އެންމެ ފަހުގެ ހަނގުރާމައާ ހިސާބަށް ކަންތައް އައި ގޮތް

ޖުލައި މަހުގެ 8 ވަނަ ދުވަހު އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުންނާއުދުވާނާއި ގަތުލުއާންމުތައް ހިންގަން ފެށުމުގެ ކުރިން މިކަމަށް މަގުފަހި ކުރުމުގެ ގޮތުން އިސްރާއީލުން ކުރިކަންތައް ކަމަށް ބެލެވޭ ތިން ކަމެއް ފާހަގަކޮށްލެވެ އެވެ. އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގައި ހިނގި މިތިން ހާދިސާގެ ތެރެއިން ފުރަތަމަ ޙާދިސާއަކީ ހުޅަނގު އައްސޭރީގައި ގާނޫނާ ޚިލާފަށް ވަޒަންވެރިވެގަނެގެން އުޅޭ ޔަހޫދީ ވަޒަންވެރިންގެ ތިން ކުއްޖަކު ޖޫން މަހުގެ 12 ވަނަ ދުވަހު ވަގަށް ނެގި ޙާދިސާއެވެ. އިސްރާއީލުން ވަނީ މި ތިންކުދިން ވަގަށް ނެގީފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާޢަތުން ކަމަށް ބުނެ ހަމާސްގެ ބޮލުގައި މިޖިނާއީ ކުށުގެ ތުހުމަތު އަޅުވާފައެވެ.

މި ކުދިން ހޯދުމުގެ ނަމުގައިއިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހުޅަނގު އައްސޭރީގެ އެތަށް ސަރަހައްދެއްގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި ފަލަސްޠީނުގެ އެތަށް ސަތޭކަ ބަޔަކު ޝަރީޢަތަކާނުލައި ހައްޔަރުކުރުމާއި ފަލަސްތީނުގެ އެތަށްބަޔަކަށް ޙަމަލާދީ ޒަޚަމްކޮށްލުމާއި ޣައްޒާގައިވާ ޙަމާސް ޖަމާއަތުގެ އަމާޒުތަކަށް އެކިފަހަރުމަތިން ބޮމުގެ ޙަމަލާތައް ދިނުންފަދަ ހަރުކަށި އަމަލުތައް ހިމެނެއެވެ. މި ޖިނާއީ މައްސަލައާގުޅިގެން އިސްރާއީލުން ހައްޔަރުކުރި ފަލަސްތީނުގެ ރައްޔިތުންގެ ތެރޭގައި ހަމާސްގެ އިސް ބައެއް ބޭފުޅުންނާ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން މިނިވަންކޮށްފައިވާ ފަލަސްޠީނުގެ ބައެއް މީހުން ވެސް ހިމެނެއެވެ.

