އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ – ތާރީޚުގެ ތެރެއަށް ނަޒަރެއް (9)

1947 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އދ. ގެ ޖެނެރަލް އެސެމްބްލީއިން ފާސްކުރި އެ މަޖިލީހުގެ 181 ވަނަ ޤަރާރަކީ ވަރަށް ގިނަ ގޮތްގޮތުން ބަލާއިރު އދ. ގެ ތާރީޚުގައިވެސް އެފަދަ ދެވަނަ ޤަރާރެއް ފާސްކުރެވިފައި ނުވާފަދަ މުހިއްމު ޤަރާރެކެވެ. އެ ޤަރާރުގެ ސަބަބުން ޒައިނިސްޓުންގެ މަޤުޞަދު ޙާސިލުވުމުގެ އެންމެ ފަހު މަރުހަލާ ފެށުނެވެ. ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ މަސައްކަތަށް ދުނިޔޭގައި ނަގާކިޔަމުންގެ ގެންދިޔަ ހުޅަނގުގެ ބާރުތަކުގެ ފުރިހަމަ ތާއީދު އޮތްކަން ރަސްމީގޮތުން އިއުލާން ކުރެވުނެވެ.

ހަމަ އެފަދައިން 181 ވަނަ ޤަރާރުގެ ސަބަބުން މެދުއިރުމަތީގެ ޢަރަބި އިސްލާމީ ދައުލަތްތަކުގެ ތަރައްޤީއާއި ހަމަޖެހުމަށް ފަސޭހައިން ނައްތައިނުލެވޭނޭފަދަ ބޮޑު ބިރެއް ކުރިމަތިވެގެން ދިޔައެވެ. މެދުއިރުމަތީގައި ހުޅަނގުގެ ކްރިސްޓިއަން ބާރުތަކުން ކުޅެން ބޭނުންވާ ކުޅިގަނޑު ކުޅުމަށްޓަކައި އެބައިމީހުން ބޭނުންވާ ގޮތަށް ކުޅިބައި އަތުރައިލެވުނެވެ.

181 ވަނަ ޤަރާރަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް އަދުލު އިންސާފުގެ މަގުން މުޅީން އެއްކިބާވެފައި އޮތް ޤަރާރެކެވެ. އެންމެ ފުރަތަމަ ކަމަކަށް، ފަލަސްޠީނުގެ ބިމުގައި ޔަހޫދީންގެ ދައުލަތެއް އުފެއްދުމުގެ ނިންމުމަކީވެސް އޭގެ ޒާތުގައި ބޮޑުވެގެންވާ އަނިޔާއެކެވެ. އެހެނީ ފަލަސްޠީނަކީ މިލިއަނަކަށްވުރެ ގިނަ މީހުންގެ ވަޒަނެވެ. އެތައް ޒަމާނަކުއްސުރެ އެބައިމީހުން ދިރިއުޅެމުން އައި އެބައިމީހުންގެ ބިމެވެ. މަކަރު ޙީލަތާއި ގަދަބާރާއި ނުފޫޒުގެ ބޭނުން ކޮށްގެން އެބައިމީހުންގެ އަމިއްލަ ވަޒަނުން އެބައިމީހުން ނެރެ އެ ބިމުގައި އެހެން ބައެއްގެ ދައުލަތެއް އުފެއްދުމަކީ ކަނޑައެޅިގެން ހުރި އަނިޔާ ކަމާ މެދުގައި ދެބަސްވާނީ ކޮންމެވެސް މަކުރޫހަ މަޤުޞަދެއް ހިތުލައިގެން އުޅޭ ފާސިދެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ.

