ކީރިތި ޤުރުއާނުގައިވާ ބިމާ ގުޅުންހުރި ޢިލްމީ މުޢުޖިޒާގެ ތެރެއިން

ކީރިތި ޤުރުއާނުގައި ބިން:

މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ ﴿الذاريات: ٢٠﴾ މާނައީ: “يقين ކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ.” މިއާޔަތަކީ ޛުއްރިއްޔާތު ސޫރަތުގެ ފަހު އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. މިސޫރަތަކީ މައްކިއްޔަ ސޫރަތެކެވެ. މިސޫރަތުގެ ފަހު އާޔަތްތަކުގައި މާތްﷲ އެކަލާނގެ ވަޙީ ބަސްފުޅުގެ ތަދުކަންމައްޗަށް ހުރި، ބައެއް ކައުނިއްޔަ ހެކިތައް ބަޔާންކުރެއްވިއެވެ. އެގޮތުން މިއާޔަތުގައި މާތްﷲ އަންގަވަނީ ބިމަކީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެއްކެއްކަމުގައެވެ. އަދި އެބިމުގައި އެކަލާނގެ ބަސްފުޅުގެ ތެދުކަމުގެ މައްޗަށް ދަލީލުކުރާނޭ ޢަލާމާތްތައް ނުވަތަ އާޔަތްތައްވާނެ ކަމުގައި އަންގަވައެވެ.

ޢަރަބި ބަހުގައި ބިމަށް ކިޔަނީ އަރުޟެވެ. މިލަފްޒު ކީރިތި ޤުރުއާނުގައި 461 ތަނެއްގައި ވާރިދުވެފައިވެއެވެ. އެއިން ބައެއް ޙާލަތްތަކުގައި މުޅި ބިމަށް އިޝާރާތްކުރައްވައެވެ. އަނެއްބައިފަހަރުގައި ބިމުގެ ވަކިބައަކަށް އިޝާރާތްކުރައްވައެވެ. އެގޮތުން ބިމުގައިވާ ހިކިފަސްތަނަށް އިޝާރާތްކުރައްވާފައިވެއެވެ. ނުވަތަ ހިކިފަސްތަނުގެ ތެރެއިން ވަކިތަނަކަށް މިލަފްޒުން އިޝާރާތްކުރައްވާފައިހުރެދާނެއެވެ.

ކީރިތި ޤުރުއާނުގައި ބިމާގުޅިގެން އައިސްފައިހުރި އާޔަތްތަކުގެ އެކުލެވުން އަންނަނިވި ބައިތަކަށް ބަހައިލެވިދާނެއެވެ.

1- ބިމުގައި ދަތުރުކޮށް އެބިމުގައި ހުރި ކަންކަމާމެދު ވިސްނައި ޚަލްޤުކުރެއްވުން ފެށުނު ގޮތާ މެދު ފިކުރު ހިންގުމަށް ގޮވާލާ އާޔަތްތައް. މިފަދަ އާޔަތްތަކުގައި އެވަނީ ޖިއޮލޮޖީގެ ޢިލްމުގެ އަޞްލު ނުވަތަ އަސާސެވެ. އެއީ ބިމުގެ އެކި ހިސާބުތައް ބަލައި އަޅައިކިޔާ ތަފާތުތައް ދެނެގަނެ، ބިމަށް އައިސްފައިވާ ބަދަލުތަކާއި އަންނަމުންދާ ބަދަލުތައް އެގިގަތުމުގެ ޢިލްމެވެ.

2- ބިމުގައި އަޞްލާއި ބައްޓަމާއި ބިމުގެ ޙަރަކާތަށް އަލިއަޅުވައިލާ ބައެއް އާޔަތްތައް. އޭގެ ތެރޭގައި ބިމުގެ ވަށްކަމަށާއި ބިމުގެ ދައުރުވުމަށާއި އަދި ތަރިތަކާ ބިމާ މެދުގައި ހުރި ދުރުމިނުގެ ބޮޑުކަން ޔަޤީންކޮށްދޭ އާޔަތްތައް ހިމެނެއެވެ. އަދި މިނޫންވެސް ކައުނިއްޔަ އެތައް ޙަޤީޤަތަކަށް އިޝާރާތްކުރާ އާޔަތްތައް ޤުރުއާނުގައި އައިސްފައިވެއެވެ.

3- ބިމުގައިވާ އެންމެހާ ދަގަނޑަކީ އުޑުން ބައިވައިލެއްވި އެއްޗެއްކަން ޔަޤީންކޮށްދޭ އާޔަތެއް. މިއާޔަތުގައި އެވާ ޙަޤީޤަތަކީ އެތައް ސަތޭކަ ޤަރުނެއްވަންދެން ޤުރުއާނުގައި އޮވެ، އިންސާނުންނަށް ކަޝްފުކުރެވިފައި ނުވި ޙަޤީޤަތެކެވެ. މިހާރު ޢިލްމުވެރިންގެ ހޯދުންތަކުން ޤުރުއާނުގެ ބަސްފުޅުގެ ތެދުކަންވަނީ ސާބިތުވެފައެވެ.

