ރަމަޟާންމަހުގެ ދުވާލު ޤަޞްދުގައި ޖިމާޢުވުން، އަދި ކައްފާރާއާނުލާ ޤަޟާކުރަންޖެހޭ ރޯދަ

ސުވާލު:ރަމަޟާންމަހުގެ ދުވާލު ޤަޞްދުގައި ޖިމާޢުވެއްޖެ މީހާގެ މައްޗަށްވާ ޙުކުމަކީ ކޮބާ؟ އަދި ކައްފާރާއާނުލާ ޤަޟާކުރަންޖެހޭ ރޯދައަކީ ކޮބާ؟

ޖަވާބު:

ރަމަޟާން މަހު ދުވާލު ޝުބުހައެއްނެތި ޖިމާޢުކޮށް ރޯދަ ފާސިދުކުރިމީހާގެ މައްޗައް އެރޯދަ ޤަޟާކުރުމާއެކު ކައްފާރާ ދިނުން ވާޖިބުވާ ހުއްޓެވެ. ފަހެ ޖިމާޢުވުން ނޫންކަމަކުން ރޯދަގެއްލުވާލައިފިމީހާގެ މައްޗަށް ކައްފާރާދިނުން ވާޖިބު ނުވާހުއްޓެވެ.

މިގޮތުން އަމިއްލައަށް އެދުންފުއްދުމުގެ ސަބަބުން މަނިބޭރުވިޔަސް ނުވަތަ، ތަނެއްބަލައިގެން ނުވަތަ، ފިކުރުކުރުމުގެ ސަބަބުން ބޭރުވިޔަސް ކައްފާރާއެއް ދޭންކަން ނުޖެހޭނެއެވެ. އެމީހާގެ މައްޗައް ވާޖިބުވެގެންވަނީ އެރޯދަ ޤަޟާކުރުމެވެ. އެހެނީ ކައްފާރާ އަކީ ހަމަ އެކަނި ރޯދަމަހުގެ ޙުރުމަތް ކަނޑައި ޤަސްތުގައި ޖިމާޢުވާ މީހާގެ މައްޗަށް އޮތް ކަމެއްކަމުގައި ނައްޞުގައި (ދަލީލުތައް) ވާތީއެވެ. އެނޫން ކަމަކުން ކައްފާރާ ދޭންޖެނޭނެ ކަމެއް އައިސްފައިވާކަމަށް އެނގިފައެއް ނުވެއެވެ.

ނަދުރު ރޯދައާއި، ރަމަޟާންމަހުގެ ޤަޟާރޯދަފަދަ، ރަމަޟާންމަސް ނޫން މަހެއްގައި ހިފާ ފަރުޟުރޯދައެއް ނުވަތަ ސުންނަތް ރޯދައެއް ޖިމާޢުވުމަކުން، ފާސިދުކުޅަޔަސް ކައްފާރާއެއް ވާޖިބެއްނުމެނޫނެވެ.

އަދި ދަތުރު ވެރިޔާ ރޯދައަށް ހުރެފައި ޤަސްތުގައި ޖިމާޢުވިޔަސް އެއްމެ ޞައްޙަކަން ބޮޑު ބަހުގައި ކައްފާރާދިނުން ވާޖިބު ނުވާހުއްޓެވެ.

ރޯދައަށް ހުރެފައި ހަނދާންނެތިވެގެން ކެއުމަށްފަހުގައި އެކަމުން ރޯދަގެއްލިދާނެކަމަން ހީވެ، ޖިމާޢުވުމުންނާއި، ނުވަތަ ރޯދައަށް ނިޔަތް ގަތުމަށްފަހު ފަޖުރުނުލާކަމަށް ހީކޮށް ޖިމާޢުވީ ފަހުން ފަޖުރުލައްޖެކަންއެގިއްޖެނަމަވެސް ކައްފާރާ ދިނުން ވާޖިބު ނުވާހުއްޓެވެ.

ދަންނާށެވެ! ރަމަޟާން މަހުގައި ރޯދައަށް ހުރެ ކުރާ ޝުބުހައެއްކަމުގައިވާ ޖިމާޢުއަކީ ރޭގަނޑުން ބައެއް ހުރިކަމާއި، ފަޖުރުލައްޖެކަމާއިމެދު ޝައްކުވާޙާލުގައި ކުރާ ޖިމާޢު ފަދަ ޖިމާޢުއެވެ. ދެންފަހެ އެންމެ ޞައްޙަ ބަހުގައި ޖިމާޢުވުމުގައި ކައްފާރާ ދިނުންހުރީ ފިރިހެނާގެ މައްޗަށެވެ.

ފަހެ ރޯދަމަހުގައި ޢަމްދުން ގަސްތުގައި ރޯދަ ވިއްލައިފިނަމަ ދެން ބާކީ އޮތްބައިގައި އިމްސާކަށް (ކެއުން ބުއިމުންދުރުވުން) ހުރުމާއެކު އެރޯދަ ޤަޟާކުރުން ވާޖިބުވާހުއްޓެވެ.

އަދި ހަމަ އެހެންމެ ރަމަޟާންމަހުގެ ރޯދައަށް ރޭގަނޑު ނިޔަތްގަތުން އަޅައިފިމީހާގެ މައްޗަށާއި، އިރުއޮއްސިޖޭހިތައި ރޯދަވީލި މީހާގެ މައްޗަށާއި، ޝަޢްބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރޯދަމަހުގެ އެއްވަނަ ދުވަސްކަން އެމީހާއަށް ބަޔާންވެއްޖެމީހާގެ މައްޗަށާއި ، އަނގަޔަށް ނުވަތަ ނޭފަތައް ފެންލުމުގައި މުބާލަޣާ ކުރުމުގެ ސަބަބަނުން އެތެރެހައްޓަށް ފެން އިސްވެގެން ފައިބައްޖެމީހާގެ މައްޗަށާއި، މިއެންމެންގެ މައްޗައް އެފާއިތުވީ ރޯދަ ޤަޟާކުރުމާއެކު، ދުވަހުން ބާކީ އޮތްބައިގައި އިމްސާކަށް (ކެއުންބުއިމުން ދުރުވުން) ހުރުން ހުއްޓެވެ. މިހެނީ މިއިން ކޮންމެ ކަމެއް ވެދިޔައީ އެމީހާގެ އިހުމާލުންނެވެ.  އަދި ގަސްތުގައި ފަރުޟު ރޯދަ ދޫކޮށްފިމީހަކު އެކަމަށް ތައުބާވުންވެސް ހުއްޓެވެ. و الله أعلم

 

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!