މަރަށް މަރުހިފަންވީ ކީއްވެހެއްޔެވެ؟

އާދެ މިއަދު އަޅުގަނޑުމެންގެ ދިވެހިމުޖުތަމަޢަށް ބަލާލާއިރު ފެންނަމުންދަނީ މީހުންގެ ފުރާނަ އެއްވެސް ބިރެއްނެތި މަދިރިމަރާބީދާއިން މަރަމުން ދާތަނެވެ. މީހުންގެ މުދާ ފޭރިގަންނަތަނެވެ. މިކަމުގެ ސަބަބުން މުޅިމުޖުތަމަޢަށްވަނީ ބިރުވެރިކަމާއި ނައަމާންކަން ވެރިވެފައެވެ. މުޖުތަމަޢުގެދުލުން ގޮވަމުންދަނީ އަފުރާދުންގެ ފުރާނަޔާއި މުދަލާއި އަބުރާ ޢިއްޒަތް ރައްކާތެރިކޮށް އަމާން ވެއްޓެއް ޤާއިމުކޮށްދިނުމަށެވެ. ޤައުމުގެ ހުރިހާ މުއައްސަސާތައް ވަނީ މުޖުތަމަޢުގެ މިގޮވާލުމަށް އިޖާބަދިނުމުގައި ނިކުޅެދިފައެވެ. އަދި މިހާތަނަށް ކުރެވުނު ހުރިހާމަސައްކަތެއްގައިވެސް ފޭލްވެފައެވެ.

ސުވާލަކީ މުޖުތަމަޢުގެ މިގޮވާލުމަށް އިޖާބަދިނުމުގައި ޤައުމުގެ ހުރިހާ މުއައްސަސާތައް ނިކުޅެދި ކުރެވުނުހާ މަސައްކަތްތައް ފޭލްވެފައިވަނީ ކީއްވެހެއްޔެވެ؟

މިސުވާލުގެ ޖަވާބު ވަރަށް ފަސޭހައެވެ. އެއީ: އިންސާނުން ހެއްދެވި ކާއިނާތުގެ މިލްކުވެރި އިލާހު އެއިލާހުގެ އަޅުންނަށްޓަކައި ބާވައިލެއްވި އެންމެ ފުރިހަމަ ދިރިއުޅުމުގެ ނިޒާމުކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ހަރުދަނާ އުޞޫލުތަކާއި ޤަވާއިދުތަކަށް ޢަމަލުކުރުން ދޫކޮށް އޭގެބަދަލުގައި އިންސާނުންގެ އުނި ސިކުނޑިން ހަދާފައިވާ ވަޟަޢީ ޤާނޫނަކީ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދޭ ދިރިއުޅުމުގެ އެންމެފުރިހަމަ ނިޒާމުކަމުގައި ބަލައިގަތުމެވެ.

މިއަދު ސައްތައިން ސައްތަ މުސްލިމު މިކުޑަކުޑަ މުޖުތަމަޢުގައި ހިނގަމުންދާ ނޭދެވޭ ހުރިހާކަމެއްގެ އަސްލަކީ އިލާހީ ޤާނޫނު (އިސްލާމީ ޝަރީޢަތް) ތަންފީޒު ނުކުރުމެވެ. އަދި މިއަށްވުރެ ބޮޑަށް ހިތާމަކުރަންޖެހޭކަމަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން އިސްލާމީޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތަކަކީ ހަރުކަށި އަދި އިންސާނީ ޙައްޤުތަކާވެސް ޚިލާފު އެއްޗެއްކަމަށް ބުނުމެވެ. އެހެންކަމުން ފުރަތަމަ އިސްލާމީޝަރީޢަތުގެ މަޤުޞަދަށް ބަލާލާނަމެވެ.