4- ކަނޑުތަކުގައިވާ ތަފާތު އެކިއެކި ޤުދުރަތީ ޢަޖައިބުތަކާމެދުގައި ވާހަކަދައްކާ އާޔަތްތައް. އެގޮތުން ކަނޑުތަކުގެ ފުނުގައިވާ އަނދިރިކަމުގެ ވާހަކައެވެ. އެއަނދިރިކަން އުފެދުމުގައި ކަނޑުގެ ފަށަލާގައި އުފެދޭ ރާޅުތަކާއި ފުނުގައި އުފެދޭ ރާޅުތަކުގެ ދައުރެވެ. ކަނޑުތަކުގެ ފެން މެދުގައިވާ ނުފެންނަ ފާރު ނުވަތަ ހުރަހުގެ ވާހަކައެވެ.

5- ފަރުބަދަތަކާމެދުގައި ވާހަކަދައްކާ އާޔަތްތައް. މިއާޔަތްތަކުގައި ފަރުބަދަ ޚަލްޤުވެގެން އައިގޮތަކާއި ޖިއޮލޮޖީގެ ގޮތުން ފަރުބަދައިގެ ދައުރުފަދަ ކަންކަމާ ގުޅުންހުރި ވާހަކަތައް ބަޔާންކުރާ އާޔަތްތައް ހިމެނެއެވެ.

މިދެންނެވުނު ގިނަގުނަ އާޔަތްތަކުގައި އައިސްފައިވާ ޢިލްމީ ޙަޤީޤަތްތަކަކީ 20ވަނަ ޤަރުނުގެ ކުރިން އިންސާނާއަށް ހޯދިފައިވާ ކަންތައްތަކެއްނޫނެވެ. އަދަ އެއިންބައެއް ކަންތައްތަކަކީ އެޤަރުނުގެ ފަހު ދުވަސްތަކުގައި ޓެކްނޮލޮޖީއަށް އައި ބޮޑު ކުރިއެރުމާއި ޢިލްމުވެރިން ކުރައްވާފައިވާ ބުރަ މަސައްކަތުގެ ނަތީޖާއެވެ. އަދި ބިމުގެ އެކި ކަންކޮޅުތަކުގައި ކުރެވިފައި ނުހަނު ކަވި ދިރާސާތަކާއި ތަޙުލީލުތަކުގެ ނަތީޖާއެވެ. އެހެންކަމުން 14ޤަރުނު ކުރިން ބާވައިލެއްވުނު ކީރިތި ޤުރުއާނުގައި މިދެންނެވުނު ކަންކަމަށް އިޝާރާތްތަކެއް ކުރައްވާފައިވުމަކީ މުޢުޖިޒާތެކެވެ. އިންސާނީ ސިކުނޑި ސިއްސުވާލި ކަމެކެވެ. [1]

އަޅުގަނޑުގެ މިލިޔުމުގައި ބަލައިލާނީ މިދެންނެވި ޙަޤީޤަތްތަކުގެ ތެރެއިން ދެތިން ކަމަކަށެވެ. އެންމެހާ ތަފްޞީލުތައް މިފަދަ މައުޟޫޢެއްގައި ލިޔަނީނަމަ ވަރަށް ދިގުކޮށް ބަޙުސްކުރެވިދާނެއެވެ.

ބިމުގައިވާ އެންމެ ފުން ސަރަޙައްދު:

الم [٣٠:١] غُلِبَتِ الرُّومُ [٣٠:٢] فِي أَدْنَى الْأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ [٣٠:٣] فِي بِضْعِ سِنِينَ ۗ لِلَّهِ الْأَمْرُ مِن قَبْلُ وَمِن بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ الْمُؤْمِنُونَ [٣٠:٤] (الروم 1-4)

މާނައީ: ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) ރޫމް ބަލިކުރެވިއްޖެއެވެ. އެބައިމީހުން ބަލިވުމަށްފަހުގައި ބިމުގައިވާ އެންމެ ތިރި ސަރަޙައްދުއި އެބައިމީހުން ކާމިޔާބު ހޯދާނެއެވެ. (عربى ންނާ) އެންމެ ކައިރި ބިމުގައި (فارسى ންގެ އަތުން) رومى ން ބަލިވެއްޖައޫއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: فارسى ންގެ މައްޗަށެވެ.) އޭގެކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އަދި އެދުވަހުން مؤمن ން އުފާކުރާނެތެވެ.

