ޞަޙާބީންގެ ވާހަކަ – އަބްދުﷲ ބުން އުންމު މަކްތޫމް(رضي الله عنه)

 

އަބްދުﷲ ބުން އުންމު މަކްތޫމަކީ(رضي الله عنه) މުއުމިނުތަކުންގެ މަންމަ ޚަދީޖާ ބިންތި ޚުވައިލަދު(رضي الله عنه) ދެބެންގެ ދެ ދަރި ބޭކަލެކެވެ. އެކަލޭގެ ފާނުންގެ ބައްޕާފުޅަކީ ޤައިސް ބިން ޒަޢިދެވެ. މަންމާ ފުޅަކީ އާތިކާ ބިންތި އަބްދުﷲ އެވެ.

އަބްދުﷲ ބިން އުންމު މަކްތޫމަކީ(رضي الله عنه)   އިސްލާމް ދީން ފާޅުވިތާ ކުރީކޮޅު އިސްލާމްދީނުގެ ހިދާޔަތު ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. މިހެންކަމުން އެ ދުވަސްވަރު ޤުރައިޝުންގެ ފަރާތުން މުސްލިމުންނަށް ލިބުނު އަނިޔާތަކާ، އަބްދުﷲ ބިން އުންމު މަކްތޫމަށްވެސް(رضي الله عنه)   ވަނީ ކުރިމަތިވެ ވަޑައިގެންފައެވެ. އެހެންނަމަވެސް އެކަލޭގެ ފާނަކީ ހިތްވަރު ގަދަ، ޤުރުބާންވެ ވަޑައިގަންނަން ކެރޭ ބޭފުޅެއް ކަމުން ޤުރައިޝުން މުސްލިމުންނަށް ކުރަމުން ދިޔަ ދުއްތުރާ ތަކުގެ ސަބަބުން އެކަލޭގެފާނުންގެ އީމާންތެރިކަން ބަލިކަށި ވުމުގެ ބަދަލުގައި އީމާން ތެރިކަން ދިޔައީ އިތުރުވަމުންނެވެ. އަދި ރަސޫލާއަށް ތަބަޢަވެ ވަޑައިގަންނަވާ މިންވަރުވެސް ދިޔައީ ދުވަހަކަށްވުރެއް ދުވަހެއް އިތުރުވަމުންނެވެ.

އަބްދުﷲ ބުން އުންމު މަކްތޫމަކީ(رضي الله عنه)  ކީރިތި ރަސޫލާޔާ(صلى الله عليه وسلم) ވަރަށް ގާތްކޮށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނު ކީރިތި ޤުރުއާން ހިތުން ދަސްކުރެއްވުމަށް ވަރަށް ހާއްޞަ ޝައުޤުވެރިކަމެއް ބެހެއްޓެވިއެވެ.

އެދުވަސް ވަރަކީ މީށްތަކުންނަށް އިސްލާމީ ދައުވަތު ފޯރުކޮށްދީ އިސްލާމް ދީނަށް ޤުރައިޝުން ވެއްދުމަށް ކީރިތި ރަސޫލާ ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި ދުވަސް ވަރެކެވެ. އެއްދުވަހަކު އަބްދުﷲ ބުން އުންމު މަކްތޫމް(رضي الله عنه)  ، އުތުބާ ބިން ރަބީޢާ، އެކަލޭގެ ފާނުންގެ ބޭބޭފުޅު ޝަޢިބާ އާއި، އަމްރު ބުން ހިޝާމާއި( އަބޫ ޖަހްލު)، އުމައްޔާ އިބްނު ޚަލަފާއި، ޚާލިދު ބިން ވަލީދުގެ ބައްޕާފުޅު ވަލީދު ބިން މުޣީރާ އާއި ބައްދަލު ވިއެވެ. އެހިނދު އަބްދުﷲ ބިން އުންމު މަކްތޫމް(رضي الله عنه)   އެ މީހުންނަށް އިސްލާމް ދީނުގެ ވާހަކަ ބަޔާން ކޮށްދޭން ފެއްޓެވިއެވެ. އެކަލޭގެ ފާނު މަސައްކަތް ކުރެއްވީ އެބޭފުޅުންނަށް ހެޔޮ ވިސްނި އިސްލާމް ދީނުގެ ނޫރު އެބޭފުޅުންގެ ހިތްތަކަށް ވެއްދެވުމަށެވެ. ނުވަތަ އެންމެ ކުޑަމިނުން އެބައިމީހުން މުސްލިމުންނަށް ކުރަމުންގެންދާ އަނިޔާތަށް ހުއްޓުވުމަށެވެ.

