ކުޑަކުދިން އާދަޔާ ޚިލާފަށް ރުއިންފަދަ ކަންކަން ދިމާވާނަމަ….

މުރާޖައާކުރެއްވީ: ޑރ.މުޙައްމަދު ޢިޔާޟު ޢަބްދުއް ލަޠީފް

ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. މުޙައްމަދުގެފާނަށާއި އެކަލޭގެ ފާނުގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
އަޅުގަނޑަށް އެކި ބޭފުޅުންގެ ކިބައިން ވަރަށް ގިނައިން އަންނަ ސުވާލެއް ނަޤުލުކޮށްލާނަމެވެ.
ސުވާލު: ކުޑަކުދިން ރޭގަނޑު އާދަޔާ ޚިލާފަށް ރޮއެއް ނުނިދާ އުޅުން މިއީ ކީއްވެގެން ވާކަމެއްތޯއެވެ.؟ އަދި މިކަމަށް ކުރާނެ ފަރުވާއަކީ ކޮބައިތޯއެވެ. ޑޮކްޓަރަށް ދެއްކުމުން ބުނެފައިވަނީ އެއްވެސް މައްސަލައެއް ނެތްކަމުގައެވެ.
މިސުވާލު އަންނަލެއް ގިނަކަމުން މިކަމުގެ ތަފްޞީލީ ޖަވާބެއް، އަޅުގަނޑަށް ﷲ މިންވަރުކުރައްވާފައިވާ ޢިލްމާއި ތަޖުރިބާގެ ކުޑަ މިންވަރުގެ އަލީގައި ދެވޭތޯ ﷲ ގެ ޙަޟުރަތުން ވާގިއެދި ފެށީމެވެ.
ޖަވާބު: ކުޑަކުދިން ރޭގަނޑު ނުނިދާ ރުއިމާއި، ނިދީގައި ސިއްސައިގެން ދިއުމާއި، ނުކެއުމުގެ މައްސަލައަކީ ވަރަށް ގިނައިން މިހާރު ދިމާވަމުން އަންނަ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ. މީގޮތަށް ދިމާވުމުގައި އެތައް ސަބަބެއް މެދުވެރިވެދާނެއެވެ. ކުއްޖާއަށް ދިމާވާ ބައްޔެއްގެ ސަބަބުންވެސް އެގޮތަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ތަނަކަށް ތަދުވާނަމަވެސް އެކުދިން ރޮއެ ހަދާފާނެކަން އަޅުގަނޑުމެން އެންމެންވެސް ދަނެއެވެ. ނަމަވެސް މިފަދަ ސަބަބެއް އޮވެގެން ރޯނަމަ، ހަމައެކަނި، އިރުއޮއްސެ ވަގުތުންފެށިގެން އެކުދިން ރޮއެ، ނުނިދާން އުޅެނީ ކީއްވެބާއޭ؟، މިއީ ވަރަށް ގިނައިން އަންނަ ސުވާލެކެވެ. ކޮނެމެއަކަސް، ޑޮކްޓަރީ ގޮތުން މައްސަލައެއް ދިމާވެފައިނުވާނަމަ ދެން އަޅުގަނޑުމެން ވިސްނާލަންވީ އެތައްކަމެއް އެބަހުއްޓެވެ. ރޫޙާނީ ކަމަކަށް ވެދާނެކަމެވެ. ޖިންނި ނުވަތަ އިންސާނެއްގެ އެސްފީނާއެވެ. ނުވަތަ ޖިންނި ޝައިޠާނުންގެ ގޯނާއެވެ. މިގޮތަށް ދިމާވަނީ ގިނަފަހަރަށް އަޅުގަނޑުމެންގެ އިހުމާލުންނެވެ. މިހެން ދިމާވާ ސަބަބުތަކަށް ބަލައިލާނަމަ.
