ޝެއިޚާ ފާތިމާ އައްސަމަރުގަންދީ

އޭ ލޯބިވާ އުޚުތުންނޭވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ތިބާޔާ ކައިވެނި ކުރުމަށް އެދި ހުށަހެޅުންތައް ފޮނުވަމުން ދިޔަނަމަވެސް، ތިބާގެ ބައްޕަ އެހުރިހާ މީހުންގެ ތެރެއިން ޢިލްމުގެ އަހުލުވެރިޔަކަށް ނޫނީ ތިބާ ހިބަ ކޮށްދޭން އެއްބަސްވެ ނުލައްވާ ތަން ހިޔާލަށް ގެނެވޭހެއްޔެވެ؟

އޭ ލޮބުވެތި އަޚުންނޭވެ. ތިބާ ކައިވެނި ކުރުމަށް އެދި ހުރެ، އެ ކައިވެނީގެ ރަނަކަށް ތިބާގެ ކިބައިން އެދެނީ އޭގައި ފައިސާއެއް ނުވަތަ އަގުބޮޑު އެއްޗެއް ނުހިމެނޭ ނަމަވެސް އެރަނަކީ، ތިބާ އުއްމަތަށް ކޮށްދޭ ހެޔޮކަމެއް ކަމުގައި ތަސައްވަރު ކުރެވޭ ހެއްޔެވެ؟

އުޚުތުންނޭވެ. ތިބާ ގެ ޢިލްމުވެރިކަމުގެ ސަބަބުން ޤައުމުގެ އިސްވެރިން ތިބާގެ ލަފަޔާ މަޝްވަރާއަށް އެދޭ ތަން ތިބާޔަށް ތަސައްވަރު ކުރެވޭ ހެއްޔެވެ؟

 މިއިން އެއްވެސް ކަމެއް ތިބާއަށް ޚިޔާލަށްވެސް ގެނެވޭހެއްޔެވެ؟

އަޅުގަނޑު ހިއްސާކޮއްލަން މިއުޅެނީ ހަމައެކަނި މީހެއްގެ ހަޔާތުގެ ރީތި ވާހަކަ ތަކެއްނޫނެވެ. ނަމަވެސް މީ އާންމުކޮށް އެންމެހާ ޢިލްމުވެރިން ރީތި ހަޔާތެއް ސިފަ ކުރައްވާގޮތެވެ. ތާރީޚްގެތެރެިން ހުރިހާ އެންމެންގެ ހަޔާތައް ނުބަލާ ވަކި ބައެއްގެ ހަޔާތް ދިރާސާކޮށް އުނގެނެނީ ސަބަބުތަކެއް ހުރީމައެވެ. އެބައި މީހުންގެ ހަޔާތް އަހަރުމެންނަށް، އަހަރުމެންނަކީ ކޮން ބައެއް ކަމާއި، އަހަރުމެންގެ  ޤާބިލުކަން ބުނެދޭތީއެވެ. މިއީވެސް އެފަދަ ބޭކަނބަލެއްގެ ހަޔާތުގެ ނާމާއެވެ. މާތް ޢިލްމުވެރިޔާ އަދި ޝައިޚާ ފާތިމާ އަލް ސަމަރުގަންދެވެ.