މިއާޔަތުގެ ޢިލްމީ ދިރާސާ:

ތާރީޚީ ޙަޤީޤަތެއް:

ބައިޒަންޓޭނިއަން އިންބުރާޠޯރިއްޔާއާއި ފާރިސްގެ ރަސްކަމާދެމެދުގައި ހަނގުރާމަތަކެއް ކުރެވުނުކަން ތާރީޚުގެ ފޮތްތަކުން ސާބިތުވެފައިވެއެވެ. ބައިޒަންޓޭނިއަން އިންބާރާޠޯރިއްޔާއަކީ ރޯމް އިންބުރާޠޯރިއްޔާގެ އިރުމަތީ ފަޅިއަށް ކިޔުނުނަމެކެވެ. ރޯމްގެ ރަސްކަން ފުޅާވުމުގެ ސަބަބުން ދެބައަކަށް ބަހައިލީއެވެ. އެއީ ބަޙުރުލް މައްޔިތު ނުވަތަ ޑެޑްސީގެ އައްސޭރީގެ ސަރަޙައްދުތަކުގައިކުރެވުނު ހަނގުރާމައެކެވެ. އަދި އެހަނގުރާމާގައި ރޯމަނުންގެ މައްޗަށް ފާރިސީން ބޮޑުވެގެންވާ ކާމިޔާބީއެއް ހޯދިއެވެ. އެއީ މީލާދީ ސަނަތުން 619ވަނަ އަހަރުއެވެ.

މިހަނގުރާމާގައި ރޯމަނުންނަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އަދި އެދުވަސްވަރުގެ އެންމެންވެސް ހީކުރީ ބައިޒަންޓޭނިއަން އެމްޕަޔަރ ނުވަތަ އިންބުރާޠޯރިއްޔާގެ ނިމުން އައީކަމުގައެވެ. އެހެންނަމަވެސް އެއްވެސްބަޔަކު ވެދާނެކަމަށް އުންމީދުނުކުރި ކަމެއްވީއެވެ. 627ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ނާނީފިޔާއޭ (Nineveh) ކިޔުނު ސަރަޙައްދުގައި ބިއިޒަންޓީނިއަނުންނާއި ފާރީސީންގެ މެދުގައި އެހަނގުރާމާގައި ރޯމަނުން ފާރިސީން ބަލިކޮށް ރޯމަނުން އަތުން އަތުލާފައިވާ ބިންތައް އަލުން އެމީހުންގެ އަތްމައްޗަށް ގެނައެވެ.

ސައިންޓިފިކް ޙަޤީޤަތް:

ބިމުގެ ސަޠަޙާގައި ހުރި އަޑިގުޑަންތައް ބަލައި ދިރާސާކުރުމުގެ ގޮތުން ޖައްވުން ނަގާފައިވާ ފޮޓޯތަކުން ބިމުގައި ހުރި އަޑިގުޑަންތަކުގެ ފުންމިނާއި އުސްމިން ދެނެގަނެވުނެވެ. މިދެންނެވުނު ފޮޓޯތަކުން ސާބިތުވާގޮތުގައި ހިކިފަސްތަނުގައި ހުރި އެންމެ ފުން އަޑިގަނޑަކީ ފަލަސްޠީނުގައިވާ ބަޙުރުލް މައްޔިތު (Dead sea)ގެ އައްސޭރީގައި ނުވަތަ ކައިރީގައި އޮންނަ ޞަރަޙައްދެކެވެ. ޑެޑްސީއަކީ ބުޙައިރާއެކެވެ. ބުޙައިރާގެ މާނައަކީ ވަށައިގެން ހިކިފަސްތަން އޮންނަ ލޮނު ފެންގަޑެކެވެ. ބިމުގެ ސަޠަޙައަށްވުރެ އެސަރަޙައްދު 395 މީޓަރު ފުނެވެ. އެކަން ސެޓެލައިޓުތަކުން ނަގާފައިވާ ފޮޓޯތަކުންވަނީ ސާބިތުވެފައެވެ. ތިރީގައި މިވަނީ ޑެޑްސީގެ ސެޓެލައިޓް ފޮޓޯއެކެވެ.

[2]

މޓޯގައި އެފަންނަނީ ޑެޑްސީއާއި އެބުޙައިރާ ވަށައިގެންވާ ސަރަޙައްދެވެ.africa-arabia-plate-boundary

