އަންހެންކުދީން ޚިތާނުކުރުން: އިސްލާމްދީނުގައި އިޤްރާރުވެފައިވާ ހުއްދަކަމެއް! (1)

الحمد لله رب العالمين والعاقبة للمتقين ولا عدوان إلا على الظالمين والصلاة والسلام على المبعوث رحمة للعالمين وعلى آله وأصحابه والتابعين لهم بإحسان أمابعد!

އެންމެހާ ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ތިޔަބައިމީހުން މާތް ﷲ އަށް ތަޤްވާވެރިވެ ބިރުވެތިވާށެވެ! ތިޔައީ މާތް ﷲ ގެ އަޅުންނެވެ. އެކަލާނގެ މަޚްލޫޤުންނެވެ. ތިޔަބައިމީހުންނަށް ރިޒްޤުދެއްވަނީ އެކަލާނގެއެވެ. ޙިމާޔަތާއި ރައްކާތެރިކަން މެދުވެރި ކުރައްވަނީވެސް ހަމަ އެކަލާނގެއެވެ. އެކަލާނގެ އަކީ ޙަކީމްވަންތަ އިލާހެވެ. ކާއިނާތުގެ އެންމެހާ މަޚްލޫޤު އުފެއްދެވުމުގެ ކުރީންނާއި އުފެއްދެވުމަށްފަހު އަދި އާޚިރަތް ދުވަހާ ޖެހެންދެންވެސް ހުރިހާ ކަމަކާއި ހުރިހާ އެއްޗެއްގެ ޙަޤީޤަތް މޮޅަށް ދެނެވޮޑިގަންނަވާ، އެންމެހާ މަޚްލޫޤުތަކުންނަށް އެންމެ އޯގަންވަންތަ ފަރާތަކީ ހަމައެކަނި މާތް ﷲ އެވެ. އެކަލާނގެއާ އެއްފަދަ އެހެންއެއްވެސް ފަރާތެއް ނުމެނެތެވެ. އެކަލާނގެ ފިޔަވައި އަޅުކަންކުރެވޭ ހުރިހާ ތަކެއްޗަކީ ބާޠިލްގޮތުގައި އަޅުކަންވެވޭ ތަކެއްޗެވެ.

އެކަލާނގެ ޝަރުޢުކޮށްދެއްވާ ބާވައިލައްވާފައިވާ އިސްލާމްދީނަކީ ހުރިހާ ހެވަކާ ލާބައެއް އެދީނުގައި ހިމަނުއްވަވައިގެން؛ ހުރިހާކަމަކާއި އެންމެހާ މަޚްލޫޤުންގެ ނިމުމާއި، ޙަޤީޤަތް މޮޅަށް ދެނެވޮޑިގަންނަވާ ފަރާތަކުން ބާވައިލައްވާފައިވާ ފުރިހަމަ ދީނެކެވެ. އެހެންކަމުން އެދީނުގައި ހުއްދަކަމެއްކަމުގައި ކަނޑައެޅި ޡާބިތުވެގެންވާ ކަމެއް، ދުނިޔޭގެ އެންމެން އެއްކޮޅުގައިތިބެގެން ނުބައިކުރާން އުޅުނަސް އެކަމެއް ނުބައިކަމަކަށް ވެގެނެއް ނުދާނެއެވެ. އެޔާޚިލާފަށް އިންސާނުންގެތެރޭގައި ނަމަ؛ ކަން ހިނގާ މަގަކީ އެއްދުވަހު ބަޔަކު މީހުންގެތެރޭ އޮންނަ އާދަޔަކީ އަނެއްދުވަހު ހަމަ އެމީހުންނަށް ކަމުނުދާ ކަމަކަށްވެގެންދިއުމެވެ. ނުވަތަ އެނޫން ބަޔަކު ކައިރީ އެއީ ރުހެވޭ ކަމަކަށް ވެގެން ނުދިއުމެވެ. އަދި ކިއެއްތަ އިންސާނުންގެ ތަފާތުކަމާއެކު؛ ގޮތްކިޔައި ރަނގަޅުނުބައި ނިންމުން އެމީހުންގެ އަތްމައްޗަށް ދޫކޮށްލެވިއްޖެނަމަވެސް އޭގެތެރެއިން އެގޮތް ހަދާމީހުން ނޫން މީހުންނަށް ވެވޭ އަނިޔާ އެއްކަމުގައި އެކަން ނުވާނެ ހެއްޔެވެ؟ ތިމާފަދަ އަނެކާ ގެ އުޞޫލުތަކާއި އެމީހަކާ ގުޅިފައިވާ އެންމެހާ މަޞްލަޙަތުތައް؛ އަނެކާގެ ދިރިއުޅުމުގެ މައްޗަށް އެހުރިބީދައިން ތަންފީޛުވާން އެދޭނީ ކޮން އާދަމުގެދަރިއެއްބާވައެވެ؟