ފާތިމާ އުފަންވެ ވަޑައިގެންފައި ވަނީ ސަމަރުގަންދުގައި( މިހާރުގެ އުޒްބަކިސްތާން) މީލާދީން 12 ވަނަ ގަރުނުގައެވެ. އެއީ ރަސޫލާ ހިޖުރައަށް ވަޑައިގެންނެވިތާ 500 އަހަރު ފަހެވެ. އޭރު ހަނަފީ މަދަރުސާތައް މަޝްހޫރުވެ ދުނިޔޭގެ އެތައް މިތަނުން ޢިލްމު ހޯދުމަށް އެކަމަނާގެ ބައްޕާފުޅު ޝޭޚް މުޙައްމަދު އިބްނު މުޙައްމަދުގެ އަރިހަށް މީސްތަކުން ދަތުރުކުރަމުން ދިޔައެވެ. އޭރު ޙަނަފީ މަދަރުސާތައް އިތުރުވުމުގެ ސަބަބުން ގިނަ ޚިޔާލު ތަފާތުވުންތައް ދީނުގެ އެކި ކަންކަމުގައި އުފެދިފައި ވެއެެވެ. އެހެންކަމުން ޢިލްމުގެ އަހުލުވެރި ދަރިވަރުން އެންމެ ޢިލްމުވެރި މުދައްރިސްގެ އަރިހުން ކިޔެވުން ވެގެން ގޮސްފައިވަނީ އެންމެ މުހިންމު ކަމެއްގެ ގޮތުގައެވެ. އެދުވަސްވަރު  އެކަމަނާގެ ބައްޕާފުޅު މަޝްހޫރުވެފައިވަނީ، ތަޤްވާވެރިކަމަށާ، އެކަލޭގެފާނުގެ މުޅި ހަޔާތް ޢިލްމު ހޯދުމަށް އަންނަ އެންމެނަށް، ހާއްސަކޮށް އެކަލޭގެފާނުގެ އާއިލާއަށް، ޢިލްމު އުނގަންނަވާދެއްވާ ބޭކަލެއްގެ ގޮތުގައެވެ.

ފާތިމާ ވަނީ އެކަމަނާގެ ބައްޕާފުޅުގެ ބެއްލެވުމުގެ ދަށުން މުޅި ޙަނަފީ މަޒްހަބު އެއްކޮށް އުނގެނި ވަޑައިގެންފައެވެ. މިއީ ހަމައެކަނި ނަމާދުގެ ފިގްހު އެކަންޔެއް ނޫނެވެ. އެހެނަސް ރޯދައާއި، ޒަކާތާއި، ހައްޖު އުމްރާ އަދި ވިޔަފާރިޔާ ކައިވެންޏާއި ތަރިކަ މުދާފަދަ ހުރިހާ އެއްޗެއްގެ ފިގްހު އެކަމަނާ ވަނީ އުނގެނި ވަޑައިގެންފައެވެ. ޝަރީއަތުގައިވާ އެންމެހާ ކަންތައްތަކެއް  އެކަމަނާ ވަނީ ދަސްކޮށްފައެވެ. ހަމަ އެކަނި ދަސްކުރެއްވީއެއް ނޫނެވެ. އެކަމަނާ ވަނީ ބައްޕާފުޅުގެ ފިގްހު ފޮތް ކަމަށްވާ “ތުހުފަތުލް ފުޤުހާ” ހިތުން ދަސްކުރައްވާފައެވެ. އިމާމް އަބޫ ހަނީފާގެ ފިގްހު އުނގެނުމަށްފަހު އެކަމަނާގެ ބައްޕާފުޅު ވަނީ ހަދީސް ޢިލްމާއި އެހެނިހެން ޢިލްމުގެ އަހުލުވެރިންގެ ކިބައިން އުނގެނުމަށް އެކަމަނާ ފޮނުއްވާފައެވެ.

ދީނީ ޢިލްމުގައި އެކަމަނާގެ ފުންނާބު އުސްކަމުން ބައެއްފަހަރު އެކަމަނާގެ ބައްޕާފުޅާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެކަމަނާއައި ހަވާލުކުރައްވައެވެ. އަދި އެކަލޭގެ ފާނުގެ ދަރިވަރުންގެ ސުވާލުތައްވެސް އެކަމަނާއާ ކުރެއްވުމަށް ދަންނަވައެވެ. އަދި ހަމަ އެހެންމެ އެކަމަނާގެ ލިޔުއްވުން ރީތިކަމުން އެކި ކަންކަމާ ގުޅިގެން ނެރޭ ފަތުވާތައް އެކަމަނާ ލައްވާ ލިޔުއްވާ އެފަތުވާތަކުގާ އެކަމަނާގެ ނަން ލިޔުއްވުމަށްވެސް އަންގަވައެވެ.