ތެދެކެވެ! ޔަހޫދީންނަށް ޒަމާނުއްސުރެ ޔޫރަޕްގައި އަނިޔާތަކެއް ލިބިފައި ވެއެވެ. ޔޫރަޕުގެ ކްރިސްޓިއަނުންގެ ބާރު އޮތް ސަރަހައްދުތަކުގައި ވަރަށް ނިކަމެތި ހާލުގައި އުޅެން ޖެހިފައި ވެއެވެ. އެހެން ކަމުގައި ވާނަމަ އިންސާނީވަންތަކަމަށްޓަކައި އިސްލާމީ ދައުލަތުގެ އުނގުން އެބައިމީހުންނަށް ޖާގަދިނުމަކީ މުސްލިމުންގެ މައްޗަށް އޮތް ޙައްޤެކެވެ. ތާރީޚަށް ބަލާލާއިރު މި ދެންނެވި ޙައްޤު މުސްލިމުން އަދާކޮށްފައިވާކަންވެސް ސާބިތުވެއެވެ. ބިޒެންޓިން ދައުލަތުގެ ބާރުގެ ދަށުގައްޔާއި ސްޕޭނުގެ ވިޒިގޮތުންގެ ބާރުގެ ދަށުގައި ނިކަމެތިކަމުގެ ދުވަސްތައް ގުނަމުން ދަނިކޮށް އެބައިމީހުންނަށް މިނިވަންކަން ހޯދައިދިނީ މުސްލިމުންނެވެ. އިންސާނީ އުޚުއްވަތްތެރިކަމަކީ ކޮބައިކަން އެބައިމީހުންނަށް ދައްކައިދިނީ މުސްލިމުންނެވެ. އެހެންކަމުން، ޔޫރަޕްގެ އަނިޔާވެރިކަމުން ސަލާމަތްވާން އެހީއަށް އެދިގެން އެބައިމީހުން އައިނަމަ މުސްލިމުން އެ އެހީތެރިކަން ފޯރުކޮށްދިނީސްކަން ކަށަވަރެވެ. ނަމަވެސް ޒައިނިސްޓް ދިދައިގެ ދަށުގައި ޔަހޫދީން ފަލަސްޠީނަށް އައީ އަނިޔާ ލިބުމުން ހިމާޔަތަށް އެދިގެން އައި ބައެއްގެ ގޮތުގައެއް ނޫނެވެ. އިންސާނީ އުޚުއްވަތްތެރިކަމުގެ ނަމުގައި ހިޔާވަހިކަން ހޯދަން އައި ބައެއްގެ ގޮތުގައެއް ނޫނެވެ. އެއާ ޚިލާފަށް އެބައިމީހުން އައީ ޔޫރަޕްގެ ކޮލޯނިއަލް ފޮތުން ކިޔަވައިގެން މުސްލިމުންގެ ބިމެއް އިސްތިއުމާރު ކުރުމުގެ މަޤުޞަދުގައެވެ. އެބައިމީހުން ޚިޔާރުކުރީ މުސްލިމުންގެ ތެރެއިން ނިކަމެތި އެތައް ލައްކަ ބަޔަކު ގެދޮރުން ބޭރުކޮށް ހާލުގައި ޖެއްސުމުގެ މަގެވެ. ޓެރަރިޒަމްގެ ވަސީލަތްތައް ބޭނުންކޮށްގެން މުސްލިމުންގެ ތެރެއިން މައުސޫމް އެތައް ހާސް ބަޔެއްގެ ދިރިއުޅުން ނަރަކަޔަކަށް ހެދުމުގެ މަގެވެ. އެހެންކަމުން މުސްލިމުން އެބައިމީހުންނާ ދެކޮޅަށް ރުޅިވެރިކަމާ އެކުގައި ތެދުވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

