އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ – ތާރީޚުގެ ތެރެއަށް ނަޒަރެއް (11)

6 ވަނަ ބާބު – ޢަރަބި އިޒްރޭލުގެ ހަނގުރާމަތަކާއި ކުރިމަތިލުންތައް (ހ) ޢަރަބީންނާ އިޒްރޭލާ ދެމެދުގައި ބޮޑެތި ހަނގުރާމަތައް ކަމުގައި ބެލެވޭ ތިން ހަނގުރާމަ ހިނގާފައި ވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހަނގުރާމައަކީ 1948 ވަނަ އަހަރުގެ ހަނގުރާމައެވެ. ކުރީ ބާބުގައި ދެންނެވިފައި ވާނޭ ފަދައިން މި ހަނގުރާމަ ފެށުނީ އެ އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހު ޢަރަބި ފަސް ޤައުމަކުން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރުމާ ވިދިގެންނެވެ. 1949 ވަނަ އަހަރުގެ ކުރީކޮޅާ ހަމަޔަށް ދެމިގެން ދިޔަ މި ހަނގުރާމައަކީ އިޒްރޭލް ޤަބޫލުކުރާ ގޮތުގައި އެ ޤައުމުގެ “މިނިވަންކަމުގެ ހަނގުރާމަ” އެވެ. އެއީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އިޒްރޭލް ވުޖޫދުގައި ދެމިއޮތީ އެ ހަނގުރާމައިގައި ލިބުނު ކާމިޔާބުގެ ސަބަބުން ކަމުގައި ވާތީއެވެ. އިޒްރޭލުގެ ދައުލަތް އިޢުލާންކުރުމާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރި ފަސް ޤައުމަކީ މިޞުރާއި ލުބްނާނާއި ޢިރާޤާއި ސީރިއާއާއި ޓްރާންސްޖޯރޑަނެވެ. އިޒްރޭލުގެ ދިފާޢުގައި ތެދުވީ “އިޒްރޭލީ ޑިފެންސް ފޯރސަސް” ގެ ނަމަށް ނަން ބަދަލުކުރެވިފައިވާ ކުރީގެ ހަގާނާގެ ފައުޖުތަކެވެ. ހަނގުރާމަ ފެށުމާއެކު އެންމެ ފުރަތަމަވެސް ފެންނަން ފެށީ ޢަރަބި ލީޑަރުން ޔަހޫދީންގެ އަސްކަރީ ޤާބިލިއްޔަތާ މެދުގައި ކުރި ޝައްކުތަކުގެ ޙަޤީޤަތެއް ނެތްކަމެވެ. ޢަރަބީން އެންމެ ފުރަތަމަ ޤަބޫލުކޮށްގެން ތިބީ ދާދި ފަސޭހައިން ޔަހޫދީ ސިފައިން ބަލިކޮށްލެވޭނެ ކަމުގައެވެ. ފަލަސްޠީނުގައި ތިބި ޔަހޫދީންގެ އާބާދީ އެކީގައި ހުޅަނގު ފަރާތަށް ކޮއްޕައި މެޑިޓަރޭނިއަން ކަނޑަށް ޣަރަޤުކޮށްލުމަކީ ދާދި ފަސޭހަކަމެއް ކަމުގައެވެ. ނަމަވެސް ހުޅަނގުގެ އެންމެ ޒަމާނީ ހަތިޔާރުން ހަތިޔާރު އަޅައިގެން އޮތް އިޒްރޭލީ ޑިފެންސް ފޯރސަސްގެ ރައްދު ފެނުނީ ވަރަށް ވަރުގަދަކޮށެވެ. އެހެންކަމުން ހަނގުރާމަ ފެށިގެން ދިޔައީ އެއް ފަރާތަކަށްވެސް ބޮޑެތި ކާމިޔާބުތަކެއް ނުލިބިއެވެ. އަނެއްކޮޅުން، ފަލަސްޠީނުގެ މައްސަލައަށް ދެ ފަރާތް އެއްބަސްވާ ޙައްލެއް ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އދ. އިން ކަނޑައަޅާފައި ހުންނެވި ސަފީރު ކައުންޓް ފޯލްކް ބާރނަޑޯޓް އޭނާގެ ޒިންމާ އަދާކުރެއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވިއެވެ. އޭނާގެ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުނއެއް މަސް ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލަން ދެ ފަރާތް އެއްބަސްވިއެވެ. ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމުގެ މި އެއްބަސްވުމުގެ ދަށުން 1948 ވަނަ އަހަރުގެ ޖޫން މަހުގެ މެދުތެރެއަކާ ހިސާބުން ފެށިގެން ޖުލައި މަހުގެ މެދުތެރެއާ ހަމަޔަށް ހަނގުރާމަ ހުއްޓިފައި އޮތެވެ. މިގޮތުން ލިބުނު މުއްދަތު އިޒްރޭލުން ބޭނުންކުރީ ޗެކޮސްލޮވޭކިޔާއާއި ހުޅަނގުގެ އެހެން ބައެއް ޤައުމުތަކުން ހަތިޔާރުގެ އިތުރު ޝިޕްމަންޓުތައް ގެނައުމަށެވެ. ޖުލައި މަހު އަނެއްކާވެސް ހަމަލަތައް ފެށުމާއެކު ޔަހޫދީ ސިފައިން އެބައިމީހުންގެ ޒަމާނީ ހަތިޔާރުތަކާއެކު ޢަރަބީންގެ ސަފުތައް ސުންނާފަތި ކުރަމުން ހުރިހާ ދިމާއަކުން ކުރިއަރަން ފެށިއެވެ. ދާދި އަވަހަށް އެބައިމީހުން ޓެލް އަވީވްގެ ސަރަހައްދުން ޢަރަބި ހަނގުރާމަވެރީން ހުސްކޮށްލިއެވެ. ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އދ. ގެ މީޑިއޭޓަރ ކައުންޓް ބާރނަޑޯޓް އަނެއްކާވެސް ހާ ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަކީ އދ. ގެ އަސްލު ޕްލޭނާ އެއްގޮތަށް އަލްޤުދުސް ބައިނަލް އަޤުވާމީ ޒޯނެއްގެ ގޮތުގައި ބާއްވާފައި ނިގިވް ސަހަރާ ޢަރަބީންނަށް، އަދި ގެލިލީގެ ސަރަހައްދު ޔަހޫދީ ދައުލަތަށް ދިނުމުގެ ހުށަހެޅުމެވެ. އަދި ގެދޮރުން ބޭރުކޮށްލެވިފައިވާ ޢަރަބީންނަށް އެބައިމީހުންގެ ވަޒަނަށް އެނބުރިއައުމުގެ ހުއްދަ ދިނުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ. މިގޮތުން ޙާލުގައި ޖެހިފައިވާ ޢަރަބީންނަށް ހަމްދަރުދީވެވަޑައިގަތުމުގެ އަގު އަދާކުރައްވަން ކައުންޓް ބާރނަޑޯޓަށް ޖެހިވަޑައިގެންނެވީ އޭނާގެ ފުރާނަފުޅުންނެވެ. ޢަރަބީންނަށް އެއްވެސް އެއްޗެއް ދޭން ހަރުކަށި ޔަހޫދީން ބޭނުމެއް ނުވެއެވެ. އެހެންކަމުން ޢަރަބީންނަށް އެބައިމީހުންގެ ގެދޮރަށް އެނބުރި އާދެވޭނޭ ވާހަކަ ދައްކާ މީހަކީ ދުނިޔޭގައި ހުރުމުގެ ޙައްޤު ލިބިފައިވާ މީހެއް ކަމަކަށް ޔަހޫދީން ނުބެލިއެވެ. ވުމާއެކު ކައުންޓް ބާރނަޑޯޓްގެ އާ ހުށަހެޅުއްވުން ހުށަހެޅުއްވި ދުވަހުގެ ފަހު ދުވަހު އިޒްރޭލުގެ ސްޓަރން ޓެރަރިސްޓް ގޭންގުގެ މީހުން އޭނާ އަވަހާރަކޮށްލިއެވެ. މި ފުރުސަތުގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ ކައުންޓް ބާރނަޑޯޓަކީ 1945 ވަނަ އަހަރުގެ ކުރީކޮޅު ޖަރުމަނުގެ ކޮންސެންޓްރޭޝަން ކޭމްޕުތަކުން 31000 ޔަހޫދީން ސަލާމަތްކުރެއްވުމުގައި އަމިއްލަފުޅަށް އިސްނަންގަވައިގެން ބޮޑެތި މަސައްކަތްކުރެއްވި ބޭފުޅެއް ކަމެވެ. ނަމަވެސް ޢަރަބީންނަށް ހަމްދަރުދީވެ ވަޑައިގެން، އެބައިމީހުންގެ ޙައްޤުތަކުގެ ތެރެއިން ކުޑަ މިންވަރެއް އެބައިމީހުންނަށް ދޭން ޖެހޭނެކަމަށް ވިދާޅުވުމުން ޔަހޫދީ ޓެރަރިސްޓުންގެ ކުރިމަތީގައި އޭނާ ވެގެން ދިޔައީ ޝަރީއަތެއް ނެތި ކުއްތާއެއް ފަދައިން މަރާލަން ޖެހޭ މުޖުރިމަކަށެވެ! އިޒްރޭލުގެ ލަޝްކަރުތަކުގެ ކުޅަދާނަކަމާއި އެބައިމީހުންގެ ވަރުގަދަ ހަތިޔާރުތަކުގެ ކުރިމަތީގައި ޢަރަބީންނަށް ހިފަހައްޓައިނުލެވުމުގެ ނަތީޖާއަކީ ޢަރަބި ޤައުމުތައް ޤައުމަކަށް ފަހު ޤައުމެއް ހަނގުރާމަ ހުއްޓާލަން އެއްބަސްވުމެވެ. ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އުރުދުންގެ ރަސްގެފާނު އަމީރު ޢަބްދުﷲ އިޒްރޭލާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެއްވިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން، 1949 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު މިޞުރުވެސް އިޒްރޭލާއެކު ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރިއެވެ. އެއަށްފަހު ލުބްނާނާއި ސީރިޔާއާއި ޢިރާޤުވެސް ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުންތަކުގައި ސޮއިކުރިއެވެ. މި އެއްބަސްވުންތަކުގެ ނަތީޖާއެއްގެ ގޮތުން އދ. ގެ ބައިކުރުމުގެ ޕްލޭނުގައި އިޒްރޭލަށް ދީފައިއޮތް ސަރަޙައްދުގެ އިތުރަށް 2500 އަކަމޭލުގެ ބިން އެ ޤައުމުގެ ބާރުގެ ދަށަށް ދޫކޮށްލުމަށް ހަނގުރާމަކުރި ޢަރަބި ޤައުމުތައް އެއްބަސްވިއެވެ. ހަމަ އެފަދައިން ޓްރާންސްޖޯރޑަންގެ ބާރުގެ ދަށަށް އިރުމަތީ ޤުދުސްގެ އިތުރުން ޖޫޑިއާއާއި ސަމާރިއާ ދިޔައެވެ. ފަހުން މި ދެންނެވި ދެ ސަރަޙައްދަކީ ގިނަ ޢަދަދަކަށް ޢަރަބީން އުޅެމުން ގެންދިޔަ ދެ ސަރަޙައްދެވެ. އަދި ފަހުން ހުޅަނގު އައްސޭރީގެ ނަމުގައި މަޝްހޫރުވެފައިވާ ދެ ސަރަޙައްދަކީ މިއެވެ. މިޞުރު މީހުންނަށް ލައްވާލީ ޢަރަބީންގެ ބޮޑު އާބާދީއެއް އޮތް ޣައްޒާ އެވެ. ފަލަސްޠީނުގެ ސިފައިންގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ޢަބްދުލް ޤާދިރުލް ޙުސައިނީ ހަނގުރާމައިގައި އަވަހާރަވިއެވެ. މި ހިސާބުން އުފެދޭ ސުވާލަކީ 600000 ޔަހޫދީންނާއި، 40 މިލިއަން ޢަރަބީންގެ ދެމެދުގައި ހިނގި ކުރިމަތިލުމެއް ދާދި ފަސޭހަކަމާއެކު ޔަހޫދީން ކާމިޔާބުކުރީ ކިހިނެއްތޯ މި ސުވާލެވެ! ދެ ފަރާތުން