ފާޙިޝް ޢަމަލަކަށް ދަޢުވަތު ދެވުނުހިނދު…

ޢިބުރަތުން ފުރިގެންވާ މިޙަޤީޤީ ވާހަކައަކީ މިޙާދިޘާކުރިމަތިވި ޒުވާނާގެ ރަޙްމަތްތެރިޔާ، އައްޝައިޚް ޚާލިދު އައްރާޝިދުއަށް ކިޔައިދެއްވާފައިވާ ވާހަކައެކެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި އުޅުނު ޢުމުރުން ހަމަ އެންމެ 20 އަހަރުގެ ޒުވާން ފިރިހެންބޭފުޅަކީ، ޚުލްޤުހެޔޮ، ކިޔަމަންތެރި، އަދި ޤުރުއާން ހިތުދަސް ޒުވާނެކެވެ. ޒުވާނާގެ ޚުލްޤުހެޔޮކަމުން މުޅި އެހިސާބުގެ އެންމެން ދަންނަ އެސަރަޙައްދުގެ މިސްކިތުގެ އިމާމުވެސް މެއެވެ.

ޒުވާނާ އުޅެމުންދާ ހިސާބާއި މާދުރުނޫން ހިސާބެއްގައި ވިލެޖްގައި ޒުވާނާގެ ކާފައާއި މާމަ ދިރިއުޅެމުންދެއެވެ. ދޭތެރެދޭތެރެއިން ޒުވާނާ ޒިޔާރާތްކުރާކަމުގައި ވެއެވެ. މިގޮތުން ޒުވާނާގެ ރަޙްމަތްތެރިންތަކަކާއި އެކު ޒިޔާރަތް ކުރިފަހަރެކެވެ. ޒުވާނާގެ ރަޙްމަތްތެރިން އާދައިގެ މަތިން މިބައިވެރިވީ ވިލެޖްގައި އުޅޭ މީހުންނަށް ކަދުރު ބެހުމާއި، އިސްލާމްދީނާއި ބެހޭ ފޮތާއި ދަރުސް ހިމެނޭ ކެސެޓްތައް ބެހުމަށްޓަކައެވެ. މިގޮތުން މިދުވަހުގެ ހެނދުނު ވިލެޖަށްގަޮސް އިރުއޮށްސެންދެން ހުރިހާ ޒުވާނުންވެގެން މި މަސައްކަތުގައި ވަރަށް ފޯރިއާއި އެކު އުޅުމަށްފަހު، ޒުވާނާ އޭނާގެ ކާފައާއި މާމަގެ ގާތުގައި މަޑުކުރުމަށްފަހު އޭނާގެ ރަޙްމަތްތެރިން އަވަށަށް ފޮނުވާލިއެވެ.

ރޭގަނޑުގެ ކެއުމަށްފަހު، ނިދާ ވަޤުތު ޖެހުމުން ޒުވާނާ ބޭނުންވީ ބޭރުކޮޓަރީގައި ނިދާށެވެ. އެހެނަސް ކާފަ އެދުނީ އެތެރެކޮޓަރިއަށް ގޮސް އެތަނުގައި ނިދުމަށެވެ. އެހެންނޫނީ، ކުޑަކުދިންގެ އުނދަގޫ ޖެހި ނިދަން އުނދަގޫވެދާނެތީއާއި، އަދި ކާފައަށް ފަތިސްނަމާދަށް ދިއުމަށް ގޮވަންވެސް ފަސޭހަވާނީ މިގޮތްކަމުގައިވާތީއެވެ. ކާފަގެ މިއެދުމުގެ މަތިން ޒުވާނާ އެތެރެކޮޓަރިއަށްގޮސް ކުނާއަޅައި، ނިދުމުގެ ކުރިން ކިޔަންޖެހޭ ދުޢާތައް ކިއުމަށްފަހު ޒުވާނާ ނިދައިފިއެވެ.

މިގޭގައި ކާފަމެންގެ އިތުރުން ކާފަގެ މިޢާއިލާ އަށް އެހީތެރިވުމަށްޓަކައި، ގޭގައި ގެންގުޅޭ ވަރަށް ރީތި ޒުވާން އަންހެން ނޯކަރެއް އުޅެއެވެ.

ގާތްގަނޑަކަށް ދަންވަރު 2:00 ގެ ފަހުން ދެތިންފަހަރަކު ކޮޓަރީގެ ދޮރު ހުޅުވި ލެއްޕޭކަމުގެ އިޙްޞާޞެއް ޒުވާނާއަށް ވީކަމުގައި އޭނާ ބުންޏެވެ. އެކަމަކު އެއީ ހީވި ހީވުމެއްކަމަށް ނިންމައި، އޭނައަށް ފެނުނު ހުވަފެނެކޭ ހިތައި އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނީކަމުގައި ޒުވާނާ ކިޔައިދިނެވެ. އެކަމަކު ކުއްލިއަކަށް، އައި ނައި ތަނެއް ނޭންގި ހަމަ އެއައިގޮތަށް އައިސް މީހަކު ޒުވާނާގެ ކައިރީގައި ޖެހިގެން އޮށޯއެޮވެ، ޒުވާނާގެ ގައިގައި ބައްދާ، ދޮންދޭން ފެށިކަމުގައި ޒުވާނާ ބުންޏެވެ.