މިޒަމާނުގެ ޖިއޮލޮޖީ ޢިލްމުގެ އެތައް މިންގަނޑަކުން ކުރެވުނު އެތައް ދިރާސާއެއްގެ އަލީގައި ސާބިތުވެފައިވާ ގޮތުގައި ބިމުގައިވާ އެންމެ ތިރި ސަރަޙައްދަކީ ޑެޑްސީގެ ވާދީއެވެ. ނުވަތަ غور بحر الميت އެވެ.( Dead Sea Depression) މިސަރަޙައްދަކީ ކަނޑުގެ ސަޠަހައަށްވުރެ އަޑީގައި ނުވަތަ ފުނުގައިވާ ބޮޑު ބިމުގެ ސަރަޙައްދެކެވެ. ބިމުގެ ގޮތުން ބަލާނަމަ ނުހަނު ފަސްގަނޑު ރަނގަޅު ސަރަޙައްދެކެވެ. އަދި ޑެޑްސީ އޮންނަނީ މިވާދީގެ އެންމެ ތިރި ނުވަތަ ފުން ސަރަޙައްދުތަކުގައެވެ. އެހެނީ ޑެޑްސީގެ ސަޠަޙައިގެ ލެވެލްއަކީ ކަނޑުގެ ސަޠަޙައިގެ ލެވެލްއަށްވުރެ 400އެއްހާ މީޓަރު ފުނެވެ. އަދި އެބުޙައިރާގެ ފުން ސަރަޙައްދުތަކުގެ ސަޠަޙަ ކަނޑުގެ ސަޠަޙައަށްވުރެ ގާތްގަނޑަކަށް 800 މީޓަރު ބިމުގެ ސަޠަޙައަށްވުރެ ފުންވާނެ ކަމުގައި ސައިންސްވެރިން ވިދާޅުވެއެވެ. އަދި ޑެޑްސީގެ އައްސޭރިފަށަކީ ބިމުގައިވާ ހިކިފަސް އެންމެ ތިރި ސަރަޙައްދެވެ. ކަނޑުގެ ސަޠަޙައަށްވުރެ 413 މީޓަރު ތިރީގައެވެ.

މިއާޔަތުގައިވާ އިޢުޖާޒް:

މިއާޔަތުގައިވާ އިޢުޖާޒު ދެބާވަތެއްކަމުގައި ބުނެވިދާނެއެވެ. އެއީ ތާރީޚީ އިޢުޖާޒާއި ސައިންޓިފިކް އިޢުޖާޒެވެ. ތާރީޚީ އިޢުޖާޒަކީ މިއާޔަތްތަކުގައި ރޯމަނުން ފާރިސީންގެ މައްޗަށް 1 އަހަރާއި 9އަހަރާ ދޭތެރޭގެ މުއްދަތެއްގެ ތެރޭގައި ކާމިޔާބު ހޯދާނެކަމަށް އަންގަވާފައިވަނިކޮށް 7 އަހަރު ފަހުން ރޯމަނުން ފާރިސީންގެ މައްޗަށް ކާމިޔާބު ހޯދިއެވެ. މިއާޔަތަށް ޤުރައިޝުވަންހައިގެ މުޝްރިކުން ނުހަނު މަލާމާތްކޮށް އުޅުނެވެ. އެބައިމީހުން އަދި އެޒަމާނުގެ އެއްވެސް ބަޔަކު ރޯމަނުންނަށް އަލުން ކާމިޔާބު ލިބިދާނެކަމުގައި ހީނުކުރެއެވެ.

ސައިންޓިފިކް އިޢުޖާޒަކީ އެޒަމާނުގައި އެއްވެސް ބައަކަށް ހޯދިފައިނުވާ މުހިންމު ޖިއޮލޮޖިކަލް އަދި ޖިއޮގުރަފިކަލް ޙަޤީޤަތެއް މިއާޔަތުގައި ބަޔާންވެފައިވުމެވެ. އެއީ ބިމުގައިވާ އެންމެ ތިރި ނުވަތަ އެންމެ ފުން ހިކިފަސްތަނަކީ ކޮބައިކަމެވެ. މިޒަމާނުގައި ބޭނުންކުރާ ވަސީލަތްތައް އަދި މިންކުރުމުގެ އުޞޫލުތައް ނެތި މިފަދަ ޙަޤީޤަތެއް އިންސާނުންނަށް ދެނެގަނެވުމަކީ ކުރެވޭނެކަމެއްނޫނެވެ. އެހެންކަމުން މިއާޔަތުން ނުހަނު ސާފުކޮށް ކީރިތި ޤުރުއާނަކީ އިންސާނެއްގެ ބަހެއްނޫންކަން ސާބިތުވެއެވެ. [3]

ދަގަނޑު ބާވައިލެއްވުން

މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَن يَنصُرُهُ وَرُسُلَهُ بِالْغَيْبِ إِنَّ اللَّهَ قَوِيٌّ عَزِيزٌ ﴿الحديد: ٢٥﴾ މާނައީ: ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެ رسول ންނާއެކު، ފޮތާއި، عدل إنصاف ގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން عدل إنصاف قائم ކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއްވެއެވެ. އަދި އެއީ ނުފެންނަތާނގައި اللَّه އާއި، އެކަލާނގެ رسول ންނަށް نصر ދެނީ ކާކުކަން اللَّه ދެނެވޮޑިގެންވެ، އެކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެއެވެ.

