• ދުނިޔޭގެ ބައްޓަމާއި މިންތައް (ކ) އަދި އޮސްޓްރިޗް ބިހެއް

ފަހެ ތިބާ އެ ޤުރުއާނަކީ ތިބާގެ “ބެސްޓް ފްރެންޑް” އަށް ހަދަންވީ ވަގުތު ނުޖެހޭ ހެއްޔެވެ؟

މަތިވެރިވެގެންވާ ނަބިއްޔާއަށް ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަނީ އެތައް އެތައް މުޢުޖިޒާތެއް ދެއްވާފައެވެ. އެ ހުރިހާ މުޢުޖިޒާތެއްގެ ތެރެއިންވެސް އެންމެ މަތިވެރި ވެގެންވާ، އަދި އެންމެ ވަރުގަދަ މުޢުޖިޒާ އަކީ ކީރިތި ޤުރުއާނެވެ. އެ ފޮތަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅެވެ. މުޅި އިންސާނީ ދަރިފަސްކޮޅަށް ޢިބުރަތުން ފުރިގެންވާ ހިދާޔަތެވެ. ޙައްޤާއި ބާޠިލް ވަކިކޮށް ދެނެގަނޭވޭނެ އެންމެ ބޮޑު ވަޞީލަތެވެ. އެ ފޮތަކީ މުއުމިނުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި އެންމެ މަތިވެރި ނިޢުމަތެވެ.

ކީރިތި ޤުރުއާން ބާވާލެއްވުނު އިރުއްސުރެ ޣައިރު މުސްލިމުން ދަނީ އެކި ގޮތްގޮތުން އެ މާތް ފޮތުގެ ޤަދަރު ކުޑަކޮށްލައި، އެފޮތުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މަތިވެރި ވެގެންވާ ﷲ ތަޢާލާގެ ރޭއްވެވުން އެބައިމީހުންގެ ރެއްވެވުމަށްވުރެ ކަށަވަރުންވެސް މާ މޮޅެވެ. އެ އިލާހު ވަޙީ ކުރެއްވިއެވެ. “އެބައިމީހުން ރޭވުމެއް ރޭވިއެވެ. އަދި ﷲ ވެސް ރޭއްވެވުމެއް ރޭއްވެވިއެވެ. ފަހެ ހަމަ ކަށަވަރުން ރޭވުންތެރީންގެ ތެރެއިން އެންމެ މޮޅު ރޭވުންތެރިޔަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.” (ސޫރަތުލް އަންފާލްގެ 30 ވަނަ އާޔަތުގެ މާނަ)

ޒަމާނުއްސުރެ މުލްޙިދުންނާއި، ނަޞާރާއިންނާއި ޔަހޫދީން އަންނަނީ މުސްލިމުންގެ މުޤައްދަސް ފޮތް ކަމުގައިވާ ޤުރުއާނަކީ ﷲގެ ވަޙި ބަސްފުޅު ނޫންކަމަށާއި، އެއީ އެހެން މީހެއްގެ ބަސްކަމުގައި ބުނެ ދޮގު ދަޢުވާ ތަކެއް ކުރަމުންނެވެ. އެބައިމީހުން ކުރާ ދަޢުވާތަކުގެ ތެރޭގައި ކީރިތި ޤުރުއާނަކީ މުޙައްމަދުގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަމިއްލަފުޅަށް އެކުލަވާލި ފޮތެއްކަމުގައި ބުނުން، އެ ފޮތަކީ ބައިބަލް އިން ކޮޕީ ކުރި ފޮތެއްކަމުގައި ބުނުން، އެ ފޮތަކީ ނަސްތޫރާ އާއި ބަޙީރާ ކިޔާ ދެ ފާދިރީއެއްގެ ކިބައިން އުނގެނުނު ޢިލްމުން ތައްޔާރުކުރި ފޮތެއްކަމުގައި ބުނުން، ފަދަ އެތައް އެތައް ދޮގު ތުޙުމަތެއް ކޮށްފައި ވެއެވެ. މި ލިޔުމުގައި ﷲގެ ވާގިފުޅާއެކު ބަޔާންކުރާނީ ކީރިތި ޤުރުއާން އެބައިމީހުންނަށް ދޭ ރަށްދަށެވެ. އަދި އެ އިލާހުގެ ވާގިފުޅާއެކު، އެ ޤުރުއާނަކީ ހަމަ ﷲގެ ކަލާމްފުޅުކަން ސާބިތުކޮށްދެވޭނެއެވެ.

