އީމާންކަމަކީ އެއީ ހަމައެކަނި ދުލުން ބުނެލާ ބުނެލުމެއް ނޫން: ޝައިޚް ނިޝާން

  • ޝައިޚް އާދަމް ނިޝާން

އީމާންކަމަކީ އެއީ ހަމައެކަނި ދުލުން ބުނެލާ ބުނެލުމެއް ނޫންކަމަށާއި އީމާންކަމަކީ އެއީ ދުލުން ބުނުމާއި، ހިތުން ޤަބޫލު ކުރުމާއި އަދި އޭގެ މައްޗަށް ލާޒިމުވާ ކަންތައްތައް އޭނާގެ ހަށިގަނޑުގެ ޢަމަލުތަކުން އެ ކުރާ ކުރުމުގެ މައްޗަށް އެކުލެވިގެންވާ ކަމެއްކަމުގައި އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ބުރާސްފަތި ދުވަހަކު ސިލްސިލާކޮށް ނެރެމުންގެންދާ “ހަފްތާ ނަޞޭހަތް” ގައި ވާހަކަފުޅު ދައްކަވަމުން އައްޝައިޚް އާދަމް ނިޝާން ވިދާޅުވެފައިވަނީ ހަމައެކަނި ދުލުން މުސްލިމެކޭ ބުނެލުމަކުން ފުއްދައެއް ނުލެވޭނެކަމަށާއި އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތައާލާއަށް އީމާންވާ ބައެއްކަމުގައިވާނަމަ ފުރިހަމަގޮތުގައި އެ އިލާހުގެ ރުހިވޮޑިގަތުން ލިބި، ސުވަރުގޭގެ ނިޢުމަތް ލިބި، ނަރަކައިގެ ވޭންދެނިވި ޢަޛާބުން ސަލާމަތްވާ ބައެއްކަމުގައިވޭތޯ މަސައްކަތް ކުރަން އެބަޖެހޭކަމަށެވެ.

ހަފްތާ ނަޞޭޙަތުގެ 55 ވަނަ ޢަދަދުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ވިދާޅުވެފައިވެއެވެ. “ފިރުޢައުނަކީ އޭނގެ ދުލުން ބުނި މީހެއް ތިމަންނަ ﷲ އަށް އީމާން ވެއްޖައީމޭ. ތިމަންނައަކީ މުސްލިމެކޭ. ﷲ ސުބުޙާނަހޫވަތަޢާލާ އެކަން ބަޔާން ކުރައްވާފައިވަނީ. އެކަމު ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަން ޤަބޫލެއް ނުކުރެއްވެވި. އޭނައަކީ ނަރަކަވަންތަވެރިއެއްގެ ގޮތުގައި އަދި ދުނިޔެމަތީގައިވެސް އޭނައަށް ޢަޛާބު ލިބިލިބި އެއޮތީ އަޅުގަނޑުމެންނަށް ލޯތަކުގެމައްޗަށް ފެންނަން”.

ތަފާތު އެކިއެކި ޝައިޚުންގެ ބައިވެރިވުމާއެކު ޖަމްޢިއްޔަތުއްސަލަފުން ކޮންމެ ބުރާސްފަތި ދުވަހަކު އެޖަމްޢިއްޔާގެ ވެބްސައިޓުގައި ޝާޢިއު ކުރަމުންގެންދާ “ހަފްތާ ނަޞޭޙަތް” އަކީ ވަރަށް ކުރު ނަޞޭޙަތްތަކެއްގެ ގޮތުގައި ފަރުމާކޮށްފައިވާ ވީޑިއޯ ނަޞޭޙަތްތަކެކެވެ. މި ސިލްސިލާގައި މިހާތަނަށް ރާއްޖޭގެ ފުންނާބުއުސް ވަރަށް ގިނަ ޢިލްމުވެރިންވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!