އަޚުން އަނބިން ދަރިން ކަތިލާ މަންޒަރު ބަލާފައި ހެނީ؟

އިސްލާމީ އުއްމަތަށް މިއަދު ޖެހިފައި މިވަނީ ކޮންފަދަ ބޮޑު މުޞީބާތެއް ހެއްޔެވެ؟ ފަލަސްޠީނާއި ޣައްޒާއާއި، ޢިރާޤާއި ސީރިޔާ އާއި ޔަމަނާއި ބަރުމާފަދަ ޤައުމު ތަކުގައި ރެޔެއް ދުވާލެއް ބެލުމެއްނެތި މުސްލިމުންގެ ލޭ ބޮމުން ކާފަރުން އުފާފާޅު ކުރާއިރު އިސްލާމީ އުއްމަތަށް މިވަނީ ކިހިނެއް ވެފައިބާވައެވެ؟ އިސްލާމީ އުއްމަތުގެ ވެރިންނާއި ރައްޔިތުން ހަނު މިތިބެނީ ފަހެ ކީއްވެފައި ތޯއެވެ؟ މިއީ ތިމަންނަމެންނާ ބެހޭ ކަމެއް ނޫނޭ ބުނެ މިއަދު ބޮލުން ނައްޓާލުމަށްފަހު އުއްމަތުގައި މި އަޅާ ވޭން މާދަމާ ޚުދު ތިމާވެސް ތަޙައްމަލު ކުރަން ޖެހޭނެކަން އިސްލާމީ ޤައުމު ތަކުގެ ވެރިންނަށް ހަމަ މޭރުން ނުވަނީ ބާވައެވެ؟

އިސްލާމީ އުއްމަތް މިއަދު މިވަނީ އެއިން އަރައި ނުގަނެވޭހާ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. އިސްލާމީ ޤައުމު ތަކުގައި މިއަދު އިސްލާމީ ވެރިންނެއް ނެތެވެ. މިއަދު ދުނިޔޭގައި އިސްލާމީ އުއްމަތެއް ނެތެވެ. ދުނިޔޭގެ ވެރިކަން ކުރަމުން ގެންދާ ކާފަރުން މިއީ ރޭގަނޑޭ ބުންޏަސް ހީހީފައި އަތްތިލަބަޑި ޖެހުން ނޫން ކަމެއް ކުރާން އިސްލާމީ ޤައުމު ތަކުގައި މިއަދު ތިބި ވެރިންނަކަށސް ނޭނގެއެވެ. އަހަރެމެން ނުރުހެމޭ އިޒްރޭލޭ ޙަމަލާތައް ހުއްޓާލާށޭ ދުލުކުރިން ބުނެލުން ފިޔަވާ އިތުރު ކަމެއް އިސްލާމީ ޤައުމު ތަކުގެ ރައްޔިތުން ކުރާތަން އެބަ ފެނޭހެއްޔެވެ؟

މިއަދު މުޅި ދުނިޔޭގެ ވެރިކަން ކުރަމުން ގެންދާ ކާފަރުން ބުނި ކޮންމެ ގޮތެއް ހަދައިގެން މުސްލިމުންނަށް އުޅެން ޖެހިފައި ވަނީ މުސްލިމުންގެ ޢަދަދު މަދު ވެގެންނެއް ނޫނެވެ. މުސްލިމު ސައިންޓިސްޓުންނާއި ޕްރޮފެސަރުން މަދުވެގެންނެއް ނޫނެވެ. މުސްލިމުންގެ އަތުގައި ލެބޯޓްރީ އާއި މަޢުދަނާއި ފައިސާ ނެތިގެންނެއްވެސް ނޫނެވެ. މުސްލިމުންގެ އަތުގައި މިއަދު ނެތީ އީމާންތެރި ކަމެވެ. ﷲ އަށް އިތުބާރު ކުރުމާއި އީމާން ވުމުގައި އިސްލާމީ އުއްމަތް މިއަދު ޣާފިލު ވުމުގެ ހިތި ރަހަ މުސްލިމުންގެ ކަރުބުޑުގައި މިއަދު މި ލަނީ ކޮންފަދަ ވޭންދެނިވި ގޮތަކަށްތޯއެވެ؟