މިއާޔަތުގެ ޢިލްމީ ދިރާސާ:

އިރުގައި ދަގަނޑު އެކުލެވިންވަނީ 0.0037%ގައެވެ. އަދި ބިމުގެ ކެމިކަލް އެކުލެވުން ބަލައި ދިރާސާކުރުމުން އެގެނީ ބިމުގެ 35.9% ގައި ދަގަނޑު އެބަހުއްޓެވެ. އެއީ ބަރުދަނުން ބަލަނީނަމަ 6000 މިލިޔަން މިލިޔަން މިލިޔަން ޓަނެވެ. ބިމުގައިވާ ދަގަނޑުގެ ބަރުދަން އެތައްހާސް މިލްޔޯން ޓަނަކަށް އަރާކަމުގައި ލަފާކުރެވޭއިރު، އެއިން ބޮޑުބައެއް ހުރީ ބިމުގެ ހިތް ނުވަތަ ކޯރގައިކަން ފާހަގަވެއެވެ. ބިމުގެ ކޯރ ނުވަތަ އެންމެ ފުނުގެ ގާތްގަނޑަކަށް 90%އަކީ ދަގަނޑެވެ. އަންނަނިވި ފޮޓޯއިން އެފެންނަނީ ބިމުގެ ފަށަލަތައް އެކުލެވިފައިވާ ގޮތެވެ.

earth_cross_section_big

އިނަރކޯރ ނުވަތަ އެންމެ އެތެރޭ ފަށަލާގައިވަނީ ދަގަނޑުކަމުގައި މިފޮޓޯގައި ލިޔެފައިވެއެވެ.

19ވަނަ ޤަރުނުގެ މެދަކާހަމައަށް އައި އިރުވެސް މިހައި ބޮޑެ ޢަދަދެއްގެ ދަގަނޑު އުޑުން ފައިބަފާނެކަމުގައި ޤަބޫލުކުރަން ނުވަތަ ޚިޔާލަށް ގެނައުންވެސް އޮތީ ސައިންސްވެރިންނަށް އުދަގޫކަމެއްގެ ގޮތުގައެވެ. ކިއެއްތޯއެވެ؟ އޭގެ ކުރިން އެފަދަ ނަޒަރިއްޔާއެއް ނުވެސް ނެތެވެ. މިހައި ބޮޑު ޢަދަދެއްގެ ނުވަތަ ގިނަ ދަގަނޑު ބިމުގެ ޞަޠަޙައަށްވަދެ، ބިމުގެ އެންމެ ފުނަށް ވާޞިލްވީ ކިހިނެއްހެއްޔެވެ؟ އަދި ފުނުން ބިމުގެ ޞަޠަހައަށް ވަކި ނިސްބަތަކުން އަރަމުން އަންނަނީ ކިހިނެއްހެއްޔެވެ؟

ކައުނުން އަޅުގަނޑުމެންނަށް ފެނިފައިވާ ނުވަތަ ހޯދިފައިވާ ބައިގައި މާއްދާތައް ބެހިގެންވާ ގޮތް ދެނެގަތުމަށް ކުރެވުނު ދިރާސާތަކުން އެގޭ ގޮތުގައި ފެނިފައިވާ ކައުނުގެ އެކުލެވުމުގެ ގާތްގަނޑަކަށް 74%އަކީ ހައިޑްރޯޖީންއެވެ. ބާކީ ހުރިބައިގެ 24%އެއްހާ މިންވަރު ހިއްސާކުރަނީ ހީލިއަމްއެވެ. އަދި އަޅުގަނޑުމެންނަށް ހޯދިފައިވާ ކައުނުގެ މާއްދީއެކުލެވުމުގެ 98%އަށްވުރެ ބޮޑުބައެއް ހިއްސާކުރަނީ މިދެމާއްދާއެވެ. މިދެމާއްދާއަކީ އެންމެ ލުއި މާއްދާތަކުގެ ތެރޭގައި ހިމެނޭ ދެމާއްދާކަން ފާހަގަކޮށްލަން ޖެހެއެވެ. މިދެންނެވުނު ހޯދުމުން އެގިގެންދިޔައީ ކައުނުގައިވާ ގިނަ މާއްދާތައް އުފެދިފައިވަނީ ހައިޑްރޯޖީންގެ ނިއުކުލެއިތަކުގެ މެދުގައި ފިއުޝަންއެއްހިގައިގެންކަމެވެ. މިދެންނެވި ފިއުޝަން ހިނގުމަށް ކިޔާ ޢިލްމީ ނަމަކީ (process of nuclear fusion)އެވެ. މިއިޖުރާއާ ނުވަތަ ޢަމަލިއްޔާގެ ސަބަބުން އެކިމާއްދާތައް އުފެދެއެވެ. އަދި މިދެންނެވުނު ޢަމަލިއްޔާގެ ތެރެއިން ބޮޑު ޢަދަދެއްގެ ބާރެއް ނުވަތަ ހަކަތައެއް އުފެދެއެވެ. އެހަކަތައަށް ކިޔަނީ ތަރިތަކުގެ ހަކަތައެވެ.