1- އިރުއޮއްސިގެން އަނަނަ ވަގުތުން ފެށިގެން ޢީޝާއާއި ދެމެދު ކުޑަކުދިން ބޭރުގައި ގެންގުޅުން: މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުން ވަރަށް ގިނައިން ފެންނަކަމެކެވެ. ބޮޑުކަމެއްކަމުގައި ނުދެކި، އެވަގުތު ކުޑަކުދިން ބޭރަށް ނުނެރޭށޭ ބުނާވާހަކައަކީ ފުލޯކު މުސްކުޅި ވާހަކައެއް ކަމުގައި ދެކޭ މީހުން ވަރަށް ގިނައެވެ. މިއީ ވަރަށްވެސް ހިތާމަ ހުރި ކަމެކެވެ. އެހެނީ ، މިކަމަކީ ޙަޤީޤަތުގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާކުރައްވާފައިވާ ކަމެކެވެ. އެހެނީ އެވަގުތަކީ، ޝައިޠާނުންތައް ފެތުރިގަންނަ ވަގުތެވެ. އަދި ޖިންނި ޝައިޠާނުންނަކި ކުޑަކުދިންނާއި ދޯޅުބައެކެވެ. ކުޑަކުދިންނަށް އުނދަގޫ ކުރާ، ޖިންނީންތަކެއް ވެއެވެ. އެހެންކަމުން މިއީ ސަމާލުވާން ޖެހޭ ކަމެކެވެ. البخاري އާއި مسلم ރިވާކުރައްވާފައި ވެއެވެ. ((إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ فَكُفُّوا صِبْيَانَكُمْ فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ فَإِذَا ذَهَبَ سَاعَةٌ مِنْ اللَّيْلِ فَخَلُّوهُمْ وَأَغْلِقُوا الْأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لَا يَفْتَحُ بَابًا مُغْلَقًا وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا وَأَطْفِئُوا مَصَابِيحَكُمْ)) މާނައަކީ: “ރޭގަނޑުގެ އަނދިރިކަން ވެރިވެގަންނަ ހިނދު ނުވަތަ އިރު އޮށްސުނީއްސުރެ ތިޔަބައިމީހުންގެ ކުޑަކުދިން ހިފަހަށްޓާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނުން އެވަގުތުގައި ފެތުރިގަނެއެވެ. ދެން ރޭގަނޑުން ސާޢަތެއް (އެބަހީ އިރު އޮށްސުމާއި އެކުގައި ވެގަންނަ އަނދިރިކަން) ފިލައި ދިޔުމުން ދޫކޮށްލާށެވެ. އަދި ﷲ ގެ ނަންފުޅުގަނެ (بسم الله ކިޔައި) ދޮރުތައް ބަންދުކުރާށެވެ! (އެކަލާނގެ އިސްމުފުޅާއި އެކުގައި) ލައްޕާފައިވާ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ. އަދި بسم الله ކިޔައި ތިޔަބައިމީހުންގެ ފެން އަޅާ ތަކެތި ބަންދު ކުރާށެވެ! އަދި بسم الله ކިޔައި ތިޔަބައިމީހުންގެ ތެލިތަށިތައް މަތިޖަހާށެވެ! މަތި ނެތިއްޖެނަމަ އޭގެމަތީ އެއްޗެއް ހުރަސްކޮށްލާށެވެ! އަދި (އަލިފާން) ބައްތިތައް ނިއްވާލާށެވެ.
