އެންމެ ވަރުގަދަ ހަތިޔާރަކީ ފަރުޟު ފަސް ނަމާދު: ޝައިޚް ސަމީރު

މީހާގެ ނަފްސު ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައި އެންމެ ވަރުގަދަ ހަތިޔާރަކީ އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ޝަރުޢު ކުރައްވާފައިވާ ފަރުޟު ފަސް ނަމާދުކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ސަންޓީވީ ޕްލަސްއިން ގެނެސްދިން ޢިލްމީ ޚަޒާނާގެ 240 ވަނަ ޕްރޮގްރާމުގައި ނަމާދުގެ މުހިއްމުކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވެފައިވަނީ އިންސާނާ އެންމެ ބޮޑަށް ސަމާލުވަން ޖެހޭނޭ ކަމަކީ ކޮންމެ ވަގުތެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ދާން ޖެހުނު ކަމުގައިވީނަމަވެސް އޭނާގެ ފުރާނަ އެއީ ﷲ ރަޙްމަތަށް އެކަށީގެންވާފަދަ ޞާލިޙު ތަޤުވާވެރި ނަފްސެއްގެ ގޮތުގައި ބެހެއްޓުންކަމަށެވެ.

“އިންސާނާ ކުރަން ޖެހޭ މަސައްކަތަކީ އިންސާނާގެ ނަފްސު ޠާހިރުކޮށް ތަޒްކިޔާކޮށް، އިންސާނާ އެންމެހައި ފާފަތަކުން އެއްކިބާވެ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ކޮންމެ ވަގުތެއްގައިވެސް ދާން ޖެހިދާނެކަމަށް ވިސްނައި ފިކުރުކޮށް، ކޮންމެ ވަގުތެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ދާން ޖެހުނު ކަމުގައިވީނަމަވެސް އޭނާގެ ފުރާނަ އަދި އޭނަގެ ނަފްސު އެއީ ﷲ ރަޙްމަތަށް އެކަށީގެންވާފަދަ ޞާލިޙު ތަޤުވާވެރި ނަފްސެއްގެ ގޮތުގައި އެ ނަފްސު ޠާހިރުކޮށް ބެހެއްޓުން އެއީ ހަގީގަތުގައި އިންސާނާ އެންމެ ބޮޑަށް ސަމާލުވަން ޖެހޭނޭ ކަމަކީ” ޝައިޚް ވިދާޅުވިއެވެ.
ޝައިޚް އިތުރަށް ވިދާޅުވެފައިވާގޮތުގައި ނަފްސަކީ ނުބައި ކަންތައްތަކަށް އަމުރު ކުރާކަމެއްކަމަށާއި އެހެންކަމުން އިންސާނާ އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނީ އެކަމަށް ސަމާލުވެ އެނަފްސު ނުބައި ކަންތައްތަކުން އެއްކިބާކޮށް، އަދި ނުބައި ކަމަކަށް އަރައިގަނެވިއްޖެނަމަ ލަސްނުކޮށް ތައުބާވުމަށެވެ.

ޢިލްމީ ޚަޒާނާ ޕްރޮގްރާމަކީ ޖަމްޢިއްޔަތުއްސަލަފާއި ސަންޓީވީ ޕްލަސް ގުޅިގެން ކޮންމެ ހޯމަ ދުވަހެއްގެ ރޭ ލައިވްކޮށް ގެނެސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ކޮންމެ ރެއަކުވެސް ޚާއްޞަ މައުޟޫއެއް ކަނޑައެޅިގެން އަދި އެހުންތެރިންގެ ސުވާލުތަކަށް ޖަވާބުދެމުންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ހުށައަޅައިދެއްވަނީ އަލްއަޚް ޢަލީ ރަމީޒު އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!