ހަނގުރާމައިގެ މައިދާނަށް ފޮނުވާފައި ތިބި ސިފައިންގެ ޢަދަދުގައި މާކަބޮޑު ތަފާތެއް ނެތެވެ. ޔަހޫދީ ލަޝްކަރުގައި ތިބި ކަމަށް އިޒްރޭލު ސަރުކާރުން ބުނާ ޢަދަދަކީ 30000 ސިފައިންނެވެ. އޭގެ އިތުރަށް އިރްގުނާއި ސްޓަރން ގޭންގުގެ ފަސް ހާހެއްހައި ޓެރަރިސްޓުންވެސް ހަނގުރާމައިގައި ބައިވެރިވިއެވެ. ޢަރަބި ފަސް ޤައުމުގެ ލަޝްކަރުތަކުގެ ޖުމްލައަކީ ސާޅީސް ހާހެވެ. ނަމަވެސް މީގެ ތެރެއިން ތިރީހަކަށް ހާސް ސިފައިންނަކީ ހަނގުރާމައިގެ އެއްވެސް ތަމްރީނެއް ލިބިފައި ނެތް މީހުންނެވެ. ޢަރަބީންގެ އަނެއް ބަލިފަޔަކީ އިންތިޒާމެއް ނެތުމާއި ހަނގުރާމައަށް ފުރިހަމަޔަށް ތައްޔާރުވެވިފައި ނެތުމެވެ. މިސާލެއްގެ ގޮތުން ހުޅަނގު ފަރާތުން ހަނގުރާމަކުރަމުން ގެންދިޔަ މިޞުރު ސިފައިންގެ ޖަމާޢަތްތަކަށް ކާބޯތަކެއްޗާއި ހަތިޔާރު ސަޕްލައިކުރުމުގެ ކަންތައް ސީނާގެ ސަހަރާގެ 250 މޭލުގެ ސަރަހައްދެއް ހުރަސްކޮށް ކުރަން ޖެހުނު އިރު އެ ކަން އޮތީ ބޭނުންވާ މިންވަރާ ގާތަށްވެސް ނުކުރެވިއެވެ. ޢަރަބީންނަށް ލިބުނު ނާކާމިޔާބީގެ މުހިއްމު އަނެއް ސަބަބަކީ ޢަަރަބީންގެ ލަޝްކަރުގައި ހަރުދަނާ، ހުނަރުވެރި، އަދި ސިފައިން އެ ޒައާމަތަކަށް ތަބާވާން ބޭނުން ވެގެން ތަބާވާ ޒައާމަތެއް ނެތުމެވެ. ޓްރާންސްޖޯރޑަންގެ ރަސްގެފާނު އަމީރު ޢަބްދުﷲ އަމިއްލަފުޅަށް ޢަރަބީންގެ ލަޝްކަރުތަކުގެ “ކޮމާންޑަރ އިން ޗީފް” ކަމުގެ ދަޢުވާ ކުރައްވައިގެން އުޅުއްވި ނަމަވެސް އޭނާގެ ކިބައިގައި ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ އެއްވެސް ސިފައެއް ނެތެވެ. ހަނގުރާމައިގެ ލަނޑުދަނޑިއަކީ ކޮބައިކަން ކަނޑައެޅުއްވުމުގައިވެސް އޭނާއަށް ކުރެއްވުނު ކަމެއް ނެތެވެ. އަދި ޢަރަބީންގެ ސިފައިންގެ ތެރެއިން ޓްރާންސްޖޯރޑަންގެ ފައުޖުތައް ފިޔަވައި އެހެނިހެން ޢަރަބީންގެ މެދުގައި އޭނާއަށް ތަބާވުމުގެ ރޫހެއްވެސް ނެތެވެ. މީގެ އިތުރަށް ހުރިހާ ޢަރަބި ލީޑަރުން ހަނގުރާމައިގައި ބައިވެރިވީ ކޮންމެހެން ހަނގުރާމަކުރުމުގެ އެދުމެއް އޮވެގެންވެސް ނޫނެވެ. މިޞުރުގެ ރަސްގެފާނު ފާރޫޤު އޭނާގެ ލަޝްކަރުތައް މައިދާނަށް ނެރުއްވީ ޢަރަބީންނަށް ޤައުމިއްޔަތުގެ ޒަމާނުގައި ދިމާވި އެންމެ ބޮޑު ކަންތަކުގައި ދުރުހެލިވެހުންނެވުމުގެ ސިޔާސަތެއް ގެންގުޅުއްވައިފިނަމަ ކުރިމަގުގައި ޢަރަބި ދުނިޔޭގައި މިޞުރަށް އޮތް މަޤާމު ގެއްލިދާނެތީއާއި، ޢަރަބި ލީގުން މިޞުރަށް ކުރިމަތިކުރަމުން ގެންދިޔަ ޕްރެޝަރުގެ ސަބަބުންނެވެ. ހަމަ އެފަދައިން ހަނގުރާމަ ކުރަމުން ގެންދިޔަ ޢަރަބި ކޮންމެ ޤައުމަކުންވެސް ބަލަމުން ގެންދިޔައީ ޢަރަބި އެހެން ޤައުމެއްގެ ބާރުގެ ދަށަށް އަލްޤުދުސް ނުދާނޭގޮތެއް ބަލަމުންނެވެ. 