އެކަމަނާގެ ވާހަކަތައް ދުރު ދުރަށް ފެތުރިގެން ދިޔައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކަމަނާއާއި ކައިވެނި ކުރެއްވުމަށް އެދި މީހުންތައް އަންނަމުން ދިޔައެވެ. މުއްސަނދީންނާއ، މާތް މީހުންގެ ހުށަހެޅުންތައް ލިބެމުން ދިޔައެވެ. އެހެން ނަމަވެސް ބައްޕާފުޅު އެމީހުންނާ އެކަމަނާގެ ކައިވެނި ކުރެއްވުމަށް އިންކާރު ކުރައްވަމުން ގެންދެވިއެވެ. އެމީހުންނަކީ ޢިލްމުގެ އަހުލުވެރިންނަށް ނުވީމައެވެ. އަދި ސަމަރުގަންދުގެ ޢިލްމީ މާލަންތަކުން އެކަމަނާ ގެއްލިދާނޭކަމުގެ ބިރަށްޓަކާވެސް މެއެވެ.

 އެއްދުވަހަކު އެކަލޭގެފާނުގެ ދަރިވަރަކު ކަމުގައިވާ އަލާއުއްދީން އަބޫ ބަކުރު އަލް ކަސާނީ(އިމާމް އަލް ކަސާނީ) އެކަމަނާގެ ކައިވެންޏަށް އެދި ދެންނެވިއެވެ. އެކަލޭގެ ފާނަކީ ޝޭހުގެ އަރިސް ދަރިވަރެއްގެ އިތުރުން ، އެކަލޭގެ ފާނުގެ ފޮތް ތުހުފަތުލް ފުގަހާގެ ޝަރަޙަވެސް ލިޔުއްވާފައިވާ ބޭކަލެކެވެ. ފާތިމާ އައް ސަމަރުގަންދާއި، އަލާއުއްދީން އަލް ކަސާނީ ގެ ޢިލްމުވެރިކަން ހަމަ ހަމަ ކަމުން، އެކަލޭގެފާނު  އެ ކައިވެނި ފުޅަށް ރުހި ވަޑައިގެން، އެކަމަނާގެ ކައިވެނިފުޅު ކޮށްދެއްވިއެވެ. އެކަމަނާގެ ރަނެއް ކަމުގައި ކަނޑައެޅުއްވީ އިބްނު އަލް ކަސާނީ ލިޔުއެްވި ތުހުފަތުލް ފުގަހާގެ ޝަރަޙަ ކަމުގައިވާ “އަލް ބިދާޔާ އައް ސަނާޔާ” އޭ ކިޔުނު ފޮތެވެ. ކައިވެންޏަށްފަހު ފަތުވާތައް ނެރުއްވަމުން ގެންދެވީ އެކަމަނާގެ ބައްޕާފުޅާއި ފިރިކަލުންނެވެ. އޭރުވެސް އެ ފަތުވާތައް ލިޔުއްވަމުން ގެންދެވީ އެކަމަނާއެވެ.

ޝައިޚާ ފާތިމާ އާއި ފިރިކަލުން ދިރިއުޅުއްވަމުން ގެންދެވީ އެކަމަނާގެ ބައްޕާފުޅުގެ އަރިހުގައެވެ. ބައްޕާފުޅު އަވަހާރަވުމުން އެދެކަނބަލުން ސީރިޔާއަށް ޙިޖުރަކުރެއްވައި އެތާނގެ އުމައްޔަދު މިސްކިތް ތަކުގައި ފަތުވާ ދެއްވާ ކިޔަވާވިދާޅުވެ ދެއްވަން ފެއްޓެވިއެވެ. އެބޭކަލުންގެ ގެކޮޅު ހުންނަނީ މިސްކިތާއި ގުޅިފައި ކަމުން ބައެއް ފަހަރު އެކަމަނާގެ ފިރިކަލުން މީސްތަކުންނަށް ދަރުސްދެއްވާ ހައްދަވާއިރު ކުށެއް ވިދާޅުވެވުމުން އެކަމަނާ ގޭތެރޭގައި ހުންނަވާ އެކަލޭގެފާނުގެ ކުށް އިސްލާހުކޮށްދެއްވާ އަޑު މީސްތަކުންނަށް އިވިގެންދެއެވެ. އެކަމަނާގެ ޢިލްމުގެ ތަނަވަސްކަމާއި ޤާބިލުކަން މިއިންވެސް ދޭހަވެގެންދެއެވެ.