އާދެ! މުޖުތަމަޢުގެ އަމާންކަމާއި އޮމާންކަމާއި، ހިތްހަމަޖެހުން ދެމިއޮންނާނީ އެމުޖުތަމަޢެއްގެ އަފުރާދުންގެ ފުރާނައާއި، މުދަލާއި އަބުރާޢިއްޒަތް ރައްކާތެރިވެގެންނެވެ. އެހެންނޫނީ އެމުޖުތަމަޢެއްގައި އޮންނާނީ ބިރުވެރިކަމާ ނަައަމާންކަމެވެ. ޙަގީގަތުގައިވެސް އިސްލާމީޝަރީޢަތުގެ މައިގަނޑު މަޤްޞަދަކީ މުޖްތަމަޢުގެ އަފުރާދުންގެ ދީނާއި، ފުރާނައާއި، މުދަލާއި، އަބުރާޢިއްޒަތް ރައްކާތެރިކޮށް އަމާން އޮމާން ވެއްޓެއް ޤާއިމުކޮށްދިނުމެވެ. އެހެންކަމުން މިމަޤުޞަދު ގެއްލޭފަދަކަމެއްކުރާ ކޮންމެ މީހަކަށް އިސްލާމީ ޝަރީޢަތުގައިވަނީ އެކަމަކާގުޅޭފަދަ ޢުޤޫބާތެއް ނުވަތަ ސަޒާވަނީ ކަނޑައަޅުއްވާފައެވެ. މިޢުޤޫބާތައް ނުވަތަ ސަޒާއަށް ކިޔަނީ ޙައްދުތަކެވެ. ބޭނުމަކީ މުޖުތަމަޢުގެ އމާންކަމާ އޮމާންކަމާ ހިތްހަމަޖެހުން ދެމިއޮތުމެވެ. އަދި ކުށްކުރުން ހުއްޓުވުމެވެ. މީ ދުނިޔޭގެ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތަކެވެ.

ދުނިޔޭގެ ޤައުމުތަކަށް ނުވަތަ ބައިނަލްއަޤުވާމީ މުއައްސަސާތަކަށް ބެލިކަމުގައިވިޔަސް އެތަނެއްގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކަށް ދެވޭނެ ސަޒާތައްވަނީ ކަނޑައެޅިފައެވެ. މިފަދަ ސަޒާތަކުގެ ތެރޭ މަރަށް މަރުހިފުމާއި ދަންޖެއްސުން ހިމެނެއެވެ. މިސަޒާތަކަކީ އިންސާނީ ޙައްޤުތަކާ ޚިލާފު އެއްޗެކޭ އެއްވެސްބަޔަކު ނުބުނެއެވެ. ނަމަވެސް މުސްލިމު މިކުޑަކުޑަ މުޖުތަމަޢުގައި އެއްވެސް ޙައްޤަކާނުލައި މީހުން މަރަމުން މިދަނީ މަދިރެއް މަރާލާބީދާއިންނެވެ. ދުވަހުން ދުވަހަށް މިނުރައްކާތެރި ޖަރީމާދަނީ އިތުރުވަމުންނެވެ. އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީވެސް ބުނަނީ މިޖަރީމާގެ ސަޒާއަކީ މަރަށްމަރު ހިފުމެވެ. އަދި ދިވެހި ރާއަޖޭގެ ސުޕުރިމްކޯޓުންވެސް ވަނީ ޙައްޤަކާނުލާ މީހުން މެރި އެތައްބައެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައެވެ. އެހެންކަމުން މިޙުކުމު ތަންފީޒުކުރުމަށް އިޢުލާންކުރުމާއެކު ބައެއް މުއައްސަސާތަކުން ވަނީ މިކަމަށް ފާޑުކިޔާފައެވެ. ޚައްސަގޮތެއްގައި ފާހަނގަކުރެވޭ މުއައްސަސާއަކީ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރާކަމުގެ ލޭބަލް ޖަހައިގެންއުޅޭ މުއައްސަސާއެވެ. މިމުއައްސަސާގައިވެސް ތިއްބަވަނީ މުސްލިމުންނެވެ. އެމީހުން ބުނާގޮތުގައި އެމީހުން ތިބީ އިސްލާމްދީނަށާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސިއަށް ހުރުމަތްތެރިކޮށް ހިތުމަށް މާތްﷲ ގަންދީ ހުވާކޮށްގެނެވެ. ނަމަވެސް މިފެންނަނީ އެހުވަޔާޚިލާފުވެ އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާތަނެވެ. އަނެއްބައިމީހުން ބުނަމުންދަނީ މަރަށް މަރުގެ ޙުކުމް ތަންފީޒުކުރާނީ ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހުގައެވެ. ދެން މިފަދަ ގޮތަކަށް ދީނުގައި ޙުކުމުކަނޑައެޅިފައިވާ ޙައްދުތަކާއިމެދު ވާހަކަ ނުދެއްކުމަށާއި އެފަދަވާހަކަތަށް ދައްކަވާ ފަރާތްތައް ކުށްވެރިކޮށް ޢިލްމުވެރިން ވާހަކަ ދައްކައިފިނަމަ އެއީ ހަރުކަށި މީހެއް ކަމަށް ނުވަތަ މިހާރު މާސިޔާސީ ވެއްޖެއޭބުނެ އެފަދަ ޢިލްމުވެރިން ކުށްވެރިކޮށް ބަޔާންތައްނެރޭ ފަރާތްތައް ދިވެހި މުޖުތަމަޢުގައި މަދެއްނޫނެވެ. ވީމާ މުސްލިމުން މިކަމުގައި ކާއިނާތުގެ މިލްކުވެރި ޚާލިޤުވަންތަ ﷲ ސުބުޙާނަހޫވަތަޢާލާގެ ވަޙީބަސްފުޅާމެދު ވިސްނާލުން މުހިންމުކަމުގައި ދެކެމެވެ.
އާދެ! އެއްވެސް ޙައްޤަކާނުލާ މީހަކުމަރައިފިމީހާގެ ޙުކުމަކީ ކޮބައިކަން ބަޔާންކުރަށްވައި ބަޤަރާ ސޫރަތުގެ 178ވަނައާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى މާނައީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ.” މިއާޔަތުގައި قصاص ހިފުމުގެ މުރާދަކީ މަރަށްމަރުހިފުމެވެ. ދެން މިއާޔަތާވިދިގެން އައިސްފައިވާ އާޔަތުގައި ﷲ ސުބުޙާނަހޫވަތަޢާލާ މަރަށްމަރުހިފުމުގެ ޙިކުމަތް ބަޔާންކުރައްވާފައިވެއެވެ.وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ މާނައީ: ” އަދި قصاص ހިފުމުގައި (މަރަށްމަރުހިފުމުގައި) ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.” މިއާޔަތުގައިހިމެނިގެންވާ ބައެއް ޙިކުމަތްތަކަށް ބައްލަވާށެވެ.

1- قصاص މިބަސްބޭނުންކުރުމުން މީހުން ޙައްޤަކާނުލާމެރުމުގެ ޖަރީމާއަށް ދެވޭސަޒާއަކީ އެންމެ އިންސާފުވެރި އަދި އެޖަރީމާއާއި ސަޒާއާދެމެދު ހަމަހަމަކަންވާކަން ހާމަވެއެވެ.
2- ޙައްޤަކާނުލާ މީހުންމެރުމުގެ ޖަރީމާ ހުއްޓުވޭނެ ހަމައެކަނި ވަސީލަތަކީ قصاص ހިފުންކަން ހާމަވެއެވެ. އަދި މުޅިމުޖުތަމަޢަތް އަމާންކަމާއި ދިރުން ލިބޭނެކަމަކެވެ. މިޙިކުމަތަކީ މިއަދުގެ ވަޟަޢީ ޤާނޫނަށް އަދި ޙާސިލުކުރެވިފައިނުވާފަދަ ޙިކުމަތަކެވެ. ޤާނޫނީ ކޮންމެ نِظام އެއްގައިވެސް ބެލެވެނީ ދެވޭ ސަޒާއަކީ އެޖަރީމަކާ ހަމަހަމަ ސަޒާއަކަށްހެދުމަށެވެ.
3- މުޖުތަމަޢުގެ ދިރުންވަނީ قصاص ހިފުމުގައިކަން ހާމަވެއެވެ. އެހެނީ قصاص ނުހިފުމަކީ މުޖުތަމަޢުގައި އެފަދަ ޖަރީމާތައް އިތުރުވެ، މުޖުތަމަޢު ހަލަބޮލިވެގެންދާނެކަމަކެވެ. އަދި މަރުވިމީހާގެ ލޭބޭކާރުވެ، އޭނާގެ ޙައްޤުގެއްލޭނެކަމަކެވެ.
4- މުޖުތަމަޢުގެ މަސްލަހަތު ރަނގަޅަށް ދަންނަ ބުއްދި ސަލާމަތުންވާ ބުއްދީގެ އަހުލުވެރިންނަށް ނޫނީ މިހިކުމަތް ނުވިސްނޭނެކަން ހާމަވެއެވެ. އެއީ ހަވާނަފުސުގެ އެދުންތަކުން އެއްކިބާވެގެންވާ މީހުންނެވެ.
5- މިއާޔަތަކީ قصاص ހިފުމާ ދެކޮޅުހަދާ މީހިންނަށްހުރި ވަރުގަދަ ރައްދަކެވެ. އެހެނީ މާތްﷲ قصاص ހިފުމުގެ ޤާނޫނު ބާވައިލައްވައިފައިވަނީ އިންސާނިއްޔަތުގެ މިފަދަ ބޮޑު މުޖްރިމަކު ދޫކޮށްލައިފައި ބެހެއްޓުމަކީ އެމުޖްތަމަޢެއް ފަނާވެދިޔުން ކަމުގައިވާތީއެވެ.
ވީމާ އިންސާނުންހެއްދެވި ޚާލިޤުވަންތަ ﷲ އެއިލާހުގެ އަޅުންގެ މައްޗަށް މަރަށްމަރުހިފުން ފަރުޟުކުރައްވައި، އެއީ މުޖުތަމަޢުގެ އަމާންކަމާއި ހިތްހަމަޖެހުން ގެނަސްދޭނެކަމެއްކަމުގައި އަންގަވާފައިވަނިކޮށް، ތިމެންނައަކީ މުސްލިމަކޭ ބުނާމީހަކަށް މިކަމާ ދެކޮޅުހެދޭނެތޯއެވެ؟ އަދި މިއީ އިންސާނީ ޙައްޤުތަކާ ޚިލާފު ހަރުކަށި ޙުކުމަކޭ ބުނެވޭނެތޯއެވެ؟ ވިސްނަވާށެވެ. ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ ޚާލިޤުވަންތަ ﷲ ބާވައިލެއްވި ޤާނޫނަށް އެއިލާހު ޚަލްޤުކުރެއްވި ނިކަމެތި އުނިއިންސާނުން ހުށަހަޅާނީ ކޮންޚިޔާލެއްތޯއެވެ؟ ރަޙުމާތްވަންތަ ރަޙީމުވަންތަ ﷲއަށްވުރެ ބޮޑަށް އަޅުންގެ މައްޗަށް އޯގާތެރި އިންސާނަކު މިބިންމަތީގައިވޭތޯއެވެ؟ ވީމާ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ޙައްދުތައް ތަންފީޒުކުރާނީތޯ ނުވަތަ ނުކުރާނީތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލުހޯދަން ގޮވާލުމަކީ އިސްލާމީޝަރީޢަތުގައި ބަޔާންކުރައްވާފައިވާ ޙައްދުތަށް އެމީހަކު ޤަބޫލުނުކުރާކަމުގެ ޢަލާމަތަކެވެ. އަދި އެމީހަކަށް އިސްލާމީ ޝަރީޢަތުގެ ޙަޤީޤަތް ނޭގޭކަމުގެވެސް ހެއްކަކެވެ.