މިދެންނެވުނު ޕްރޮސެސް ނުވަތަ ޢަމަލިއްޔާ ހިނގަނީ ތަރިތަކުގައެވެ. ޢިލްމުވެރިންގެ ނަޒަރިއްޔާތަކަށް ބަލާއިރު ދަގަނޑުގެ އެކުލެވުން އުފެދުމަށްޓަކައި ތަރީގެ ހޫނުމިން 2000 މިލިޔަން ޑިގުރީގައި ހުންނަންޖެހެއެވެ. އިރުގެ ހޫނުމިނަށް ބަލާއިރު، އެންމެ ހޫނުމިންގަދަވަނީ އިރުގެ ކޯރ ނުވަތަ އެތެރެފަށަލައެވެ. އެފަށަލައިގެ ހޫނުމިން ހުންނަނީ ގާތްގަނޑަކަށް 15 މިލިޔަން ޑިގުރީގައެވެ. އެހެންކަމުން އިރުގެ ހޫނު މިނަކީ ދަގަނޑު އުފެދުމަށް އެކަށީގެންވާ ހޫނުމިނެއްނޫނެވެ. ދަގަނޑު އެކުލެވުމަށް ނުވަތަ އުފެދުމަށް ބޭނުންވާ ހޫނުމިނަކީ ހަމައެކަނި ބޮޑެތި ތަރިތަކުގެ ޙަޔާތަކުގައި އަންނަ މަރުޙަލާއެއްގައި ޙާޞިލްވާ ހޫނު މިނެކެވެ. މިދެންނެވި މަރުޙަލާއަކީ ބޮޑެތި ތަރިތައް ގޮވާ މަރުޙަލާއެވެ. އެގޮވުމުން އުފެދެނީ މީޓިއަރުތަކެވެ. ނުވަތަ ދުންތަރިއެވެ. އެފަދަ ދުންތަރީގައި އެތައް ޓަނެއްގެ ދަގަޑު ހުރެއެވެ. އަންނަނިވި ފޮޓޯގައިއެވަނީ މީޓިއާއެއް ތިރިކޮށްފައިވާ ސަރަޙައްދެކެވެ.

އިރުގައިވާ ދަގަނޑުގެ ނިސްބަތުގެ ކުޑަކަމާއި، އިރުގެ ކޯރ ނުވަތަ އެތެރެ ފަށަލައިގެ ހޫނުމިން އަދި ސިލިކޯން އުފެއްދޭ މިންވަރަށްވެސް ގޮސްފައިނުވުމާއެކު، އިރަށާއި މިނިޒާމުގައިވާ އެހެން ޕްލެނެޓުތަކަށް ދަގަނޑުއައިސްފައިވަނީ މިނިޒާމުން ބޭރުންކަމުގައި ބެލުން ފިޔަވައި މަންޠިޤީ ޖަވާބެއް ނެތެވެ. މިބިން އިރާ ވަކިވިއިރު ބިމަކީ ހަމައެކަނި ވެލީގެ ގުޅަވަރެކެވެ. އެހެންނަމަވެސް އޭގެ ފަހުން މީޓިއަރ ނުވަތަ ގިނަހިލައިގެ ޠޫފާނެއް އައެވެ. އަދި އެތައް ދަގަނޑު ގިނަހިލައެއް ބިމުގައި ޖެހި އެއިން ދަގަނޑު ފޭދި ބިމުގެ އެންމެ އެތެރޭ ފަށަލައާހަމައަށް ވާޞިލްވިއެވެ.

މިދެންނެވުނު ޙަޤީޤަތްތައް ހޯދިފައިވަނީ ފާއިތުވި ޤަރުނުގެ ފަންސާހުގެ ތެރޭގައެވެ. އޭގެ ކުރިން އެފަދަ ވިސްނުމެއް އައިސްފައިނުވެއެވެ. މިދެންނެވުނު ހޯދުން ހޯދުނީ އެތައް ޒަމާނެއްގެ ތެރޭގައި ޓެކްނޮލޮޖީއަށް އައި ބޮޑު ކުރިއެރުމާއެކު، ކުއަންޓަމް ފިޒިކްސްގައި ހޯދުނު ކުރިއެރުންތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް ކީރިތި ޤުރުއާނުގައި މިހާ ޞަރީޙަކޮށް މިވާހަކަ ބަޔާންކުރައްވާފައިވަނީ އެތައް ޤަރުނެއްގެ ކުރިންނެވެ.

ބިމުގެ ބައްޓަން:

މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى أَلَا هُوَ الْعَزِيزُ الْغَفَّارُ ﴿الزمر: ٥﴾ މާނައީ: އެކަލާނގެ އުޑުތަކާއި، ބިން حق ގޮތުގައި ހެއްދެވިއެވެ. އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު خدمة ތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ. ދަންނާށެވެ! އެކަލާނގެއީ، عزيز ވަންތަ ރަސްކަލާނގެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.

