• އިންތިޚާބުގެ ކާމިޔާބަށްފަހު ތުރުކީގެ ބޮޑުވަޒީރު ރަޖަބް ޠައްޔިބް ޢުރުދުޣާން ތުރުކީގެ ރައްޔިތުންނާ މުޚާޠަބު ކުރަނީ

ތުރުކީގެ އިންތިޚާބު މުޅި އިސްލާމީ ދުނިޔެއާއި ގުޅެނީ ކީއްވެ؟

 

މާރިޗް 30 ވަނަ ދުވަހު އެންމެފަހުން އިސްލާމި ޚިލާފަތު ދެމިގެންދިޔަ ތުރުކީވިލާތުގެ ލޯކަލް ކައުންސިލްގެ އިންތިޚާބު އެޤައުމުގެ ވެރިކަންކުރާ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއިން ކާމިޔާބު ކުރުމާއެކު، އެކާމިޔާބުގެ އުފާ ހިއްސާކުރީ ހަމައެކަނި އެޤައުމުގެ ރައްޔިތުންނެއް ނޫނެވެ.

ތުރުކީގެ އިންތިޚާބުގެ ނަތީޖާ އިޢުލާންކުރުމާއެކު ޤާހިރާއާއި ޣައްޒާއާއި ތޫނިސްގެ މަގުތަކުން ގުގުމައިގެންދިޔައީ الله أكبر ގެ ކަލިމައިގެ އަޑެވެ. ބައެއްފަރާތްތަކުން ސަޖިދައަށް ތިރިވެ ﷲ އަށް ހަމްދުކުރުމުގެ ލަފުޒުތައް ދުލުން ތަކުރާރުކުރިއެވެ.

ޔޫރަޕްގެ ބަލަކަން ސަރަހައްދުގެގޮތުގައި މަޝްހޫރުވެފައިވާ ސްކޯޕިއާއި ޕްރިސްޓީނާއާއި ސާރެޖިވޯގެ މަގުތަކަށް އެތައްހާސްބަޔަކު ނިކުމެ އުފާފާޅުކުރަންފެށިއެވެ. އަދި ތުރުކީގެ ބޮޑުވަޒީރު ރައްޖަބު ޠައްޔިބު ޢުރުދުޣާން ދެއްވަމުން ގެންދިޔަ ތާރީޚީ ބެލެކަނީ ތަޤުރީރު ބަލަމުންދިޔައެވެ.

އިސްލާމީ ދުނިޔޭގެ އިސްލާމީ ސިޔާސީ ފިކުރުގެ ވިސްނުންތަކުން ޢުރުދުޣާންގެ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއަށް ލިބުނު ކާމިޔާބު ސިފަ ކުރަމުންދަނީ މުޅި އިސްލާމީ ދުނިޔެއަށް ލިބުނު ކާމިޔާބެއްގެ ގޮތުގައެވެ.

2002 ވަނަ އަހަރުންފެށިގެން ތުރުކީގެ ރިޔާސަތު ބަލަހައްޓަމުން އަންނަ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީގެ މިކާމިޔާބު އިސްލާމީ އުންމަތުގެ ކަންކޮޅުތަކާ ނުގުޅެންވީ ކީއްވެހެއްޔެވެ.

ތުރުކީއަކީ މިއަދު އިސްލާމީ ޤައުމުތަކުން އެންމެ ވަރުގަދަ އިޤްތިޞާދުގެ ގޮތުގައި ލީޑު ކުރަމުން އަންނަ އެއްޤައުމެވެ. ދުނިޔޭގެ އެންމެ ވަރުގަދަ 20 އިޤްތިޞާދުގެތެރޭގައި ތުރުކީވަނީ ރޭންކު ކުރެވިފައެވެ. މިސަބަބާއެކު އިސްލާމީ ޤައުމުތަކުގެ ތެރެއިން ތުރުކީ ވެފައިވަނީ ޔޫރަޕަށާއި ހުޅަނގަށް އެންމެ ބޮޑު ގޮންޖެހުމަށްވެފައިވާ އެއް ޤައުމަށެވެ.

ފަލަސްޠީނުގެ މައްސަލައިގައި އިސްލާމީ ޤައުމުތަކުގެ ތެރެއިން އެންމެ ސާބިތު މައުޤިފެއް ގެންގުޅޭ އެއްޤައުމަކީވެސް ތުރުކީއެވެ. 2012 އަހަރު ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގައި ފަލަސްޠިނާއި އިޒުރާއީލް މައްސަލައިގައި ތުރުކީ އެއްމައްސަލައިގެ ތެރެއަށް ވަންނަނީ ކީއްވެގެންތޯ އެޤައުމުގެ ޚާރިޖީ ވަޒީރު އަޙްމަދު ދައުވަދުވަޤުލުއާއި ސުވާލުކުރެއްވުމުން ދައުވަދުޤުލް ވިދާޅުވީ މެސަޑޯނިއާއި ސާރެޖިވޯގެ އިތުރުން އަލްޤުދުސްއަކީ ވެސް ތުރުކީގެ ރައްޔިތުންނާ ގާތް ގުޅުންހުރިތަންތަން ކަމަށެވެ.