އެއްވެސް ޙައްޤަކާނުލާ މުއުމިނަކު މެރުމުގެ ފާފައަކީ އެފާފަ ކުރާ މީހުން ދެކެ އަރަހުށި މާތްﷲ އަބަދަށް ކޯފާވެވޮޑިގެންވާނެ ފާފައެކެވެ. އެފާފައަށް އަރައިގަންނަ މީހާއަށް އަބަދަށްޓަކައި މާތްﷲ ގެ ލަޢުނަތް އޮއްސަވަމުން ގެންދަވާނެ ފާފައެކެވެ. އާދެ އެއީ ކިހާ ނުރައްކާތެރި، ކިހާ ބިރުވެތިވާން ޖެހޭ ފާފައެއްތޯއެވެ. މާތްﷲ ނިސާސޫރަތުގެ 93 ވަނައާޔަތުގައި ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ. وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّـهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا  މާނައީ: ” އަދި، قصد ގައި مُؤمِن އަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، اللَّه، އެމީހާގެ މައްޗަށް ކޯފާލައްވައި لعنة ލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذاب އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.” ޝައްކެއް ނެތެވެ. އާޚިރަތްދުވަހަށް އީމާންވާ، ނަރަކައާއި ސުވަރުގެ ޤަބޫލުކުރާ މީހަކު ނަމަ އިސްވެދިޔަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވައިފައިވާ ބިރުވެރި ޚަބަރުން އެމީހެއްގެ އިސްތަށިތައް ކޮޅަށް ޖެހޭނެއެވެ. ހިތް ރޫރޫއަޅާނެއެވެ. ނަމަވެސް އެމީހެއްގެ މޭގައި ހިތުގެ ބަދަލުގައި ހިލައެއްއޮތް މީހަކު ނަމަ، އެމީހެއްގެ ހިތަށް އިންސާނީ ހަމްދަރުދީއާއި ލޯބީގެ އެންމެ ފެންތިއްކެއްވެސް ފޯރައިފައި ނުވާނަމަ، އެމީހެއްގެ ހިތުގައި ތާއަބަދު ރޯވެފައި ހުންނަނީ އަނިޔާވެރިކަމާއި ރަޙުމްކުޑަކަމުގެ އަލިފާން ކަމުގައި ވާނަމަ ކާއިނާތުގެ ވެރި އިލާހު ދެއްވައިފައިވާ ބަޔާންވެދިޔަ އިންޒާރާ މެދު އެމީހަކު ކުޑަވެސް ފަރުވާލެއް ނެތުމަކީ ޙައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