ބިންވަށްވުން:

ބިންވަށްކޮށް އޮންނަކަމީ ޢިލްމީ ސާބިތު ޙަޤީޤަތެކެވެ. އެހެންނަމަވެސް ބިމުގެ ތަނަވަސްކަމާއި ފެތުރިފައިވާ މިންވަރުގެ ފުޅާކަމުގެ ސަބަބުން ޤުރުއާން ބާވައިލެއްވުމުގެ ކުރިންނާއި އަދިފަހުންވެސް އެތައް ޤަރުނެއް ފާއިތުވަންދެން މީސްތަކުން ޤަބޫލުކުރަމުން އައީ ބިމަކީ ހުރަހަށް އޮންނަ އެއްޗެއްކަމެވެ. މިޒަމާނުގައިވެސް ބައެއް ޢާންމުން މިދެންނެވި ގޮތަށް ޤަބޫލުކުރެއެވެ. އެހެންނަމަވެސް ބިމުގެ ވަށްކަމުގެ މައްޗަށް އެތައް ދަލީލެއް ފެންނަން އެބަހުއްޓެވެ.

ކީރިތި ޤުރުއާނުގައި މިޙަޤީޤަތް މިއާޔަތުގައިވަނީ ބަޔާންކުރައްވާފައެވެ. ސީދާ ލަފްޒުންލަފްޒަށް ނޫންނަމަވެސް ވަރަށްކަވި ގޮތެއްގައެވެ. އެގޮތުން ބައެއް އާޔަތްތަކުގައި ބިންފެތުރިފައިވާ ވާހަކައިންނެވެ. މާތްﷲ ވަޙީކުރައްވާފައިވއެވެ. وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا ﴿النازعات: ٣٠﴾ މާނައީ: އެއަށްފަހު، ބިން ފެތުރުއްވިއެވެ. އަދިވެސް ވަޙީކުރައްވައިފައިވެއެވެ. وَالْأَرْضِ وَمَا طَحَاهَا ﴿الشمس: ٦﴾ މާނައީ: އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ.

އެހެންނަމަވެސް މިދެންނެވި ހުރިހާ އާޔަތަކަށްވުރެ ޞަރީޙަ ދަލާލަތެއް ސޫރަތުއް ޒުމަރުގެ 5ވަނަ އާޔަތުގައި އައިސްފައިވެއެވެ. އެއީ ރޭދުވާ ބަދަލުކުރައްވާ ގޮތް ޞިފަކުރެއްވި ގޮތެވެ. އެގޮތުން ރޭދުވާ ބަދަލުވުން ޞިފަކުރައްވަމުން މާތްﷲ ވަޙީކުރައްވާފައިވެއެވެ. يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى މާނައީ: އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު خدمة ތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ.

މިއާޔަތުގައި ރޭގަނޑުގެ މައްޗަށް ދުވާލުވެރިވެ ރޭގަނޑު ފޮރުވާނެކަމާއި ދުވާލުގެ މައްޗަށް ރޭގަނޑުވެރިވާނެކަން ބަޔާންކުރައްވާފައިވަނީ އޮޅައިލެވުމުގެ މާނަ ދޭހަވާ ޢިބާރާތަކުންނެވެ. ބަހުގެ ހަމަތަކާއި ޤަވާޢިދަށް އަދި ލަފުޒުގެ ދޭހައަށް ބަލާއިރު އެއިން ދޭހަވަނީ ބިމަކީ ވަށްކޮށް އޮތް ތަނެއްކަމެވެ. ތަކުވީރުގެ މާނައަކީ އެއްޗެއްވަށްކުރުމެވެ. ނުވަތަ އެއްޗަކަށް ބޯޅައެއްގެ ބައްޓަންގެނައުމެވެ.

މާތްﷲ ވަޙީކުރައްވާފައިވއެވެ. وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا ﴿النازعات: ٣٠﴾ މާނައީ: އެއަށްފަހު، ބިން ފެތުރުއްވިއެވެ. މިއާޔަތުގައި މާތްﷲ ބޭނުންކުރައްވާފައިވާ ލަފްޒު “ދަޙާހާ” ނެގިފައިވަނީ “ދަޙްވު” މިލަފްޒުންނެވެ. މިލަފްޒަކީވެސް ޢަރަބިބަހުގައި ވަށްވުމުގެ މާނަ ދޭހަކުރުމަށް ބޭނުންކުރާ ލަފްޒެކެވެ.

B00E1120-A708-4BCC-9C882BAC8C29D6C3

މިފޮޓޯގައި ފެންނަނީ ރޭދުވާ ދައުރުވާ ގޮތެވެ.