2- އެސްފީނާ ޖެހިދާނެކަމަށްޓަކައި ރައްކާތެރިނުވުން: ކުޑަކުދިންނަށް އެންމެ ޢާއްމުކޮށް ދިމާވާ އެއްކަމަކީ އެސްފީނާ ޖެހުމެވެ. އެކުދިންގެ ރީތިކަމުންނެވެ. ނުވަތަ ނަލަހައްދާލާފައި ހުންނަލެއް ރީތިކަމުން މީހުން އަޅައިގަތުމެވެ. ރަނގަޅަށް ކާތީ މީހުން ހައިރާންވެ އެވާހަކަ ދެއްކުމެވެ. އެސްފީނާ ޖެހިދާނެކަމަށްޓަކައި މިފަދަ ކަންކަން ފެނި، ތަޢުރީފުކޮށް ބަސްބުނާހިނދޫ، مَاشاء الله މިފަދައިން ކިޔަން ޖެހެއެވެ. މިސާލަކަށް މާޝާ ﷲ މިއީ ހާދަ ރީތި ކުއްޖެކެވެ. މާޝާ ﷲ މިދަރިފުޅު ހާދަ ނަލައެވެ. މާޝާ ﷲ މިއީ ހާދަ ރަނގަޅަށް ކާ ކުއްޖެކެވެ. މިފަދަ އެނެމެހާ ބަސްތައް ބުނާ ހިނދު މާޝާ ﷲ ކިޔަން ވާނެއެވެ. އެހެން ނޫންނަމަ ތިމާގެ ހިތުގައި އެކުއްޖާއަށް ނުވަތަ އަނެކާއަށް ނަފްރަތެއް، ޙަސަދައެއް، ރުޅިވެރިކަމެއް ނެތްނަމަވެސް އެސްފީނާ ޖެހި ނުބައި އަސަރެއް ކޮށްފާނެއެވެ. ބަސްބުނިމީހާ މާޝާ ﷲ ނުކިޔައިފި ނަމަ، އެކުއްޖާއާއިއެކު ހުރިމީހާ އެފަދައިން ބުނާށެވެ. އަދި އަނެކާއަށް މާޝާ ﷲ ކިޔުމަށް ނަސޭޙަތްތެރިވުން ވަރަށްވެސް މުހިއްމެވެ.
ޢައިޝަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. اسْتَعِيْذُوا بِا للهِ مِنَ الْعَيْنِ فَإِ نَّ الْعَيْنَ حَقٌّ މާނައީ: ” އެސްފީނާއަކީ އޮތް އެއްޗެކެވެ. ފަހެ، ﷲ ގެ ހަޟްރަތުން އެއިން ރައްކާތެރިވުމަށް އެދޭށެވެ! ” އަދި އަބޫޛައްރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إِنَّ الْعَيْنَ لَتُوْلِعُ بِالِّرجُلِ بِإِذْنِ اللهِ حَتَّى يَصْعَدَ حَالِقًا فَيَتَرَدَّى مِنْهُ މާނައީ: ” މީހާ އުސްފަރުބަދައަކަށް އަރައި ވެއްޓިއްޖައުމަށްދާންދެން ﷲ ގެ އިޛްނަފުޅާލައިގެން އެސްފީނާ އޭނާގެ ފަހަތުން ދެއެވެ.”
އެސްފީނާއަށް ހުށަހެޅޭ ނުވަތަ ޖެހެން މެދުވެރިވާ، އަޅުގަނޑުމެންގެތެރޭގައި ޢާއްމުވެފައިވާ އަނެއް ކަމަކީ، ފޭސްބުކާއި ސޯޝަލް މީޑިއާގައި އެކުދިންގެ ފޮޓޯތައް ޢާއްމުކޮށް އިޝްތިހާރުކުރުމެވެ. ގާތްތިމާގެ މީހަކަށް ނުވަތަ ގާތް ރައްޓެއްސަކަށް ކޮންމެހެން ހިއްސާކޮށްލަން ޖެހިގެން ޙިއްސާކޮށްލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޢާއްމުކޮށް އެންމެންނަށް ފެންނަ ގޮތަށް ސޯޝަލް މީޑިއާއަށް ފޮޓޯ ދޫކޮށްލުމުން، އެތައް ލޮލެއް އަމާޒުވެއެވެ. އެތައްބަޔަކު އެކި ފާޑުގެ ބަސްތައް ބުނުމަށް މަގުފަހިވެއެވެ. މާޝާ ﷲ ނުބުނެ އެތައް ތަޢުރީފުގެ ކޮމެންޓެއް ކުރެއެވެ. ފަހަރުގައި އެފަދަ މީހެއްގެ ހިތުގައި ޙަސަދައެއް އުފެދުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުވުން ވަރަށް މުހިއްމެވެ.