އެކަމަނާއާއި ބައްދަލުވާ މީހުން އެކަމަނާގެ މަތިވެރި ޢިލްމުގެ ސަބަބުން ތަޢުރީފުކުރެއެވެ. ނަމަވެސް އެކަމަނާއަކީ އަންހެން ބޭކަނބަލަކަށް ވުމުން ބައެއްމީހުން އެކަމަނާގެ ގާބިލު ކަމާމެދު ސުވާލު އުފައްދައެވެ. އެހެނަސް އެފަދަ މީހުންނަށް އެކަމަނާގެ ޢިލްމުގެ މަތިވެރިކަމާއި ޤާބިލްކަން އެނގުމުން އަޖައިބުވެ އަނގަތައް ބެދޭ ކަމުގައި ވެއެވެ. ޝައިޚާ ފާތިމާ މަޝްހޫރުވި މިންވަރަކީ، އޭރު އެތާނގެ ވެރިޔާއަށް އެކަމަނާގެ ވާހަކަތައް އަޑުއިވި، އެބޭފުޅާގެ ޝޫރާ މަޖިލީހަށް އެކަމަނާއަށް ދަޢުވަތު ދެއްވުމެވެ. އަދި ގިނަކަންތައްތަކެއްގައި އެދެކަނބަލުންގެ މަޝްވަރާ ހޯއްދެވިއެވެ. މިކަމުގެ ސަބަބުން އޭރުގެ ތަފާތު އެކި މައްސަލަތަކާއި މުޖުތަމަޢުގެ ސިޔާސަތުތަކަށް އެކަމަނާ އަހުލުވެރި ވެވަޑައިގެންނެވިއެވެ. މަތިވެރި ޢިލްމުވެރިއެއްގެ އިތުރުން އެކަމަނާ އަކީ މުޖުތަހިދެއްވެސް މެއެވެ. އެހެނަސް މިހުރިހާ ޒިންމާތަކަކާއެކުވެސް އެކަމަނާ ވެވަޑައިގެންނެވީ ފިރިމީހާއަށް ކިޔަމަންތެރި ހަރުދަނާ އަންބެއްގެ ގޮތުގައެވެ. މިތަނުގައި ފާހަގަކޮށްލަންޖެހޭ ނުކުތާ އަކީ، މުޖުތަމަޢުގެ ތަފާތު ދައުރުތަކުގައި އުޅުއްވި ނަމަވެސް އެކަމަނާގެ ޢާއިލީ ދިރިއުޅުއްވުން އަދާކުރެއްވިލެއް ފުރިހަމަ ކަމެވެ. މިޒަމާނުގައި އަންހެނުން މުޖުތަމަޢުގެ ތަފާތު ކަންކަމުގައި ހަރަކާތްތެރި ވަމުން އަންނަނީ އެމީހުންގެ ޢާއިލީ ދިރިއުޅުން ޤުރުބާން ކޮށްލުމަށްފަހުއެވެ.

ޝޫރާ މަޖިލިސްތަކުގައި ބުރަކޮށް އުޅުއްވަމުންވެސް އެކަމަނާ މަދަރުސާ ތަކުގައި ކިޔަވައިދެއްވިއެވެ. އަދި ރަމަޟާންމަހުގައި ރޯދަވީއްލުން ތައްޔާރުކުރައްވައި މީހުންނަށް ދަޢުވަތު ދެއްވައެވެ. އެއްފަހަރަކު ގެކޮޅުގައި ފުދޭވަރަށް ކާއެއްޗެހި ނެތުމުން އެކަމަނާގެ ކެވެލިކޮޅު ވިއްކަވާލައްވައި ކާއެއްޗެހި ތައްޔާރު ކުރެއްވެވިއެވެ.

