އިސްލާމީ ޝަރީޢަތުގައި ރޯދަ – ދެވަނަބައި

ރޯދަ ފާސިދުކުރާ ކަންތައްތަކާއި، އެއާ ގުޅިފައިވާ އެހެނިހެން ޙުކުމްތައް
ދެންފަހެ ރޯދަ ގެއްލޭ ކަންކަމުގެ ތެރޭގައި ހަށިގަނޑަށް އެއްޗެއް ވާސިލުވާންހުރި ދޮރުތަކުގެ ތެރެއިން ދޮރަކުން އެއްޗެއް މީހާގެ އެތެރެހައްޓަށް ވާސިލުވެއްޖެނަމަ ރޯދަގެއްލިދާހުއްޓެވެ. އަދި ހަމަ އެހެންމެ ދެދޮރުންކުރެ ދޮރަކުން ބޭހެއްކުޅަގޮތަކުން އެތެރެހައްޓަށް އެއްޗެއް ވާސިލުވުމާއި، ނުވަތަ އެކުން ފުރައި އަނގަޔަށް ނުވަތަ ނޭފަތަށް ފެންލުމުން އެތެރެހައްޓަށް ވާޞިލުވެއްޖެނަމަ ރޯދަގެއްލިދާހުއްޓެވެ.
ފަހެ ފުރައިހަމަކޮށް އަނގަޔަށް ނުވަތަ ނޭފަތަށް ފެންލުމަކާނުލައި މިދެކަމަކުންކުރެ ކަމަކުން ފެންފޮދެއް ވާޞިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ. އަދި ހަމަ އެހެންމެ އެއްޗަކުން ވަސްބެލުމުންނާއި، ވަހެއްގެ އަސަރު ބޮލުގެތެރެއަށް ވަނަސް ރޯދަނުގެއްލޭނެއެވެ. އަދި ހަމައެހެންމެ އެއްޗަކުން ރަހަބަލަން އުޅުމުގެތެރޭގައި އެއިގެ ރަހަ ކަރުތެރެއަށް ވާސިލުވިޔަސް، އަދި ލޮނުން ކޯދޮންނައިރު އޭގެ ރަހަ ކަރުތެރެއަށް ދިޔަޔަސް، ނުވަތަ ހުޅުވިގެންވާ ދޮރެއްނޫން ތަނަކުން ވާޞިލުވި އެއްޗަކުން ރޯދަ ނުމެގެއްލޭނެއެވެ. މިސާލަކަށް ލޮލުގަ އަޅާ އަދުނުގެ އަސަރު ކަރުތެރެއަށް ފޭބިޔަސް ނުވަތަ އިސްތަށީގައިލާ ތެލުގެ އަސަރު އިސްތަށިބުޑުން ހަށިގަނޑަށް ވާސިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ.
ދަންނާށެވެ! އެދުންވެރިކަމާއެކު ބީހުމުން މަނި ފައިބައިފިނަމަ ރޯދަގެއްލިދާހުއްޓެވެ. ނަމަވެސް ފިކުރުކުރުމުން، ނުވަތަ ލަދުވެތިތަނެއް ބަލައިގެން، ނުވަތަ ނިދީގައި މަނިބޭރުވިޔަސް އެމީހެއްގެ ރޯދަނުގެއްލޭނެއެވެ. އަދި ހަމަ އެހެންމެ އެމީހާގެ ރުހުމަކާނުލައި ގަދަކަމުން އަނގަޔަށް އެއްޗެއް އަޅައި ކައްވައިފިނަމަވެސް، ރޯދަނުގެއްލޭހުއްޓެވެ. އަދި ހަމަ އެހެންމެ ހަނދާންނެތިވެގެން ކެއުމާއި، އަދި ހަނދާންނެތިވެގެން އަނބިމީހާއެކު އެއްދާންކުރިއަސްވެސް ރޯދަ ނުގެއްލޭނެއެވެ.
ދެންފަހެ ފަޖުރު ނުލާހެން ހީވަންޏާ ކެއުން ހެޔޮވާނެއެވެ. އަދި އިމާމު ނަވަވީ ވިދާޅުވެފައިވާ ގަދަބަހުގެ މައްޗަށް ،ފަޖުރުލުމާމެދު ޝައްކުވިޔަސް ކެއުން ހެޔޮވާހުއްޓެވެ. އެހެނީ އަސްލަކީ ރޭގަނޑު ވުމެވެ. ދެންފަހެ ފަޖުރުލުމާއިމެދު، ނުވަތަ އިރު އޮއްސުމާމެދު އިޖުތިހާދުކޮށް ކެއިނަމަ މިބަހީ ތިމާގެ ފިކުރުން ފަޖުރުނުލައޭހިތައި، ނުވަތަ އިރު އޮއްސިއްޖޭ ހިތައި ކައިފުމަށްފަހު އެމީހާގެ އިޖުތިހާދު ކުށްކަން އެމީހާ އަށް ފަހުން ބަޔާންވެއްޖެނަމަ އެމީހާގެ ރޯދަ ބާޠިލު ވެދާހުއްޓެވެ.
ފަހެ އެމިހާ ކާއެއްޗެހި އަނގައިގައި ވަނިކޮށް ފަޖުރުލައިފިނަމަ ،އެޙާލުގައި އެ އެއްލައިލަފިނަމަ އެމީހާގެ ރޯދަ ޞައްޙަވާނެއެވެ. އެކެއުމުން އެތިކޮޅެއްވިޔަސް ދިރުވައިލައިފިނަމަ އެމީހާގެ ރޯދަ ޞައްޙަނުވާހުއްޓެވެ. އަދި އެމީހާ އަށް އެގުމަކާއިނުލައި އެއިން އެތިކޮޅެއް ކަރުތެރެއަށް ދިޔަސް ރޯދަ ނުގެއްލޭނެ ކަމަށް ޝާފިޢީ މަޒުހަބުގެ މުޖުތަހިދު ދަންނަބޭކަލެއްކަމުގައިވާ ނަވަވީ އިމާމު ރައުޟާގައި ބަޔާންކުރައްވާފައިވެއެވެ.