ހުޅަނގުގެ ވަރަށް ގިނަ ލިޔުންތެރީންނާއި އެ މީހުންގެ ފިކުރުތަކަށް ތަބާވާ އެހެނިހެން އެތައް ބަޔަކު ދައުވާކުރާ ގޮތުގައި އިޒްރޭލްގެ ދައުލަތް އުފައްދަން ތާއީދުކުރުމުގައި ހުޅަނގުގެ ޤައުމުތަކުގެ ވަރަށް ބޮޑު އުޒުރެއް ވެއެވެ. ބުނެވޭގޮތުގައި އެ އުޒުރަކީ އެބައިމީހުންގެ ތެރޭގައި ޖަރުމަނުން އެތައް މިލިއަން ޔަހޫދީންނެއް މަރައިހުސްކުރިއިރު ކުޅިބަލަން ތިބެވުމުގެ ސަބަބުން އެމީހުންގެ ހިތުގައި ޔަހޫދީންނާ މެދުގައި އުފެދުނު ހަމްދަރުދީއެވެ. މިފަދަ މީހުން ދަޢުވާކުރާ ގޮތުގައި ހުޅަނގުގެ ބޮޑެތި ޤައުމުތަކުގެ ވެރީން ވިސްނާވަޑައިގަންނަވަމުން ގެންދެވީ ޔޫރަޕުގެ ބިމުގައި ޔަހޫދީންނަށް ދެވުނު އަނިޔާތަކުގެ އަގެއްގެ ގޮތުގައި އެބައިމީހުންނަށް ފަލަސްޠީނުގައި ދައުލަތެއް އުފައްދައިދިނުމަކީ ޔޫރަޕްގެ ވާޖިބަކަށް ވެފައިވާ ކަމުގައެވެ. ނަމަވެސް އެތައް ސަބަބުތަކަކަށްޓަކައި ދަންނަވަން ޖެހެނީ މިއީ ހިނި އަންނަން ޖެހޭހައި ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމުގައެވެ. އެންމެ ފުރަތަމަ ސަބަބަކީ ޔޫރަޕުގެ ޤައުމުތަކުގެ ވެރީން ޔަހޫދީން ދެކެ ހަމްދަރުދީ ވެވަޑައިގަންނަވާ ކަމަށް ކުރެވޭ ދައުވާގެ ދެކޮޅު ނުޖެހުމެވެ. ދެހާސް އަހަރުވަންދެން ޔަހޫދީންގެ ބޮލަށް ޔޫރަޕްގެ ކްރިސްޓިއަނުންގެ ކަނޑިތަކުން ހޮނު އަޅަމުން ގެންދިޔަ އިރު އެބުނާ ހަމްދަރުދީ ކޮބައިބާވައެވެ! ޔޫރަޕް މީހުން އޮސްޓްރޭލިޔާގެ އެބޮރިޖިންސް މީހުންގެ ޙައްޤުތަކަށް އަރައިގަނެ އެބައިމީހުންނަށް ދީފައިވާ އަނިޔާތަކުގެ ބަދަލުުގައި އެބައިމީހުންނާ މެދުގައި ހަމްދަރުދީ ވެގެން އުފައްދައިދޭން ޖެހޭ ދައުލަތް ކޮބައިބާވައެވެ! މެދުތެރޭ އަދި ދެކުނު އެމެރިކާގެ އިންކާ ޙަޟާރަތާއި މާޔާ ޙަޟާރަތާއި އެޒްޓެކް ޙަޟާރަތުގެ އެތައް މިލިއަން ބަޔަކު ވަލުކުއްތާތަކެއް ފަދައިން ކަތިލާފައި އެބައިމީހުންގެ ބިންތައް ފޭރިގަނެގެން ޔޫރަޕް މީހުން އުޅޭތާ އެތައް އަހަރެއް ވެފައިވާ އިރު ޖަންގަލިތަކުގައި ބާކީ ތިބި އިންކާއިންނާއި މާޔާއިންނާއި އެޒްޓެކުންގެ ޤަބީލާތަކަށް އުފައްދައިދޭ ޤައުމު ކޮބައިބާވައެވެ! އުތުރު އެމެރިކާގެ ރެޑް އިންޑިއަނުންގެ އެތައް ލައްކަ ބަޔަކު ކަތިލައި، އެބައިމީހުންގެ ބިން ފޭރިގަނެގެން އުޅެވޭތީ އެބައިމީހުންނާ މެދުގައި ހަމްދަރުދީވެގެން އުފައްދައިދޭ ޤައުމު ކޮބައިބާވައެވެ! ޔަހޫދީންނާ މެދުގައި ހުޅަނގުގެ ކްރިސްޓިއަނުންގެ ހިތްތަކުގައި އެ ވަރުގެ ހަމްދަރުދީއެއް އުފެދުނު ނަމަ ހުޅަނގުގެ މުއްސަނދި، ތަނަވަސް، އަދި ބިޔަ ސަރަޙައްދުގެ ތެރެއިން ޔަހޫދީންނަށް ޖާގަނުދެވުނީ ކީއްވެގެން ބާވައެވެ!