ޤުރުއާނަކީ ރަސޫލާ އަމިއްލަފުޅަށް އެކުލަވާލެއްވި ފޮތެއް ނޫން

      ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އުންމިއްޔަ ނަބިއްޔެކެވެ. އެބައިމީހުން ކުރާ ދަޢުވާގައި ވާގޮތަށް އުންމިއްޔަ ނަބިއްޔެއް އެފަދަ ބޮޑު ފޮތެއް ލިޔުއްވާނީ ކިހިނަކުންތޯއެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރެއްވިއެވެ. “…..ފަހެ، މާތް ﷲއަށާއި، އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވި އުންމިއްޔަ ނަބިއްޔާއަށް ތިޔަބައިމީހުން އީމާންވާށެވެ……..” (ސޫރަތުލް ޢައުރާފްގެ 158 ވަނަ އާޔަތުގެ މާނަ)

ދެން ނިކަމެތި ވެގެންވާ މުސްތަޝްރިޤުން ބުނެއެވެ. “އެ ޤުރުއާނަކީ އެކަލޭގެފާނު ވިދާޅުވި އަމިއްލަ ބަސްފުޅުތަކެކެވެ. އެހެން ބަޔަކު އެ ލިޔުނީއެވެ.” އެފަދައިން އިންސާނަކު އުފެއްދި އެއްޗެއްކަމުގައި ޤުރުއާން ވީނަމަ، އެ އިންސާނާއަށް ކުރެވުނު ނުހަނު މަދު ކުށްތައް ޤިޔާމަތަށްދާންދެން އަންނާނެހައި ބަޔަކަށް ފެންނަ، އަދި ކިޔެވޭގޮތުގައި ބަޔާން ކުރައްވާނެތޯއެވެ؟ .

އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޝްރިކުންގެ ބޮޑުންގެ ބަޔަކާއި ވަރަށް ނާދިރު ބައްދަލުވުމެއްގައި އިންނަވަނިކޮށް ޢަބްދުﷲ ބިން އުންމު މަކްތޫމް ކިޔާ ލޯފަން ސަޙާބީއެއް ވަޑައިގެން ތަކުރާރުކޮށް ސުވާލެއް ކުރެއްވިއެވެ. އެހިނދު މޫނުފުޅުން ނުރުއްސެވުމުގެ ގޮތް ދައްކަވައި، މޫނުފުޅު ތަޣައްޔަރު ވެގެން ދިޔައެވެ. ﷲ ތަޢާލާ އެކަން ބަޔާން ކުރައްވައި ޢަބަސަ ސޫރަތުގެ ކުރީކޮޅުގެ އާޔަތްތައް ބާވާލެއްވިއެވެ. އަދި ހަނގުރާމައެއްގައި ހައްޔަރުވި އަސީރުންނާއިމެދު ކަން ކުރެއްވުމު ގޮތް ރަނގަޅުނޫންކަންވެސް ހަމަ އެ ޤުރުއާނުގައި ބަޔާންކުރެއްވިއެވެ. ދެން ޔަހޫދީންނާއި ނަޞާރާއިން ބުނެއެވެ. ތިޔަ ޤުރުއާނަކީ ތިމަންމެންގެ މުޤައްދަސް ބައިބަލް ގެ ކޮޕީ އެކެވެ. އެހެންނަމަވެސް އެއީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. އެއްޗެއް ކޮޕީކުރާއިރު އޭގައި ހުރި ހަމައެކަނި ބޯހަމަޖެހޭ ވާހަކަ ކޮޕީކޮށް، ބޯހަމަނުޖެހޭ ވާހަކަ ދޫކޮށްލަން އެނގުނީ ކިހިނެއްބާއެވެ. އަދި ދިމާ އިދިކޮޅު ކަންކަން ކޮޕީ ކުރެވުނު ފޮތުގައި އޮތީ ކީއްވެބާވައެވެ. ޔަޤީނުން އެނގޭ ކަމަކީ ޤުރުއާނުގައި، ބައިބަލްގައި ވާފަދަ ހަމަ ބުއްދި ޤަބޫލު ނުކުރާ ކަންކަމެއް ނެތް ކަމެވެ.