ފަހެ އަނބިމީހާއާ އެކު ޖިމާޢުވާން އޮއްވާ ފަޖުރުލައިފިނަމަ އަދި އެޙާލުގައި ލުހެލައިފިނަމަ މަނިފޭބިޔަސް ރޯދަ ޞައްޙަވާހުއްޓެވެ. ފަޖުރުލައިފިކަން ނުދެނެހުރެ ލަސްވެއޮތަސް އެނގުނު ހިނދު ނިގުޅައިލައިފިޔަސް ރޯދަ ބާޠިލުވެދާހުއްޓެވެ.

ރޯދައިގެ ކައްފާރާ
ރަމަޟާން މަހު ދުވާލު ޝުބުހައެއްނެތި ޖިމާޢުކޮށް ރޯދަ ފާސިދުކުރިމީހާގެ މައްޗައް އެރޯދަ ޤަޟާކުރުމާއެކު ކައްފާރާ ދިނުން ވާޖިބުވާ ހުއްޓެވެ. ފަހެ ޖިމާޢުވުން ނޫންކަމަކުން ރޯދަގެއްލުވާލައިފި މީހާގެ މައްޗަށް ކައްފާރާދިނުން ވާޖިބު ނުވާހުއްޓެވެ. މިގޮތުން އަމިއްލައަށް އެދުންފުއްދުމުގެ ސަބަބުން މަނިބޭރުވިޔަސް، ނުވަތަ ތަނެއްބަލައިގެން، ނުވަތަ ފިކުރުކުރުމުގެ ސަބަބުން ބޭރުވިޔަސް ކައްފާރާއެއް ދޭކަން ނުޖެހޭނެއެވެ. އެމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އެރޯދަ ޤަޟާކުރުމެވެ. އެހެނީ ކައްފާރާ އަކީ ހަމަ އެކަނި ރޯދަމަހުގެ ޙުރުމަތް ކަނޑައި ޤަސްތުގައި ޖިމާޢުވާ މީހާގެ މައްޗަށް އޮތް ކަމެއްކަމުގައި ނައްޞުގައި ވާތީއެވެ. އެނޫން ކަމަކުން ކައްފާރާ ދޭންޖެހޭނެ ކަމެއް އައިސްފައިވާކަމަށް އެނގިފައެއްނުވެއެވެ.
ފަހެ ނަދުރު ރޯދައާއި، ރަމަޟާންމަހުގެ ޤަޟާރޯދަފަދަ، ރަމަޟާންމަސް ނޫން މަހެއްގައި ހިފާ ފަރުޟުރޯދައެއް ނުވަތަ ސުންނަތް ރޯދައެއް ޖިމާޢުވުމަކުން، ފާސިދުކުޅަޔަސް ކައްފާރާއެއް ވާޖިބެއްނުމެނޫނެވެ. އަދި ދަތުރުވެރިޔާ ރޯދައަށް ހުރެފައި ޤަސްތުގައި ޖިމާޢުވިޔަސް އެންމެ ޞައްޙަކަން ބޮޑު ބަހުގައި ކައްފާރާދިނުން ވާޖިބު ނުވާހުއްޓެވެ. ރޯދައަށް ހުރެފައި ހަނދާންނެތިވެގެން ކެއުމަށްފަހުގައި އެކަމުން ރޯދަގެއްލިދާނެކަމަށް ހީވެ، ޖިމާޢުވުމުންނާއި، ނުވަތަ ރޯދައަށް ނިޔަތް ގަތުމަށްފަހު ފަޖުރުނުލާކަމަށް ހީކޮށް ޖިމާޢުވީ ފަހުން ފަޖުރުލައްޖެކަން އެނގިއްޖެނަމަވިޔަސް ކައްފާރާ ދިނުން ވާޖިބު ނުވާހުއްޓެވެ. ދަންނާށެވެ. ރަމަޟާން މަހުގައި ރޯދައަށް ހުރެ ކުރާ ޝުބުހައެއްކަމުގައިވާ ޖިމާޢުއަކީ ރޭގަނޑުން ބައެއްހުރިކަމާއި، ފަޖުރުލައްޖެކަމާއިމެދު ޝައްކުވާޙާލުގައި ކުރާ ޖިމާޢުފަދަ ޖިމާޢުއެވެ.
ފަހެ ރޯދަމަހުގައި ޢަމްދުން ރޯދަ ވީއްލައިފިނަމަ ދެން ބާކީ އޮތްބައިގައި އިމްސާކަށް ހުރުމާއެކު އެރޯދަ ޤަޟާކުރުން ވާޖިބުވާހުއްޓެވެ. އަދި ހަމަ އެހެންމެ ރަމަޟާންމަހުގެ ރޯދައަށް ރޭގަނޑު ނިޔަތްގަތުން އަޅައިފިމީހާގެ މައްޗަށާއި، އިރުއޮއްސިޖޭ ހިތައި ރޯދަވީއްލި މީހާގެ މައްޗަށާއި، ޝަޢްބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރޯދަމަހުގެ އެއްވަނަ ދުވަސްކަން އެމީހާއަށް ބަޔާންވެއްޖެމީހާގެ މައްޗަށާއި، އަނގަޔަށް ނުވަތަ ނޭފަތައް ފެންލުމުގައި މުބާލަޣާ ކުރުމުގެ ސަބަބުން އެތެރެހައްޓަށް ފެން އިސްވެގެން ފައިބައްޖެމީހާގެ މައްޗަށާއި، މިއެންމެންގެ މައްޗައް އެފާއިތުވީ ރޯދަ ޤަޟާކުރުމާއެކު، ދުވަހުން ބާކީ އޮތްބައިގައި އިމްސާކަށް ހުރުން ހުއްޓެވެ. މިހެނީ މިއިން ކޮންމެ ކަމެއްވެދިޔައީ އެމީހާގެ އިހުމާލުންނެވެ. و الله أعلم