އަޅުގަނޑުމެން އެންމެންވެސް ދަންނަ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމަ ނިމި، ޔަހޫދީ ދައުލަތް އުފެއްދުމުގެ އެންމެ ފަހު މަރުހަލާތައް ފެށުނު އިރު އިސްލާމީ ދުނިޔެއަށްވުރެ އިޤްތިޞާދީ ގޮތުން ތަނަވަހީ ހުޅަނގުގެ ޤައުމުތަކެވެ. ވަސީލަތްތައް ގިނަވެފައި ދިރިއުޅުމަށްޓަކައި ބޭނުންވާ ދުނިޔަވީ ފަސޭހަތައް ބޮޑަށް އޮތީ ހުޅަނގުގެ ޤައުމުތަކުގައެވެ. ހަމަ އެފަދައިން ފަލަސްޠީނަށް ބައިބަޔަށް ހިޖުރަކުރަމުން އައި ޔަހޫދީންގެ ތެރެއިން ގުނާލެވޭހައި މަދު ބަޔަކު ފިޔަވައި ދެން ތިބީ ހުޅަނގުގެ ޤައުމުތަކަށް އުފަންވެ އެ ޤައުމުތަކުގެ ރައްޔިތުންގެ ގޮތުގައި އެތައް އަހަރެއް ވަންދެން އުޅެފައި ތިބި މީހުންނެވެ. އެ ޤައުމުތަކުގެ ޘަޤާފަތާއި ފިކުރުތަކުގެ ތެރޭގައި ބޮޑެތިވެފައި ތިބި މީހުންނެވެ. އެހެންކަމުން އެ ޤައުމުތަކުގެ ސަރުކާރުތަކުން އެބައިމީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް އެބައިމީހުންނަށް ރައްޔިތުންނަށް ލިބެން ޖެހޭ އެންމެހައި ޙައްޤުތައް ހޯދައިދިނުމަކީ އެންމެ ޙައްޤުކަން ބޮޑު ގޮތެވެ. ޔޫރަޕްގެ ޤައުމުތަކުގައި މި ކަން ކުރުމަށް އެކަށޭނަ މުޖުތަމަޢެއް ނެތް ކަމަށް ޒައިނިސްޓުން ބުނާ ބުނުމުގައި ހިސާބެއްގެ ޙަޤީޤަތެއް އޮތް ނަމަވެސް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އެފަދަ މުޖުތަމަޢެއް ނެތްކަމުގައި ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ. ތާރީޚުގެ އެންމެހައި އަހުލުވެރީން ޤަބޫލުކުރާނެ ފަދައިން ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަކީ ވަރަށް ނުފޫޒު ގަދަ، މުއްސަނދި، އަދި ބާރުގަދަ ޔަހޫދީ މުޖުތަމަޢެއް އޮތް ޤައުމެކެވެ. އެތައް ސަތޭކަ މިލިއަން މީހުން އާބާދުވެ އެ އެންމެންނަށް ދުނިޔަވީ އެންމެހައި ބޭނުންތައް ފުއްދައިގެން އުޅެވޭ ވަރުގެ އިޤްތިޞާދީ ވަސީލަތްތަކާއި ފުރުސަތުތައް އޮތް ޤައުމެކެވެ. އެހެން ކަމުގައި ވާނަމަ ޔޫރަޕްގެ ޔަހޫދީން ހިޔާވަހިކަން ހޯދުން އެންމެ ޙައްޤުވެގެންވާ ބިމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ކަމުގައި ނުވޭ ބާވައެވެ! ހުޅަނގުގެ ކްރިސްޓިއަން ބާރުތަކުން ޔަހޫދީންނާ މެދުގައި ހަމްދަރުދީވެގެން އެމީހުންނަށް އަމިއްލަ ޤައުމެއް އުފައްދާނެ ބިންކޮޅެއް ދެންޏާ، އެ ގޮތުން ބިންކޮޅެއް ނަގަން އެންމެ އައުލާކަންބޮޑުވެގެންވާ ތަނަކީ އެމެރިކާ ކަމުގައި ނުވޭ ބާވައެވެ! އެމެރިކާގެ އައްސޭރީން ޔަހޫދީންނަށް ދޭން ފަލަސްޠީނު ފަދަ ދިހަ ފަލަސްޠީނު ވަރުގެ އެތަކެއް ބިމެއް ނެގެން އޮތެވެ. މިހާރުވެސް ނެގެން އެބައޮތެވެ. އެހެން ނެހެދީ ކީއްވެގެން ބާވައެވެ! އެހެން ނަހަދައި މިހާރުވެސް އެ ތިބެނީ ކީއްވެގެން ބާވައެވެ!