ބުއްދީގެ ޒަރީޢާއިން ޤުރުއާނަކީ ﷲގެ ކަލާމްފުޅުކަން ޔަޤީން ކުރެވޭ

      ފަހެ އިންސާނީ ފިޠުރަތު، ކަލަކު ވޮޑިގެންވާކަމާއި، އެ ކަލަކީ އެއްކައުވަންތަ ކަލެއްކަންވެސް ޤަބޫލުކުރެއެވެ. އެފަދަ ކަލަކު ބާވާލެއްވި ފޮތެއްގައި، އެ އިލާހުގެ ކުޅަދުންވަންތަ ކަމުގެ އެތައް ހެއްކެއް ހިމެނެން ޖެހޭނެކަމާއި، އިންސާނީ ފިޠުރަތާއި ޚިލާފު އެއްވެސް ވާހަކައެއް އޭގައި ވެގެން ނުވާނެކަންވެސް ޤަބޫލުކުރެއެވެ. އަދި އަދަށް ދާންދެންވެސް ކީރިތި ޤުރުއާނުގައި ވާ އެއްވެސް ވާހަކައަކާއި އަލަށް ހޯދޭ އެއްވެސް ޞައްޙަ ދިރާސާއެއް ޚިލާފުވެފައެއް ނުވެއެވެ. ހަމަ އެހެންމެ އެހެނިހެން ދީންތަކުގެ ފޮތްތަކުގައިވާ ފަދައިން، އެ އިލާހުގެ ހެކިތަކާއިމެދު އިންސާނާ ޣާފިލުކުރާކަށް އެ ޤުރުއާން މަސައްކަތެއް ނުކުރެއެވެ. އެހެނެއްކަމަކު ގޮވާލާފައިވަނީ ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކާއިމެދު ވިސްނާ ފިކުރު ކުރުމަށެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. “ފަހެ ޖަމަލު ހެއްދެވިގެންވަނީ ކޮން ފަދަޔަކުންކަމާއިމެދު އެބައިމީހުން ޖަމަލަށް ނުބަލަނީހެއްޔެވެ؟ އަދި އުޑު އުފުއްލެވިގެންވަނީ ކޮން ފަދަޔަކުން ކަމާއިމެދު އެބައިމީހުން އުޑަށް ނުބަލަނީހެއްޔެވެ؟ އަދި ފަރުބަދަތައް ކޮޅަށް ނެންގެވިގެންވަނީ ކޮން ފަދަޔަކުން ކަމާއިމެދު އެބައިމީހުން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟ އަދި ބިން ފެތުރުއްވިގެންވަނި ކޮން ފަދަޔަކުންކަމާއިމެދު ބިމަށް އެބައިމީހުން ނުބަލަނީހެއްޔެވެ؟” (ސޫރަތުލް ޣާޝިޔާގެ 16 ވަނަ އާޔަތުން 20 ވަނަ އާޔަތުގެ ނިޔަލަށް ހުރި އާޔަތްތަކުގެ މާނަ)