3- ގެތައް ޝައިޠާނާއަށް ހުޅުވާލެވިފައިވުން: މިއީވެސް ވަރަށް ޢާއްމު މައްސަލައެކެވެ. އަޅުގަނޑުމެންގެ ގެތައް ނާމާންވެ، ގޭގައި ސިޙުރާއި ޖިންނީންގެ އުނދަގޫ ދިމާވުމަކީ ވަރަށްވެސް ބޮޑު ޝަކުވާއެކެވެ. އެހެންނުވާންވީ ސަބަބެއް ކޮބައިތޯއެވެ. އެއްވެސް ބަންދުކަމެއް ނެތި އަޅުގަނޑުމެންގެ ގިނަ ގެތައް ވަނީ ޝައިޠާނާއަށް ހުޅުވާދީ، ގެއަކީ ޝައިޠާނާގެ ހާއްޔަކަށް ހަދާފައެވެ. ގޭގޭ ފާރުތައް ވަނީ އެކިފާޑުގެ ދިރޭ ތަކެއްޗާއި މީހުންގެ ފޮޓޯތަކުން ފުރާލެވިފައެވެ. ނުވަތަ އެފަދަ ފޮޓޯތައް ހަރުކޮށްފައި ހުރެއެވެ. ޑެކަރޭޝަނުގެ ގޮތުގައިވެސް، ބުދު ގޮތަށް ހަދާފައިވާ ލަކުޑި އެއްޗެހިވެސް ރެކުތައް މަތީއާއި، ކަބަޑުތަކުގައި ފެންނަގޮތަށް ބެހެއްޓިފައި ހުރެއެވެ. މިއީ އެގެއަކަށް ރަޙުމަތުގެ މަލާއިކަތުން ވަދެވަޑައި ނުގަންނަވާނޭ ކަމެއްކަމުގައި ނަބަވީ އިރުޝާދުތަކުން ސާބިތުވެއެވެ. އެގެއެއްގައި ސޫރަ ހުރެއްޖެނަމަ އެގެއަކަށް ރަޙުމަތުގެ މަލާއިކަތުން ވަދެވަޑައިނުގަންނަވާނެކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ރަޙުމަތުގެ މަލާއިކަތުން ވަދެވަޑައި ނުގަންނަވާ ތަނެއްގައި ޝައިޠާނުން ރަސްކަންކުރާނެކަމާމެދު ޝައްކެއްނެތެވެ.
ހަމައެފަދައިން، ޝައިޠާނާގެ ވަހީ ކަމުގައި ޢިލްމުވެރިން ސިފަކުރައްވާފައިވާ، މިޔުޒިކާއި ލަވަ އަޑުއެހުން ގެތަކުގައި ވަނީ ޢާއްމުވެފައެވެ. މިފަދަ ލަވަތަކުގެ ބަރަހަނާކަން ބޮޑުވެގެންވާ ވީޑިއޯތައް ބެލުންވެސް ގެތަކުގައި ވަރަށް ޢާއްމުވެފައިވެއެވެ. ފާޙިޝް ޑްރާމާ ސިލްސިލާތަކާއި (އެހެން ދީންތަކުގެ އާދަތަކާއި، ޝިރުކު ކުރުމުގެ މަންޒަރުތަކާއި ޢަޤީދާ ހުންނަ، އަދި އައުރަ ނިވާނުކުރާ އަންހެނުން ދައްކުވައިދޭ ފިލްމުތަކާއި ޑްރާމާތައް، އަންހެން ފިރިހެން މަސްހުނިވެ ފާޙިޝް ލޯބީގެ ވާހަކަތަކާއި ގުޅުންތައް ހިންގާ މަންޒަރު އެކުލެވޭ އެންމެހާ ތަކެތި މީގައި ހިމެނެއެވެ.) ފިލްމުތައް ބެލުން ގެތަކުގައި ވަނީ އާދަވެފައެވެ. މިފަދަ އެންމެހާ ކަންކަމަކީ ޝައިޠާނީ ކަންކަމެވެ. ޝައިޠާނާ އުފާވާ، ބޮޑަތި މަގުފުރެދުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިފަދަ ކަންކަން ހިނގާ ތަނެއްގައި ﷲ ގެ ބަރަކާތް ހިމެނޭނީ ކޮންފަދައަކުންތޯއެވެ.