181 ވަނަ ޤަރާރުގެ އިންސާފެއް ނެތް ކަން ފެނިގެން ދަނީ ހަމައެކަނި ފަލަސްޠީނުގެ ބިމުގައި، ފަލަސްޠީނީ ޢަރަބީންގެ ގެދޮރާއި ވަޒަނުގައި ޔަހޫދީ ދައުލަތެއް އުފެއްދުމަށް ނިންމި ނިންމުމުގެ ސަބަބުންނެއް ނޫނެވެ. އޭގެ އިތުރަށް، އެ ނިންމުމުގެ ތަފްސީލުތަކަށް ބަލާލުމުންވެސް އޭގެ އަދުލުވެރިކަމެއް ނެތުން ވަރަށް ރީތިކޮށް ހާމަވެއެވެ. މި ޤަރާރު ފާސް ކުރެވުނު އިރު ފަލަސްޠީނުގައި ބިމުގައި ޢަރަބީންގެ 1.3 މިލިއަން މީހުން ތިއްބެވެ. ޔަހޫދީންގެ ތިބީ ހަ ލައްކަ އަށްވުރެ ކުޑަ ތަންކޮޅެއް އިތުރު ޢަދަދެއްގެ މީހުންނެވެ. އެހެން ޢިބާރާތަކުން ދަންނަވަންޏާ، ފަލަސްޠީނުގެ އެއިރުގެ އާބާދީގެ ތިންބައިކުޅަ ދެ ބަޔަކީ ޢަރަބީންނެވެ. ޔަހޫދީންގެ ނިސްބަތަކީ ތިންބައިކުޅަ އެއްބައެވެ. ނަމަވެސް 181 ވަނަ ޤަރާރުގެ ދަށުން ފަލަސްޠީނު ބައިބައިކޮށްލަން ނިންމި ނިންމުމުގައި ޢަރަބީންނަށް ދޭން ހަމަޖެއްސީ ފަލަސްޠީނުގެ ބިމުގެ 4800 އަކަމޭލެވެ. ބާކީ އޮތް 5500 އަކަމޭލު ދޭން ހަމަޖެއްސީ ޔަހޫދީންނަށެވެ. ހަމައެފަދައިން އެއިރު ފަލަސްޠީނުގެ އިޤްތިޞާދީ ގޮތުން އެންމެ މުހިއްމު ޝަހަރުގެ ގޮތުގައި އޮތް ހައިފާއަކީ މުޅީން ކަހަލަ ގޮތަކަށް ޢަރަބީން އުޅެމުން ގެންދިޔަ ޢަރަބި ޝަހަރަކަށް ވުމާއެކުވެސް އެ ޝަހަރު ދޭން ހަމަޖެހުނީ ޔަހޫދީ ދައުލަތަށެވެ. ސަބަބަކީ ހައިފާއަކީ އެއިރު މެދުއިރުމަތީގެ ތެޔޮ ޔޫރަޕާއި އެމެރިކާއަށް ފޮނުވުމުގައި ބޭނުންކުރަމުން އައި އެންމެ މުހިއްމު އެއް ބަނދަރު ކަމުގައި ވާތީ އެ ބަނދަރުގެ ކޮންޓްރޯލް ޢަރަބީންނަށް ލިބުނަ ނުދިނުމެވެ. މީގެ އިތުރަށް ޤައުމުގެ އާބެހަވާ ރަނގަޅު ދަނޑުވެރި އަދި ފެން ތިޔާގި ބިންތައް ލިބުނީ ޔަހޫދީންނަށެވެ. ޢަރަބީންނަށް ލިބުނު ސަރަޙައްދުގެ ގާތްގަނޑަކަށް އައްޑިހަ އިންސައްތައަކީ ޤައުމުގެ ދެކުނުގައި އޮންނަ ނިގިވް ސަހަރާއެވެ. ފެނެއް، ދަނޑުވެރިކަމެއް، އެހެންކަމެއް ނެތް ހަނަފަސް ސަހަރާއެވެ!

