ޙަމަލާތައް ފަށައިފިނަމަ ޔަހޫދީންނަށް ބައެއް ހަތިޔާރު ވިއްކުން ހުއްޓާލަނީ

  • އިޒްރޭލާ ދެކޮޅަށް އިނގިރޭސި ބވިލާތުގެ ވެރިރަށް ލަންޑަނުގައި ކުރި މުޒާހަރާއެއް

އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަޠުލުޢާއްމު މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ޙަމަލާތައް އަލުން ފަށައިފިނަމަ ޔަހޫދީންނަށް ބައެއް ހަތިޔާރު ވިއްކުން ހުއްޓާލާނެ ކަމުގެ އިންޒާރު އިނގިރޭސި ވިލާތުން ދީފިއެވެ.

މިކަން ހާމަކޮށް އިނގިރޭސި ސަރުކާރުގެ އިސް އޮފިޝަލުންނާ ޙަވާލާދީ އެ ޤައުމުގެ މީޑިޔާ ތަކުން ބުނީ އިނގިރޭސި ބާރަ ފަރާތަކުން ހޯދާފައިވާ ހަތިޔާރު އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަޠުލު ޢާއްމުގައި ބޭނުން ކުރަމުން ގެންދާ ކަމަށާއި، ހަނގުރާމަ އަލުން ފަށައިފިނަމަ މި 12 ފަރާތުން އިޒްރޭލަށް ހަތިޔާރު ވިއްކުމަށް އެ ޤައުމުގެ ކުންފުނި ތަކަށް ދޫކޮށްފައިވާ ލައިސަންސްތައް ބާޠިލު ކުރާނެ ކަމަށެވެ.

މީގެ އިތުރުން އިޒްރޭލުން ފަލަސްޠީނުގައި ހިންގާ ޖަރީމާތައް ކުރިޔަށް ގެންދާނަމަ އެ ޤައުމަށް ހަތިޔާރު ވިއްކުމަށް އިތުރު އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ހުއްދަ އިނގިރޭސި އެއްވެސް ކުންފުންޏަކަށް ނުލިބޭނެ ކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އިނގިރޭސިންގެ މި ނިންމުން މިގޮތަށް އައިސްފައި ވަނީ އެ ޤައުމުގެ އެތެރޭގެ މަސްލަޙަތުތައ ޙިމާޔަތް ކުރުމުގެ ގޮތުން ކަމަށް ބެލެވޭއިރު އިޒްރޭލާއި ދެކޮޅު މުޒާހަރާތައް ކޮންމެ ދުވަހަކުހެން އެ ޤައުމުގައި އަންނަނީ ބާއްވަމުންނެވެ. އަދި އިޒްރޭލުގެ ޢަމަލުތައް ފޮރުވައި ދިނުމަށް ކަމުގެ ޙަޤީޤަތް އޮޅުވާލާ ޕްރޮޕެގެންޑާ ފަތުރާ ކަމަށްބުނެ ބީބީސީ އާއި ގާޑިއަން ފަދަ އިނގިރޭސި ބޮޑެތި މީޑިޔާ ތަކާއި ދެކޮޅަށްވެސް ކޮންމެ ދުވަހަކު ގެންދަނީ އަޑުއުފުލަމުންނެވެ.

ދާދި ފަހުންވެސް އިނގިރޭސި ބޮޑުވަޒީރު ކެމަރަންއާއި އެމެރިކާގެ ރައިސް އޮބާމާ ނެރުނު ގުޅިފައިވާ ބަޔާނެއްގައިވެސް ވަނީ އަމިއްލަ ދިފާޢުގައި ފަލަސްޠީނު ރައްޔިތުން މެރުމުގެ ޙައްޤު އިޒްރޭލަށް އޮތްކަމަށް ބުނެފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!