އަދި ކިއެއްތަ، ﷲ ގެ ޝަރީޢަތާ އިދިކޮޅަށް ވާހަކަ ދައްކައި، އިއުތިރާޟް ކުރާނީ ނުބައި ނުލަފާ މީހުންނެވެ. ފާޑުކިޔައި ފުރައްސާރަކުރާނީ އަނިޔާވެރި ކާފަރުންނެވެ. އެމީހުންގެ ދުނިޔެއާއި އާޚިރަތް މާތް ﷲ ބަރުބާދުކުރައްވާނެތެވެ. އެއީ ގަދަކީރިތިވަންތަ ފަރާތުން އިންސާނުންގެ މައްޗަށް ރުއްސަވައި ބާވައިލެއްވި ޝަރީޢަތާމެދު ނުރުހުމުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (( وَالَّذِينَ كَفَرُوا فَتَعْسًا لَهُمْ وَأَضَلَّ أَعْمَالَهُمْ (8) ذَلِكَ بِأَنَّهُمْ كَرِهُوا مَا أَنْزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ (9) )) سورة محمد
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަންހެންކުދިން ޚިތާނުކުރުމާމެދު ދީނީ ނަޒަރަކުން އެއްޗެއް ލިޔެލުމަށް ގަލަންމިނެގީ އެކަމަކީ އެއީ އިސްލާމްދީނުގެ ބޮޑެތި ކަންކަމުގެތެރެއިން ވާތީވެ ، ނުވަތަ އަސާސީކޮށް އެގެންޖެހޭ މައުޟޫޢަކަށް މި މައުޟޫވެގެނެއްނޫނެވެ. އަދި މި މައުޟޫޢަކީ އުއްމަތުގައި ކަންބޮޑުވާންޖެހޭ ޙައްސާސް މައްސަލަތަކާއި, އިސްލާމީ އުއްމަތަށް ކުރިމަތިވަމުންދާ ބޮޑެތި މައްސަލަތަކާއި ، މީސްތަކުންނަށް ބަޔާންކޮއްދޭން ކޮންމެހެންޖެހޭ ޝަރުޢީ ޙުކުމްތައް ބަޔާންކޮށްދީ ނިމި އަވަދިވެގެން، އިތުރުގަޑީގައި ކޮށްލާކަމެއްކަމުގައެއްވެސް ނޫންމެއެވެ. ނުވަތަ ކުރާނެކަމެއްނެތިގެން ފޫހިވެގެން މުނިފޫހިފިލުވާލުމުގެ ގޮތުން ލިޔާލިޔުމެއްވެސް ނުމެނޫން އިނގޭތޯއެވެ. ދިވެހިތާރީޚް ބަލާހޯދާށެވެ. ރޭޑިއޯ ޓީވީ އަދި މަޖައްލާތަކާ ލިޔުންތައް ހާވާލައްވާށެވެ. އެއްވެސްޙާލެއްގައި ކަމާކަންފަށާ މައުޟޫޢަކަށް މިވާހަކަ ހަދައިގެން ދިވެހިރާއްޖޭގައި ކީއްކުރަންތޯ؛ ދުނިޔޭގެ އެހެން ޤައުމެއްގައިވެސް މިވާހަކަ ދީނީ ޢިލްމުވެރިޔަކު އެބީދައިން ދައްކަވަމުންގެންދަވާތޯ ނިކަން ބައްލަވާލައްވާށެވެ! ނަމަވެސް ހިތާމަޔަކީ އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތައް ނަފުރަތުކުރާ ބަޔަކު، އިސްލާމް ދީނާއި އިސްލާމުންނާމެދު ދުނިޔޭގެ ތަފާތު މުޖްތަމަޢުތަކުގައި، މުޅީން އެހެން ތަޞައްޥުރެއް ދެއްކުމަށާއި، ނަޞާރާއިންނާއި ޔަހޫދީންގެ އެޖެންޓުންނަށްވެ، ސްޕޮންސަރުވެގެންތިބެ، އިސްލާމްދީނުގެ މަންޒަރު ހަޑިކުރުމައްޓަކައި މި މުސްލިމް ދިވެހި ދީބުގައިވެސް ދީނީ ޢިލްމުވެރީންދައްކާ ވާހަކަޔަކީ މިއީ ކަމުގައި ހީވާނޭހެން ދައްކަން މަސައްކަތްކުރަމުންދާއިރު، އަޅުގަނޑުމެންގެ ތެރެއިން ގިނަ މުސްލިމުންނަކަށްވެސް އެމީހުންގެ ޙީލަތްތެރި ހަނގުރާމަ ރޭކާލާތަންނުފެންނާތީއެވެ. ނަތީޖާއެއްގެ ގޮތުން ހެޔޮލަފާ ރަނގަޅުމީހުންވެސް، އިސްލާމްދީނުގެ ތަޞައްޥުރު ހަޑިވިޔަނުދޭންކަމަށް،ނޭނގުމުގެތެރޭ އުޅޭންހަދައިގެން އެމީހުންގެ އަނގައިންވެސް އިސްލާމްދީނާއިމެދު ކުޑައިމީސްބަސްތައް ނިކުންނަނީއެވެ.