ޖަންގަލީގެ ޤާނޫނުގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ޔަހޫދީ ދައުލަތް އުފެއްދުމަށްޓަކައި އދ. ގެ އާއްމު މަޖިލީހުން 181 ވަނަ ޤަރާރު ފާސްކުރި އިރު އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެމެރިކާ ސަރުކާރުންނެވެ. އެޤަރާރާ އެއްކޮޅަށް ވޯޓު ނުދީފިނަމަ މުސްތަޤުބަލުގައި އެމެރިކާގެ ފަރާތުން ދަތިކުރުމާއި އެކަހެރިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރުތައް އެތައް ޤައުމެއްގެ އެމްބެސެޑަރުންނަށް އެމެރިކާގެ އޮފިޝަލުން ދެއްވާފައި ވެއެވެ. ޢާއްމު މަޖިލީހުގައި ތިބި ޤައުމުތަކުގެ ތެރެއިން ގިނަ ޤައުމުތަކަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބައިވެރިވެ އޭގެ ނަތީޖާއެއްގެ ގޮތުން އިޤްތިޞާދީ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ގެނބިފައިވާ ޤައުމުތަކެވެ. އެމެރިކާ ސަރުކާރުން މި ޤައުމުތަކުގެ އޮފިޝަލުންނަށް ވަރަށް ސަރީހަ އިބާރާތުން އަންގަމުން ގެންދިޔައީ ޔަހޫދީ ދައުލަތް އުފެއްދުމަށް ތާއީދުނުކޮށްފިނަމަ އެ ޤައުމުތަކުގެ އިޤުތިޞާދުތައް އަލުން ބިނާކުރުމުގެ މަސައްކަތަށް އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނުލިބޭނެ ކަމުގައެވެ. މިގޮތުން އެމެރިކާ ސަރުކާރުން ބްލެކްމެއިލް ކޮށްގެން އެތައް ޤައުމެއްގެ ވޯޓު ހޯދާފައި ވެއެވެ. އެހެންކަމުން 1947 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ފާސްކުރެވުނު 181 ވަނަ ޤަރާރަކީ ޢަދުލު އިންސާފުގެ އިންތަކާއި ހަމަތަކަށް ނުފެތުމުގެ އިތުރަށް ސިޔާސީ ޓެރަރިޒަމާއި ބްލެކްމެއިލްކުރުމާއި ދެންވެސް އެ ބާވަތުގެ ޖުރުމްތަކެއްގެ ތެރެއިން ލައިގެން ވުޖޫދަށް ގެނެވުނު ޤަރާރެކެވެ.

