އިސްލާމީ ޝަރީޢަތުގައި ރޯދަ – ފުރަތަމަބައި

الحمد لله الذي كتب علينا الصيام و جعله من أركان الإسلام ، و الصلاة و السلام على من بلغ رسالة ربه ، سيدنا محمد و على آله و صحبه و سلم ، و يعد :
އާދެ! އެހެނިހެން އުންމަތްތަކުގެ މީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެއްވުނު ފަދައިން މާތް ﷲ، މުޙައްމަދުގެފާނުގެ އުންމަތުގެ މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެއްވިއެވެ. އެއީ އެކަލާނގެ ކިބަފުޅަށް ބިރުވެތިވެ ތަޤުވާވެރިވުމަށެވެ. ދެންފަހެ ރަމަޟާންމަހުގެ ދުވަސްތައް އަޅުގަނޑުމެންނާއެކު ތަކުރާރުވަމުންދާއިރު، ރޯދައާއިބޭހޭގޮތުން ބައެއްފަހަރު ބޭނުންވެދާނެ މަޢުލޫމާތު ތަކެއްވެސް ވާނެކަންޔަޤީނެވެ. މިހެންކަމުން އަޅުގަނޑު މި މަޒްމޫނު ޚާއްޞަކޮށްލާނީ ރޯދައާއި އޭގެ ބައެއް ޙުކުމުތަކާއި، އަދި ފިޠުރު ޒަކާތުގެ މައްޗަށްވެސް ކޮންމެވެސް ވަރަކަށް އަލި އަޅުވާފައިވާ ލިއެވޭ މަޒްމޫނެއްގެ ގޮތުގައެވެ. ﷲ ތައުފީޤް ދެއްވާށި އާމީން.

ރޯދައިގެ ތަޢުރީފް
(الصيام) މިއީ ޢަރަބި ލަފްޒެކެވެ. ޢަރަބި ބަހުގައި އެބަހުގެ މާނައަކީ ހަނުހުރުމެވެ. މިލަފްޒު ހަނުހުރުމުގެ މާނައިގައި ކީރިޤުރުއާނުގެ މަރްޔަމް ސޫރަތުގެ 26 ވަނަ އާޔަތުގައި ﷲ ތަޢާލާ މަރްޔަމްގެފާނަށް ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. “ދެން ކަމަނާއަށް މީހަކު ފެނިއްޖެނަމަ ބުނާށެވެ. ހަމަކަށަވަރުން އަހުރެން މިއިނީ ރަޙްމާންވަންތަ ރަސްކަލާނގެ ކިބައަށް ރޯދަހިފުމަށް ނަދުރު ގަނެގެންނެވެ! ވީމާ އަދު އަހުރެން، އެއްވެސް މީހަކާ ވާހަކަދައްކައި އުޅޭކަށްނެތީމެވެ.” މިތަނުގައި މިލަފްޒުގެ މުރާދަކީ ވާހަކަނުދައްކައި ހަނުހުރުމެވެ.

ދެންފަހެ ރޯދައިގެ ޝަރުޢީ މާނައަކީ : ފަޖުރުލީއްސުރެން ރޯދަހިފުމުގެ ނިޔަތުގައި، އިރުއޮއްސިއްޖައުމަށް ދާންދެން އެރޯދަ ގެއްލައިފަނިވި ކަންކަމުން މަނާވެގެންހުރުމެވެ.

ރޯދަފަރުޟުކުރެއްވިކަމުގެ ދަލީލު :
ރަމަޟާންމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމަށް ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އުންމަތުގެ އިޖުމާޢުގައި އައިސްފައިވެއެވެ. މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. “އޭ އީމާންވީ މީހުންނެވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗައް ރޯދަ ފަރުޟުކުރެއްވުނުފަދައިން، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.

ކީރިތި ރަސޫލާގެ ސުންނަތް : (بني الإسلام على خمس ، شهادة ألا إله إلا الله و أن محمدا رسول الله ، و إقام الصلاة ، و إيتاء الزكاة ، و صيام رمضان ، وحج البيت) މިބަސްފުޅުގެ މާނައަކީ : “އިސްލާމްދީން ބިނާވެފައިވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ ﷲގެ އެއްކައުވަންތަކަމަށް ހެކިވުމާއެކު މުޙައްމަދުގެފާނީ ﷲ ގެރަސޫލާކަމަށްހެކިވުމާއި، ނަމާދުޤާއިމުކުރުމާއި، ޒަކާތްދިނުމާއި. ރަމްޟާން މަހު ރޯދަހިފުމާއި، ގެފުޅަށް ޙައްޖުވުމެވެ.”

އުންމަތުގެ އިޖުމާޢު : މުޙައްމަދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބަވީ ޙަޔާތުން ފެށިގެން އަދާހަމައަށް، ރޯދަމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމާއި، އެއީ އިސްލާމްދީނުގެ އެއްރުކުންކަމުގައްޔާއި، އެއަށް އިންކާރުކުރާމީހާއަކީ ކާފިރުވެ މުރުތައްދުވެ އިސްލާމުންގެ މިއްލަތުން ބޭރުވެފައިވާ މީހެއްކަމަށް މިއުންމަތް އިޖުމާޢުވެފައިވެއެވެ. ރޯދަ ފަރުޟުކުރެއްވުނީ ހިޖުރައިން ދެވަނައަހަރު ޝަޢްބާންމަހުގެ ދެވަނައަށްވީ ހޯމަދުވަހު އެވެ.

