ބޮޑާ ވާންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟

ވަގުތަކީ ޢަޞްރު ނަމާދު ވަގުތެވެ. ގެއިން ވުޟޫޢުކޮށްގެން މިސްކިތާ ދިމާއަށް ދަތުރު ފެށީމެވެ. ރަޙްމަތްތެރި އަޚަކާ އެއްކޮށް ދާން ކިޔާފައި އޮތީތީ އޭނާގެ ގޭގެ ކުރިމަތީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގެ ސީޓުގައި މަޑުކޮށްލީމެވެ. މަގަކީ އެހާ ފުޅާ ނޫން މަގަކަށްވެފައި ސައިކަލުތައް މަގުގެ އެއްފަރާތުގައި އަތުރާފައި ހުރުމުގެ ސަބަބުން އެ މަގުގައި ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް ޙަޤީޤަތުގައި ފުދޭ ވަރަށް ޖާގައެއް ނޯވެއެވެ. މި ހަނި މަގުން، ބާރު ދުވެއްޔެއްގައި، ދުވެލި މަޑުކުރަމުން ބާރު ކުރަމުން ދުއްވާފައި ދިޔަ “ޖުޕިޓާ” އެއް އަޅުގަނޑުގެ ސަމާލުކަން ހޯދިއެވެ. އޭތި އަޅުގަނޑުގެ ކުރިމަތިން ހުރަސް ކުރިތާ މާ ގިނަ އިރެއް ނުވަނީސް އިވުނީ އަޑެކެވެ. ފަހަތް ބަލައިލިއިރު، ގޯޅިއަކުން ނުކުތް ބައިސްކަލަކާއި އެ ޖުޕިޓާ ޖެހުނީއެވެ. ނަޞީބަކުން ދެފަރާތުން ކުރެ އެއްވެސް ފަރާތަކަށް، އަދި އެއްވެސް އުޅަނދަކަށް ވެސް ގެއްލުމެއް ނުލިބެއެވެ.

ގޯޅިން ނިކުތް ބައިސްކަލުގައި އިނީ ބިދޭސީއެކެވެ. ދިވެހީންގެ ބަހުން ނަމަ “ބަންގާޅީ”އެކެވެ. އޭނާ ނިކުތީ ބަންގީގެ އަޑަށް މިސްކިތައްކަން އޭނާގެ ބޮލުގައި އަޅާފައިވާ ތާކިހާއިން އެނގެއެވެ. މަޢާފަށް އެދި އެ ބިދޭސީ މީހާ ސައިކަލުގައި އިން ދިވެހި މީހާގެ ބުރަކަށީގައި ފިރުމައިލައި ހިނިތުންވެލިއެވެ. ނަމަވެސް ދެން ފެނުނީ ހަމަ ޙަޤީޤަތުގައި ވެސް އަޅުގަނޑުގެ ހިތަށް ތަދުވި މަންޒަރެކެވެ. އަޖައިބުވެ އަންތަރީސް ވިއެވެ. ސައިކަލުގައި އިން މީހާ މޫނު ކުނިކޮށްގެން ހުރެ، ބިދޭސީ މީހާގެ ކަންކަށި މަތީ ވީއްލައިލި ބާރު އެތިފަހަރުންނެވެ. އެއާއެކު، އެ ބިދޭސީ މީހާއަށް އިހުސާސްވި ތަދާއި ވޭނާއި އެކު އޭނާގެ އަނެއް ކޮލުގައި އަތް އަޅާލި މަންޒަރު ފެނުމުން ވަރަށް ހިތްދަތިވިއެވެ. ނަމަވެސް، އެއްވެސް ބަދަލުހިފުމެއް ނެތި އެ ބިދޭސީ މީހާ މިސްކިތާ ދިމާއަށް މިޞްރާބު ބެހެއްޓިއެވެ.

މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ބޮޑާކަމާއި، ކިބުރުވެރިކަމާއި، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ގައިގައި އަށަގަނެފައިވާ ނޭއްގާނީ ސިފަތަކާއި، ޣައިރު ދީނީ ޢަމަލުތައް ސިފަކޮށްދޭ ހަމަ އެންމެ ހާދިސާއެކެވެ. މިކަހަލަ އެތައް އެތައް ކަމެއް މިފަދަ ކިބުރުވެރިންގެ ކިބައިން ޚުދު އަޅުގަނޑަށް ވަނީ ފެނިފައެވެ.