ރަމަޟާންމަހުގައި ވީއްލާރޯދަ
ރަމަޟާންމަހުގައި ވީއްލާރޯދަ ހައެކެވެ. އެއީ :
1- ރޯދަވިލުން ވާޖިބުވެ އެވީއްލި ރޯދަ ޤަޟާކުރުން ވާޖިބުވާ ރޯދައެވެ. އެއީ ޙައިޟުވެރިޔާއާއި، ނިފާސްވެރިޔާގެ ރޯދައެވެ.
2- ޤަޟާކުރުން ވާޖިބުވުމާއެކު ވީއްލަން ހެޔޮވާ ރޯދައެވެ. އެއީ ދަތުރުވެރިޔާގެ ރޯދައާއި، ބަލިމީހުންގެ ރޯދައެވެ.
3- ފިދުޔަ ދިނުމާއެކު ޤަޟާކުރުން ވާޖިބުވާ ރޯދައެވެ. އެއީ ތިމާނޫން މީހަކުގެ މައްޗަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައި ދޫކޮށްލެވޭރޯދައެވެ. މީގެ މިސާލަކީ މައިމީހާ އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ލިބިދާނެހެން ހީވެގެން އެމައިމީހާ ދޫކޮށްލާރޯދައެވެ.
4- ޤަޟާކުރުން ވާޖިބުނުވެ ފިދުޔަދިނުން ވާޖިބުވާ ރޯދަ، މިކަންހުރީ ރޯދަހިފުމަށް ނުކުޅެދިއްޖެ މުސްކުޅިކަން ބޮޑުވެފައިވާ މީހާއެވެ. މިމީހާ ރޯދަ ވީއްލުން ހެޔޮވެ، މުއްދު ދިނުން ވާޖިބުވާ ހުއްޓެވެ.
5- ފިދުޔަދިނުން ވާޖިބުނުވެ ޤަޟާކުރުން ވާޖިބުވާ ރޯދައެވެ. މިރޯދަތައް ގިނައެވެ. މިސާލަކަށް، ހަނދާންނެތި ނިޔަތް ނުގަންނަ މީހާއާއި، ޖިމާޢުވުން ނޫންފަދަ ކަމަކުން ޤަސްދުގައި އަމްދުން ރޯދަ ވީއްލާ މީހާފަދަ މީސްމީހުންގެ ރޯދައެވެ. ފަހެ ޖިމާޢުވެއްޖެނަމަ އެމީހާގެ މައްޗަށް އެރޯދަ ޤަޟާކުރުމާ އެކު ކައްފާރާދިނުން ވާޖިބުވެގެންވެއެވެ.
6- ޤަޟާއެއްވިޔަސް، ފިދުޔައެއްވިޔަސް ދިނުން ވާޖިބުނުވުން. އެއީ މޮޔަމީހާގެ ރޯދައެވެ، އެއީ އެމީހާއަކީ އަސްލުގައިވެސް ތަކުލީފް ލިބިގެންނުވާ މީހަކަށްވާތީއެވެ.