މި ބޮޑުފާފައިގެ ނުބައިކަން ބަޔާންކުރައްވައި ރަސޫލުﷲ صلى الله عليه و سلم ދެއްވާފައިވާ ބައެއް އިރުޝާދުތަކަށް ބަލާލަމާހިނގާށެވެ. السلسلة الصحيحةގައި ޝައިޚު އަލްބާނީ (ރަޙިމަހުﷲ) ބަޔާންކުރައްވާފައިވެއެވެ. ރަސޫލުﷲ ޙަދީޘުކުރެއްވިއެވެ. كل الذنوب عسى أن يغفرها الله إلا من قتل مؤمنا متعمدا ގަޞްދުގައި މުސްލިމަކު ޤަތުލު ކޮށްފައިވާ މީހާ މެނުވީ މާތްﷲ ހުރިހާ ފާފަތަކެއް ޢަފޫކުރައްވާނެ ކަމަށް އުއްމީދު ކުރެވެއެވެ.” އަދިވެސް ޙަދީޘުކުރައްވާފައިވެއެވެ. لزوال الدنيا أهون على الله من قتل مسلم (ތިރިމިޛީ) މާނައީ: “މުއުމިނަކު ޤަތުލު ކުރެވުމަކީ ދުނިޔެ މުޅީން ފަނާވެގެން ދިޔުމަށްވުރެވެސް މާތްﷲ ގެ ޙަޟުރަތުގައި މާބޮޑު ކަމެކެވެ.” لو أن أهل السماء وأهل الأرض اشتركوا في دم مؤمن لأكبهم الله في النار(ތިރިމިޛީ) މާނައީ: “މުއުމިނަކު ޤަތުލުކުރުމުގައި އުޑާއި ބިމުގެ އެންމެހައި އަހްލުވެރީން ބައިވެރިވެއްޖެކަމުގައި ވާނަމަ އަރަހުށި މާތްﷲ އެއެންމެންވެސް އަނގަވަތަށް ނަރަކަޔަށް އުއްކަވައިލައްވާނެއެވެ.”

މީހަކު މެރުން މިހާބޮޑު ފާފައަކަށްވީ ކީއްވެގެންކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އާދެ، އޭގެ ސަބަބަކީ ޙަޔާތަކީ ނުވަތަ ފުރާނަޔަކީ މާތްﷲ ގެ އަމާނާތަކަށް ވާކަމެވެ. ފުރާނައެޅުއްވުމާއި، ފުރާނަ ހިއްޕެވުމަކީ ﷲ ގެ ޙައްޤެކެވެ. ޤާތިލު އެކުރާ ކަމަކީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަ ކުރައްވައިފައިވާ ޙައްޤެއްގެ ތެރެއަށް ވަދެގަނެ އެ ޙައްޤަށް އަތްގަދަކޮށްގަތުން ފަދައެވެ. އެފަދަ ކަމެއް ކުރުމަށްވުރެ ބޮޑު ބޭއިންސާފަކީ ކޮބައިތޯއެވެ؟ ތިމާގެ ދާއިރާއިން ބޭރަށް ނިކުތުމަކީ ކޮބައިތޯއެވެ؟ އަނިޔާއަކީ ކޮބައިތޯއެވެ؟ އަނެއްކޮޅުން ޤަތުލުކޮށްލެވޭ މީހަކަށް އެދެވެނީވެސް ކިހާ ބޮޑު އަނިޔާއެއްތޯއެވެ؟ ޤަތުލުކުރެވުމުގެ އަނިޔާއަށްވުރެ ބޮޑު އަނިޔާއެއް ޚިޔާލަށްވެސް ގެނެވިދާނެތޯއެވެ؟ ޤަތުލު ކުރެވުނު މީހާ އެ މަޙްރޫމު ކޮށްލެވެނީ އަނބުރައިލިބިދިނުން އެކަށީގެންނުވާ ނިޢުމަތްތަކަކުންނެވެ. އޭގެ ބަދަލު ހޯދައިދެވުން މުސްތަޙީލު ކަމަކުންނެވެ.

