ރަނުގެ އަގު އެނގެނީ ހަމައެކަނި ރަންހަދާ މީހުންނަށެވެ.

ސުކޫލެއްގައި ޤުރުއާން ކިޔަވަމުން ދިޔަ ކުއްޖެކެވެ. އެއްދުވަހަކު ގައިން ތާހިރުވުމަށްޓަކައި ފައިސާދީގެން ފެންވެރެން ހުންނަ ތަނަކަށް (ޕޭ ޓޮއިލެޓް) މިކުއްޖާ ގޮސް އެތަނުގެ ވެރިމީހާ ކައިރީގައި މިކުއްޖާ ބުންޏެވެ. “އަހަރެން އަތުގައި ދެ ޤިރާން (ފައިސާ) އެއް ނެތެވެ. އެކަމަކު އޭގެ ބަދަލުގައި އަހަރެން ތިބާއަށް ޤުރުއާނުން ބައެއް ކިޔަވާލަދޭނަމެވެ. އެކަމަކު އެތަނުގެ ވެރިޔާ އެގޮތަކާ އެއްބަހެއް ނުވިއެވެ. ތަނުގެ ވެރިމީހާއަށް ވިސްނައިދީ އޭނާ އެގޮތާއި ރުހޭތޯ މިކުއްޖާ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އެއްވެސް ކުރިއެރުމެއް ނުލިބުން މީނާ އަމިއްލަ ނަފްސަށް ބުންޏެވެ. “10 ޤުރުއާން ކިޔެވުން 2 ޤީރާން (ފައިސާ) ގެ އަގު ނެތްނަމަ، އަހަރެން މި ޤުރުއާން ކިޔެވުމުގައި އަހަރެންގެ ވަޤުތުތައް ބޭކާރު ކުރަންވީ ކީއްވެހެއްޔެވެ؟

އެއަށްފަހު އޭނާ ސުކޫލަށްދިއުން ހުއްޓާލިއެވެ.

މިކުއްޖާ ކިޔަވަން ނާންނަތާ ދުވަސްކޮޅެއްވުމުން އެއްދުވަހަކު، އެކުދިންގެ މުދައްރިސް ކިލާސް ކުދިން ކައިރީގައި މިކުއްޖާއަށް ވީ ކިހިނެއްތޯ ސުވާލުކުރިއެވެ. ދެން އެކުދިން މިކުއްޖާއަށް ވީގޮތް ކިޔައިދިނެވެ.

ކަންތައްވެފައިވާ ގޮތް ކިޔައިދިނުމުން، މުދައްރިސް މިކުދިންލައްވައި އެކުއްޖާ ގެނެސް އޭނާގެ އަތަށް (ރަން) އަނގޮޓިއެއް ދެމުން ބުންޏެވެ. “ތަރުކާރީ މާރުކޭޓަށްގޮސް ބޯވެލި ފަތް ގަނެފައި މިއަނގޮޓި އަގުގެ ގޮތުގައި ދޭށެވެ.” މިކުއްޖާ މާރުކޭޓަށްގޮސް މުދައްރިސް ބުނިގޮތަށް ބޯވެލި ފަތް ގަތުމަށްފަހު އަނގޮޓި، އަގުގެ ގޮތުގައި އަދާކުރަން އުޅުމުން ފިހާރައިގެ ސޭޓު އެއްގޮތަކަށްވެސް އެކަމާ އެއްބަސް ނުވުމުން، އެނބުރި މުދައްރިސްގެ ގާތަށް ދިޔައެވެ.

މިކުއްޖާ އެނބުރި އައުމުން، މުދައްރިސް މިކުއްޖާއަށް ނަސޭޙަތް ދިނީ ރަންހަދާ މީހާގެ ކައިރިއަށްގޮސް ފައިސާއަށް ބަދަލުކުރުމަށްފަހު، ދެން މާރުކޭޓަށްގޮސް ބޯވެލި ފަތް ގަނެގެން އައުމަށެވެ. ރަން ހަދާމީހާ ކައިރިއަށް މިކުއްޖާ ގޮސް އަނގޮޓި ދިނުމުން ރަން ހަދާމީހާ ބުންޏެވެ. “އެނބުރިދާށެވެ. ސަބަބަކީ އަހަރެންގެ އަތުގައި ތިޔަ އަނގޮޓިއަށް އެކަށީގެންވާ އަގުދިނުމަށް ފައިސާއެއް ނެތެވެ.”
މިހިސާބުން މުދައްރިސް މިކުއްޖާ އަށް ބުންޏެވެ. “ރަނުގެ އަގު އެނގެނީ ހަމައެކަނި ރަންހަދާ މީހުންނަށެވެ.”

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!