ގެތައް އެންމެ ބޮޑަސް ޝައިޠާނާއަށް ހުޅުވޭ އަނެއް ކަމަކީ، ގެތަކުގައި ނަމާދު ނުކުރުމާއި، ޤުރުއާން ނުކިޔެވުމެވެ. ރޭގަނޑުގެ ވަގުތުގައި ޤުރުއާން ކިޔެވުމަކީ، ދިވެހީންގެ އާދަކާދައިގެ ތެރެއަށްވެސް ވަދެފައި އޮތްކަމެކެވެ. ނަމަވެސް މިހާރު އެކަމުގެ ބަދަލުގައި ފެންނަނީ ޓީވީ ބެލުމެވެ. އަދި ޤުރުއާން ނުކިޔެވުމެވެ. ގޭގައި ސުންނަތް ނަމާދުތައް ކުރެވެނީ މަދު ގެއެއްގައެވެ. އެގެއެއްގައި ސޫރަތުލް ބަޤަރާ ކިޔެވޭ ގެއަކުން ޝައިޠާނުން ފިލައި ރައްކާވާނެ ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވެއެވެ. އަދި އެގެއެއްގައި ނަމާދު ކުރާ ގެއެއްވެސް ރައްކާތެރިކުރައްވާނެކަން ދޭހަވާ ނަބަވީ ބަސްފުޅު އެބަހުއްޓެވެ. އެހެންކަމުން ގޭގައި ބަޤަރާ ސޫރަތް ކިޔަވައި، ގެތަކުގެ އަންހެންކަނބަލުން، ގޭގައި ބަރާބަރަށް ނަމާދުކޮށް ގޭގެ އަހުލުވެރީން ގޭގައި ގިނައިން ޤުރުއާން ކިޔަވާ ޛިކުރުކުރުމަކީ މުއިހްމުކަމެކެވެ.
4- ދުޢާތަކާއި ޛިކުރުތައް ދޫކޮށްލުން: ހެނދުނާއި ހަވީރުގެ ޛިކުރުތައް ނުކިޔުމާއި، ގެއަށް ވަދެ ނުކުމެވުމުގައާއި ފާޚާނާއަށް ވަދެނުކުމެވުމުގައި ކިޔަންޖެހޭ ދުޢާފަދަ ދުޢާތަކަށް އިހުމާލުވުމަކީ، ތިމާއާއި ތިމާގެ އަހުލުންނަށް ޝައިޠާނީ އުނދަގޫތައް ފޯރުމުގެ އެއް އަޞްލެވެ. ދުޢާތައް ކިޔޭވަރުގެ ކުދިންނަށް ދުޢާތައް ދަސްކޮށްދީ، އެކުދިން ދުޢާތަކަށް އަހުލުވެރިކުރުވުން ވަރަށް މުހިއްމެވެ. އަދި ބޮޑަތިމީހުން، ހެނދުނާ ހަވީރުގެ ދުޢާތަކަށް ރައްކާތެރިވުމަކީ، އޭނާއާއި އޭނާގެ އަހުލުން ރައްކާތެރިވާނޭ ކަމެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. { وَاذْكُر‌ رَّ‌بَّكَ فِي نَفْسِكَ تَضَرُّ‌عًا وَخِيفَةً وَدُونَ الْجَهْرِ‌ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ وَلَا تَكُن مِّنَ الْغَافِلِينَ} (سورة الأعراف 205) “އަދި ތިބާގެ ނަފްސުގައި މަޑުމޮޅިކަމާއި ބިރުވެތިކަމާއި އަދި އަޑުއުފުލުމެއްނެތި ހެނދުނާއި ހަވީރު ތިބާގެ ވެރި ރަސްކަލާނގެ ހަނދުމަކުރާށެވެ. އަދި ޣާފިލުވި މީހުންގެ ތެރެއިން ތިބާ ނުވާށެވެ.”