ޒުވާނާއަށް މިކަމުން ލިބުނު ސިހުމާއި، ޙައިރާންކަމުން ކުއްލިއަކަށް ތެދުވެ ވަރަށްބާރަށް އެއަންހެންމީހާ ކޮށްޕާލައި އޭނާގެ މޫނުމަތީގައި ޖެހިއެވެ. އެއަށްފަހު، ގެއިންނުކުމެގެން ގޮސް ފަތިސްނަމާދު ބަންގިގޮވަންދެން ޒުވާނާ ވަޤުތު ހޭދަކުރީ މިސްކިތުގައެވެ. މިވީކަންތަކާއިމެދު ހިތާމަކޮށް ﷲ އަށް ބިރުވެތިވެ، ކަރުނަ އަޅާ ރުއިމުގައެވެ.

ރޭގެ ޙާދިޘާގެ ވާހަކަ ކާފައަށް ޒުވާނާ ކިޔައިދިނީ ހެނދުނުއެވެ. އެއަށްފަހު، ހަފްތާއެއް ނުވަނީސް މިނޯކަރު މީހާ ސަޢޫދީއަށް ނާދެވޭގޮތަށް އެޤައުމުން ބޭރުކުރިއެވެ.

ޝައިޚް އިތުރަށް ވިދާޅުވިއެވެ. އަހަރެންނަށް މިވާހަކަ ކިޔައިދިން ޒުވާނާގެ ރަޙްމަތްތެރިޔާ ބުންޏެވެ. “މިޙާދިޘާ ހިނގާދިޔަތާ ކުޑަދުވަސްކޮޅެއް ފަހުން ޒުވާނާގެ ބަލިކަށިކަން ބޮޑުވަމުންދާކަން އަހަރެންނަށް ފާހަގަކުރެވުނެވެ. އެއީ، ޒުވާނާﷲ އަށް ބިރުވެތިވާ މިންވަރުގެ ބޮޑުކަމުން އެކަމާއި މެދު ވިސްނާ ހިތާމަކުރުމުގެ ސަބަބުންނެވެ. ޒުވާނާގެ ޙާލަތަށް ޙަމްދަރުދީވެ، އޭނާގެ ޙާލުއޮޅުންފިލުވައި މިކަމާއި ބެހޭގޮތުން އެތައްސުވާލެއް އަހަރެންކުރީމެވެ. ގޮތް ހުސްވުމުން، އެއްވެސް މީހެއްގެ ގާތުގައި ނުބުނުމަށް އެދި ޝަރުޠުކުރުމަށްފަހު މިހުރިހާވާހަކައެއް އަހަރެންނަށް ޒުވާނާ ކިޔައިދިނީއެވެ. އެހެންނަމަވެސް ﷲ ގަންދީބުނަމެވެ. އެހެންމީހުންނަށް ލިބެން އޮތް ޢިބުރަތަކަށްޓަކައި ނުވަތަ ފައިދާ އަކަށްޓަކައި މެނުވީ އަހަރެން މިއިން އެއްވެސް ވާހަކައެއް މީހަކަށް ކިޔައިނުދެމެވެ. އަދި އަހަރެން ޤަބޫލުކުރާގޮތުގައި، ﷲ ގެ ތަނަވަސް ރަޙްމަތްފުޅުން، އަހަރެންގެ މިއެކުވެރިޔާވާނީ، ﷲ ތަޢާލާގެ ހިޔާވަހިކަން ނޫން އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާދުވަހު، އެއިލާހުގެ ފުރިހަމަ ހިޔާވަހިކަން ލިބޭނޭ ހަތްބާވަތުގެ މީހުންގެ ތެރެއިން އެކަކަށެވެ. އެއީ، އެއީ ރީތިއަންހެނަކު، އޭނާއާއި އެކު ފާޙިޝް ޢަމަލެއްކުރުމަށް ދަޢުވަތުދިނުމުން އަހުރެން ﷲ އަށް ބިރުވެތިވަމޭ ބުނެ އެކަމަށް ފުރަގަސް ދިނީތީއެވެ.”

މިހާރު މިޒުވާނާ ވަނީ މިފަނާކުރަނިވި ދުނިޔެއާއި އަލްވަދާޢުކިޔާފައެވެ. ދުޢާއަކީ މާތް ﷲ މިޒުވާނާގެ ފުރާނައަށް ރަޙްމަތްލައްވައި އެ އިލާހުގެ ޢަރުޝީގެ ހިޔާވަހިކަންލިބިގެންވާ ޞާލިޙުންގެ ތެރެއިން މިޒުވާނާލެއްވުމެވެ. އަދި އަޅުގަނޑުމެން ނަށްވެސް އެއިލާހުގެ ތަނަވަސް ރަޙްމަތް މިންވަރުކުރައްވައި، އެއިލާހުގެ ޙައްޤުދީންމަތީގައި ސާބިތުކުރައްވައި، އެންމެހާ ފިތުނަތަކުގެ ވަޤުތުތަކުގައި އަޅުގަނޑުމެންނަށް ސާބިތުކަންދެއްވުމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!