ސަޅި ވެބްސައިޓް: ބަސްފޮތް.އެމްވީ

ބަސްފޮތް ޑޮޓް އެމްވީ އަކީ އިނގިރޭސި – ދިވެހި އޮންލައިން ރަދީފެކެވެ. މި ވެބްސައިޓުގައި އިނގިރޭސި އާއި ދިވެހީގެ ބަސްތައް ވަރަށް ފަސޭހަކަމާއެކު ހޯދާލެވެއެވެ. ދިވެހި ލަފުޒެއް އިނގިރޭސި ބަހުން ބޭނުންކުރާގޮތް ނުވަތަ އިނގިރޭސި ލަފުޒެއް ދިވެހިން ބޭނުން ކުރާގޮތް ހޯދާލުމަށް ބަސްފޮތް ޑޮޓް އެމްވީ އަށް ވަދެލަންވީއެވެ. މިސާލަކަށް ދިވެހި ބަހެއްގެ އިނގިރޭސި ބަސް ހޯދަން ބޭނުންވާނަމަ ސައިޓަށް ވަނުމަށްފަހު މެދުން ފެންނަން އިންނަ ސާރޗްބާ ގައި ހޯދަން ބޭނުންވާ ދިވެހި ބަސް ލިޔެލުމުން އެ ބަހުގެ  އިނގރޭސި ލަފުޒު އަދި ލެޓިން އިން އެބަސް ކިޔާގޮތްވެސް އަންނާނެއެވެ.

ބަސްފޮތް ޑޮޓް އެމްވީ އުފެއްދި ޢަބްދުﷲ ޝަހީދު މައުލޫމާތު ދިންގޮތުގައި މި ވެބްސައިޓް ހެދުމުގެ ބޭނުމަކީ ތައުލީމީ ދާއިރާއާއި މަސައްކަތުގެ ދާއިރާގައި އުޅުއްވާ ބޭފުޅުން އެކި ކަހަލަ ލިޔުންތައް ލިޔާއިރު އިނގިރޭސި ލަފުޒުތަކުގެ ދިވެހިގޮތް ނުވަތަ ދިވެހި ލަފްޒުގެ އިނގިރޭސިގޮތް ބަލާލުމުގެ ފަސޭހަ ޒަރިއްޔާއެއް ހޯދައިދިނުމެވެ. މިސާލަކަށް ކިޔަވާ ކުއްޖަކު އެސައިމަންޓެއް ހަދާލަން ޖެހުނަސް އިނގިރޭސި ބަހުގައި ހުންނަ ބައެއް ބޮޑެތި ލަފްޒުތައް ނޭނގޭނަމަ އެ ލަފްޒެއް ޖަހާލުމުން އޭގެ ދިވެހިމާނަ ފެންނާނެއެވެ. އަދި މި ސައިޓުގައި ދިވެހިން ނުވަތަ އިނގިރޭސިން ނުވަތަ ލެޓިން އިން ލިޔުނަސް އޭގެ މާނަ ފެންނާނެއެވެ. މީ ދިވެހި ބަސް ދަސްކުރަން ބޭނުންވާ ބިދޭސީންނަށްވެސް އެހީއަކަށް ވާނެ ވަސީލަތެކެވެ.

މުޅި އެކު 12000 އަށްވުރެ ގިނަ ބަސް މި ރަދީފުގައި ހިމެނޭނެ ކަމަށާއި، ބަހެއް ހޯދައި ނުފެނިއްޖެ ނަމަ އެބަހެއް ހުށަހެޅޭނެ ކަމަށްވެސް ޝަހީދު މައުލޫމާތު ދެއެވެ. އަދި ބަސްތައް ހޯދާފައިވަނީ އެކި ރަދީފުތައްބަލައި އެކި ފޮތްފޮތް ކިޔައިގެން އެކިގޮތްގޮތުން ކަމަށްވެސް މައުލޫމާތު ދިނެވެ. މިމަސައްކަތަކީ 2009 ވަނަ އަހަރުގައި ފަށައިގަތް ކަމެއްކަމަށާއި މިކަމުގައި އެހީތެރިވެދިން ޚާއްޞަ ފަރާތެއް ކަމަށްވާ އިބްރާހިމް ނައީމްގެ މަސައްކަތް ޝަހީދު ފާހަގަ ކޮށްލައެވެ.

ބައެއް ބަސްބަހުގައި ކުށް ހުރެދާނެ ކަމަށާއި އެކަންކަން ރަނގަޅު ކުރަމުން ދާކަމަށް އަދި ކުރިޔަށް އޮތްތަނުގައި އިނގިރޭސި ބަސްބަހުގެ މާނަވެސް ހިމަނާގޮތަށް ނިންމާފައި ވާނެކަމަށް ބަސްފޮތް ޑޮޓް އެމްވީ އިން ބުނެއެވެ.

ބަސްފޮތް.އެމްވީ އަށް ޒިޔާރަށް ކޮށްލެއްވުމަށް

ބަސްފޮތް.އެމްވީ ފޭސްބުކް ޕޭޖް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!