ރޯދަވެރިއާ އަށް މަކްރޫހަވެގެންވާ ކަންތައްތައް
1- މީހުންނަށް ނުބައި ބަސްގޮވުން.
2- ރޯދަވީލުން ފަސްކުޅައުން، އެބަހީ އިރު އޮއްސިއްޖެކަން އެގުމުންވެސް، ޤަސްދުގައި ފަސްކުޅައުމެވެ.
3- ދަތުން އެއްޗެހި ހެފުން، ދަންނާށެވެ! ހަފައިފައިދިނީމާ ކައިއުޅޭދަރިއެއް ގެންގުޅޭ އަމާ އަށް ރޯދައަށް ނެތް އެކަން ކޮށްދޭނޭ މީހަކުނުވާނަމަ އެ އަމާއަށް އެކަން ކުރުން މަކްރޫހަވެގެނެއްނުވެއެވެ.
4- އެއްޗެތީގެ ރަހަބެލުން.
5- ކަވާޖެހުނުން.
6- ނާރުގެއްސުން. ދަންނާށެވެ! އިމާމު ނަވަވީ މިމައްސަލަ ރައުޟާގައި ބަޔާންކުރައްވާފައިވަނީ، އެއީ އައުލާކަން ބޮޑުވެގެންވާގޮތާއި ޚިލާފްކަމެއްގެ ގޮތުގައެވެ.
7- ޝަހުވަތްތެރިކަން ނުހިލޭ މީހާ އަނބިމީހާ ގައިގައި ބޮސްދިނުން، ފަހެ ޝަހުވަތު ހިލިދާނެނަމަ އެކަންކުރުން ހުއްދަވެގެން ނުވެއެވެ.
8- ޝަހުވަތާއެކު ހަލާލުތަނެއްބެލުން. ފަހެ ބެލުން ޙަރާމް ތަނެއް ބެލުމަކީ ޢަމްދުން ހަރާމް ކަމެކެވެ.

އެތެރެހައްޓަށް ވާސިލުވިޔަސް ރޯދަ ނުގެއްލޭ ތަކެތި
މީގެ ތެރެއިން ބައެއްކަންތައް ބުނެވިހިނގައްޖެއެވެ. ނަމަވެސް ހަނދާންކުޅައުމަށާއި، އިތުރުކުރުމަށް ބޭނުންވާތީ މިވާހަކަ ގެނައީއެވެ. ދަންނާށެވެ. އެމީހާގެ ރުހުމަކާއި ނުލައި، ނުވަތަ އެއީ ޙަރާމްކަމެއްކަން ނޭނގިހުރެ، ނުވަތަ ހަނދާންނެތުމުން ވިޔަސް އެތެރެހައްޓަށް އެއްޗެއް ވާސިލުވިޔަސް ރޯދަ ނުގެއްލޭހުއްޓެވެ. އަދި ހަމަ އެހެންމެ ފިލުވައިލަން ނުކުޅެދިއްޖެ ކާއެތިކޮޅެއްގެ މަތިން ކުޅުހިނގައިގެން ވާސިލުވާ އެއްޗެހިން ވެސް ރޯދަ ނުގެއްލޭނެއެވެ. އަދި ހަމަ އެއާއެކު އެތެރެހައްޓަށް ހިރަފުސް ވާސިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ. އަދި ހަމަ އެހެންމެ އަނގަ ހުޅުވައިގެން ހުއްޓާ، މެހި، މަދިރި ފަދަ އެއްޗެއް ކަރުތެރެއަށް ވާސިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ. و الله أعلم