ބިމަކީ ވަށްއެއްޗެއްކަމުގައި އެންމެ ފުރަތަމަބުނީ ޢިރާޤުކަރާގައި އިހުގައި އޮތް ޙަޟާރަތުގެ ފަލްސަފާވެރިންނެވެ. އެއަށްފަހުގައި މިފިކުރު ޔޫނާން ނުވަތަ ޤަދީމީ ގްރީކް ޙަޟާރަތުގެ ފަލްސަފާވެރިންވެސް ގެންގުޅުނެވެ. އަދި ފީޓާޣޯރީސްވެސް ބިމުގެ ވަށްކަމުގެ މައްޗަށް ހެކިދައްކައި އެފިކުރަށް ގޮވާލިއެވެ. އެއަށްފަހުގައި އިސްލާމީ ތާރީޚުގައި ޚަލީފާ މައުމޫނުގެ ވެރިކަމުގައި އަދި އޭގެ ކުރިން ޚަލީފާ ހާރޫނުއްރަޝީދުގެ ވެރިކަމުގައި މުސްލިމް ސައިންޓިސްޓުން އެވިސްނުމަށް ގޮވާލައްވާފައިވެއެވެ. އޭގެތެރޭގައި އިބްނުސީނާފަދަ ބޭފުޅުން ހިމެނިވަޑައިގަތެވެ.[4]

ބިން ދައުރުކުރުން:

ރޭދުވާ ބަދަލުވުން ޞިފަކުރައްވަމުން މާތްﷲ ވަޙީކުރައްވާފައިވެއެވެ. يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى މާނައީ: އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު خدمة ތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ.

މިޞިފަކުރެއްވުމުން ބިމުގެ ބައްޓަމަކީ ވަށްވުންކަން އެގޭފަދައިން ބިން އޭގެ އޯބިޓުގައި ދައުރުވާކަންވެސް އެގެއެވެ. އަދި މިދެންނެވި ޙަޤީޤަތުގެ މައްޗަށް އެއަށްވުރެ ތަފްޞީލީ ބަޔާނެއް އަންނަނިވި އާޔަތުގައި މާތްﷲ ދެއްވައެވެ. وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ صُنْعَ اللَّهِ الَّذِي أَتْقَنَ كُلَّ شَيْءٍ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ ﴿النمل: ٨٨﴾ މާނައީ: އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެ ތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ حال،ތިބާ ހީކުރަނީ، އެ ތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) اللَّه ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

މިއާޔަތުގައި ފަރުބަދަތައް ވިލައިތައް ހިނގައިދާގޮތަށް ހިނގާކަމުގައި ބަޔާންކުރައްވާފައިވެއެވެ. މިޒަމާނުގެ ސައިންޓިފިކް ހޯދުންތަކުން އަޅުގަނޑުމެންނަށް އެގުނު ގޮތުގައި 3500 މީޓަރާއި 4000 މީޓަރުގެ އުސްމިނުގައި ހުންނަނީ މައިގަނޑު ބޮޑެތި ވިލާގަނޑުތަކެވެ. މިވިލާގަނޑުތައް އަބަދުވެސް ދަތުރުކުރަނީ އެއްމިސްރާބަކަށެވެ. އެއީ ހުޅަނގުން އިރުމައްޗަށެވެ. އެހެންކަމުން މޫސުން ލަފާކުރުމުގައި އަބަދުވެސް ބަލާނީ ހުޅަނގުގައި ކަންހުރި ގޮތަށެވެ. މިދެންނެވި ގޮތަށް ވިލާގަނޑުތައް ހުޅަނގުން އިރުމައްޗަށް ދަތުރުކުރަނީ ސަބަބެއް އޮވެގެނެވެ. އެއީ ބިން ދައުރުކުރާ މިސްރާބެވެ. ބިން އަބަދުވެސް ދައުރުކުރަނީ ހުޅަނގުން އިރުމައްޗަށް ވާގޮތަށެވެ. އެހެންކަމުން ވިލާތައްވެސް ދަތުރުކުރަނީ އެމިސްރާބަށެވެ. މާތްﷲ ފަރުބަދައިގެ ހިނގުން މާތްﷲ ވިލާގެ ހިނގުމާއެއްގޮތް ކުރެއްވީ މިސަބަބަށްޓަކައެވެ. [5]

ރިފެރެންސް:

1- Miracles of the Quran – Harun Yahuhaa – Download link: http://harunyahya.com/en/Books/4690/allahs-miracles-in-the-quran/chapter/4412

2- الإعجاز العلمي فى القران و السنة ލިޔުއްވީ: مجموعة من المؤلفين ޗާޕްކުރީ الهيئة العامة للإعجاز العلمي فى القران

3- من ايات الإعجاز فى القران- الأرض فى القران د.زغلول النجار دار المعرفة

4- http://geology.com/below-sea-level

[1] الأرض فى القران الكريم 80

[2] http://geology.com/below-sea-level/

[3] الإعجاز العلمي فى القران و السنة ص 193-199

[4] الإعجاز العلمي فى القران و السنة ص 225-230

[5] Miracles of Allah in the Quran Harun Yahuya page:55-54

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!