އެއްދުވަހަކު ކީރިތިރަސޫލާ(صلى الله عليه وسلم)  ޤުރައިޝުންގެ ބަޔަކަށް ދައުވަތު ދޭން ހުންނަވަނިކޮށް އަބްދުﷲ ބުން އުންމު މަކްތޫމު(رضي الله عنه)   އެތަނަށް ވަޑައިގެން ވިދާޅުވިއެވެ.” އޭ ﷲގެ ރަސޫލާއެވެ. މާތް ﷲ ކަލޭގެފާނަށް އުނގަންނަވައި ދެއްވި އެއްޗަކުން ތިމަން ކަލޭގެ ފާނަށް އުނގަންނަވައި ދެއްވާށެވެ.” އެހިނދު ކީރިތި ރަސޫލާގެ(صلى الله عليه وسلم)  މޫނުފުޅުން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. އަދި އެކަލޭގެފާނު، މަޖިލީހަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ޤުރައިޝުންނާ ދިމާއަށް އެނބުރި ވަޑައިގަތެވެ. އެކަލޭގެ ފާނު ޤުރައިޝުންނާ ވާހަކަ ދައްކަވާ ނިމުނުތަނާހެން އެކަލޭގެ ފާނުންގެ ލޮލަށް ކޮންމެވެސް ވަރަކަށް އަނދިރިކަމެއް އިހުސާސް ކުރެވުނެވެ. އެހިނދު ޢަބަސަ ސޫރަތުގެ ކުރީ ކޮޅުގެ އާޔަތްތައް ކީރިތި ރަސޫލާއަށް(صلى الله عليه وسلم)  ބާވާލެއްވުނެވެ.

“މުހައްމަދުގެ ފާނުގެ މޫނުފުޅަށް ރޫ އަރުއްވަވައި ހިތްޕުޅާ ނުވުމުގެ ގޮތް މޫނުފުޅުން ދެއްކެވިއެވެ. އަދި، ފުރަގަސް ދެއްވައި، އެނބުރި ވަޑައިގަތެވެ. ލޯފަން މީހާ( އަބްދުﷲ ބުން އުންމު މަކްތޫމު) އެކަލޭގެ ފާނުގެ އަރިހަށް އައުމުންނެވެ. ކަލޭގެ ފާނަށް އަންގައިދިނީ ކޮން ކަމެއްތޯއެވެ؟ އޭނާ، ކުއްތަކުން ސާފުވެ، މާތްވެދާނެކަން ނޭންގެއެވެ. ނުވަތަ އޭނާ ހަނދުމަ ކޮށްފާނެއެވެ. އޭރުން، އެހަނދުމަ ކުޅައިން އޭނާއަށް މަންފާކޮށްފާނެއެވެ. ތިމާ އަމިއްލައަށް ފުދިގެންވާ މީހަކު ކަމުގައި ދެކޭ މީހާ ދަންނާށެވެ. ކަލޭގެ ފާނުން އެމީހަކާ ކުރިމަތި ލައްވައި ބައްދަލު ކުރަށްވަމުއެވެ. އެމީހަކު އީމާން ނުވުމަކުން ކަލޭގެ ފާނުންގެ މަށްޗަށް ކުށެއް ނެތެވެ. އަދި ދަންނާށެވެ! ކަލޭގެ ފާނުންގެ އަރިހަށް ހިންގަމުން އައި މީހާ، އެމީހާ ބިރުވެތިވަމުން އެމީހާގެ ކިބައިން ކަލޭގެ ފާނު މަޝްއޫލުވެވަޑައިގެން ދުރުހެލިވެ ވަޑައިގަންނަވަމުއެވެ.”

(ނުނިމޭ)

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ކުރިއަށް ގެންދޭ ކުރިއަށް ގެންދޭ! 2 ވަނަ ބަޔަށް އެބަ އިންތިޒާރު ކުރަން.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!