އަޅުގަނޑުގެ ހިތުގައި އުފެދޭ “ބޮޑު ސުވާލަކީ”، ބައެއް ދިވެހީން މިހާ ބޮޑާވެގަނެގެން، އިންޑިއާ އާއި ބަންގްލަދޭޝުންނާއި އެނޫން ތަންތަނުންވެސް ރާއްޖެއަށް އަންނަ މަސައްކަތު މީހުންނާ މެދު މިފަދަ ބޭއަދަބީ އަދި ލާއިންސާނީކޮށް ކަންތައް ބަހައްޓަނީ ކީއްވެގެން ބާވައެވެ؟ “ދިވެހީން” އެމީހުންނަށް ވުރެ ވަކި މޮޅީ ހެއްޔެވެ؟ މޮޅު ވިއްޔާ ތިޔަ މޮޅަކާއި، ޢިއްޒަތެއް ދިވެހިންނަށް ދިނީ ކާކު ހެއްޔެވެ؟ އެފަދަ ގިނަ ބިދޭސީންނަކީ މުސްލިމުންނެވެ. އަދި އަޅުގަނޑުމެންނަކީ ވެސް މުސްލިމުންނެވެ. މާތްﷲ ގެ ޙަޟްރަތުގައި މީހެއްގެ ދަރަޖަ ވަޒަން ކުރާ ކަމަކީ ތަޤުވާވެރިކަމެވެ. ދިވެއްސަކަސް، ބަންގާޅީއަކަސް، ހިންދުސްތާނުން އައި މީހަކަސް ނުވަތަ އެފްރިކާ މީހަކަސް، ދޮނަސް، ކަޅަސް، އެކަލާނގެ ޙަޟްރަތުގައި އެންމެ މާތް ވެގެން ވަނީ އެންމެ ތަޤުވާވެރި މީހާއެވެ.

ސޫރަތުލް ޙުޖުރާތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ؛

ހަމަކަށަވަރުން، ގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲއީ، މޮޅަށް ދެނެވޮޑިގެންވާ  ޚަބީރުވަންތަ ރަސްކަލާނގެއެވެ.”

ދިވެހިރާއްޖޭގައި އުޅޭ މުސްލިމް ކަމަށް ދަޢުވާކުރާ ނަމަވެސް، ނަމާދެއް ނުކޮށް ތިބޭ ހަވާ ނަފުސަށް ގެއްލިފައިވާ މީހުންނަށް ވުރެ ރާއްޖޭގައި މަސައްކަތް ކުރާ ބޭރު ޤައުމުތަކުގެ ގިނަ މުސްލިމުން މާ ރަނގަޅެވެ. އިސްލާމްދީނުގެ ޝިޢާރުތައް ދިރުވުމުގައްޔާއި، ސުންނަތް ކަންތައް ކުރުމުގައި އެމީހުން ވަނީ ދިވެހީންނަށް ވުރެ މާ ބޮޑަށް ވެސް ކުރިއަރާފައެވެ. އެމީހުންގެ އަޚުންގެ މެދުގައްޔާއި، ދިވެހީންނާވެސް ނުހަނު ގިނައިން ސަލާން ގަލާންކޮށް ހަދާތަން ތިޔައިގެ ތެރެއިން ކޮންމެ މީހަކަށް ވެސް ފެންނާނެއެވެ. ހަމަގައިމުވެސް މިސްކިތާ ރައްޓެހި ނަމާދަށް އަހުލުވެރި މުސްލިމުންނަށް މިމަންޒަރު ނުލާހިކު ގިނައިން ފެންނާނެއެވެ. ރަޥާޠިބު ސުންނަތްތައް ކުރުމާއި، ޤުރުއާން ކިޔެވުމާއި، ތަޖުވީދަށް ޤުރުއާން ކިޔަވަން ދަސްކޮށް ދިނުމުގައި ބިދޭސީން، ދޭސީންނަށް ވުރެ މާ މުރާއްޔެވެ. ކަންމިހެން ހުރިއިރު، އަޅުގަނޑުމެންގެ ތެރެއިން ބޮޑާވެގަނެގެން “ފުފޭ” މީހުން މި ފުފޭ ސަބަބެއް އަޅުގަނޑަކަށް ހަމަ އެއްވެސް ގޮތަކަށް ނުވިސްނެއެވެ.