އެހެންކަމުން މިއީ ދީނުގެ ކުޑަކުޑަ މައްސަލަޔެއްގޮތައް ދެކިގެން ދޫކޮށްލައިގެން ތިބެވޭވަރަށްވުރެ، ދީނުގެ ޢަދާވާތްތެރީންގެ ކައިރީގައި އިސްލާމްދީނާމެދު މީސްތަކުންގެ ހިތްތައް ކިލަނބުކޮށްލެވޭނޭ ވަސީލަތަކަށް ހަދައިފާވާ މައްސަލައެއްކަމުގައި ބަލައިގަންނަންޖެހިއްޖެމެއެވެ. އަދި މިވާހަކަތަކުގެ ޒަރީޢާއިން ދީނީ ޢިލްމުވެރީންނާއި ދީނީ މުއައްސަސާތަކުގެ ހައިބަތާއި ޤަދަރުކުޑަކޮށް، ޢިލްމުވެރީންގެ ކިބައިން ޢިލްމީ މަންފާ ހޯދާންތިބި އަޚުންނާއި އުޚްތުންނާއި އެޢިލްމުވެރީންނާ ދެމެދަށް ނަފުރަތުގެ ހުރަހެއް ބިނާކުރުމަށް ކުރާމަސައްކަތުގެ ތެރެއިންކަން ޤަބޫލުކުރަންޖެހިއްޖެއެވެ. އެހެންކަމުން އެހުރިހާ ސަބަބުތަކެއް އެކުވެގެން މިކަމުގައި އިސްލާމީ ޙަޤީޤީ ތަޞައްޥުރު ބަޔާންކުރަން މިވަޤުތައް މަޖްބޫރުކުރުވީއެވެ. وبالله التوفيق. (ނުނިމޭ….)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!