ދެން އަޅުގަނޑު ބަލާލާނީ ޔަހޫދީ ދައުލަތް އުފެދުމުގެ މަސައްކަތް އޭގެ އެންމެ ފަހު މަރުހަލާއާ ހަމަޔަށް އައިއިރު ފަލަސްޠީނުގެ މަސްރަޙުގައި ކަންތައްތައް އޮތްގޮތާ މެދުގައެވެ. ކުރީގެ ބާބެއްގައި ދެންނެވިފައި ވާނޭ ފަދައިން ފަލަސްޠީނުގެ ޢަރަބީންގެ ތެރޭގައި ޢުޘްމާނީ ދައުލަތް އުވިގެން ދިޔުމަށްފަހު ނަގާކިޔަމުން ގެންދިޔައީ ޤުދުސްގެ ދެ ޤަބީލާއެއްގެ މީހުންނެވެ. މީގެ ތެރެއިން އެއް ޤަބީލާއަކީ ޙުސައިނީންނެވެ. ދެވަނަ ޤަބީލާއަކީ ނަޝާޝިބީންނެވެ. އިނގިރޭސީންގެ މޭންޑޭޓްގެ ކުރީކޮޅު ފަލަސްޠީނުގެ މުސްލިމުންގެ ވެރިކަމަށް އިނގިރޭސީންގެ ބާރުގައި އިސްކުރެވުނީ މީގެ ތެރެއިން ޙުސައިނީ ޤަބީލާގެ ބޭފުޅެއް ކަމުގައިވާ އަލްޙާއްޖު އަމީން އަލްޙުސައިނީއެވެ. ނަމަވެސް ފަހުން އޭނާގެ ނަންފުޅު ވަނީ އިނގިރޭސީންގެ ކަޅު ލިސްޓަށް އަރާފައެވެ. އދ. ގެ 181 ވަނަ ޤަރާރު ފާސްކުރެވުނު އިރު އޭނާ ހުންނެވީ އިނގިރޭސީންގެ ކިބައިން ސަލާމަތްވެވަޑައިގަތުމަށްޓަކައި ޖަރުމަނު ވިލާތުގެ ބަރލިންގައެވެ. އޭނާގެ ޣައިރުހާޒިރުގައި ހުސައިނީންގެ އިސް ބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އޭނާގެ ބޮޑުބޭބެ ދަރިކަލުން ޖަމާލުލް ހުސައިނީ ވެސް އދ. ގެ ޤަރާރު ފާސްކުރެވުނުއިރު ހުންނެވީ އިނގިރޭސީންގެ ބަންދުގައި ރޮޑީޝިޔާގައެވެ. ނަތީޖާއަކަށް ވީ މި ދަންނަވާ ދުވަސްކޮޅު ޙުސައިނީ ޤަބީލާގެ ނުފޫޒު ދަށްވެ، ނަޝާޝިބީންގެ އަޑު ތަންކޮޅެއް ގަދަވާގޮތް ވުމެވެ. 1947 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން 1948 ވަނަ އަހަރުގެ ކުރީކޮޅާ ހަމަޔަށް ޙާލަތު އޮތީ މި ކަހަލަ ގޮތެއްގައެވެ. ނަމަވެސް 1948 ވަނަ އަހަރުގެ ކުރީކޮޅު ޙުސައިނީ ޤަބީލާގެ އިސް ބޭފުޅުން ރަށްފުށު ހިސާބުތަކުގެ ވެރީންނާ ގުޅިވަޑައިގެން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ސަބަބުން އަނެއްކާވެސް ޙުސައިނީންގެ ފަރާތަށް ބާރުގެ ތިލަފަތް ބުރަވެގެން ދިޔައެވެ. ނަމަވެސް 181 ވަނަ ޤަރާރު ފާސްކުރެވިގެން ދިޔައިރު ފަލަސްޠީނުގެ ޢަރަބީންގެ ޙައްޤުތަކުގެ އަޑު އެންމެ ބާރަށް އުފުއްލަމުން ގެންދިޔައީ ޙުސައިންނާއި ނަޝާޝިބީންގެ ބަދަލުގައި ޢަރަބި ކްރިސްޓިއަނުންގެ ޕާރޓީއެއް ކަމުގައިވާ ޕެލަސްޓައިން އެރެބް ޕާރޓީ ނުވަތަ ޕީއޭޕީ އެވެ. ޢަރަބި ކްރިސްޓިއަނުންގެ ލީޑަރެއް ކަމުގައިވާ އެމީލް އަލްޣޫރީގެ ޒައާމަތުގެ ދަށުގައި އޮތް ޕީއޭޕީގެ ލަނޑުދަނޑިއަކަށް ވެފައި