ރޯދަވެރިއާ ކުރުން ސުންނަތްވެގެންވާ ބައެއްކަންތައްތައް .
ރޯދަވެރިޔާކުރުން ސުންނަތްކަން ގަދަވެގެންވާ ތިންކަމެއްވެއެވެ. އެއީ :
1- ހާރުކެއުން.
2- ހާރުކެއުން ފަސްކުރުން.
3- ރޯދަވީލުން އަވަސްކުރުން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައި ވެއެވެ. ( تسحروا فإن في السحور بركة ، ولا يزال الناس بخير ما عجلوا الفطر ، و أخروا السحور ) މިބަސްފުޅުގެ މާނައަކީ : “ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހާރުކެއުމުގައި ބަރަކާތްހުއްޓެވެ. އަދި (ރޯދަވީއްލާ ވަގުތު އައުމުން) އަވަހަށް ރޯދަވީއްލުމާއި، (ވީހާވެސް ވަގުތާއި ގާތްކޮށް) ހާރުކެއުން ލަސް ކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައިނުދާނެއެވެ.”
އަދި ހަމަ އެހެންމެ ކަދުރުން ރޯދަވީއްލުމަކީ ސުންނަތްވެގެންވާގޮތެވެ. ދެންފަހެ ކަދުރު ނުލިބިއްޖެމީހާ ފެނުން ރޯދަވީލުމަށްވެސް ސުންނަތުގައި އިރުޝާދު ދެއްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގައިވެއެވެ. (إذاكان أحدكم صائما فليفطر على التمر ، فإن لم يجد فعلى الماء فإنه طهور) މިބަސްފުޅުގެ މާނައަކީ : “ތިޔަބައިމީހުންކުރެ މީހަކު ރޯދައަށްހުރެއްޖެނަމަ އެމިހާ ކަދުރުން ރޯދަ ވީއްލާހުށިކަމެވެ. ދެންފަހެ ކަދުރުން ރޯދަވީއްލާން ނުލިބިއްޖެނަމަ ފަހެ ފެނުން ރޯދަވީއްލާހުށިކަމެވެ. ފަހެ އެއީ ޠާހިރު ކުރާ އެއްޗެކެވެ.” (މީގެ މުރާދަކީ އެހެންތަކެތީގައި ނެތްފަދަ، ޠަހޫރުކަމުގެ ސިފަތައް އޭގައި ފުރިހަމަވެގެންވާ އެއްޗެކެވެ.)
އަދި ހަމަ އެހެންމެ ރޯދަވީއްލުމާއެކު މިފަދައިން ދުޢާ ކިއުންވެސް ސުންނަތްވެގެންވެއެވެ. (اللهم إني لك صمت ، وبك آمنت ، و عليك توكلت ، وعلى رزقك أفطرت) މިދުޢާގެ މާނައަކީ : “އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ ! މިއަޅާ އިބަރަސްކަލާނގެ ކިބަފުޅަށް ރޯދަހިފީމުއެވެ. އަދި އިބަރަސްކަލާނގެއަށް މިއަޅާ އީމާންވަމުއެވެ. އަދި އިބަރަސްކަލާނގެއަށް ވަކީލުކުރީމުއެވެ. އަދި އިބަރަސްކަލާނގެ ދެއްވި ރިޒުގުން ރޯދާ ވީއްލަމެވެ.” އަދި މިނޫނަސްވެސް ތިމާއަށާއި، ތިމާގެ މައިންބަފައިންނަށާއި އަނބިދަރީންނާއި އެންމެހައި އިސްލާމުންނަށް، އެވަގުތުގައި ހެޔޮދުޢާކުރުމަކީ ހެޔޮކަމުގެ ތެރެއިންވާ ކަމެކެވެ. އަދި އެވަގުތަކި ދުޢާ އިޖާބަކުރެއްވޭ ވަގުތެއްވެސް މެއެވެ.

ރޯދަވެރިޔާ ދޫކޮށްލުން މުސްތަޙައްބު ބައެއްކަންތައްތައް
ރޯދައަށްހުންނަމީހާ ދޫކޮށްލުން މުސްތަޙައްބު ކަންކަމުގެ ތެރޭގައި، ކަވާޖެހުމާއި، ނާރުގެއްސުމާއި، ޝަހުވަތު ހިލިދާނޭފަދަ މީހަކުނަމަ އަނބިމީހާއާއެކު ލޯބިކުޅައުމާއި، ރޯދަ ބާޠިލުނުވިޔަސްވެސް ރޯދައިގެ އަސްލު ޙިކުމަތާއި އަރާރުންވާފަދަ ކަންތައްތައް ކުރުމާއި، ކެއުމުގެ ރަހަބެލުމާއި، ދަތުން އެއްޗެހި އުފުރުމާއި، މީރުވަސްދުވާ އެއްޗެތީގެ ވަސްބެލުމާއި، ޣީބަބުނުމާއި، ދޮގުހެދުމާއި، ދެބައޮޑުވުމާއި، މިފަދަ ހުރިހާކަމަކުން ސަލާމަތްވެހުރެ ރޯދަ ފުރިހަމަކުރުމަކީ ރޯދަވެރިއާގެ މައްޗަށް ސުންނަތްވެގެންވާ ކަމެކެވެ. ފަހެ މިކަންތައްތަކަށް އަރައިގަތުން، ރޯދައިގެ ޙިކުމަތް ގެއްލި ދިޔައީއެވެ. އެފަދަ މީހަކު ކެއުންބުއިން ދޫކޮށްފައި ތިމާ މިހިރީ ރޯދައަށޭބުނެ ހުރުމަކީ ފައިދާއެއް އޮތް ކަމެއްނޫނެވެ.

