އަންހެންކުދީން ޚިތާނުކުރުން: އިސްލާމްދީނުގައި އިޤްރާރުވެފައިވާ ހުއްދަކަމެއް! (4)

الإمام مالك رحمه الله (ނިޔާވީ 179 ހ.) އަރިހުން الإمام ابن عبد البر ” التمهيد ” އެވެ ކިޔުނު ފޮތުގައި ނަޤުލުކުރައްވާފައިވެއެވެ.” ފިރިހެނުންނާއި އަންހެނުންވެސް ޚިތާނުކުރުމަކީ ފިޠްރަތުގެތެރޭގައި ހިމެނޭ ކަމެކެވެ.

ފަހެ އަންހެންކުދީން ޚިތާނުކުރުމަކީ ހުއްދަ ކަމަކާމެދު އިސްލާމީ އުއްމަތުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފެއްނެތެވެ. އެބޭކަލުންވަނީ އިޖްމާޢުވެލައްވާފައެވެ. އެހެންކަމުގައިވާއިރު؛ މަގުފުރެދުމެއްގެ މައްޗަށް މި އުއްމަތުގެ ހުރިހާ ދަންނަބޭކަލުން އެއްފަހަރާ އިއްތިފާޤު ނުވާނޭކަމުގައި މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ޚަބަރުދެއްވަވާފައެވެ..
1- الإمام ابن هبيرة الشيباني ( ނިޔާވީ 560 هـ ) ވިދާޅުވެފައިވެއެވެ. ( اتفقوا على أن الختان في حق الرجال ، والخفاض في حق الأنثى مشروع) اهـ ” ފިރިހެނުންގެ ޙައްޤުގައި ޚިތާނުކުރުމާއި އަންހެނުން ޚިފާޟްކުރުން (އަންހެނުން ޚިތާނުކުރުމަށް ބޭނުންކުރާގޮތަށް ބޭނުންކުރާ ބަހެއް) އެއީ ހުއްދަވެގެންވާކަމެއްކަމުގައި ވަނީ ޢިލްމުވެރީން އިއްތިފާޤްވެލައްވާފައެވެ.
ب – الإمام ابن رجب (ނިޔާވީ 795ހ.) ” فتح الباري “އެވެ ކިޔުނު ފޮތުގައި ވިދާޅުވިއެވެ ( وختان المرأة مشروع ، بغير خلاف ) . اهـ ” އަދި އަންހެނާގެ ކިތާނުކުރުން – އެއްވެސް ޚިލާފެއްނެތި-ހުއްދަވެގެންވެއެވެ.”
އަންދަލުސް ގެ މަޝްހޫރު އިމާމު الإمام ابن حزم (ނިޔާވީ 456 هـ) އެކަލޭގެފާނުގެ ފޮތް ” مراتب الإجماع ” ގައި ވިދާޅުވެފައިވެއެވެ. (واتفقوا على إباحة الختان للنساء ) . اهـ ” އަންހެނުން ޚިތާނުކުރުން ހުއްދަކަމުގައި ޢިލްމުވެރީން ވަނީ އިއްތިފާޤްވެލައްވާފައެވެ.

