގައި ހިންގޭ އަނެއް ހަރަކާތަކީ ފެންކުޅިއެވެ.  ކާބަފައިން މިކަން ކޮށްއުޅުނީ ތަންކޮޅެއް އާދައިގެ ގޮތަކަށް ނަމަވެސް، މިއަދު މިވަނީ މިކަން ކުރެވޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އައިސް، ހައްދުތައް ފަހަނައަޅާ ގޮސްފައެވެ. މިހާރު ޖަހަނީ ފެނެއްނޫނެވެ. ކުލައެވެ. އެވެސް އެއްބަޔަކު ގައިގައި އަނެއް ބަޔަކު ހާކަނީއެވެ. އަންހެނުން ފިރިހެނުންގެ ގައިގައެވެ. ފިރިހެނުން އަންހެނުން ގައިގައެވެ. ފުރާވަރުގެ އަންހެންކުދިން މޫދަށްލުމަކީވެސް މިކަމުގެ ތެރެއިން ހިނގަމުން އަންނަ ކަންކަމެވެ. ނަތީޖާއަކީ ކޮބައިތޯއެވެ؟ ޢީދު ނިމިގެންދަނީ މަރާމާރީ ތަކެއްގެ އޮށް އިންދާފައެވެ. ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް އަންހެނަކަށް ގެއްލުންދީފައެވެ. ޢީދު އެކަމަކަށް ބިނާވެފައިވާ އެކުވެރިކަން ރުޅިވެރިކަމަށް ބަދަލުކޮށްފައެވެ. މިތުރުން ހަތުރުންނަށް ހަދާފައެވެ.

ޢީދު ފާހަގަކުރުމުގެ ނަމުގައި ހިންގޭ މިފަދަ ހަރަކާތްތަކާމެދު އަޅުގަނޑުމެން ސަމާލުވެ ރައްކާތެރިވާންޖެހެއެވެ. އަޅުނޑުމެން ޢީދު ފަށަނީ މާތް ﷲ ދެއްވި މިފަދަ ދުވަސްތަކުގެ މައްޗަށް ތަކްބީރުކިޔާ،  އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ނަމާދަކުންނެވެ. އެހެންނަމަވެސް ޢީދު ނިމިގެންދަނީ މާތް ﷲ އަށް އުރެދުމުގެ އެތައް ޢަމަލުތަކަކަށް ފަހުގައެވެ. ކަންމިހެން އޮތްއިރު މިފަދަ ޢަމަލުތަކުގެ ސަބަބުން އަތުވެދާނެ ކޯފާއަކަށް، ޢަޒާބަކަށް އަޅުނަޑުމެން ކޮންމެ މީހަކުވެސް ބިރުވެތިވާންޖެހެއެވެ.

އެހެންކަމުން ޢީދު ފާހަގަކުރުމުގެ ނަމުގައި ހިންގޭ މިފަދަ ހަރަކާތްތަކާމެދު އަޅުގަނޑުމެން ސަމާލުވެ ރައްކާތެރިވާންޖެހެއެވެ. އަޅުނޑުމެން ޢީދު ފަށަނީ މާތް ﷲ ދެއްވި މިފަދަ ދުވަސްތަކުގެ މައްޗަށް ތަކްބީރުކިޔާ،  އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ނަމާދަކުންނެވެ. އެހެންނަމަވެސް ޢީދު ނިމިގެންދަނީ މާތް ﷲ އަށް އުރެދުމުގެ އެތައް ޢަމަލުތަކަކަށް ފަހުގައެވެ. ކަންމިހެން އޮތްއިރު މިފަދަ ޢަމަލުތަކުގެ ސަބަބުން އަތުވެދާނެ ކޯފާއަކަށް، ޢަޒާބަކަށް އަޅުނަޑުމެން ކޮންމެ މީހަކުވެސް ބިރުވެތިވާންޖެހެއެވެ. މިފަދަ ޢަމަލުތައް ހުއްޓުވޭނީ މައިންބަފައިން އެމީހުންގެ ދަރިން މިފަދަ ހައްދުފަހަނައަޅާފައިވާ ފާޙިޝް ޢަމަލުތަކުން ރައްކާތެރިކޮށްގެންނެވެ.

