ފޭރާއި އޭގެ ސިއްޚީ ފައިދާ

ފޭރަކީ އަނގަޔަށްމީރު ހަށިގަނޑަށް ފައިދާހުރި މޭވާ އެކެވެ. ފޭރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހައްދާ މޭވާ އެކެވެ. އަނގަޔަށްމީރު މިމޭވާގައި އެކުލެވޭ ސިއްޚީ ފައިދާތަކަށް ބަލާލާއިރު:

ހަކުރުބަލިން ރައްކާތެރިކޮށްދިނުން
ފޭރުގެ ކޮންމެ 100 ގ އެއްގައި 5.4 ގ ފައިބަރ އެކުލެވޭ ކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ. ފޭރުގައި ގިނަ އަދަދަކަށް ފައިބަރ އެކުލެވުމުގެ ސަބަބުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮށްދީ ހަށިގަނޑުން ހަކުރު ބޭނުންކުރާ މިންވަރު ދަށްކޮށްދެއެވެ.

ކެންސަރުން ރައްކާތެރިކޮށްދިނުން
ފޭރުގެ ކޮންމެ 100 ގ އެއްގައި 5204 މައިކްރޯ ގްރާމް ލައިކޯޕީން އެކުލެވޭ ކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ. ފޭރުގައި ގިނަ އަދަދަކަށް ލައިކޯޕީން އެކުލެވުމުގެ ނަތީޖާއެއްގެ ގޮތުން ޕްރޮސްޓޭޓް ކެންސަރާއި، އުރަމަތީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެ އެވެ.

ލޭގެ ޕްރެޝަރ އެއްވަރެއްގައި ހިފަހައްޓައިދިނުން
ފޭރުގެ ކޮންމެ 100 ގ އެއްގައި 417 މިލިގްރާމް ޕޮޓޭސިއަމް އެކުލެވެއެވެ. ޕޮޓޭސިއަމް ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ހިތުގެ ވިންދު އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ފޭރުގައި އެކުލެވޭ ފައިބަރ ގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދީ، ލޭގެ ސަރުބީގެ މިންވަރު ދަށްކޮށްދީ، ލޭމައްޗަށްދިއުމާއި ހާޓް އެޓޭކް ޖެހުން ފަދަ ހިތުގެ ބަލިތަކާއި ދުރުކޮށްދެއެވެ.

ލޮލުގެ ފެނުން ރަނގަޅުކޮށްދިނުން
ކެރެޓާއި މަހުގެ ބާވަތްތަކާއި އެއްގޮތަށް ފޭރަކީވެސް ލޮލުގެ ފެނުން ރަނގަޅުކޮށް ދިނުމުގައި އެހީތެރިވެދޭ ކާނާ އެކެވެ. ފޭރުގެ ކޮންމެ 100 ގ އެއްގައި 624 އައިޔޫ ވިޓަމިން އޭ އެކުލެވެއެވެ. ވިޓަމިން އޭ ލޮލުގެ ފެނުން ރަގަޅުކޮށްދީ ލޮލުގެ ބަލިތަކުން ސަލާމަތްކޮށް ރައްކާތެރިކޮށް ދެ އެވެ.

މީގެ އިތުރުންވެސް ހަށިގަނޑަށް އެތައް ފައިދާ ތަކެއް ލިއްބައިދޭ މާއްދާތައް ފޭރުގައި އެކުލެވެއެވެ. އެހެންކަމުން ފޭރަކީ ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް އާދަކޮށް ކެއުން ރަނގަޅު މޭވާ އެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!