ކާފަރުން އިސްލާމީ އުއްމަތް ފިތުނަ ފަސާދަ ކުރީ ލާދިނިއްޔަތުގެ ނަމުގައި އިސްލާމުންގެ ތެރެއަށް ވަދެގަނެގެންނެއް ނޫނެވެ. ފުރަތަމަ ބޮޑު ހަނގުރާމަ އަށްފަހު ދުނިޔޭގައި އޮތް އިސްލާމީ ޚިލާފަތު ފުނޑުފުނޑު ކޮށްލައި މުސްލިމުންގެ ޢިލްމާއި ހިލްމު އެގޮތް މިގޮތަށް ވަގަށް ނަގައި ފޭރިގަތުމަށް ފަހު އިސްލާމީ އުއްމަތުގެ ހަރުދަނާ ޝަޚުޞިއްޔަތުން ސިއްރާއި ފާޅުގައި ޝަހީދު ކުޅައީއެވެ. އެއަށްފަހު މުސްލިމުންގެ ތެރެއަށް އިންސީންގެ ތެރެއިންވާ ޝައިޠާނުން ފިތުނައިގެ ހުޅުގަނޑާއި އެކު ވަދެގަތީ މާތް ނަބިއްޔާ ( ޞޢވ ) ދަސްކޮށްދެއްވި ނަބަވީ ފިލާވަޅު ގޯސްކަމަށް ބުނެދެމުންނެވެ.

އިސްލާމުންނަކީ އެއް އުއްމަތެއް ކަމަށާއި މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމުގައި އެކަލޭގެފާނު ދެއްވި މަތިވެރި އިރުޝާދު މިއަދު މުސްލިމުންގެ ހަދާނުން ފޮހެލާފައި ވަނީ ފުރަތަމަ މަގޭ ޤައުމު، އެންމެ ފުރަތަމަ މަގޭ މާދަރީ ބަސް ފަދަ ކުދި ކުދި ކަންކަމުން ފެށިގެންނެވެ. އެންމެ ތުއްތު އިރުން ފެށިގެން އިންސާނުންގެ ސިކުނޑި ތަކަށް ޝައިޠާނުން މި ވަސްވާސްތައް ވެއްދުމުން މިއަދު މުސްލިމުން ވަނީ އުއްމަތުގެ މަތީން ހަނދާން ނެތިފައެވެ. އަވައްޓެރި ޝްރީލަންކާ އާއި އިންޑިޔާގައި މުސްލިމުން ކަތިލައިގެން ލެއިން ފެންކުޅި ކުޅުނަސް އެއީ އަހަރެމެންނަކާއިވާ ބެހޭކަމެއް ނޫނެވެ. އަހަރެމެންނަކީ ދިވެހިންނެވެ. މިއީ ދިވެހި ރާއްޖެއެވެ. ފުރަތަމަ މަގޭ ޤައުމު މަގޭބަސް އެހެންނޫންތޯއެވެ.

މިހެންގޮސް ދަންނަވާނެ ވަކި ކަމެއްނެތެވެ. ﷲ އާއި އެކަލާނގެ ނަބިއްޔާ އޭގައި ހިފަހައްޓަން އެންގެވި ހުރިހާ ކަމެއްހެން މިއަދު މިވަނީ ދޫކޮށްލެވިފައެވެ. އިސްލާމް ދީނުގެތަރުބަވީ ނިޒާމުގެ ތެރެއިން އެންމެ ކުޑަމިނުން ތިމާގެ އަރުތެރެއަށް ފެންފޮދެއް އެތެރެ ކޮށްލަންވީ ގޮތުގެ އިރުޝާދުން ފެށިގެން ޖިހާދު ކޮށް އުއްމަތް ދިފާޢު ކުރަންވީ ގޮތުގެ ފުރިހަމަ ނަމޫނާ ވަނީ ދައްކަވާފައެވެ. އެހެނަސް އެގޮތް މިއަދަކު ކަމަކު ނުދެއެވެ. އެނޫން އެހެން ގޮތެއް ހޯދައިގެން މިއަދު ދުނިޔޭގެ މުސްލިމު އުއްމަތް އުޅޭން ޖެހިފައި މިވަނީ ކޮންފަދަ ނިކަމެތި ޙާލެއްގައި ތޯއެވެ؟