 

4 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ޢީދު ފާހަގަ ކުރުމުގެގޮތުން މިއުޒިކާއިލަވައިގަ ބައިވެރިނުވާ މީހުނާމެދު މިހާރުގެ މުޖުތަމައުގެ ގިނަބައަކު ދެކެނީ އެއީ ޢިިިިިިިީދުގެ ކުޅިވަރާ ދެކޮޅުބައެކޭ އެކަމަކު ހަރާމް ކަމެއް ނުކުރެވޭނެދޯ

  2. Liyun kithanmehaaves ragalhu. Ekamaku mifadha naseh hai thakah samaaluvaa meehun varah madhu

  3. ވާހަކަ ކިތަންމެހާވެސް ރަގަޅެވެ. އެކަމަކު، ޢީދުގައި، ދީނުގެ ނަމުގައި ހައްދުފަނައަޅައި ދިއުމާއި، ޢިލްމުވެރިކަމުގައި، ދީނުގައި ހައްދު ފަހަނައަޅައި ދިއުމާއި މިދެކަމުގައި ތަފާތެއް ނެތެވެ. އެކަމުގައި ހުދޫދު ކަނޑައެޅިފައިވާ ފަދައިން ޢިލްމުވެރިކަމުގައިވެސް ހުދޫދު ކަނޑައެޅިފައިވެއެވެ. ޢިލްމުވެރިކަމުގައި ކަނޑައެޅިފައިވާ ހުދޫދަކީ ތިމާގެ އަމިއްލަ ރައުޔް އެއީ ހަމައެކަނި ތެދުކަމަށް ބަލައި އެހެން މީހުންގެ ރައުޔް ގޯސްކަމަށް ދެކި ތިމާގެ ގޮތް ފަތުރަން ގަދައަޅައި މަސައްކަތް ކުރުމެއް ނޫނެވެ. އެއީ މުނާފިޤުންގެ ގޮތެވެ. ކިތަންމެ މަތީ ދަރަޖައަކަށް ކިޔަވާފައި ހުރި މީހެއް ކަމުގައިވިއަސްވެސް ތެދުވެރިކަމާއި، އަމަނާތްތެރިކަން ނެތިއްޖެނަމަ އޭނާގެ ހިތުގައި ﷲ އަށް އެއްވެސް ބިރުވެތިކަމެއް ނުވާނެއެވެ. އޭނާގައި ހުރި ބިރުވެތި ކަމެއް ހުންނާނީ މީސްތަކުންނަށް ދެއްކުމަށްޓަކއިގެންގުޅޭ ބިރުވެތިކަމެކެވެ. އެބިރުވެތިކަން ހަމައެކަނި ފާޅުވާނީ ދުލުން އެކަންޏެވެ. މިއަދުގެ ޢިލްމުވެރިން އަގެއްނެތި އުޅޭ ކުނިގަނޑެއްހެން އެއުޅެނީ އެހެން ވެގެން ނެވެ. މިއަދުގެ ޢިލްމުވެރިން ދެކޭގޮތުގައި ކުރީގެ ޢިލްމުވެރިންނަކީ ބިދުޢަ ވެރިންނެވެ. ޝިރުކަށް މަސައްކަތް ކުރި މީހުންނެވެ. މިއަދުގެ ޢިލްމުވެރިން އެ ބުނަނީއޭ ހަމައެކަނި ޞައްޙަ ގޮތް ހިފައިގެން މިއައީ ތިމަންމެނެވެ. ރަސޫލުﷲ ( ޞ ޢ ވ )ގެ ސުންނަތް ދިރުވި ބަޔަކު ތިމަންމެން ނޫނީ ނާދެއެވެ. މުޙައްމަދު ބުނި ޢަބްދުލް ވައްހާބު ހަދާފައިވާ ފޮތްތައް މިއަދު މިސްކިތްތަކުގައި ކިޔައި ދެމުން ދާއިރު އެ ބުނަނީއޭ! މިހާ މޮޅަށް ދިރާސާކޮށްފައިވާ ފޮތެއް އޭގެ ކުރިއަކުންވެސް އަދި ފަހަކުންވެސް ވުޖޫދަށް އައިސްފައި ނުވާ ވާހަކައެވެ. މުޙައްމަދު ބުނި ޢަބްދުލް ވައްހާބަށް ތަބާ ވާ ޢިލްމުވެރިއަކަށް ނޫނީ މިއަދު ބަސް ބުނާކަށް ޖާގައެއް ނުލިބޭނެ! ކޮންމެއަކަސް މިއަދު މިސްކިތްތަކުގެ ތެރެ ވަނީ ބައިބައި ވެފައެވެ. އެކުވެރިކަން ގެއްލިފައެވެ. މިސްކިތް ތަކުގައި ކުރެވޭ ނަމާދުތައް ވަނީ އިރުން އިރަށް ކުރެވޭ ޖޮގިން އަކަށް ވެފައެވެ. އިމާމު މީހާވަނީ އަނގައިން ފުމޭ ދުންމާރިއަކަށް ވެފައެވެ. މިސްކިތްތައް ވަނީ ޕާޓީ ހަރުގެއަކަށް ވެފައެވެ. ދީނުގެ އަޞްލަކާ ޚިލާފު ނުވާ ދިވެހި އާދަ ކާދަ ތަކަށްވެސް ބަދަލުގެންނަމުން ދަނީ ތީ ރަސުލުﷲ ( ޞޢވ ) ކުރެއްވިގޮތެއްނޫނޭކިޔާފައެވެ. ދިވެހިބަސްވެސް އެއަށް ވުރެ މޮޅަށް ދަންނަބަޔަކު ނެތްކަމަށް ދެކިގެން އެއަށްވެސް ހިތުހުރިގޮތެއްހަދަމުން ގެންދަނީއެވެ. ކޮންމެއަކަސް އިސްލާމީ ދުނިޔެ މިއަދު މިވަނީ އޭގެ އެންމެ ބިރުވެރި ނާޒުކު ފައްތަރުގައެވެ. އެހެންވީމާ ހައްދުފަނައަޅައި ދިއުން އޮތީކީ ހަމައެކަނި ޢީދުގައި ނޫންކަން ހަނދާންކުރާށެވެ. ތެދުވެރިންނަކީ ކޮންބައެއްކަން އަމިއްލަ ނަފުސާ ސުވާލު ކޮށްލާށެވެ. މީހަކު ދޭ ރައްދެއް، މީހަކު ބުނާއެއްޗެއް، މީހަކު ދޭނަޞޭޙަތެއް އަތުކޮޅަށް ހޫރައެއް ނުލާނެ ތެދުވެރިއަކު، އަދި އަމާނާތްތެރިއަކު، ލާޝައްކް! އެކަމުގެ ލާމަސީލު މިސާލަކީ މުޙައްމަދުބުނި ޢަބްދުﷲބުނި ޢަބްދުލްމުއްތަލިބު ( ޞޢވ )!!!!!!!

  4. ލަވައާއި މިއުޒިކު ޙަރާމޭ ބުނަނީ ޖުމްހޫރު ޢިލްމުވެރިންނެއް ނޫން.
    އެއީ އުންމަތުގެ އިޖްމާޢު އޮންނަ ކަމެއް ޙަރާމް ކަމަށް.
    ވީމާ އެތަންކޮޅު އިޞްލާޙު ކޮށްލައްވާ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!