• މަޖިލިސް ހުސްކޮށް

ރައްޔިތުންގެ މަޖިލިސް – ރައްޔިތުންގެ އުންމީދު

ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުންގެ އެތައް އުންމީދެއް އެތަނަކާ ގުޅިފައިވާ މުއައްސަސާއެކެވެ. ނުހަނު ބޮޑު ޒިންމާއަކާއި ވާޖިބެއް އަދާކުރާ މުއައްސަސާއެކެވެ. ދައުލަތުގެ އެންމަ ހައިބަވެރި ޤަދަރުވެރި އެއް މުއައްސަސާއެވެ. ތިން ބާރުގެ ތެރެއިން ބާރެކެވެ. ކުރިއަށް އޮތީ މިދެންނެވި މުއައްސަސާ އެކުލަވައިލުމަށް ބޭއްވޭ ޢާންމު އިންތިޚާބެވެ. އެހެންކަމުން މިމުއައްސަސާއާއި އެމުއައްސަސާއަށް މެންބަރުން އިންތިޚާބުކުރުމާމެދު ދެތިން ބަހެއް ލިޔެލަން ގަސްތުކުރީމެވެ.

މަޖިލިހަކީ ޤާނޫންތައް އެކުލަވައިލައި، ދައުލަތުގެ ޤާނޫނީ ނިޒާމް ބައްޓަންކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވައި، މިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާގެ އެންމެ މަތީ ކޯޓު އެކުލަވައިލުމާއި އެކޯޓަށް ބަދަލުގެނައުމުގެ ޤާނޫނީ ބާރު ލިބިފައިވާ، އެޒިންމާ އަދާކުރާ މުއައްސަސާއެވެ. އަދި ކިއެއްތޯއެވެ؟ ޤާނޫން އަސާސީއަށް ބަދަލުގެނައުމުގެ ބާރު ލިބިފައިވާ މުއައްސަސާއެކެވެ. ރައީސުލް ޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބު މަޤާމުން ވަކިކުރެއްވުމުގެ ބާރުވެސް ލިބިފައިވާ މުއައްސަސާއެވެ. މިފަދަ މުހިންމު ޒިންމާތަކެއް އަދާކުރާ އަދި ބޮޑެތި ބާރުތަކެއް ލިބިފައިވާ މުއައްސަސާއެއް އެކުލަވައިލުމުގެ ޒިންމާ ދިވެހި ރައްޔިތުން އަދާކުރާއިރު، ހޭވެރިވެ ސަމާލުވެ ތިބެ އެކަންކުރުމަކީ މުހިންމު ކަމެކެވެ.