obama-saudi-arabia_47286438-e1316590405130

މިއަދު އަހަރެމެންގެ ވެރިންނަށް ތިބި މުނާފިޤުން ކާފަރުންގެ އަތުން ރިޝްވަތު ނަގައި އިސްލާމީ ޤައުމުތައް ކާފަރުންގެ އަޅުވެތި ކަމުގެ ދަށަށް ގެންދިޔުމުން ވެރިންގެ ބޮލުގައި އެކަން އަޅުވައި އެބައިމީހުންނަށް ދެގުނަ ޢަޒާބު ދެއްވާށިއޭ ބުނެ ފުއްދާލެވޭކަށް ނެތެވެ. މުސްލިމުން ވަނީ އެބައިމީހުންގެ މައްޗަށް އަމުރު މަޢުރޫފް ހިންގަން ހުންނަވާ ވަލިއްޔުލް އަމުރު ޢައްޔަނު ކުރުމަށް ﷲ އާއި އެކަލާނގެ ނަބިއްޔާ ( ޞޢވ ) އެންގެވި ގޮތް ގޯސްވެގެން އެ ދޫކޮށްލާ އޭގެ ބަދަލުގައި ވެސް އެހެން ގޮތެއް ހޯދާފައެވެ.

Saudi

މިއަދު އެންމެ ކުޑަމިނުން މަޖިލީސް ތަކަށް މެންބަރުން ހޮވުމާއި ރައީސަކު ޢައްޔަނު ކުރުމާއި މިހެން ގޮސް ވެރިން ޢައްޔަނު ކުރުމަށް ކާފަރުން ދެއްކި ނަމޫނާ ޑިމޮކްރަސީން ސީދާ ތަންދޮރު ނުދަންނަ އަދި ތަންދޮރު ދަންނަ ރައްޔިތު މީހާއާއި ހަމައަށް އައުމުން ޢަމަލު ކުރިގޮތް ވިސްނާލުން ހުއްޓެވެ. އެންމެ ގިނަ ރިޝްވަތަށް ވޯޓު ވިއްކާލުމުން އެމީހުން މިއަދު ޤައުމު ވިއްކާލި ނަމަވެސް އެކަމަށް ނޫނެކޭ ބުނެވޭނެ ޖާގަ އޮތްތޯ އަމިއްލަ އަށް ވިސްނާ ފިކުރު ކޮށްލާށެވެ.

Mubarak

އެހެން ކަމުން އިސްލާމީ ނަންނަމުގައި މިއަދު އިސްލާމީ ޤައުމު ތަކުގެ ވެރިކަމަށް އަރާތިބި މިސްރުގެ ފިރުޢައުނު ސީސީފަދަ ވެރިން ކޮންމެ ފަދަ ކަމެއް މި އިސްލާމީ އުއްމަތާއި ދެކޮޅަށް ކުރި ނަމަވެސް އެއީ އަހަރެމެންނާއި ބެހޭ ކަމެއްނޫނޭ، އެއީ މިސްރު މީހުންގެ ދާޚިލީ ކަމެކޭ، ޚާރިޖީ ކަމެކޭ ބުނުން ފިޔަވާ އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. މުސްލިމުން ކަތިލައިގެން ލޭބުޔަސް އިސްލާމީ ޤައުމު ތަކުގެ ވެރިން އަތްތިލަބަޑިޖަހާތަން ބަލަން ތިބުންނޫން ގޮތެއް އެ ޤައުމު ތަކުގެ ރައްޔިތުންނަށްވެސް ހަމަނެތެވެ.

