ބައިނަލް އަޤްވާމީ ޖިނާޢީ ކޯޓަށް ގެންގޮސްފާނެތީ ނަތަންޔާހޫ ބިރުން ވިރެނީ؟

ފަލަސްޠީނުގެ ޣައްޒާގައި ޒަޔަނިސްޓު އިޒްރޭލުން އިންސާނިއްޔަތާއި ޚިލާފު ބޮޑު ޤަޠުލު ޢާއްމެއް ހިންގި ނަމަވެސް ފަލަސްޠީނަށް އިންސާފު ނުލިބޭނެކަމާއި އިޒްރޭލާއި އޭނާވެސް ބައިނަލް އަޤްވާމީ ޖިނާޢީ ކޯޓަށް ނުގެންދެވޭނެކަން އެނގޭއިރުވެސް ނަތަންޔާހޫ ބިރުން ތެޅެން ފަށައިފިއެވެ. ޣައްޒާގައި ނަތަންޔާހޫ އާއި އޭނާގެ ބައިވެރިން ހިންގި އިންސާނިއްޔަތާއި ޚިލާފު ޖަރީމާ ތަކާއި ޤަޠުލު ޢާއްމު ތަކުގެ މައްސަލަ ބައިނަލް އަޤްވާމީ ޖިނާޢީ ކޯޓަށް ހުށަހަޅާފާނެ ކަމަށް ބިރުން ހަނގުރާމައިގެ ޖަރީމާތައް އިޒްރޭލުން ހިންގާފައި ވާކަމަށް ބުނެ ފަލަސްޠީނުން މައްސަލަ ހުށަހަޅައިފިނަމަ އެކަމުން އޭނާއާއި އިޒްރޭލު ސަލާމަތް ކޮށްދިނުމަށް ރަސްމީކޮށް އިޒްރޭލުން އެމެރިކާގެ ކިބައިން ވަނީ އެދިފައެވެ.

ނަތަންޔާހޫ މިކަމަށް އެދިފައި ވަނީ ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ނެދަލެންޑަށް ވަޑައިގެން އެތާނގެ ދަ ހޭގު ގައި ހުންނަ ބައިނަލް އަޤްވާމީ ޖިނާޢީ ކޯޓުގައި އިޒްރޭލުން ހަނގުރާމައިގެ ޖަރީމާ ތަކާއި ޤަޠުލުޢާއްމުތައް ހިންގާފައިވާ މައްސަލައިގެ ދަޢުވާ ހުށަހަޅުއްވަން މަސައްކަތްޕުޅު ކުރައްވާތީ ކަމަށް އެމެރިކާގެ ބައެއް މީޑިޔާ ތަކުން ބުނެފަައި ވެއެވެ. ފަލަސްޠިނުން ބުނެފައި ވަނީ ޔަހޫދީ ޒަޔަނިސްޓުން އަނިޔާވެރި ކަމާއި އެކު ހަސްފަތާލު ތަކާއި ސްކޫލް ތަކާއި މިސްކިތް ތަކާއި ސިއްޙީ އެހީތެރިންނަށް ޙަމަލާދީ ގަސްތުގައި މަރާފައި ވާކަމަށާއި، އޭގެ ފުރިހަމަ ހެކި ހުރިކަމަށެވެ. މި މައްސަލާގައި އެމެރިކާގެ ނިޔުޔޯކްޕޯސްޓް ނޫހުން ބުނީ މިކަމާއި ގުޅިގެން ނަތަންޔާހޫ އެމެރިކާގެ ޤާނޫނީ މާހިރުންނާއި ބައްދަލުކޮށް އެމީހުންގެ ކިބައިން އޭނާއާއި އިޒްްރޭލު ސަލާމަތް ކޮށްދިނުމަށް ރަސްމީކޮށް އެދިފައި ވާކަމަށެވެ.

ހަނގުރާމަ މެދުކަނޑާލުމަށް ދެފަރާތުން ވެފައިވާ އެއްބަސް ވުމުގެ މުއްދަތުގެ އެންމެ ފަހު ދުވަހު ނަތަންޔާހޫ އެމެރިކާގެ ޤާނޫނީ މާހިރުންނާއި ބައްދަލު ކުރަމުން ބުނީ އޭނާގެ ލަޝްކަރުން ޣައްޒާގެ ޢާއްމުން މަރުވެދާނެ ކަމަށް އާދަޔާ ޚިލާފު ފިޔަވަޅު ތަކެއް އަޅައި ޢާއްމުންނަށް އެއްވެސް ގެއްލުމެއް ގަސްތުގައި ދީފައި ނުވާނެ ކަމަށެވެ.

ނަތަންޔާހޫ ބުނީ ފަލަސްޠީނުން އިޒްރޭލާއި ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ދަޢުވާ އުފުލައިފިނަމަ އެމެރިކާ އާއި އިޒްރޭލު ގުޅިގެން މަސައްކަތް ކޮށް އެ ދަޢުވާތައް ނާކާމިޔާބު ކޮށްލެވޭނެ ކަމަށާއި، މިގޮތަށް މަސައްކަތް ކޮށްގެން ބައިނަލް އަޤްވާމީ ޖިނާޢީ ކޯޓުގެ މަސައްކަތަށް ހުރަސް އެޅިދާނެ ކަމަށެވެ. އެހެން ކަމުން ގުޅިގެން މަސައްކަތް ކޮށް ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ކުށުންނާއި، ޤަޠުލުޢާއްމު ތައް ހިންގުމުގެ ކުށުން އިޒްރޭލާއި އޭނާ ސަލާމަތް ކޮށްދިނުމަށް ނަތަންޔާހޫ ވަނީ ތަކުރާރުކޮށް އެދިފައެވެ.