ޤާނޫން ހެދުމުގައި ރައްޔިތުންގެ މަޖިލިސް:
ކުރިންވެސް ދެންނެވުނު ފަދައިން ރައްޔިތުންގެ މަޖިލީހަކީ ޤާނޫން ހެދުމުގެ ބާރު ލިބިފައިވާ ފަރާތެވެ. ޤާނޫން އަސާސީގެ 70ވަނަ މާއްދާގެ ހ.ގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި ޤާނޫން ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައެވެ. މިދެންނެވި ބާރުތަކަކީ ނުހަނު ބޮޑު ޒިންމާއެކެވެ. ރައްޔިތުންނާއި ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރި ކުރެވޭނެ ގޮތަކަށް ޤާނޫންތައް އެކުލަވާލުމުގެ ޒިންމާއެވެ. މަޖިލީހަށް މިމާއްދާގެ ހ. އަދި ށ.އިން ލިބިދޭ ބާރުތަކަކީ ދައުލަތުގެ އިޤުތިޞާދީ އިޖުތިމާޢީ ޙާލަތު އެފުށް މިފުށަށް ޖަހައިލެވޭ ފަދަ ބާރުތަކެކެވެ. މިހައި ބޮޑު ބާރުތަކެއް ބައެއްގެ އަތް މައްޗަށް 5 އަހަރުގެ މުއްދަތަކަށް ދޫކޮށްލާ ހިނދު ޒިންމާދާރުވެ، ހޭވެރިވުން ބުއްދިވެރި ނޫންތޯއެވެ؟ _
ރައްޔިތުންގެ މަޖިލީހުން ޤާނޫން ހަދަން ޖެހެނީ ކޮން އުޞޫލެއްގެ މަތިން ކަން ޤާނޫން އަސާސީގައި ވަރަށް ސާފުކޮށް ބަޔާންވެފައިވެއެވެ. އެގޮތުން ޤާނޫން އަސާސީގެ 10ވަނަ މާއްދާގެ ހ.ގައިވަނީ އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫންގެ މައިގަނޑު މަޞްދަރުކަމުގައެވެ. އަދި އެމާއްދާގެ ށ.ގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމުގައެވެ. އަދިވެސް ޤަނޫން އަސާސީގެ 70ވަނަ މާއްދާގެ ށ. 2 ވަނަ ނުކުތާގައި ބަޔާންވެފައިވަނީ ރައްޔިތުން މަޖިލީހަށް، ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭ ގޮތުން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާގޮތުގެ މަތީން ޤާނޫން ހެދުމާއި، ޤާނޫނަށް ބަދަލުގެނައުމާއި ޤާނޫން ބާޠިލްކުރުމުގެ ބާރު ލިބިފައިވާ ކަމުގައެވެ. އަދި މިމާއްދާގެ ނ.ގައި ބުނެފައިވަނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެން ނުވާނެ ކަމުގައެވެ. ސުވާލަކީ ދީނުގެ ޢިލްމު އުގެނިވަޑައިގެން ތިއްބެވި ޢިލްމުވެރިންނަށް މަޖިލީހުން ޖާގަ ކަށަވަރުކޮށްދޭން ނުޖެހޭތޯއެވެ؟ އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ނުވާ ގޮތެއްގެ މަތިން ޤާނޫންތައް ހެދުމުގެ ޒިންމާ އަދާކުރާ މަޖިލިހެއްގައި އެދީނުގެ ޙުކުމްތައް ދެނެވަޑައިގެންތިއްބެވި ޢިލްމުވެރި ބޭފުޅުން ތިއްބެވުމަކީ ލާޒިމްކަމެއްނޫންތޯއެވެ؟

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހަކީ ވަރަށް މުހިއްމު ޤާނޫންތަކެއް އެކުލަވައިލަން ޖެހޭނެ މަޖިލިހެކެވެ. އެހެން މިދެންނެވީ 2013ވަނަ އަހަރު އުފެދިގެން މިއައި ސަރުކާރުން، ސަރުކާރުގެ އިޤުތިޞާދީ އިޖުތިމާޢީ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށްޓަކައި ދައުލަތުގެ މާލީ އަދި ޖިނާއީ ޢަދުލުގެ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ގަސްތުކުރައްވައެވެ. އެކަންވަނީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމަނުއްވާފައެވެ. ބައެއް މިސާލުތައް ދަންނަވާލާނަމެވެ. އިންވެސްޓުމެންޓާ ބެހޭ ޤާނޫނަށް ބަދަލުގެނެސް ބޭރުގެ އިންވެސްޓަރުންނަށް އިތުބާރުކުރެވޭ އިޤުތިޞާދީ ނިޒާމެއް ބިނާކުރެއްވުމުގެ ވާހަކައެވެ. ޒުވާނުންނަށް ކުށުގެ ވެށިން ނުކުމެވޭނެ މަގުފަހި ކުރުމަށްޓަކައި، ކުދި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް އިޖުތިމާޢީ ޚިދުމަތް އަދާކޮށް ފުލުސް ރެކޯޑު ސާފުކުރުމުގެ ފުރުޞަތު ދިނުމެވެ. މުސާރަތައް ކަނޑައަޅާނެ ޤާނޫނީ މިނިވަން މުއައްސަސާއެއް އެކުލަވާލައި، ދައުލަތުގެ މުސާރައިގެ އޮނިގަނޑު ކަނޑައެޅުމުގައި ބަލާނެ މިންގަނޑެއް އެކުލަވާލުމެވެ.