Sisi1

މިކަމުން އިސްލާމީ އުއްމަތް ސަލާމަތް ވުމަށް އެތައް ޒަމާނެއް ހޭދަވާނެއެވެ. މިކަން ވާނީ ކާފަރުންނާއި އެމެރިކާ އަކީ އެންމެ ބޮޑެތި މިތުރުން ކަމުގައި އިސްލާމީ ޤައުމު ތަކުން ދެކުން ހުއްޓާލައި އެމީހުންނަކީ ކާފަރުން ކަމާއި ދުޝްމަނުން ކަމަށް ބަލައި އެމީހުންގެ އުފެއްދުންތައް ބޮއިކޮޓްކޮށް އެމީހުންނާއި ގުޅުން ކަނޑާލައި، އެމީހުންގެ ބޮންއަޅާ ބޯޓު ފަހަރަށް ތެޔޮ އަޅައިދޭ ބަޔަކީ މުސްލިމުން ކަމުގައި ނުވެ، އެމެރިކާ ޑޮލަރު ނޫން އެހެން އެއްޗަކަށް މުސްލިމުންގެ އަތުގައި އޮތް ތެލުގެ މުސްއަނދިކަން ވިއްކަން ފެށިދުވަހަކުންނެވެ.. މިކަން އެންމެނަށްވެސް އެނގެއެވެ. އެހެނަސް މިކަން ކުރަން ބޭނުން ނުވަނީ މުސްލިމުންގެ ލޭ ބުއިމުގައި ނޭނގި ނަމަވެސް ބައިވެރި ވުމަށެވެ.

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މާޝާ ﷲ! މާޝާ ﷲ! ﷲ އަކުބަރު! ﷲ އަކުބަރު!
    ވަރަށް ރަނގަޅު ހާދާންކޮށްދިނުމެއް ތިޔަ ހަދާން ކޮށްދިނީ!
    ޝަހީމޫ! މިލިޔުން ކިޔައިބަލަ! ތަޤްވާ ނެތިއްޔާ ޢިލްމުގެ ބޭނުމަކީ ކޮބާ!
    ފައްތަޤު ﷲ! ފައްތަޤު ﷲ! ހަމަ ކޮންމެ ވަގުތަކުވެސް މި ދުނިޔެއާއި އަލްވަދާޢު ކިޔަން ޖެހިދަނެކަން ހަނދާންކޮށް، އެނބުރި ރުޖޫޢަވޭ! ޖަލުގައި ޢުމުރުގެ ބާކީއޮތްތަން ހޭދަކިރަން ޖެހުނަސް ﷲ ގެ ޢަޒާބުގެ ކުނޑިފުކަކާވެސް އެއްވަރު ނުވާނެ!

  2. .VARAH RANGALHU LIUMEH MASHA ALLAH.

  3. މުހައްމަދު ޝާފިއު ގެ ލިޔުންތަކަށް ހަމަ ޝުކުރު ހައްގު…މުހައްމަދު ޝާފިއު އަށް ހައްގު ހައްގުގެ ގޮތުގައި އަދި ބާތިލް ބާތިލްގެ ގޮތުގައި ދައްކަވައި ހައްގައް އުޅުމުގެ ތައުފީގު ދެއްވާ އަދި ބާތިލްއިން ދުރުހެލިވުމުގެ ތައުފީގު ދެއްވައި،ހައްގުގެ މަގުގައި ސާބިތުކަންދެއްވާދޭވެ…ތިކުރާ މަސައްކަތުގައި ބަރަކާތްލައްވާ އިލްމު އިތުރުކޮށް ދެއްވާ ތިކަމުގެ ސަވާބުދެއްވާދޭވެ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!