މިބަޔާންވެ ދިޔައީ ޖުމްލަކޮށް ޢިލްމުވެރީންގެ ޙުކުމް ނަޤްލުކުރެވިފައިވާ ގޮތެވެ. ވަކިވަކިން ވަކި ޢިލްމުވެރީންނެއްގެ ބަސްފުޅުތަކާއި، 4 އިމާމުންގެ ބަސްފުޅުތަކަށް ބަލާލައިފިނަމަ ފެނިގެންދަނީ ބައެއް ބޭފުޅުންކައިރީގައި ޚިތާނުވާޖިބު ވުމުގައި އަންހެނުންނަށްވެސް ފިރިހެނެނުންނެކޭ އެއް ޙުކުމެއް ދެއްވާފައިވާތަނެވެ. ޚާއްޞަކޮށް ދިވެހިރާއްޖޭގައި އެންމެ މަޝްހޫރު މަޛްހަބުކަމުގައިވާ ޝާފިޢީ މަޛްހަބުގައި އެކަން ބަޔާންކުރެވިފައި އޮތީ އެގޮތަށެވެ. އެއީ އިބްރާހީމްގެފާނުގެ މިއްލަތައް ތަބަޢަ ވުމަށް މިއުއްމަތުގެ މީހުންނަށްވެސް އަމުރުކުރައްވާފައިވުމާއި، އެ މިއްލަތުގައި ޚިތާނުކުރުމަށް އަމުރުކުރައްވާފައި އޮތުމުންނެވެ. މީގެއިތުރުން މުސްލިމެއްގެ ނަފްސަކީ ޙުރްމަތްތެރި ކުރައްވާފައިވާ ތަނަކަށްވުމާއި، އެނަފްސަށްކުރެވޭ ކިތަންމެ ކުޑަ ޒަޚަމަކީވެސް ނުވަތަ ޢައިބަކީވެސް ޝަރުޢީ ހުއްދަނެތް ޒަޚަމެއްކަމުގައިވާނަމަ ޤިޞާޞްގެ ޢުޤޫބާތް އިސްލާމީ ޝަރީޢަތުގައި ތަޙައްމަލުކުރަންޖެހޭނޭ ކަމެއްކަންވެސް ދަންނަންޖެހެއެވެ. އެގޮތުން ޚިތާނުކުރުމުގެތެރޭގައި ޑޮކްޓަރުގެ ފަރުވާކުޑަކަމުން ނުވަތަ ފަންނުގެ ހުނަރު ނެތި މަސައްކަތްކުރުމުގެ ސަބަބުން ގެއްލުމެއް ގުނަވަނަށް ވެއްޖެ ނަމަ ޖާމިނުވުމުގެ ކުޑަބޮޑުމިންވަރާމެދު ޝަރީޢަތުގެ ޢާއްމު މަޤާޞިދުތަކުގެ މައްޗަށް ބިނާކޮށް ޤިޞާޞް ހިފުމާއި، ދިޔައިގެ ޖާމިނުވުމުގެ މައްޗަށް ފިޤުހުވެރީން ވަނީ ބަހުޘްލިއުއްވާފައެވެ.

އެހެންކަމުން ސާފުކޮށްއެނގި ބަޔާންވެގެންދަނީ އިސްލާމްދީނުގައި ފިރިހެނުންނާއި އަންހެނުންނަށްވެސް ޚިތާނުކުރުމަކީ އެއީ މާތް ﷲ ޝަރުޢުކުރައްވާފައިވާ ކަމެއްކަމެވެ. އަދި އަންހެނުން ޚިތާނުކުރުން އިސްލާމްދީނުގައި އޮތަތީ، އެހެނެކޭ ކިޔާފައި އުއްމަތެއްގެ މީހުންވެގެން އެކަމުގެމައްޗަށް ހަނގުރާމަ ކޮއްޅަށްޖަހާ، ޤާނޫނުތައް އެކަމާ ދެކޮޅަށް ހަދާންޖެހޭވަރުގެ ކަމެއްވެސް ނޫންކަމެވެ. ޙައިރާންވާނޭ ޖާގައެއް ނެތެވެ. މި ކުޑަކުޑަ މުސްލިމް ދިވެހި ރާއްޖޭގައިވެސް ” މީޑިއާތަކުން ބްރޯޑްކާސްކުރުމުގައި ޢަމަލުކުރުމަށް ހަދާ އަޚްލާޤީ މިންގަނޑު” އެކުލަވާލިއިރު ބޮޑެތި މަނާކަންކަމުގެ ތެރޭގައި ” އަންހެނުން ޚިތާނުކުރާ ވާހަކަ” ދެއްކުން ހިމަނާފައިވުމުން ދޭހަވެގެންދަނީ މި ޤަޥުމުގައި ހިނގަމުންދާ އަދި ދަޢުވަތުދެމުންދާ ޖަރީމާތަކުގެތެރެއިން އެންމެ ބޮޑު އެއް ޖަރީމާ އަކީ މިއީ ކަމެވެ! އަދި ދިވެހިރައްޔިތުންނަށް ދިރިއުޅޭން އުދަނގޫވެފައިވަނީވެސް މިކަމުގެ ސަބަބުން ކަމެވެ! ޙަޤީޤަތް ހާމަކުރުމަކަށް އަޅުގަނޑުމެން ލަދުނުގަންނަމާތޯއެވެ!