އޮތީ ފަލަސްޠީނުގައި ޢަރަބި ދައުލަތެއް އުފެއްދުމެވެ. އަދި ޔަހޫދީ ދައުލަތް އުފެއްދުމުގެ މަސައްކަތްތަކާ ދެކޮޅަށް ހަރަކާތްތެރިވުމެވެ. މިގޮތުން ޙަރަކާތްތެރިވަމުން ދިޔަ ޙުސައިނީންނާއި ނަޝާޝިބީންނާއި ޕީއޭޕީގެ މެދުގައި އެއްބާރުލައިގެން، އެކައްޗެއް ކިޔައިގެން އެއް އަމާޒަކަށް ދަތުރުކުރުމުގެ ރޫޙެއް އެއްގޮތަކަށްވެސް ނެތެވެ. އޭގެ ތެރެއިން އެއްވެސް ބަޔަކު ވޭނާއި ހިތްދަތިކަމުގެ ނިހާއީ ހާލަތެއް ތަހައްމަލުކުރަމުން ދިޔަ އެތައް ލައްކަ ރައްޔިތުންނާ މެދުގައި ވިސްނައެއް ނުލައެވެ. ކޮންމެ ބަޔަކުވެސް ވިސްނަމުން ގެންދިޔައީ ޔަހޫދީން ފައްސާލެވޭ ދުވަހަކުން ވެރިކަމުގެ ގޮނޑިއާއި ފައިސާގަނޑާއި ނުފޫޒާއި ބާރު ތިމާގެ މުށުތެރެއަށް ލެވޭނެ ގޮތަކާ މެދުގައެވެ.

މި ދެންނެވީ ދެވަނަ ބޮޑު ހަނގުރާމަ ނިމިގެން ދިޔަ އިރު ފަލަސްޠީނީ ޢަރަބީންގެ ސިޔާސީ މަސްރަޙު އޮތް ގޮތުގެ ވަރަށް ކުރު ބަޔާނެކެވެ. އިސްވެ ދެންނެވިފައި ވާނޭ ފަދައިން ހަނގުރާމައިގެ ތެރޭގައި ޢަރަބީންނާއި ޔަހޫދީންގެ ފައުޖުތައްވެސް އިނގިރޭސީންގެ ސަފުތަކުގައި ހިޓްލަރުގެ ނާޒީ ޖަރުމަނާ ދެކޮޅަށް ހަނގުރާމަ ކުރިއެވެ. އެހެންކަމުން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ފަލަސްޠީނުގައި ޔަހޫދީންނާއި ޢަރަބީންގެ އަސްކަރީ ކުރިމަތިލުންތައް އޮތީ ވަރަށް ބޮޑަށް ތައްކަތު ވެފައެވެ. ނަމަވެސް ހަނގުރާމަ ނިމުމާއެކު އިނގިރޭސީންނާ އެކު ހަނގުރާމަކުރި ހަގާނާގެ ޔުނިޓާއި، އެރެބް ލީޖިއަންގެ ހަނގުރާމަވެރީން އެނބުރި ފަލަސްޠީނަށް އައެވެ. އެއާއެކު އަނެއްކާވެސް ޔަހޫދީންނާއި ޢަރަބީންގެ ކުރިމަތިލުންތައް އާއްމުވެ ވަރުގަދަވާން ފެށިއެވެ. މި ކުރިމަތިލުންތައް ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެގެން ދިޔައީ 1947 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ފަހުގައެވެ. އދ. ގެ 181 ވަނަ ޤަރާރު ފާސްކުރެވި، ޔަހޫދީ ދައުލަތް އުފެއްދުމުގެ މަސައްކަތް ފުރިހަމަވުމުގެ ކޮޅުމަތި ފެންނަން ފެށުމުންނެވެ. އެ ހިސާބުން ޢަރަބީން މަސައްކަތް ފެށީ ކޮންމެ ގޮތެއް ހަދާފައިވެސް ޔަހޫދީން ފަލަސްޠީނުން ބޭރުކޮށްލުމަށެވެ. މިގޮތުން ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފެށީ އެރެބް ލިބަރޭޝަން އާރމީގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ޖަމާޢަތަކުންނެވެ.

(ނުނިމޭ….)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!