މީގެ އިތުރުން އެމެރިކާގެ ހިލޭ އެހީގެ ދަށުން މީހުން މެރުމަށާއި، އިންސާނުންނަށް ޓެސްޓު ކުރުމަށް ދިން ހަތިޔާރު ތަކުގެ ބޭނުން ހިފައިގެން އިޒްރޭލުން ޣައްޒާގައި ހިންގި ހަނގުރާމައިގެ ޖަރީމާ ތަކާއި ޤަޠުލުޢާއްމުތައް ދުނިޔެއަށް ފޮރުވައި ދިނުމަށާއި، އެ ޖަރީމާތައް ހިންގާފައިވަނީ ޣައްޒާގެ ޙަމާސް ޖަމާޢަތުން ކަމަށް މުޅި ދުނިޔެއަށް ދައްކައި ދުނިޔޭގެ ލޮލުގައި އަނދުން އެޅުވުމަށް އެމެރިކާއަށް ލިބިފައި ހުރި ހުރިހާ ވަޞީލަތެއްގެ ބޭނުން ކުރަން ޖެހޭނެ ކަމަށްވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.

މި މައްސަލާގައި ނަތަންޔާހޫ ބައިނަލް އަޤްވާމީ ނޫސްވެރިންނަށް އިޒްރޭލުން ހަދާފައިވާ ވީޑިޔޯއެއް ވެސް ދީފައިވާ ކަމަށާއި މި ވީޑިޔޯއިން ޙަމާސް ޖަމާޢަތުން އިންސާނީ އައްޑަނައިގެ ގޮތުގައި ޢާއްމުން ބޭނުން ކުރާތަން ފެންނަ ކަމަށް ބައެއް މީޑިޔާ ތަކުން ބުނެފައިވެއެވެ.

ހަނގުރާމައިގެ ޖަރީމާތައް ނުހިންގާ ކަމާއި ޤަޠުލު ޢާއްމެއް ހިންގާފައި ނުވާކަމުގެ ޔަޤީންކަން ނަތަންޔާހޫ އަށް އޮތް އިރު، މިހާ ފާޅުކަން ބޮޑުގޮތެއްގައި އިޒްރޭލުގެ ޖަރީމާތައް ފޮރުވައި ދިނުމަށް އެމެރިކާގެ ކިބައިން އޭނާ އެދުމަކީ ޙަޤީޤަތުގައި ވެސް އޭނާ އަކީ މުޖުރިމެއް ކަމަށް އޭނާ އަމިއްލަ އަށް އިޢުތިރާފުވުން ކަން ސާފުކޮށް ދޭހަވެއެވެ. އެހެން ނަމަވެސް ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ބައިނަލް އަޤްވާމީ މީޑިޔާ ތަކުން ޙަމާސް ޖަމާޢަތް ކުއްވެރިކޮށް ކިތަންމެ ވަރަކަށް ޚަބަރު ފެތުރިޔަސް ނުވަތަ ނަތަންޔާހޫ ދިން ވީޑިޔޯ އެމީހުންގެ ސިނަމާ ތަކާއި ޓީވީ ޗެނަލް ތަކުގައި 24 ގަޑިއިރު އަޅުވައިގެން ތިއްބަސް މިއަދު ދުނިޔޭގެ ޤައުމު ތަކުގެ މުސްލިމު ރައްޔިތުން އެކަންކަން ޤަބޫލު ނުކުރާނެ ކަން ކަށަވަރެވެ.

ޣައްޒާގައި ޔަހޫދީން ހިންގި އަނިޔާވެރި ޤަޠުލުޢާއްމު ތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ ހުށަހެޅުމަށްޓަކާ ފަލަސްޠީނުން ބައިނަލް އަޤްވާމީ ޖިނާޢީ ކޯޓުގެ މެންބަރަކަށް ވާން ޖެހޭއިރު އެ ކޯޓުގެ މެންބަރަކަށް ފަލަސްޠީނު ވެއްޖެ ނަމަ އިޒްރޭލަށް ރޮކެޓު ފޮނުވާތީ އެންމެ ފުރަތަމަ ކުއްވެރިވެ ޙުކުމް ކުރެވޭނީ ފަލަސްޠީނާއި ދެކޮޅަށް ކަމަށާއި، އިޒްރޭލަކީ އެ ކޯޓުގެ މެންބަރަކަށް ނުވާތީ އިޒްރޭލުގެ މައްސަލަ އެކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެމެރިކާއިން އަންނަނީ ފަލަސްޠީނަށް ބިރުދައްކައި އިންޒާރު ދެމުންނެވެ. އަދި ވަށައިގެން އިޒްރޭލުން ޙިޞޯރު ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އޮންނަ މަޙުމޫދު އައްބާސްގެ ސަރުކާރަށް އެމެރިކާއިންދޭ އެހީ ކަނޑާލައި ބަނޑަށް ޖައްސާނެ ކަމުގެ އިންޒާރުވެސް އެމެރިކާއިން ދެމުން ގެންދާކަމަށް ފަލަސްޠީނުގެ ބައެއް އޮފިޝަލުން ކުރިންވެސް ވިދާޅުވެފައި ވެއެވެ.

މި ޚަބަރުގެ އެމެރިކާ ވާޝަން ބެއްލެވުމަށް . . .

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!