އަޙްމަދު ދައުވަދުވަޤުލް ވިދާޅުވީ އދ ވެސް ޤަބޫލުކުރަނީ އަލްޤުދުސް އަކީ ފަލަސްޠީނުގެ ބިމެއްކަމަށާއި އިސްރާއީލް އަލްޤުދުޞްއަށް ވެރިގަތްކަން އ.ދގެ ރިޕޯޓުތަކުން ހާމަވާކަމަށެވެ.

“ފަލަސްޠީނުގައި އެތިބީ ތުރުކީގެ އަޚުންނާއި އުޚުތުން، އެމީހުންނަށް ދިމާވާ ކޮންމެއްކަމެއް އެއީ ތުރުކީއަށްވެސް ދިމާވާނެ ކަމެއް. ތާރީޚުވެސް ފެންނަން އޮތީ އަލްޤުދުޞްއަކީ އަޅުގަނޑުމެންގެ ތަނެއްކަން. އިސްތަންބޫލު ތުރުކީއަށް މުހިންމުވާ ފަދައިން އަލްޤުދުޞްއަކީވެސް މުހިންމު ތަނެއް” އަޙްމަދު ދައުވަދުވަޤުލު ވިދާޅުވިއެވެ.

އިސްރާއީލާ ތުރުކީއާއި ގުޅުން ހީނަރުވަމުންދާ މައްސަލައަށް އިޝާރާތްކުރައްވައި މެންބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި ދައުވަދުވަގުލް ވިދާލުވީ ތުރުކީއަކުން އެއްވެސް ޤައުމަކާ ޖެހިގަތުމަސް މަސައްކަތް ނުކުރާނެކަމަށެ. ނަމަވެސް އިސްރާއީލުންއިސްވެ ތުރުކީގެ އެހީގެ ގާފިލާއަށް ޙަމަލާދިންފަހުން އެގުޅުން ގޯސްވެފައިވާކަމަށް ދައުވަދުގުލްވިދާޅުވިއެވެ.

ތުރުކީގެ ކާމިޔާބު އިސްލާމީ އުންމަތާއި ގުޅުންހުރި އަނެއް ސަބަބަކީ ތުރުކީއިން ދުރުރާސްތާކޮށް ރޭވާ ކޮންމެ ޕްލޭނެއްވެސް ގުޅިފައިވަނީ މުޅި އިސްލާމީ އުންމަތާއެވެ. އެގޮތުން 2024 ވަނަ އހަރު އަންނައިރު ދުނިޔޭގެ އިޤްތިޞާދީ ވަރުގަދަ ބާރަކަށްވުމަށް ކަނޑައަޅާފައިވާ ޕްލޭންވެސް ޙަޤީޤަތުގައި ގުޅިފައިވަނީ މުޅި އިސްލާމީ އުންމަތުގެ މަސްލަހަތާއެވެ.

މިޞްރުގެ ޑިމޮކުރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުވި ޑރ. މުޙައްމަދު މުރުސީގެ ސަރުކާރަށް މާލީ އެހީތެރިކަން ބެނުންވި ދުވަހު، އިސްލާމީ މަދު ޤައުމުތަކުގެ ތެރެއިން އެހީގެ އަތް ފޯރުކޮށްދިން ޤައުމުގެ ތެރޭގައި ތުރުކީވެސް ހިމެނެއެވެ.

އަދި “ބަޣާވާތަކުން” އެސަރުކާރު ވެރިކަމުން ދުރުކުރެވުނު އިރު އެކަމާދެކޮޅަށް އެންމެފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދައްކަވަމުންދިޔައީވެސް ތުރުކީއެވެ.

ތުރުކިގެ އިޙްސާސްތައް ގުޅިފައިވަނީ ހަމައެކަނި ބޮޑެތި އިސްލާމީ ޤައުމުތަކާ އެކަންޏެއް ނޫނެނެވެ. މެސަޑޯނިއާއި މެރަޓޯނިއާ، ޖީބުތީގެ އިތުރުން ދިވެހިރާއްޖެ ފަދަ ކުދި އިސްލާމީ ޤައުމުތަކަށްވެސް ތުރުކީގެ މިހާރު ވެރިކަން ކުރަމުންދާ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީގެ ސަރުކާރުން އިސްކަމެއް ދޭކަން ފާހަގަކުރެވެއެވެ.

މިފަދަ ސަބަބާއެކު ތުރުކީގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން ދުނިޔޭގެ އިސްލާމީ ޤައުމުތަކުން އުފާ ނުކުރަންވީ ސަބަބެއްނެތެވެ.

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ﷲ، ތުރުކީއަކީ އިސްލާމްދީނަށް ނަޞްރުދޭ، ދުނިޔޭގެ ވަރުގަދަ ބާރެއްކަމުގައި ލައްވާށި! … އާމީން.

  2. ތުރުކީގެ ޖަސްޓިސް ޕާޓިގެ މިކާމިޔާބަށް މުޅި އިސްލާމީ އުއްމަތްވެސް ފަޚުރުވެރިވުން ހައްޤު. އަޅުގަނޑު ގޮވާލަން ރާއްޖޭގެ އަދާލަތު ޕާޓީގެ އިސްވެރިންނަށްވެސް މިފަދަ ކަންކަމުން ޢިބްރަތް ލިބިގަނެ ޕާޓީ ކުރިއަރުވަން މަސައްކަތް ކުރުމަށް

  3. އަލްޙަމްދުﷲ!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!