އުމުރުން ދުވަސްވެ މުސްކުޅިވާން ފެއްޓެވުމުން އެނބުރި ސަމަރުގަންދަށް ވަޑައިގަތުމަށް އެކަމަނާ އެދިލެއްވިއެވެ. ބައްޕާފުޅުގެ އަރިހުގައި ފަސްދާނު ލެއްވުމުގެ އެދުންފުޅުގައެވެ. އެހެނަސް އެތަނުގެ ވެރިޔާ އެދެކަނބަލުން އެނބުރިވަޑައި ނުގެންނެވުމަށް އެދިވަޑައިގެންނެވިއެވެ. ސަބަބަކީ އެދެބޭކަނބަލުންނަކީ އެތާނގައި ތިއްބެވި އެންމެ ޢިލްމުވެރި ދެބޭކަނބަލުންނަށްވުމެވެ. އެބޭފުޅާގެ އެދުންފުޅަށް އެތަނުގައި މަޑުކުރެއްވި ނަމަވެސް ދުވަސްކޮޅެއްފަހުން އެކަމަނާ އަވަހާރަ ވެއްޖެއެވެ. އޭގެ ފަހުނުް އެކަމަނާގެ ފިރިކަލުން ކިޔަވައިދެއްވުން ހުއްޓަވާލައްވާފައި ކޮންމެ ދުވަހަކު ޢަސްރު ނަމާދުގެ ފަހުން އެކަމަނާގެ ޤަބުރުފުޅަށް ޒިޔާރަތްކުރައްވައި ކީރިތި ކުރައްވާން އިނަނަވައެވެ. ދުވަސްކޮޅެއްފަހުން އެކަލޭގެފާނުވެސް އަވަހާރަވެ، އެކަމަނާގެ އަރިހުގައި ފަސްދާނުލެއްވުނެވެ. އެކަލޭގެފާނު އެކަމަނާދެކެ އިންތިހާއަށް ލޯބިވެވަޑައިގަތެވެ.

މިރީތި ވާހަކައަކީ، މިރީތި ޙަޔާތަކީ އަހަރެމެން އެންމެންވެސް އެދޭފަދަ ޙަޔާތެކެވެ. މިފަދަ ވާހަކަތަކަކީ މަދުވާހަކަތަކެއް ނަމަވެސް، މިއީ އަހަރެމެންނަށް ޢިބުރަތްތަކެއް ޙާސިލުކޮށްދޭ ހިތަށް އުއްމީދުތަކެއެް އިތުރުކޮށްދޭ ވާހަކަތަކެވެ. މިވާހަކައިން ޢިބުރަތް ލިބިގަންނަވީ އަހަރެމެންގެ ތެރިއިން އުޚްތުން އެކަންޏެއްނޫނެވެ. މިއީ ކޮންމެ އަޚަކަށް އަދި ކޮންމެ ބައްޕަ އަކާއި މަންމަ އަކަށް އެތަކެއް ފިލާވަޅެއް ލިއްބައިދޭ ވާހަކައެކެވެ. މައިންބަފައިން ދަރިންގެ ތަރުބިއްޔަތު ބައްޓަން ކުރުމަށް ފުރިހަމަ ދަރުސެކެވެ. ބައްޕައިން ދަރިން ހިމާޔަތްކޮށް އެކުދިންގެ ޒިންމާއަދާކުރޭވޭނެ ގޮތުގެ ފުރިހަމަ މިސާލެކެވެ. މިއީ ކޮންމެ އަޚަކަށް އަދި އުޚުތަކަށް ހުރި ޢިލްމުން ފުރިގެންވާ ފުރިހަމަ ނަމޫނާއެކެވެ. ކޮންމެ އުޚުތަކީ ޝައިޚާ ފާތިމާ އައްސަމަރުގަންދީ އެއްކަމުގައި ވަމާހިނގާށެވެ.!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!