މިފަދަ ޚުޠޫރަތްތެރި މުހިއްމު ޤާނޫންތަކެއް މަޖިލިހަށް ހުށަހެޅިގެންދާއިރު، ފާއިތުވި މަޖިލިސްތަކަށް ހުށަހެޅި އަދި ބަޙުސްކުރެވި ގޮތެއް ނުނިންމި ނުހަނު މުހިއްމު ބިލްތަކެއް އެބަހުއްޓެވެ. ޖިނާއީ ޢަދުލުގެ ނިޒާމް އިޞްލާޙުކުރުމާއި އަލުން އެކުލަވާލުމަށްޓަކައި ނުހަނު ބޭނުންތެރި ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި ޤާނޫނުލް ޢުޤޫބާތު އަދިވެސް ވަނީ މަޖިލިހުގެ ހަތަރުފާރުން ބޭރުވެ، ތަޞްދީޤުކުރުމަށް ރައީސްގެ އަރިހަށް ފޮނުވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އަދި ބައެއް ޤާނޫންތަކަކީ ތަޖުރިބާކުރެވި، އިޞްލާހުކުރަން ޖެހޭކަން ޔަޤީންވެފައިވާ ޤާނޫންތަކެކެވެ. މިސާލަކަށް ދަންނަވަނީނަމަ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާ ބެހޭ ޤާނޫނުން އުފެދުނު ލޯކަލް ކައުންސިލްތަކުގެ ނިޒާމަކީ އިޞްލާޙުކުރަން ޖެހިފައިވާ ނިޒާމެކެވެ. ދައުލަތުގެ މާލީ ޙާލަތާ އެކަށޭނެ އަދި ނަތީޖާ ނެރެދެވޭނެ ނިޒާމަކަށް އެނިޒާމް ބަދަލުކުރަން ޖެހެއެވެ. މިހިސާބުން އަޅުގަނޑު އަނެއްކާވެސް އުފައްދާނީ ސުވާލެކެވެ. މިހިރަ މިހިރަ ޚުޠޫރަތްތެރި ބޮޑެތި ޤާނޫންތައް އެކުލަވައިލައި މަޖިލީހަކީ ފަންނީ އެކި ދާއިރާތަކުން ޢިލްމު ޙާޞިލްކުރައްވައިގެން ތިއްބެވި ޓެކްނޮކުރޭޓުންގެ މައްޗަށް އެކުލެވޭ މަޖިލީހަކަށް ވާން ނުޖެހޭ ހެއްޔެވެ؟ _
2009ވަނަ އަހަރު އަޅުގަނޑުމެން އިންތިޚާބުކުރި މަޖިލިހުގައި ކުރެވުނު އުފެއްދުންތެރި މަސައްކަތްތަކަށްވުރެ ސިޔާސީ “ޑްރާމާ” ގިނައެވެ. އަޑުގަދަ، ސިޔާސީ ޙަރަކާތްތެރިން ގިނަ އެމަޖިލިހަކީ، ސިޔާސީ ޕާޓީތަކުގެ މަޖިލިހެކެވެ. ގަނެ ވިއްކުމުގެ ބާޒާރެއް ހުޅުވި، ދެއިރު ދަޅައަށް ޕާޓީ ބަދަލުކުރައްވާ މެންބަރުން އަޅުގަނޑުމެން ދުށީމުއެވެ. މަޖިލީހުގެ ކޮމިޓީތަކުގައާއި މަޖިލީހުގެ ތަޅުމުގައި ކުޑަކުދިން މަދުރަސާގައި ސަކަރާތް ޖަހައި އުޅޭ އުޞޫލުން މެންބަރުން އުޅުއްވި މަންޒަރުވެސް އަޅުގަނޑުމެން ބެލީމުއެވެ. ބައެއްފަހަރަށް އެމަޖިލިހުގައި ޢާންމު ތަންތަނުގައި ބޭނުންކުރުން އެކަށީގެންނުވާ ބަހުރުވަ ބޭނުންކުރައްވައި، މާރާމާރީ ހިންގެވިތަންވެސް ފެނުނެވެ. މިހުރިހާ ކަމެއް ތަޖުރިބާކޮށް، އެމަންޒަރުތައް ދެކެ، އެއަޑުތައް އެހުމަށްފަހު، މިފަހަރުވެސް އަޅުގަނޑުމެން އެކުލަވައިލާނީ ހަމައެފަދަ މަޖިލިހެއްތޯއެވެ؟

ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މަޖިލިސް:
ރައްޔިތުންގެ މަޖިލީހަކީ ޤާނޫންހެދުމުގެ އިތުރަށް ސަރުކާރު ޖަވާބު ދާރީކުރުވާ މަޖިލިހެކެވެ. އެއީ އެމަޖިލީހަށް ލިބިފައިވާ ބާރެއްގެ އިތުރުން، މަޖިލީހުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. ޤާނޫން އަސާސީގެ 70ވަނަ މާއްދާގެ ށ.ގެ 2ވަނަ ނުކުތާގައި އެކަން ވަނީ ބަޔާންވެފައެވެ. މިދެންނެވި ޒިންމާ އަދާކުރުމުގެ ގޮތުން ވަޒީރުން ނުވަތަ ސަރުކާރުގެ އެހެންވެސް މަޤާމެއްގައި ހުރި މީހަކު މަޖިލީހަށް ޙާޟިރުކޮށް އެމީހަކު އަދާކުރާން ޖެހޭ ޒިންމާއާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ބާރު ޤާނޫން އަސާސީގެ 98ވަނަ މާއްދާގެ ހ.އިން ރައްޔިތުންގެ މަޖިލިހަށް ލިބެއެވެ. އަދި މިމާއްދާގެ ށ.ގެ ދަށުން ވަޒީރަކު ނުވަތަ ސަރުކާރުގެ މަޤާމެއްގައި ހުންނަ ފަރާތަކުން އެފަރާތެއްގެ ޒިންމާ އަދާކުރާ ގޮތާ ގުޅޭގޮތުން ސުވާލުކުރުމުގެ ޙައްޤު ނުވަތަ ބާރު މަޖިލިހުގެ ކޮންމެ މެންބަރަކަށް ލިބިގެންވެއެވެ. އަދި މިމާއްދާގެ ނ.ގައިވަނީ އެފަދައިން ކުރެވޭ ސުވާލަށް ތެދުވެރިކަމާއެކު ޖަވާބު ދިނުން ސުވާލުކުރެވޭ ފަރާތްތަކުގެ މައްޗަށް ލާޒިމްކޮށްފައެވެ.

މިދެންނެވި ބާރުތައް ހެޔޮ ގޮތުގައި ބޭނުންކޮށް ރައްޔިތުންނަށް މަންފާ ހޯދައިދިނުމަކީ މަޖިލިސް މެންބަރުންނަށް ކުރެވިދާނެ އަދި ކުރަން ޖެހޭނެ ކަމެކެވެ. އަހަރީ ބަޖެޓު އެކުލެވި ފާސްވެގެން ދާއިރު، ރަށްތަކަށާއި އަތޮޅުތަކަށް އެތައް ޚިދުމަތެއް ދިނުމަށް ބަޖެޓުގައި ހިމެނެއެވެ. އެތައް މަޝްރޫޢެއް ހިންގުމަށް ހަމަޖެހެއެވެ. އެހެންނަމަވެސް އެފަދަ ކަންކަން ނުހިނގައި ލަސްވަމުން ފަސްވަމުން ގޮސް ހުއްޓިފައި އެބަހުއްޓެއެވެ. އެފަދަ ޙާލަތްތަކުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ވެރިން ޖަވާބުދާރީ ކުރުވައި، ސުވާލުކޮށް، އެލިބޭ ޖަވާބު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ޤާނޫން އަސާސީގެ 98ވަނަ މާއްދާއިން މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިފައިވާ ބާރެކެވެ. ތެދެކެވެ. މަޝްރޫޢުތައް ހިންގުމާއި ޚިދުމަތްތައް ދިނުމަކީ މަޖިލިހުގެ ޒިންމާއެއް ނޫނެވެ. އަދި ދައުލަތުގެ ޢާންމު ސިޔާސަތުތައް އެކަށައެޅުމަކީވެސް މަޖިލީހުގެ ޒިންމާއެއް ނޫނެވެ. އެއީ ސަރުކާރު ނުވަތަ ވެރިކަންހިންގުމުގެ ބާރުގެ ޒިންމާތަކެވެ. އެހެންނަމަވެސް ޒިންމާއަދާކުރާ މިންވަރު ބަލައި، ޒިންމާއަދާކުރުމުގައި ސަރުކާރަށް ދިމާވާދަތިތައް އޮޅުންފިލުވައި އެމަޢުލޫމާތު ރައްޔިތުންނާ ޙިއްސާކުރުމުގެ ބާރު މަޖިލިހަށް ލިބިފައިވެއެވެ. ޤާނޫން އަސާސީގެ 98ވަނަ މާއްދާގެ ރ.ގައިވަނީ މިމާއްދާގެ ދަށުންކުރާ ސުވާލުތަކާއި އެސުވާލުތަކަށް ލިބޭ ޖަވާބު މަޖިލިހުގެ އެހެންކަންތައްވެސް ޝާއިޢުކުރާފަދައިން ޝާއިޢުކުރަންވާނެކަމުގައެވެ. މިދެންނެވި ގޮތަށް ރައްޔިތުންގެ ޙައްޤުގައި 2009ވަނަ އަހަރު އިންތިޚާބުކުރެވުނު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރައްވާފައިވަނީ ކޮން މެންބަރެއްތޯއެވެ؟

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މާނާގައި 2009ވަނަ އަހަރުގެ ފަހުން އުފެދުނު ދެސަރުކާރަށްވެސް މަޖިލިހުން ކުރިމަތިކުރުވީ ދަތިކަމެވެ. މަޖިލީހުން ކުރީ ޖެއްސުމެވެ. މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ޝަޚުޞީ ވާދަވެރިކަމުގެ ރޭސް ކުރިއަށްގެންދާ ކުޅިވަރު މައިދާނެއްކަމުގައި ހެދިއެވެ. ރައްޔިތުންގެ ޙައްޤުގައި މަސައްކަތްތައް ކުރެވިފައިހުރީ ވަރަށް މަދުންނެވެ. މިހެން މިކަން މެދުވެރިވީ ސިޔާސީ ގޮތުން ތަޞައްރުފު ނުފުދޭ ޢިލްމީ ގޮތުން މިޒިންމާއާ ފައިހަމަކުރެވޭވަރުގެ ޔާފުތާ ފަރާތްތައް މަޖިލީހުގައި މަދުވުމުންނެވެ. އަދި ސަރުކާރުގެވެރިން ނުވަތަ މިނިވަން މުއައްސަސާއެއްގެވެރިން މަޖިލީހަށް ޙާޟިރުކުރެވިއްޖެނަމަ، އެއީ ސިޔާސީ މައްސަލައެއްގައި ތަޙުޤީޤު ހިންގުމަށެވެ. ނުވަތަ މިނިވަން މުއައްސަސާތަކަށް ބިރުދެއްކުމަށެވެ. އަޑުގަދަ ސިޔާސީ ޙަރަކާތްތެރިން ބަޑު މުސާރައަށް ބެއްދުމަށް އޮތް ކުޅިފަސްގަނޑަކަށް މަޖިލިސް ހެދީ އަޅުގަނޑުމެން ދިވެހި ރައްޔިތުންނެވެ. މިފަހަރު އަނެއްކާވެސް އައު މަޖިލީހެއް އެކުލަވާލާއިރު، އަޅުގަނޑުމެންގެ ޙައްޤުގައި ޒިންމާދާރުކަމާއެކު، އަޚުލާޤީ އަދި ސުލޫކީ އިންތަކަށް އިޙުތިރާމްކުރާނެ، އިޖުތިމާޢީ އަގުކުރުންތަކުގައި ހިފަހައްޓާނެ ބަޔަކު މަޖިލިހަށް ހޮވަން ނުޖެހޭތޯއެވެ؟ ވަޒީރުންނާއި ސަރުކާރުގެ މުވައްޒަފުންނާ ރަނގަޅު އޮއްޓަރު ހުރި ސުވާލުތަކެއް ކުރެވޭވަރުގެ ބަޔަކު ހޮވަން ނުޖެހޭތޯއެވެ؟ ސިޔާސީ ޙަސަދައިން އެއްކިބާވެ، ރައްޔިތުންގެ މަޞްލަޙަތަށް ބަލާނެ ބަޔަކު މަޖިލިހުގެ ގޮނޑިތަކަށް ހޮވަން ނުޖެހޭ ހެއްޔެވެ؟