އިސްރާއީލުގެ މި ހަރުކަށި އަމަލުތައް ފަލަސްޠީނުގެ ވެރިކަމުގެ އިދާރާއިން ކުށްވެރިކުރި އިރު، ހަމާސުންވަނީ އިސްރާއީލުން އެޖަމާއަތުގެ މައްޗަށް ކޮށްފައިވާ ޔަހޫދީ ތިންކުދިން ވަގަށްނެގި ކަމުގެ ޖިނާއީ ތުހުމަތަށް އިންކާރުކޮށްފައެވެ. މިއަދާ ހަމައަށް ވެސް މި ތިން ކުދިން ވަގަށް ނެގީ ހަމާސް ޖަމާޢަތުން ކަން އިސްރާއީލަށް ސާބިތުކޮށްދެވިފައި ނުވާއިރު މިހާދިސާއަކީ އިސްރާއީލުން ޙަމާސްގެ ބޮލުގައި އެޅުވުމަށް ރާވައިގެން ހިންގި ކަމެއްކަމަށް ޖަރުމަނުވިލާތުގައި ޝާއިއުކުރި ޖާސޫސީ ރިޕޯޓެއްބުނެއެވެ. މީގެއިތުރުން އިސްރާއީލުގެ ބައެއް މުފައްކިރުންނާއި އަދީބުންވެސް ވަނީ ހުޅަނގުއައްސޭރީން ވަގަށްނެގި ކަމަށް އިސްރާއީލުން ބުނާ ޔަހޫދީ ތިންކުދިން ވަގަށްނެގުމުގެ ތުހުމަތަކީ އިސްރާއީލުން ޙަމާސްގެ ބޮލުގައި އަޅުވާފައިވާ ދޮގު ތުހުމަތެއް ކަމަށް ޝައްކުކުރެވޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
މިމައްސަލަ އިތުރަށް ގޯސްވެގެންދިޔައީ އިސްރާއީލުން އިސްވެ ހަމާސް މަރުކަޒުތަކަށް ބޮންއަޅަން ފެށުމުނެވެ. މިއާއެކު ޙަމާސް އިންވެސް އިސްރާއީލާ ދެކޮޅަށް ރޮކެޓް ހަމަލާތައް ދޭން ފެށިއެވެ. ހުއްޓުމެއް ނެތި ދެ ދުވަހަށް ހަމަލާތައް ބަދަލުކުރަމުން ގެންދަނިކޮށް ޖޫން މަހުގެ 30 ވަނަ ދުވަހު ޔަހޫދީ މިތިން ކުދިން މަރުވެފައި އޮއްވާ ފެނުން ވެގެން ދިޔައީ ހަމަނުޖެހުންތައް އިތުރަށް ހޫނުވުމަށް މަގުފަހިވެގެންދިޔަ ކަމަކަށެވެ.

މި ތިންކުދިންގެ މަރާއެކުއިސްރާއީލުން ޣައްޒާއަށް ބޮމުގެ ވަރުގަދަ ހަމަލާތަކެއް ދޭންފެށިއެވެ. އަދި މިތިން ކުދިންގެ މަރުގެ ބަދަލު ހަމާސްގެ ކިބައިން އިސްރާއީލުން ހިފާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ހަރުކަށި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި އެވެ. މިއަށް ފަހު ޖުލައި މަހުގެ 2 ވަނަ ދުވަހު އިވިގެންދިޔައީ އިސްރާއީލު ވެރިވެގެންފައިވާ ޤުދުސްގައި އުޅެމުންދިޔަ ފަލަސްޠީނުގެ ޅަފުރާގެ ފިރިހެން ކުއްޖަކު ގަދަ ކަމުން ކާރަކަށް ލައި ވަގަށްނަގައިގެން ޤުދުސްގެ ޖަންގަލީގެ ސަރަހައްދަކަށް ގެންގޮސް އެކުއްޖާ ދިރިހުއްޓާ އަންދާލި ޖަރީމާ ޔަހޫދީ ވަޒަންވެރިންގެ ބަޔަކު ހިންގި ކަމުގެ ޚަބަރެވެ. މި ޖަރީމާ ހިންގި ޔަހޫދީ ވަޒަންވެރިން މިކަމަށް އެއްބަސްވެ އިޢުތިރާފްވެފައި ވާ އިރުވެސް އިސްރާއީލުގެ ފުލުހުން އެމީހުން ހައްޔަރުކޮށްފައެއްނުވެއެވެ. ޔަހޫދީ ވަޒަންވެރިންގެ މި ލާއިންސާނީ ޖަރީމާގެ ސަބަބުން ހުޅަނގު އައްސޭރީގައި އިސްރާއީލާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފެށިގެން ދިޔައިރު، ރައްދުގައި އިސްރާއީލަށް ދެމުންދިޔަ ރޮކެޓް ހަމަލާތައް ހަމާސްއިން ވެސް އިތުރު ކުރަމުން ގެންގޮސްފައިވެ އެވެ.