ފިޠުރު ޒަކާތުގެ ވާހަކަ
ރަމަޟާންމަހުގެ ރޯދައަށްފަހު ދެން މުއުމިނުން އަވަސްވެގަންނަނީ ފިޠުރުޒަކާތް ދިނުމަށެވެ. އެއީ އެބައިމީހުން ރަމަޟާންމަހުގައި ކުރި އަޅުކަންތައް ﷲ ޤަބޫލުކުރައްވާތޯއެވެ. މިހެންކަމުން ފިޠުރު ޒަކާތާބޭހޭގޮތުންވެސް ކޮންމެވެސް އެއްޗެއް ނުބުނެ ދޫކޮށްލަން ހިތްހަމައެއްނުޖެހެއެވެ.
ދެންފަހެ ފިޠުރުޒަކާތުގެ އަސްލަކީ އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ މާތް ޙަދީޘްފުޅުތަކެވެ. އޭގެތެރޭގައި އިބުނު އުމަރު ރިވާކުރެއްވި ޙަދީޘް ވެއެވެ. މިޙަދީޘްފުޅުގެ މާނައިގައި ވެއެވެ. “މުސްލިމުންގެ ތެރެއިންވާ ބޮޑެތިމީހުންނާއި، ކުޑަކުދީންނާއި، ފިރިހެނުންނާއި، އަންހެނުންނާއި، އަޅުންނާއި، މިނިވަނުންގެ މައްޗަށް، ކަދުރުން ނުވަތަ ހިމަ ގޮދަނުން ޞާޢެއް ދިނުން ފަރުޟު ކުރެއްވިއެވެ.” މިޙަދީޘް ރިވާކުރައްވާފައިވަނީ ބުޚާރީ އިމާމެވެ.

ފިޠުރު ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް
އެކަންކަމަކީ :
1. އިސްލާމަކު ކަމުގައިވުން.
2. ރަމަޟާންމަހުގެ ފަހު ދުވަހު އިރުއޮސްފުހުނުމެވެ.
3. ތިމާ ނަފަޤާތްދިނުން ވަޖިބުވާ މީހުންނާއި، ތިމާޔާއި، ޢީދު ދުވަހާއި، ޢީދު ވިލޭރޭ ކާނޭތަކެއްޗަށްވުރެން އިތުރަށް އެއްޗެއްހުރުމެވެ.
ފަހެ މި ތިން ޝަރުތު ފުރިހަމަ ނުވާނަމަ ފިޠުރު ޒަކާތް ވާޖިބު ނުވާހުއްޓެވެ. ދަންނާށެވެ. މަސްމަހަށް މުސާރަ ދީގެން ގެންގުޅޭ މުސާރަ ވެރީންގެ ކިބައިން ފިޠުރު ޒާކާތް ނެރުން މުސާރަ ދޭމީހާގެ މައްޗައް ވާޖިބު ނުވާހުއްޓެވެ. ޒިނޭގެދަރިއާގެ ކިބައިން ފިޠުރު ނެރުން ވާޖިބުވާހުށީ އަމާގެ މައްޗަށެވެ. މިހެނީ އެކުއްޖާގެ ނަފަޤާތްވެސް ވާޖިބުވަނީ އެ އަމާގެ މައްޗަށް ކަމުގައި ވީތީ އެވެ.

ފިޠުރު ޒަކާތް ދިނުން ވާޖިވާ މިންވަރު
އާދެ! ފިޠުރު ޒަކާތް ދިނުން ވާޖިބުވާ މިންވަރަކީ ޞާޢެކެވެ. ޞާޢަކީ ހަސަތޭކަ އަށްޑިހަ ފަސްދިރުހަމާއި، ދިރުހަމަކު ހަތްބައިކުޅަ ފަސްބައެވެ. ދިރުހަމަކީ ބައި ކުޅަދެވެ. ދެން ފަހެ ޞާޢަކީ ހަތަރު މުއްދެވެ. މުއްދަކީ ސަތޭކަ ހަތްދިހައެއް ދިރުހަމާއި ދިރުހަމަކު ހަތްބައިކުޅަ ތިންބައެވެ.