އާދެ! ބްރޯޑްކާސްޓް ކުރުމުގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި ގެންގުޅެންވީ މިންގަނޑުތަކުގެ ދަށުން (ށ) ގައި އަންހެންކުދީން ޚިތާނު ކުރުމަކީ އަނިޔާކުރުމުގެ ތެރޭގައި ހިމަނާފައިވިއެވެ. މި ޤަވާޢިދަށް ބައެއް އިޞްލާޙް އަޅުގަނޑުމެންވާނީ ހުށަވެސްއަޅާފައެވެ. އެހެންކަމުން އިތުރަށް ފާހަގަކޮށްލަންޖެހޭ ކަމަކީ އާޢިލީދިރިއުޅުމުގެ ނަމޫނާ ތަހްޛީބީ މުޖްތަމަޢުތަކުގައިވެސް އަންހެންކުދިން ޚިތާނުކުރުމަކީ ދުނިޔޭގައި ކުރާކަމަކަށްވެފައިމެ، އިސްލާމްދީނުގައިވެސް މިކަން މަނާކުރައްވާފައި ނުވުމާއި އަދި ކިއެއްތަ އެކަމުގެ ހުއްދަކަމުގެ މައްޗަށް އިސްލާމީޝަރީޢަތުގައިވެސް އިޤްރާރުވެލައްވައި، އިތުރަށް ތަހުޒީބުކުރައްވާ، ފުރިހަމަކުރައްވާފައިވާކަމެވެ. ހަމައެއާއެކު ހަނދާންކޮށް ހިތުގައި ބިންގަނޑު ނަގަންވީ އިސްލާމްދީނުގައި އިޤްރާރުވެފައިވާ އެއްވެސް ކަމެއްގައި އަނިޔާވެރިކަން ނުހިމެނޭނެކަމެވެ. އަދި އެގޮތައް ޤަބޫލުކުރުމީ އިސްލާމްދީނުގެ އަސާސީ ޢަޤީދާއެއްކަމެވެ. ސަބަބަކީ އިސްލާމްދީނުގެ މުޝައްރިޢަކީ ގަދަކީރިތިވަންތަ ﷲ ކަމަށްވުމާއިއެކު އެކަލާނގެއީ ޙިކްމަތްވަންތަކަމާއި، ކަންކަމުގެ ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވުމާއި، ވަކީން ޚާއްޞަކޮށް އިންސާނާ އުފެއްދެވުމާއި، އަދި ދުނިޔޭގައިވާހާ ތަކެއްޗެއްވެސް އެކަލާނގެ ޚަލްޤުކުރެއްވުމާއި، އާރާއިބާރުވެރި ޢިއްޒަތްވަންތަ ރަސްކަލާނގެ ކަމުގައިވުމާއި، އެކަލާނގެއަށް އެއްވެސް ކަމެއް އުޑުތަކާއި ބިމުގައިވެސް ވަންހަނާ ވެގެންނުވުމާއި، ހުރިހާކަމަކަށްމެ ކުޅަދުންވަންތަ އަދި އަޅުތަކުންނަށް އޯގާވަންތަ ރަޙްމާނުކަމުގައި ވާތީ ސަލާމަތްބުއްދި ތަންދޭގޮތަކީ އެފަރާތުން ބާވައިލައްވާ ޝަރީޢަތުގައި އުނިކަމެއް ނުވުމަށެވެ. އަމްދުން އެއާއެކު ދުނިޔެވީ ދިރާސާތަކުން ބަލާލިއަސް؛ ޢާއިލީދިރިއުޅުމުގެ ވައްޓަފާޅި އޮތް އެއްވެސް މުޖްތަމަޢުއެއްގެ ތަޖްރިބާތަކަށް ނަޒަރުހިންގާލިޔަސް މިކަމަކީ ހަރުދަނާ ޤަޥުމެއްގެ ބްރޮޑްކާސްޓުކުރުމުގެ އަސާސީ ޤަޥާޢިދުގައި ހިމަނަން ލާޒިމްކުރުވާފަދަ ޤަވުމީބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެންއޮތްކަމެއްނޫންކަން ހަނދާންކޮށްލަންޖެހެއެވެ. ޚާއްޞަކޮށް ދިވެހިރާއްޖެއަކު މިކަމަކީ ޢާއްމުވެފައިވާ ވެސް ކަމަކަށް ވެފައި ނުވާއިރު މިވާހަކަ މިހާ ބޮޑުކޮށްގެން ދައްކަމުން، ޤަވުމީ ބޮޑެތި ޕޮލިސީތަކަށް އެޑްރެސްކުރެވޭ ބީދައިން ދިވެހިރާއްޖޭގެ ޤާނޫނުތަކުގައިވެސް އެޑްރެސްކުރެވެމުންދިއުމަކީ ޤަވުމުގައި ހަރުދަނާ އަމާޒެއްނެތްކަން ހާމަވެގެންދާ ކަމެއްނޫންބާވައެވެ؟

މާތް ﷲ ގެ މި ވަޙީބަސްފުޅުން ލިޔުން ނިންމާލަމެވެ. (( وَمَا كَانَ رَبُّكَ نَسِيًّا)) سورة مريم 64 ” ހަނދުމަނެތިވާކަލަކުކަމުގައި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނުމެވޭމެއެވެ” (ނިމުނީ) ولله الحمد والمنة وهو ولي التوفيق.
27 ފެބްރުއަރީ 2014

ނިމުނީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!