ކޮންމެއަކަސް މިބަޔާންކުރީ، އެކަންކަމުގެ ސަބަބުން ޝައިޠާނާގެ އުނދަގޫތަކަށް މަގުފަހިވާ ކަންކަމެވެ. ގެތަކުގައި ޝައިޠާނުންވާނަމަ، އެގެތަކުގެ ކުޑަކުދީންނަށް އެސޮރުމެން ޖެއްސުންކުރާނެއެވެ. އަދި އެސޮރުމެންގެ އެސްފީނާ ޖެހުން ގާތެވެ. ބަޔާންވެ ދިޔަ އެންމެހާ ކަންކަމަކީ ކޮންމެހެން ރައްކާތެރިވާންޖެހޭ ކަންކަމެވެ. އެހެންކަމުން، މިފަދަ ކަންކަން ދިމާވެފައިވާ މީހުނާއި ނުވާ މީހުންވެސް މިކަންކަން އިޞްލާޙްކޮށް ދީނަށް ރުޖޫޢަވުން އެއީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތަކެވެ. ދެން އޮތީ، ކުއްޖަކަށް މިފަދަ ގޮތަކުން އުނދަގޫ ފޯރާކަމުގައި ބެލެވޭނަމަ ކުރަންވީ ފަރުވާއެވެ. ބަޔާންވެ ދިޔަ ކަންކަން ކުރުމާއެކުއެވެ. ކުޑަކުއްޖަކަށް އެސްފީނާ ނުވަތަ ޖިންނީގެ އުނދަގޫ ޖެހުމުން ފެނިދާނެ ބައެއް ޢާއްމު ޢަލާމާތްތައް ބަޔާންކޮށްލާނަމެވެ. ނަމަވެސް މިޢަލާމާތްތަކަކީ ހަމައެކަނި މިފަދަ ކަމަކުން ފެންނާނެ ޢަލާމާތްތަކަށް ނުވެދާނެއެވެ. ބައްޔެއްގެ ސަބަބުންވެސް މިފަދަ ޢަލާމާތެއް ފެނިދާނެއެވެ. އެހެންކަމުން މިޢަލާމާތްތަކުން މިފަދަ ކަމެއް ކަމުގައި ބެލެވޭނީ، އާދަޔާ ޚިލާފަށް މިކަންކަން ފާހަގަވެ، ބައްޔެއްގެ އަސަރު ނެތްނަމައެވެ.
1- ބޮޑުކަމުދާއިރު، ފެހި ގަދަކޮށް ހުރުން.
2- ލޮލުގެ ކަޅި ރީނދޫވެފައި ހުރުން (ކުރިން އެގޮތަށް ނުހުރުން).
3- އިރުއޮއްސޭ ވަގުތު އާދަޔާ ޚިލާފަށް ރުއިން.
4- ރޭގަނޑު ދަންވުމުން ސިއްސައިގެން ގޮސް ހޭލެވި އާދަޔާ ޚިލާފަށް ރުއިން.
5- ނިދީގައި ސިއްސަ ސިއްސައިގެންގޮސް ރޮވޭގޮތްވުން.
6- މައިމީހާގެ ގާތުން ބުއްނުބުޔުން.
7- ކުއްލިއަކަށް ކެއުމާއި ދުރުވެ ނުކެއުމާއި، ކޭނަމަވެސް ހަށިގަނޑު އަނަރޫފަވަމުން ދިއުން.