ޢިލްމީގޮތުން ބެލިކަމުގައި ވިޔަސް ޤުރުއާނަކީ ﷲގެ ކަލާމްފުޅުކަން ޔަޤީންކުރެވޭ

      ސައިންސުގެ ދާއިރާއިން އިންސާނާ ހޯދާ އެއްވެސް ހޯދުމެއް ކީރިތި ޤުރުއާނާއި ފުށުއަރާފައެއް ނުވެއެވެ. އެ ހޯދުންތައް ވެގެން ގޮސްފައިވަނީ މީސްތަކުން އެ މާތް ފޮތާއިމެދު ވިސްނައި، ޙައްޤު މަގަށް އެނބުރި ރުޖޫޢަކުރި ކަންކަމަށެވެ. މިގޮތުން ފަލަކީ ޢިލްމާއި، ފިޒިކްސްގެ ޢިލްމާއި، ދިރޭތަކެއްޗާއި ބެހޭ ޢިލްމާއި، ކަނޑުތަކާއި ބެހޭ ޢިލްމު ފަދަ އެތައް އެތައް ޢިލްމެއްގެ ޒަރީޢާއިން ހޯދަމުންދާ ހޯދުންތަކުގެ ހަޤީޤަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި މީގެ ސާދަސަތޭކަ އަހަރު ކުރިން ބާވާލެއްވުނު ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކުރައްވާފައެވެ. މިސާލެއްގެގޮތުން، ކައުނު އުފެދުމުގެ ޙަޤީޤަތް އެއީ “ބިގް ބޭންގް” ނުވަތަ ‘ބިގް އިންޓަރގްރޭޝަން” ގެ ނަމުގައި ސައިންސްވެރިން ހާމަކުރީ ދާދި އިހަށް ދުވަހުއެވެ. އަދި ދިރޭ އެންމެހައި ތަކެތި ހެއްދެވިގެންވަނީ ފެނުގެ މައްޗަށްކަންވެސް އެނގުނީ ހަމަ އިއްޔެއެވެ. ނަމަވެސް ﷲ ތަޢާލާ ވަނީ ސޫރަތުލް އަންބިޔާގެ ތިރީސްވަނަ އާޔަތުގައި މިކަން ވަރަށް ފުރިހަމައަށް ބަޔާން ކުރައްވާފައެވެ. ވަޙީކުރެއްވިއެވެ. “އުޑުތަކާއި ބިން އެއްވެފައި ވަނިކޮށް ތިމަން އިލާހު އެތަކެތި ވަކިވަކި ކުރައްވައި ހެއްދެވިކަން ކާފިރުވެގަތް މިސްތަކުންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަން އިލާހު، ހުރިހައި ދިރޭތަކެތީގެ ޙަޔާތް ފެނުގެ ސަބަބުން ދެއްވަވައި އުފެއްދެވީމެވެ. ފަހެ، މިފަދަ ނިޢުމަތްތައް ދެއްވުމާއެކުވެސް އެބައިމީހުން އީމާން ނުވަނީހެއްޔެވެ؟” )ސޫރަތުލް އަންބިޔާގެ 30 ވަނަ އާޔަތުގެ މާނަ)

     ދުނިޔެއަކީ ވައް އެއްޗެއްކަމަށް އަދިވެސް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް ސައިންސް، އަޅުގަނޑުމެންނަށް ބަޔާންކޮށްދިނީ ދުނިޔެއަކީ މުޅީން ވައް އެއްޗެއް ނޫންކަމެވެ. އަދި ކިޔެއްތޯއެވެ؟ އެއީ ޤުރުއާނުގައި ސިދާ ބަޔާންވެގެންވާ ސިފަޔަށް އޮތް އެއްޗެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. 79:30

“އެއަށްފަހު ބިން ފެތުރުއްވިއެވެ.” (ސޫރަތުއް ނާޒިޢާތުގެ 30 ވަނަ އާޔަތުގެ މާނަ)

މިތާގައި އެވާ “ދަޙާހާ” އިހުގެ ޢިލްމުވެރީން މާނަކުރައްވާފައިވަނީ ފެތުރުއްވުމުގެ މާނައިގައެވެ. އެ ތަފްޞީރު ކުރެއްވުމުގައި އެއްވެސް މައްސަލައެއް ވަނީއަކީ ނޫނެވެ. އެހެންނަމަވެސް މި އާޔަތުގެ ޙަޤިޤީ ތަފްޞީރެއް ބަޔާންކުރެއްވުމަށް ޢިލްމުވެރީންނަށް އެނގިވަޑައިގެންނެވީ ސައިންސް ކުރިއެރުމުންނެވެ. ޢަރަބި ބަހުގައި “ދަޙާހާ” ގެ އެހެން މާނައެއްވެސް ވެއެވެ. އެއީ ބިހަކަށް ކިޔާ ނަމެކެވެ. ކޮން ކަހަލަ ބިހެއްތޯއެވެ؟ އޮސްޓްރިޗްގެ ބިހެވެ. އެއީ “ޖިއޯ ސްފެރިކަލް” ބައްޓަމެވެ. ހަމަ ސިދާ %100 ދުނިޔޭގެ ޙަޤީޤީ ބައްޓަމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ތަހައްދީ