1948 ވަނަ އަހަރުގެ ހަނގުރާމައިގެ ވާހަކަ ދައްކާއިރު ފާހަގަކޮށްލަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ހަނގުރާމައިގައި ހާލުގައި ޖެހި ގެދޮރުން ބޭރުވެ ރެފިޔުޖީންނަށް ވެގެން ދިޔަ ހަތް ލައްކައަށްވުރެ ގިނަ ފަލަސްޠީނީ ރެފިޔުޖީންގެ މައްސަލައެވެ. ކުރީންވެސް ތަކުރާރުކޮށް ދެންނެވިފައި ވާނޭ ފަދައިން ހަނގުރާމައިގެ ތެރޭގައި ޔަހޫދީން ގެންދިޔައީ އެބައިމީހުންނަށް ހިފޭ ސަރަހައްދުތަކުން ޢަރަބީން ބޭރުކުރަމުންނެވެ. މިގޮތުން ބޭރުކުރެވުނު މީހުންނާއި، ޔަހޫދީ ސިފައިން އެ ހިސާބުތަކާ ކައިރިވުމުން ފުރާނަ ސަލާމަތްކުރުމަށްޓަކައި ގެދޮރު ދޫކޮށްފައި ދިޔަ މީހުން ފަލަސްޠީނުގެ އާބާދީގެ 70 އިން ސައްތައަށް އަރާކަމަށް އދ. ގެ ރަސްމީ ހިސާބުތަކުން ދައްކައެވެ. މި ޢަދަދު މިއަށްވުރެ ގިނަވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މީގެ ތެރެއިން 320000 މީހުން ދިޔައީ ފަލަސްޠީނުގެ އިރުމަތީ ފަޅީގައި ޓްރާންސްޖޯރޑަން، ނުވަތަ ޖޯރޑަންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަށެވެ. 210000 މީހުން ދިޔައީ ފަލަސްޠީނުގެ ހުޅަނގު ފަރާތުގައި މިޞުރުގެ ބާރުގެ ދަށުގައި އޮތް ޣައްޒާ އަށެވެ. ލުބްނާނަށް އެއް ލައްކައަށްވުރެ ގިނަ މީހުން ދިޔައިރު ސީރިއާއަށް 75000 މީހުން ދިޔައެވެ. މީގެ އިތުރުން ޓްރާންސްޖޯރޑަނާއި ޢިރާޤާއި މިޞުރަށްވެސް ކޮންމެވެސް ވަރަކަށް ދިޔައެވެ. މިގޮތުން ދިޔަ މީހުންނަށް ރައްޔިތުންގެ މަޤާމު ދޭކަށް ވަރަށް ގިނަ ސަބަބުތަކާހުރެ ޢަރަބި ލީޑަރުން ބޭނުމެއް ނުވިއެވެ. އެހެންކަމުން އެއިރުއްސުރެ އެބައިމީހުން މި ސަރަޙައްދުތަކުގައި އުޅެމުން އަންނަނީ ރެފިޔުޖީންގެ ގޮތުގައި ރެފިޔުޖީ ކޭމްޕްތަކުގައެވެ. މިގޮތުން ފަލަސްޠީނުގެ ބިންތައް ހުސްވެ ޔަހޫދީ އާބާދީތައް ހެދުމުގެ މަގު ހުޅުވިގެން ދިޔަ ދިޔުން ރައީސް ވެއިޒްމަން ސިފަކުރައްވާފައިވަނީ މާތްރަސްކަލާނގެ ޔަހޫދީންނަށް ދެއްވި “މުޢުޖިޒާތެއް” ގެ ގޮތުގައެވެ. 1948 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު އިޒްރޭލުގެ ކެބިނެޓާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ބޮޑު ވަޒީރު ބެން ގޫރިއަން ވިދާޅުވެފައިވަނީ ގެދޮރު ދޫކޮށްފައި ދިޔަ ޢަރަބީން ދުވަހަކުވެސް އެނބުރި ވަޒަނަށް އަޔަނުދެއްވާނެ ކަމުގައެވެ. 