ރަމަޟާންމަހާއި އެމަހުގެ ރޯދައިގެ މާތްކަން
ރަމަޟާންމަސް ގާތްވުމުން އެމަހުގެ މާތްކަން އުއްމަތަށް ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅެއްގައިވެއެވެ. (قد جاءكم شهر مبارك ، افترض الله عليكم صيامه ، تفتح فيه أبواب الجنة ، و تغلق فيه أبواب الجحيم ، و تغل فيه الشياطين ، فيه ليلة خير من ألف شهر ، من حرم خيرها ، فقد حرم) މިބަސްފުޅުގެ މާނައަކީ “ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ ތިޔަބައިމީހުންގެ މައްޗަށް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެއްހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމް ވެއްޖެއެވެ.” މިޙަދީޡް ރިވާކުރެއްވީ އަލްއިމާމް އަޙްމަދާއި، އަލްއިމާމު ނަސާއީއާއި، އަލްއިމާމު ބައިހަޤީއެވެ. އަދި ރަމަޟާންމަހުގެ ރޯދައާ ބެހޭގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައިވެއެވެ. “من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه” މާނައީ : “ﷲ ގެ އެއްކައުވަންތަކަމަށް އިމާންވުމާއެކު އެކަލާނގެ ހަޟްރަތުން ސަވާބާއި ދަރުމަ އެދޭ ޙާލު ރަމަޟާންމަހު ރޯދަހިފައިފިމީހާ ދަންނާށެވެ. އެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިއްޖެއެވެ.” މިޙަދީޡް ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމެވެ.

ރޯދަ ވާޖިބު ވުމުގެ ޝަރުޠުތައް
ރޯދަ ވާޖިބު ވުމުގެ ޝަރުޠުތައް އެއީ:
1- އިސްލާމަކު ކަމުގައި ވުން
2- ބާލިޣުވެފައިވުން
3- ބުއްދިހުރުން
4- ރޯދަހިފުމަށް ކުޅަދާނަވުން
5- ޤާއިމްވެހުރި މީހަކު ކަމުގައިވުން (ދަތުރުވެރިއަކު ކަމުގައި ނުވުން) މިއެވެ.

މިހެންކަމުން، ކާފިރުމީހާއާއި، ކުޑަކުއްޖާއާއި، މޮޔަމީހާއާއި، ގަނޑުވެފައިވާ މީހާއާއި، މަސްތުވެފައިވާ މީހާއާއި، މުސްކުޅިކަންބޮޑުކަމަށްޓަކައްޔާއި، ފަސޭހަނުވާފަދަ ބައްޔެއްހުރިކަމަށްޓަކައި ރޯދަ ހިފުމަށް ނުކުޅެދިފައިވާ މީހާއާއި، ދަތުރުވެރިޔާއާއި މިބުނެވުނު އެންމެންގެ މައްޗަށް ރޯދަ ވާޖިބު ނުވާހުއްޓެވެ.

ރޯދަ ޞައްޙަ ވުމުގެ ޝަރުޠުތައް
1- އިސްލާމަކު ކަމުގައިވުން
2- ބުއްދިނުފިލައިހުރުން
3- ޙައިޟު ނިފާސްފަދަ ކަންކަމުން ޠާހިރުވެ އިނުން.
4- ވަގުތުވަނުން (ފަރުޟު ރޯދަނަމަ ރަމަޟާންމަހަށް ހަނދުބެލުން.) މިއެވެ.

ދެންފަހެ ކާފިރުވެފައިވާމީހާ އާއި، މޮޔަވެފައިވާ މީހާއާއި، ޙައިޟް، ނިފާސްވެރިޔާއާއި، ވަގުތުގެކުރިން ރޯދަހިފާ މީހާގެރޯދަ ޞައްޙައެއް ނުވާނެއެވެ.

ރޯދައިގެ ރުކުންތައް
ދެންފަހެ ރޯދައިގެ ރުކުންތައް ތިނެކެވެ.
1- ފަރުޟު ރޯދައަށް ރޭގަނޑު ނިޔަތްގަތުން.
2- ހިފާރޯދަ ޢައްޔަންކުޅައުން(ޢައްޔަންކުޅައުމަކީ ހިފާރޯދައެއްނަމަ އެރޯދައަކީ ފަރުޟުރޯދައެއްކަން ނުވަތަ ސުންނަތް ރޯދައެއްނަމަ އެކަންވެސް ނިޔަތުން ޢައްޔަންކުޅައުމެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. ދުލެއްނޫނެވެ. ދުލުން ކިއުމަކީ ޝަރުޠެއްނޫންކަމަށް ޝާފިޢީ މަޒުހަބުގެ އެންމެ ބޮޑު މުޖުތަހިދު ޢިލުވެރިއެއްކަމުގައިވާ އަލްއިމާމު ނަވަވީ އެކަލޭގެފާނު ލިއުއްވި ރަވްޟާގައި ބަޔާންކުރައްވާފައިވެއެވެ).
3- ރޯދަގެއްލޭކަންކަމުން ދުރުވެގަތުން. މިއެވެ.

ނުނިމޭ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!