މިއީ ދިވެހީންގެ ޙާލަތު ހުރި ގޮތެވެ. އަޅުގަނޑު ފަށަމުން ކިޔައިދިން ޙާދިސާއަށް ބަލައިލަމާ ހިނގާށެވެ. ބަންގީގެ އަޑަށް ބިދޭސީ މީހާ ދިޔައީ ނަމާދަށެވެ. ދިވެހި މީހާ، އަނެކާއަށް އަނިޔާކޮށްފައި ވަނީ އެސޮރުގެ ގެއަށެވެ. ބިދޭސީ މީހާ ހިތްހެވެވެ. އަދި ބަދަލު ހިފުމުގެ ރޫޙެއް އޭނާގެ ނެތެވެ. ނަމަވެސް ދިވެހި މީހާ ހިތް ނުބައިވެފައި އަނިޔާވެރިއެވެ. ދެން މިތަނުން ރަނގަޅީ ކާކުކަން ތިޔަބޭފުޅުން ނިންމަވާށެވެ. ޢަފޫކޮށް، މަޢާފު ކުރުމުގެ ރިވެތި ސިފައަކީ މުސްލިމް ކަމަށް ދަޢުވާ ކުރާ ގިނަ ދިވެހީންގެ ކިބައިގައި މިއަދު މަދު ސިފައެކެވެ. ޢަފޫ ކުރުމަކީ ތިބާގެ ކިބައިގައި އަށަގަނުވުން ކިހާ މަތިވެރި ސިފައެއްތޯއެވެ؟ ޚާއްޞަކޮށް ރަމަޟާން މަހުގައި ތިބާ މި ސިފައިން ޒީނަތްތެރިވުން މާ އައުލާކަން ބޮޑު ނޫންތޯއެވެ؟

މާތްﷲގެ ޙަޟްރަތުން ފާފަ ފުއްސެވުމާއި، ސުވަރުގެ ލިބޭ މީހުންގެ ސިފަތައް ބަޔާން ކުރައްވައި އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ:

“އެއުރެންނަކީ ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި (މުދާ) ހޭދަކޮށް އުޅޭ މީހުންނެވެ. އަދި ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި މީސްތަކުންނަށް މަޢާފު ކުރާ މީހުންނެވެ. އިޙްސާންތެރިން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ.” (އާލް ޢިމްރާން 134)

މީގެ އިތުރުންވެސް ހަނދާނުގައި ހަރުލައްވަން ޖެހޭ އަނެއް ކަމަކީ، “މުއުމިނުންނަކީ އަޚުންތަކެއް” ކަމެވެ. އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ. މިއީ ވަކިވަކި ތަންތަނަށް ނުވަތަ ޤައުމު ތަކަށް ނުވަތަ ޤަބީލާތަކަށް އޮތް ކަމެއް ނޫނެވެ. އަދި ކިއެއްތަ! މިއީ މުޅި އިސްލާމީ އުއްމަތަށް އޮތް އިރުޝާދެކެވެ. ނަސޭޙަތެކެވެ. ދޭސީންނަށާއި ބިދޭސީންނަށެވެ. ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮކަން ތިމާގެ މުސްލިމު އަޚާއަށް ނޭދޭހައި ހިނދަކު އީމާންކަން ފުރިހަމަ ނުވެއެވެ.

އެހެންކަމުން، ބޮޑާކަމާއެކު މުޖުތަމަޢުގައި އުޅޭ ނުވިސްނޭ ބައެއް ދިވެހިންނަށް، ﷲ އަށް ބިރުވެތިވެ، އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އެންމެ ފުރިހަމަ ގޮތުގައި ތަބާވުމަށް ގޮވާލަމެވެ! ދޭސީއަކަސް ބިދޭސީއަކަސް، މުސްލިމެއްގެ ޙައިސިއްޔަތުން ތިމާގެ ކޮނޑުގައި އެޅުވިފައިވާ ޒިންމާއަށް އިޙުމާލު ނުވުމަށް ގޮވާލަމެވެ! އަދި ބޮޑާކަމާއި ކިބުރުވެރިކަމުން ކިލަނބުވެފައިވާ ނަފުސުތައް ޠާހިރުކުރުމަށް އަވަސްވެގަތުމަށް ނަސީޙަތްތެރިވަމެވެ! މާތްﷲ އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢު މިފަދަ “ވަބާ” ތަކުން ސަލާމަތް ކުރައްވައި، އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ!

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Aameen

  2. އާމީން

  3. Liumah hama satheyka

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!