      ކީރިތި ޤުރުއާނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅުކަމާއި، އެހެން އެއްވެސް ފަރާތެއްގެ ބަސްފުޅެއް ނޫންކަން އެނގޭ އަނެއް ދަލީލަކީ އެ ފޮތުގައި އެ އިލާހު ކުރައްވާފައިވާ، އެ މުގުރާލުމަށް އެއްވެސް މަޚްލޫޤަކު ކުޅަދާނަވެގެން ނުވާ ވަރުގަދަ ތަޙައްދީއެވެ. އެންމެ ފުރަތަމަ ތަޙައްދީ (ޗެލެންޖް) ކުރައްވާފައިވަނީ އެ ޤުރުއާނާއި އެއްފަދަ އެއްޗެއް ގެނައުމަށެވެ. އެއަށްފަހު، އޭގެ ދިހަ ސޫރަތް ގެނައުމަށެވެ. އެއަށްފަހު، އެ ޤުރުއާނުގެ ސޫރަތްތައްފަދަ އެންމެ ސޫރަތެއް ގެނައުމަށެވެ. އެހެންނަމަވެސް އަދިއަދާއި ހަމައަށްވެސް އިންސާނާއަށް އެކަން ކުރެވިފައެއް ނުވެއެވެ. އެ އިލާހު ވަޙިކުރެއްވިއެވެ. “ތިމަން ރަސްކަލާނގެ އަޅާއަށް (އެބަހީ: މުޙަންމަދުގެފާނަށް) ތިމަން ރަސްކަލާނގެ ބާވާލެއްވި ތަކެއްޗާމެދު (އެބަހީ: ޤުރުއާނާއިމެދު) ތިޔަބައިމީހުން ޝައްކު ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުންނީ ތެދުވެރީންކަމުގައި ވަނީނަމަ، ﷲ ފިޔަވައި، ތިޔަބައިމީހުންނަށް ނަޞްރުދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!” (ސޫރަތުލް ބަޤަރާގެ 23 ވަނަ އާޔަތުގެ މާނަ)

ފަހެ ބަޔާންވެގެންދިޔަ ކަންތައްތަކުން އަޅުގަނޑުމެންނަށް އެނގި ކަށަވަރުވެގެން ދިޔައީ، ޤުރުއާނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅުކަމާއި، އެހެން އެއްވެސް މަޚްލޫޤެއްގެ ބަހެއް ނޫންކަމެވެ. އެހެން މަޚްލޫޤެއްގެ ބަސްނަމަ ނަޤީނުންވެސް އަހަރެމެންނަށް އެއިން ގިނަގުނަ ފުށުއެރުންތަކާއި، ދެކޮޅުނުޖެހުންތައް ފެނުނީހެވެ. އެހެނީ އެ ޤުރުއާން ބާވާލެއްވުނީ ވަކިވަކީން ތޭވީސް އަހަރުދުވަހުގެ ދިގު މުއްދަތެއްގައެވެ. މި ޙަޤީޤަތް ބަޔާންކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރެއްވިއެވެ. “ފަހެ ޤުރުއާނާއިމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ ޤުރުއާނަކީ ﷲ ފިޔަވައި އެހެން ފަރާތަކުން އައި އެއްޗެއްކަމުގައިވީނަމަ، ގިނަވެގެންވާ ޚިލާފުތަށް އެއިން އެއުރެންނަށް ފެނުނީހެވެ.” (ސޫރަތުއް ނިސާގެ 82 ވަނަ އާޔަތުގެ މާނަ)

ލޮބުވެތި އަޚާއެވެ. ލޮބުވެތި އުޚްތާއެވެ. ފަހެ ތިބާ އެ ޤުރުއާނަކީ ތިބާގެ “ބެސްޓް ފްރެންޑް” އަށް ހަދަންވީ ވަގުތު އަދިވެސް ނާދޭ ހެއްޔެވެ؟

4 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ބިން ފެތުރުއްވުމުގެ ވާހަކަ އައިސްފައިވަނީ ސޫރަތުއް ނާޒިޢާތްގެ 30 ވަނަ އާޔަތުގަ. ސޫރަތުއް ނަބާގެ 30 ވަނަ އާޔަތުގައެއް ނޫން.

  2. ޖަޒާކިﷲ ޚައިރަން އައިޝާ. އެއީ ލިޔުމުގެ ކުށެއް. މިހާރު ވަނީ އިސްލާޙު ކުރެވިފައި.

  3. jazaakahllah khairan

  4. ސަނަދުން ގުޅާލެވޭޕްރޮގްރާމާ ބެހޭމަަަައުލޫމާތެއް ހޯދާނީކިހިނެއް؟

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!