8- އެއްދިމައަކަށް ކަޅި މައްޗަށް ގެންގޮސްގެން އޮވެ ރުއިމާއި ބިރުގަތުން. އަދި ގިނައިން މިގޮތަށް ކަޅި މައްޗަށް ގެންގޮސްގެން އޮތުން.
ފަރުވާގެ ގޮތުގައި ކުރެވިދާނެ ބައެއް ރުޤްޔާ
1- ކުއްޖާގެ މުޅި ހަށިގަނޑު ތެމޭހާ ފެނަށް، ސޫރަތުލް ފާތިޙާ، އާޔަތުލް ކުރުސި، ސޫރަތުލް ބަޤަރާގެ ފަހު ދެއާޔަތް، ސޫރަތުލް ކާފިރޫން، ސޫރަތުލް އިޚްލާޞް، ސޫރަތުލް ފަލަޤް، ސޫރަތުއް ނާސް، މިސޫރަތްތައް ކިޔަވާ ފުމެ، އެފެން ކުއްޖާގެ ބޮލަށް މުޅި ހަށިގަނޑު ތެމޭގޮތަށް އެޅުން. މިގޮތަށް 3 ، 5 ، 7 ނުވަތަ ރަނގަޅު ވަމުން އަންނަނަމަ، މުޅިން ރަނގަޅުވަންދެން ފަރުވާ ކުރިއަށް ގެންދާނީއެވެ.
2- މިރުޤްޔާ ކިޔަވައި ކުއްޖާ ބޮލަށް މަތީގައި ބަޔާންވި ފަދައިން ފެން އެޅުމާއި، ޒައިތޫނިތެލަށް ކިޔަވާ ފުމެ، ގައިގައި ތެޔޮ ލެއްވުމާއި ފެނަށް ކިޔަވައިގެން ކުއްޖާއަށް ބޯންދިނުން. ރުޤްޔާގެ ލިންކް.
ނޯޓް: ކިޔަވާއިރު، އަނގައިގެ ވައި ފެނަށް، ނުވަތަ އެކިޔެވޭ އެއްޗަކަށް ދާވަރަށް ކައިރިކޮށްގެން ކިޔަވާށެވެ. 1 ފަހަރު، 3 ފަހަރު، 5 ފަހަރު، 7 ފަހަރު ނުވަތަ އެއަށްވުރެ ގިނައިން އޮނަހިރި ޢަދަދަކަށް ކިޔެވިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. ގިނައިން ކިޔެވިވަރަކަށް ތާސީރު ބޮޑުވެއެވެ. އަދި އޮނަހިރިއަށް މާތް ﷲ ލޯބިވެވޮޑިގެންވެއެވެ.
މާތް ﷲ އަޅުގަނޑުމެން އެންމެންގެ ފާފަތައް ފުއްސަވާށިއެވެ. އަދި މިފަދަ އެންމެހާ ކަންކަމުން ސަލާމަތްކުރައްވާ، ޝިފާދެއްވާ ޝައިޠާނީ ކަންކަމުން ރައްކާތެރިކުރައްވާށިއެވެ. މިލިޔުމުގެ ސަބަބުން، މިފަދަ ކަންކަމުގައި ކަންބޮޑުވެފައިވާ ފަރާތްތަކަށް ހެޔޮމަންފާ މިންވަރުކުރައްވައި މިމަސައްކަތަކީ އިޚްލާޞްތެރި، ބައްލަވައިގަނެވިގެންވާ މަސައްކަތެއްކަމުގައި ލައްވާ، މުސްލިމުންނަށް ނަޞްރުދެއްވާށިއެވެ. އާމީން.

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Jazakallah khairan Ajnad. varah ragalhu article eh. miee varah kanboduvaa massalaeh. eki gothun hallu nuvefa in kameh. rattehi thimaage meehun gaboolu kuranvs uzuruverivaa kameh. Insha Allah varah effective ruqya akah vaane kamah ummeedhu kuran.

  2. My daughter wakes up a lot at night like she has seen a nightmare. Insha Allah this will help

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!