ޙަމާސްގެ ރޮކެޓް ހަމަލާތަކުން އިސްރާއީލުގެ ރައްޔިތުން ދިފާޢު ކުރުމަށް ކަމަށް ބުނެ ޔަހޫދީ ދައުލަތުން ޣައްޒާއާ ދެކޮޅަށް ރަސްމީކޮށް އުދުވާނާއި ގަތުލުއާންމުތައް ހިންގަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މިއާއެކު އިސްރާއީލުން ޣައްޒާއަށްވައިގެ މަގުން ފުރަތަމަ ދޭން ފެށި ހަމަލާތައް އެއްގަމު މަގުންނާ ކަނޑުގެ މަގުން ވެސް ދޭން ފެށިއެވެ. މި ގޮތުން ޣައްޒާގެ ޢާއްމުންގެ ގެތަކާ ސްކޫލުތަކާ މިސްކިތްތަކަށް ބެލުމެއް ނެތި އިސްރާއީލުން ހަމަލާތައް ދެމުން ދިޔައީ މިއީ ހަމާސްއިން އިސްރާއީލާ ދެކޮޅަށް ރޮކެޓް ޙަމަލާތައްދޭތީ އަމިއްލަ ނަފްސުގެ ދިފާޢުގައި ދޭ ހަމަލާތަކެއް ކަމަށްބުނެ ބަހަނާތަކެއް ދެއްކުމަށްފަހު އެވެ. ނަމަވެސް އަމިއްލަ ނަފްސުގެ ދިފާޢުގައިވެސް މަދަނީ ތަންތަނަށް ހަމަލާދީ އާންމުންނާ ދެކޮޅަށް ގަތްލުއާންމުތައް ހިންގައި ޑަޒަން ޑަޒަނަށް އާންމުން މެރުމަކީ ބައިނަލްއަގްވާމީ ގާނޫނު މަނާކުރާ ކަމެކެވެ. އަދި މިބާވަތުގެ ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތައް ކަމަށްވެސް ބައިނަލްއަގްވާމީ ގާނޫނުގައި ސިފަކޮށްފައިވެއެވެ. މީގެއިތުރުން ޣައްޒާއަކީ އިސްރާއީލުގެ ޙިސާރުގެ ދަށުގައިވާތަނަކަށްވާތީ އަމިއްލަ ނަފްސުގެ ދިފާޢުގައި ކަމަށްބުނެ ޣައްޒާއަށް އެއްވެސް ޙަމަލާއެއް ދިނުމުގެ ހައްގު އިސްރާއީލަށް ނޯންނާނެ ކަމަށް ގާނޫނީ މާހިރުން ފާހަގަ ކުރައްވައެވެ.

އިސްރާއީލުގެ އުދުވާނާ ގަތުލުއާންމުތަކުގައި 27 ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 1900 އަށްވުރެ ގިނަމީހުންޝަހީދުކޮށްލާފައިވާއިރު މީގެތެރެއިން 67 އިންސައްތައަކީ ފަލަސްތީނުގެ ޢާއްމުން ކަމަށާ އަދި އާންމުންގެ ތެރޭގައިވެސް ގިނައީ އަންހެނުންނާ ކުޑަކުދިންނާ އަދި މުސްކުޅިން ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް މިފަހަރު ފެށި މި އުދުވާނުގެ މައިގަނޑު ބޭނުމަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތް ފުނޑުފުނޑުކޮށްލައި ފަލަސްތީނުގެ މިނިވަން ކަމަށް ޓަކައި ހިންގާ ޖިހާދުގެ ހުރިހާ ޙަރަކާތްތަކެއް ހުއްޓުވުން ކަމަށް އިސްރާއީލު ބުނިނަމަވެސް 27 ދުވަހަށްފަހު ޙަމަލާތައް މެދުކަނޑާލި އިރުވެސް އިސްރާއީލު އިއްލާންކުރި އެއްވެސް މަގްސަދެއް އެމީހުންނަށް ޙާސިލް ކުރެވިފައެއް ނުއެވެ. އަދި އެ މުއްދަތު ހަމަވުމާއެކު އިސްރާއީލުން ވަނީ އަނެއްކާ ވެސް ހަމަލާތައް ބަދަލުކުރަން ފަށައިފަ އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!