ނިންމުން:
ޤާނޫން އަސާސީގައި މަޖިލިސް މެންބަރެއްގެ ޝަރުޠުތައް ބަޔާންކޮށްފައިވެއެވެ. ވަރަށް ޢާންމު ޝަރުޠުތަކެކެވެ. ޤާނޫން އަސާސީގެ 73 މާއްދާގެ ހ.ގައި އެޝަރުޠުތައް ބަޔާންކޮށްފައިވެއެވެ. އެއީ 5 ޝަރުޠެކެވެ. ދުވެހި ރައްޔިތަކަށްވުމާއި ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި، މުސްލިމެއްކަމުގައިވުމާއި ސުންނަތް ޖަމާޢަތުގެ މީހަކުކަމުގައިވުމާއި، ޢުމުރުން 18 އަހަރު ފުރިފައިވުމާއި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމެވެ. ޢިލްމީ ވަކި ފެންވަރެއް ޝަރުޠުކޮށްފައެއްނެތެވެ.

އެހެންނަމަވެސް އަޅުގަނޑުމެން ރައްޔިތުންގެ ޙައްޤުތަކާ ސީދާގޮތުން ގުޅުންހުރި ޒިންމާތަކެއް އަދާކުރާ މުއައްސަސާއަކަށް ބަޔަކު އިންތިޚާބުކުރާއިރު އަޅުގަނޑުމެންގެ ޟަމީރުގެ ޝަރުޠުތަކެއް ކަނޑައެޅިފައި ހުންނަން އެބަ ޖެހެއެވެ. އިސްވެ ބަޔާންކުރެވުނު ޒިންމާ އަދާކުރެވޭވަރުގެ ބަޔަކުކަމުގައި އަންނަ މަޖިލީހުގެ މެންބަރުން ވާން އެބަޖެހެއެވެ. މަޖިލީހުގައި ތިބެންޖެހޭނީ، ދީނީ ޢިލްމުވެރިންނާއި ޤާނޫނީ މާހިރުންނާއި އިޤުތިޞާދީ ދާއިރާގެ ފަންނުވެރިންނާއި ސިޔާސީ ޢިލްމު އުގެނިވަޑައިގެންތިއްބެވި ބޭފުޅުންނާއި، މުފައްކިރުންނާއި، ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުންނާއި، ބަސްވާރުނާއި، އިޖުތިމާޢީ ޢިލްމުގެ ޢިލްމުވެރިންނާއި އިދާރީ ހިންގުމުގެ މާހިރުންނެވެ. ފުޓުބޯޅަކުޅުންތެރިންނާއި ފިލްމީތަރިންނާއި ޓީވީ ޕްރެޒެންޓަރުންނާއި އަޑުގަދަ ސިޔާސީ ޙަރަކާތްތެރިންނެއްނޫނެވެ. މަޖިލިސް މެންބަރުންނަކީ ކަމަށް އެކަށީގެންވާ ޢިލްމީ ހަރުދަނާ ޚުލްޤުހެޔޮ ޒިންމާދާރު ބަޔަކަށްވުމުން އެކަމުގެ ފޮނިމީރުކަން އިޙުސާސްކުރާނީ ދިވެހި ރައްޔިތުންނެވެ. މަޖިލިސް މެންބަރުންނަކީ ވާޖިބަކީ ކޮބައިކަން، ވާޖިބުއަދާކުރާނީ ކިހިނެއްކަން ނޭނގޭ، އަޑުގަދަ ގޮތްކުޑަ ބަޔަކަށް ވެއްޖެނަމަ، އެކަމުގެ ހިތިކަމާއި ގިތިކަން އިޙުސާސްކުރާނީވެސް ދިވެހިރައްޔިތުންނެވެ. ސިޔާސީ ކިނބަކުރުންތަކާއި، ޕާޓީގެ ފިކުރުން އެއްކިބާވެ، ރައްޔިތުންގެ ޙައްޤުގައި، ޤައުމުގެ އެންމެ މަތީ މަޞްލަޙަތަށްޓަކައި ހަރުދަނާ ޢިލްމީ ޤާބިލް ޝަޚްޞިއްޔަތުތަކެއްގެ މައްޗަށް އެކުލެވޭ މިޖިލީހަކަށް އަންނަ މަޖިލިސް ހައްދަވާށެވެ!

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. varah furihama

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!