ފިޠުރު ޒަކާތް ދިނުން ވާޖިބުވާ ވަގުތު
ފިޠުރު ޒަކާތަކީ ރަމަޟާންމަހުގެ ފަހުކޮޅު ދޭންޖެހޭ އެއްޗެއްކަމަށް ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވައެވެ. ނަމަވެސް ސީދާ އެ ދޭން ޖެހޭ ވަގުތަކީ ކޮބައިކަމާމެދު އެބޭކަލުންގެ މެދުގައި ޚިލާފެއް އައިސްފައި ވެއެވެ. ދެންފަހެ އިމާމު ޘައުރީ އާއި، އިމާމް އަޙްމަދާއި، އިމާމު އިސްޙާޤާއި، މިބޭކަލުންނާއި، އަދި އިމާމު ޝާފިޢީގެ އާ މަޒުހަބުގައާއި، އިމާމު މާލިކު އަރިހުން އައިސްފައިވާ އެއްރިވާޔަތުގައި، ފިޠުރުޒަކާތް ނެރުން ވާޖިބުވާ ވަގުތަކީ ރަމްޟާން މަހު ފަހު ދުވަހު އިރު އޮއްސުމުން، ޢީދު ވިލޭރޭގައެވެ. އެހެނީ އެވަގުތަކީ ރަމްޟާން މަސް ނިމޭ ވަގުތު ކަމުގައި ވާތީ އެވެ.
އަދި އިމާމު އަބޫޙަނީފާއާއި އިމާމުއްލައިޘް، އަދި ޝާފިޢީގެފާނުގެ ކުރީގެ މަޒުހަބުގައާއި ،އިމާމު މާލިކުގެ އަރިހުން އައިސްފައިވާ ދެވަނަ ރިވާޔަތުގައި ފިޠުރު ޒަކާތް ނެރެންވާޖިބުވާ ވަގުތަކީ ޢީދު ދުވަހު ފަޖުރުލުމަށްފަހުއެވެ. މިއިން ކޮންމެ ގޮތަކަށް ޢަމަލުކުރިޔަސް އެންމެ ރަނގަޅެވެ. ޝަރުޠަކީ ޢީދު ނަމާދުގެ ކުރިން އޭގެ ހައްޤުވެރިންނަށް އެފޯރުކޮށްދިނުމެވެ.

ފިޠުރު ޒަކާތް ވާޖިބުވާ ވަގުތަށްވުރެ ކުރިން ދިނުން
ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެ ދުވަސްކުރިން ފިޠުތު ޒަކާތް ނެރެވިދާނެ ކަމަށް ގިނަ ދަންނަބޭކަލުން ވިދާޅުވެއެވެ. ހަމަ އެފަދައިން ޢީދު ދުވަހަށް ވުރެން ލަސްކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށްވެސް އެބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ.

ފިޠުރު ޒަކާތް ދެވޭފަރާތްތައް
ފިޠުރު ޒަކާތްވެސް ރައްދުކުރުން ވާޖިބު ވަނީވެސް މުދަލު ޒަކާތް ރައްދުކުރުމަށް ﷲ ކަނޑަ އަޅުއްވާފައިވާ ފަރާތްތަކަށެވެ. އެކަލާންގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. “ޞަދަޤާތުގެ ތަކެތި ވާކަންކަށަވަރީ ފަޤީރުންނަށާއި މިސްކީނުންނަށެވެ. އަދި އެއާއިމެދު (އެބަހީ، ތަކެތި އެއްކޮށްބަހައި، އެނޫނަސް އެތަކެއްޗާއިމެދު) މަސައްކަތްކުރާ މީހުންނަށެވެ. އަދި އެބައިމީހުންގެ ހިތްތައް އެކުވެރިކުރަށްވާފައިވާ މީހުންނަށެވެ. (އެއީ އެބައިމީހުންގެ ފަރާތުން އިސްލާމުންނަށް ނުރައްކާތެރިކަމެއް އަތުވެދާނެކަމަށް ހީވާބައަކު މަތަކުރުމަށާއި އަލުން އިސްލާމްވުން އުންމީދު ކުރެވޭ ބައަކު އިސްލާމް ކުރުމަށާއި މިބާވަތުގެ ކަންތައްތަކެވެ. އޭގެ ތަފްޞީލު ފިޤުހު ފޮތްތަކުގައި ވެއެވެ.) އަދި އަޅުން މިނިވަން ކުރުމުގައްޔާއި، ދަރަނިވެރީންނަށެވެ. އަދި ﷲ ގެ މަގުގައި ޖިހާދު ކުރާމީހުންނަށާއި، ޙާލުގައި ޖެހިފައިވާ ދަތުރު ވެރީންނަށެވެ. ﷲ ގެ ހަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲ އީ ދެނެވޮޑިގެންވާ ޙިކުމަތްވަންތަ ރަސްކަލާންގެ އެވެ.”