1948 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އދ. އިން އެ ޖަމްޢިއްޔާގެ މަޝްހޫރު 194 ވަނަ ޤަރާރު ފާސްކުރިއެވެ. މި ޤަރާރަކީ ޢަރަބި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ދެފަރާތް ވާހަކަ ދައްކައިގެން މަސައްކަތް ކުރުމަށް ގޮވާލައި، މިގޮތުން ސުލްހައިގެ މަޝްރޫއެއްގެ ބިންގާ އެޅޭނޭ ގޮތްތައް ކަނޑައެޅުމަށްޓަކައި ފާސްކުރެވުނު ޤަރާރެކެވެ. މި ޤަރާރުގެ ދަށުން ޢަރަބި އިޒްރޭލުގެ ސުލްޙައިގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި “ޕެލަސްޓައިން ކޮންސިލިއޭޝަން ކޮމިޝަން” ގެ ނަމުގައި ޚާއްސަ ކޮމިޝަނެއްވެސް އެކުލަވާލެވުނެވެ. މީގެ އިތުރަށް 194 ވަބަ ޤަރާރުގައި ގެދޮރުން ބޭރުވެފައިތިބި އެންމެހައި ޢަރަބީން އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ފުރުސަތު ދިނުމަށް އިޒްރޭލަށް ގޮވާލާފައި ވެއެވެ. ނަމަވެސް އެ ގޮވާލުމަށް އިޒްރޭލުން މިއަދާ ހަމަޔަށްވެސް އިޖާބަދީފައެއް ނުވެއެވެ. އަނެއްކޮޅުން ޔޫރަޕާއި އޭޝިޔާއިން މެދުކެނޑުމެއް ނެތި ޔަހޫދީން ދިޔައީ އޮހެމުންނެވެ. 1960 ވަނަ އަހަރާ ހަމަޔަށް ދިޔައިރު އިޒްރޭލުގެ އާބާދީ ވަނީ 2 މިލިއަނަށްވުރެ ބޮޑު ވެފައެވެ. މި މީސްމީހުންނަށްޓަކައި އެތައް ސަތޭކަ އަވަށަކާއި އާ ޝަހަރުތައް ބިނާކުރެވުނީ ގެދޮރު ދޫކޮށް ރެފިޔުޖީ ކޭމްޕުތަކުގައި ހާލުގައި ޖެހިފައި ތިބި ޢަރަބީންގެ ސަރަހައްދުތަކުގައެވެ. 1948 ވަނަ އަހަރުގެ ހަނގުރާމައަށްފަހު ދެން ޢަރަބީންނާ އިޒްރޭލާ ދެމެދުގައި މުހިއްމު ހަނގުރާމައެއް ހިނގާފައި ވަނީ 1967 ވަނަ އަހަރުއެވެ. ނަމަވެސް މި ހަނގުރާމަޔާ ބެހޭގޮތުން ވާހަކަދެއްކުމުގެ ކުރީން އަޅުގަނޑު ގަސްތު ކުރަނީ މި ދެމެދުގައި ވެއަތުވެ ދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ މުހިއްމު ތިން ހާދިސާއަކާ މެދުގައި ކުރު ގޮތަކަށް ބަލާލުމަށެވެ. މި ދަންނަވާ ތިން ހާދިސާގެ ތެރެއިން ފުރަތަމަ ހާދިސާއަކީ 1956 ގެ ސުއޭޒް ހަނގުރާމައެވެ. މި ހަނގުރާމަ ހިނގާފައިވަނީ މިޞުރުގެ ރައީސް ޖަމާލް ޢަބްދުއް ނާޞިރު މިޞުރުގެ ސުއޭޒް ކެނެލް ނެޝަނަލައިޒް ކުރައްވައި އޭގެ ސަބަބުން ސުއޭޒް ކެނެލަށް އިނގިރޭސީންނާއި ފަރަންސޭސީންގެ ކޮންޓްރޯލް ގެއްލިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެ ދެޤައުމު ބޭނުންވީ ބާރުގެ ބޭނުންކޮށްގެން ސުއޭޒްގެ މައްޗަށް އަތްގަދަ ކުރާށެވެ. މިގޮތުން މިޞުރަށް ހަމަލަ ދިނުމަށް ރޭވި ރޭވުން ފުރިހަމަވެގެން ދިޔައީ އިޒްރޭލުވެސް އެ ރޭވުމުގައި ބައިވެރިވެގެންނެވެ. 