ފިޠުރު ޒަކާތް ނެރުމުގެ ޙިކުމަތް
އިސްލާމުން ދިރިއުޅޭ މުޖުތަމަޢަކީ އެއްބަނޑު އެއްބަފާ، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރި މުޖުތަމަޢެއް ކަމުގައި ރަމްޒުކޮށްދިނުމަށާއި، އަދި އެފިޠުރު ޒަކާތަކީ ރަމަޟާންމަހުގެ ރޯދަވެރިއާގެ ފާފަތައް ފުއްސަވައިދެއްވުމަށް އެދި ކުރެވޭ ޞަދަޤާތެއްކަމުގައި ވުމަށެވެ. ފިޠުރު ޒަކާތް ވާޖިބު ކުރެއްވީ ހިޖުރައިން ދެވަނަ އަހަރު ޝަޢުބާން މަހުގައެވެ.
އިމާމު އަބޫދާވުދް އިބުނު ޢައްބާސްގެފާނުގެ އަރިހުން ރިވާކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “މިސްކީނުންނަށް ކާނާއެއްގެ ގޮތުގައްޔާއި، ރޯދަވެރިއާ ރޯދައަށް ހުރި އިރު ކުރެވިފައިވާ ފައިދާއެއްނުވާކަންކަމާއި، ބުނެވިފައިވާ ހުތުރުބަސްތަކުން ޠާހިރުކޮށްދޭ އެއްޗެއްގެ ގޮތުގައި، ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޠުރު ޒަކާތް ވާޖިބު ކުރެއްވިއެވެ. ފަހެ ޢީދު ނަމާދުގެ ކުރިން އެޒަކާތް އަދާކޮށްފިމީހާގެ ކިބައިން ޤަބޫލު ކުރެއްވޭ ހުއްޓެވެ. އަދި ޢީދު ނަމާދު ފަހުން އަދާކޮށްފިނަމަ ފަހެ އެޒަކާތަކީ ޞަދާޤާތުގެ ތެރެއިންވާ އެއްޗެކެވެ.”

ފިތުރުޒަކާތާއި މުދަލުޒަކާތުގެ ހުރި ތަފާތު
1- މުދަލުން ޒަކާތްދިނުމަކީ އިސްލާމްދީނުގެ ރުކުނެވެ.
2- މުދަލުން ޒަކާތްނުދިން މީހާގެ އަތުން ގަދަކަމުން ޙާކިމަށް ޒަކާތް ނެރެވެއެވެ.
3- މުދަލުން ޒަކާތްދިނުމަށް އިންކާރުކުރާމީހާ އަކީ މުރުތައްދުވެފައިވާ މީހެކެވެ.
4- މުދަލުން ޒަކާތްނުދޭ މީހާ އެ އަދާކުރަންދެން ހަނގުރާމަވެސް ކުރެވިދާނެއެވެ.
5- މުދަލު ޒަކާތަކީ ކީރިތި ޤުރުއާނުގެ ޤަޠްޢީ ދިލާލަތުން ރުކުނެވެ.
6- މުދަލު ޒަކާތަކީ ރުކުނެއްކަމަށް މިއްލަތުގެ މުޢްތަބަރު އިމާމުން އިޖުމާޢުވެފައި ވެއެވެ.
7- ފިޠުރު ޒަކާތަކީ ވާޖިބެކެވެ.
8- އަދި ބައެއް ޢިލްމުވެރިން އެއީ ވަޖިބެއްތޯ އާ މެދު ޚިލާފްވެފައި ވެއެވެ.
9- ފިޠުރު ޒަކާތް އަދާނުކުރިއަސް މިއްލަތުން ބޭރުނުވާނެއެވެ. ނަމަވެސް ކުޅަދާނަކަން ހުރިމީހާ އެކަން ނުކޮށްފިނަމަ ފާފަވެރިވާނެކަން ކަށަވަރެވެ.

ދެންފަހެ ރޯދައާއި އެއާ ގުޅިފައިވާ ބައެއް ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑު ލިއުނު މިމަޒްމޫނު ނިމުނީއެވެ. މީގެ މަޢްލޫމާތުގައި އެއްވެސް ކުށެއްވާނަމަ ކިއުންތެރިންގެ ފަރާތުން އަޅުގަނޑު އެދެނީ އަޅުގަނޑާ ގުޅުއްވައި، ޞައްޙަ ގޮތް ބަޔާންކޮށް ދެއްވުމެވެ. ޝައްކެއްނެތް ގޮތުގައި އެއްވެސް އިންސާނަކު ކުރާކަމަކީ މުޅިން ފުރިހަމަ ކަމެއްނޫނެވެ. އަޅުގަނޑުގެ ހެޔޮދުޢާ އަކީ ﷲ ތައާލާ މިބަޔާންކުރެވުނު މަޢްލޫމާތުން އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ފައިދާއާ މަންފާކުރުމުގެ ތަވްފީޤް ދެއްވުމެވެ. އެކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.

މަޢްލޫމާތުގެ މަޞްދަރުތައް :
1- القرآن الكريم .
2- ޒުހުރުލް ކަމާލާތު ފީ އަޙްކާމިލް ޢިބާދާތި/ އަލްޢައްލާމާ ޢަލީ އެދުރު ތަކުރުފާނު.
3- ފިޤުހުއްސުނާ / އަލްއުސްތާޛް ސައްޔިދު ސާބިޤް.
4- އަލްމުހައްޛަބު ފީ ފިޤްހިލް އިމާމިއްޝާފިޢީ / އަލްއިމާމުއްޝިރާޒީ.
5- ތަޢުލީމުއްދިޔާނާ / އަލްއުސްތާޛު މުހައްމަދު ޖަމީދު

ނިމުނީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!