1956 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެންމެ ފުރަތަމަ މިޞުރަށް ހަމަލަ ދިނީ އިޒްރޭލުންނެވެ. އިޒްރޭލު ސިފައިން މިޞުރުގެ ލަޝްކަރު ފަހަތަށް ޖައްސައި ސީނާގެ ސަހަރާ އެކީގައި ހިފިއެވެ. އިނގިރޭސީންނާއި ފަރަންސޭސީންގެ ލަޝްކަރުތައްވެސް ކަނޑު މަގުން ޕޯރޓް ސަޢީދަށް އެރިއެވެ. ނަމަވެސް ބައިނަލް އަޤުވާމީ ޕްރެޝަރުގެ ސަބަބުން މި ތިން ޤައުމަށް މަޖުބޫރުވީ ހަނގުރާމަ ހުއްޓާލައި މިޞުރުގެ ސަރަޙައްދުން ފެއިބުމަށެވެ. ދެވަނަޔަށް އަޅުގަނޑު ބަލާލަން ބޭނުންވަނީ ފަތަޙް ޖަމާޢަތުގެ ޙަރަކާތްތައް ފުޅާވެގެން އައިސް، ފަލަސްޠީނުގެ މަސްރަޙުގައި މުހިއްމު ދައުރެއް ކުޅޭ ބަޔަކަށް އެ ޖަމާޢަތް ވެގެން ދިޔަ ދިޔުމަށެވެ. އެއީ 1950 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. ފަތަޙް ޖަމާޢަތުގެ އަސްލު ނަމަކީ ޙަރަކާތުއް ތަޙްރީރުލް ފަލަސްޠީން މިއެވެ. އެ ޖަމާޢަތް އުފެއްދުމުގައި އިސްވެތިބީ މިޞުރުގެ ވެރިރަށް ޤާހިރާގައި ކިޔަވަން އުޅުނު ފަލަސްޠީނުގެ ދަރިވަރުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަރާތަކީ ފަހުން ފަލަސްޠީނުގެ މިނިވަންކަމުގެ ހަނގުރާމައިގެ ރޫޙު ކަމުގައި ވެވަޑައިގެންނެވި އަބޫ ޢައްމާރު ޔާސިރު ޢަރަފާތެވެ. މި ޖަމާޢަތުގެ މެމްބަރުންގެ ޙަރަކާތްތަކަށް އެންމެ އެކަށީގެންވާ މާޙައުލެއް ލިބުނީ ސީރިޔާއިންނެވެ. އެހެންކަމުން ސީރިޔާގައި މަރުކަޒު ޤާއިމުކޮށްގެން ޖަމާޢަތުގެ ފިދާއީން އިޒްރޭލުގެ ސަރަޙައްދަށް ޙަމަލަތައް ދޭން ފެށިއެވެ. 1960 ގެ އަހަރުތަކުގައި ފިދާއީންގެ ސަބަބުން އިޒްރޭލަށް ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނެވެ. ބަދަލުގައ އިޒްރޭލުގެ ސިފައިން ގެންދިޔައީ ފިދާއީން އެ ޤައުމުތަކެއްގައި ތިބި ޤައުމުތަކުގެ ސަރަޙައްދަށް ވައިގެ ޙަމަލާތައް ދެމުންނެވެ. ނަމަވެސް މިފަދަ ޙަމަލާތަކުގެ ސަބަބުން ފިދާއީންގެ ޙަރަކާތްތަކަށް އެއްވެސް ކަހަލަ ހުއްޓުމެއް ނައެވެ. އިޒްރޭލުގެ ޕްރެޝަރުގެ ސަބަބުން އުރުދުން ފަދަ ޤައުމުތަކުގެ ސަރުކާރުތަކުންވެސް އެ ޤައުމުތަކުގައި ތިބި ފަލަސްޠީނީ ފިދާއީންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިޔައެވެ. ފިދާއީންގެ ޙަރަކާތްތައް ހުއްޓުވައި އެމީހުން ހައްޔަރުކޮށް ނެއްތައިލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މިފަދަ މަސައްކަތްތަކުންވެސް އެކަށީގެންވާ ނަތީޖާއެއް ނުނުކުމެއެވެ. (ނުނިމޭ…….)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!