އާދެ މިއީ ޚުދު ޤާތިލާއި، ޤަތުލުވެވުނު މީހާގެ ކަން އޮތްގޮތެވެ. އަނެއްކޮޅުން ވިސްނައިލަމާ ހިންގަވާށެވެ. ކޮންމެ އިންސާނަކީ ކިތައް މީހުންގެ ޙައްޤުތަކާއި ކިހާބައެއްގެ އުއްމީދުތައް އެމީހަކާ ގުޅިފައިވާނެ މީހެއްތޯއެވެ؟ އެމީހެއްގެ ބޮލުގައި މަޢުޞޫމު ތުއްތުތުއްތު ކުދީންކޮޅެއްގެ ތަރްބިޔަތުގެ މަސްއޫލިއްޔަތު އެޅިފައި އޮވެދާނެއެވެ. ޒުވާން ހުސްސަރިބައި އުޚުތުންތަކެއް ބެލެހެއްޓުމުގެ ޒިންމާ އެޅިފައި އޮވެދާނެއެވެ. މުސްކުޅި މަންމައަކާއި ބައްޕައެއްގެ ހުރިހާކަމެއްގެ ބެލެނިވެރިކަމާއި ބަލަދުވެރިކަން އޮތީ އޭނާގެ ބޮލުގައި ކަމަށް ވެދާނެއެވެ. ޒުވާން އަނތްބަކު ހުވަފަތްކޮށްލެވުނީ ކަމުގައި ވެދާނެއެވެ. މީގެ އިތުރަށްވެސް ޢާއިލާގެ ހާދަ ބޮޑެތި ޒިންމާތަކެއް އޭނާއާ ގުޅިފައި އޮވެދާނެއެވެ. މިއީ ހަމައެކަނި ޢާއިލީ ދާއިރާއެވެ. އޭނާއާމެދު އޭނާގެ މުޖުތަމަޢު ކުރާ އުއްމީދުތައް މިއަށްވުރެވެސް މާ ބިޔަވެފައި މާ އުސްވެދާނެއެވެ. ވިސްނާލަމާ ހިންގަވާށެވެ. އެންމެ ފުރާނައެއް ޤަތުލު ކޮށްލައިގެން އެ ވެއްޔާ މޮޑެލެވެނީ ކިތައް މީހުންގެ ޙައްޤުތޯއެވެ؟ ކިހާބައެއްގެ އުއްމީދުތައްތޯއެވެ؟ ޔަތީމު ކުދީންތަކެއް މުޖުތަމަޢަށް ދޫކޮށްލެވެނީއެވެ. ކުށެއްނެތް އަންހެނަކު ބިކަކޮށްލެވުނީއެވެ. މުސްކުޅި މައިންބަފައިންގެ އެހީތެރިޔާ ފިރުކައިގަނެވުނީއެވެ. އެހެންކަމުން މީހަކު ޤަތުލުކޮށްލުމުން އެ ލޭއޮހޮރައިލެވެނީ އެންމެ ފަރުދެއްގެއެއް ނޫނެވެ. މުޅި ޢާއިލާއެއްގެއެވެ. ބޮޑު ދަރިކޮޅެއްގެއެވެ. އަދި ކީއްތޯއެވެ؟ މުޅި އިންސާނިއްޔަތު ޒަބަޙަ ކޮށްލެވުނީއެވެ.

ވީމާ ކީރިތި ޤުރުއާނާއި ރަސޫލުﷲ صلى الله عليه و سلم ގެސުންނަތުން ސާބިތުވެފައިވާ އެއްވެސް ޙުކުމަކާމެދު އެއްވެސް މީހަކަށް ޚިޔާލެއް ހުށަހެޅުމުގެ ހުއްދައެއްލިބިގެންނުވެއެވެ. މިކަން ބަޔާންކުރައްވައި މާތްﷲ އަޙުޒާބު ސޫރަތުގެ 36 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.  وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا މާނައީ: ” އަދި اللَّه އާއި، އެއިލާހުގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مُؤمِن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެއިލާހުގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.” مُؤمِن ގެ ސިފައަކީ ﷲއާއި އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه و سلم ކަމާކާމެދު ޙުކުމެއްކުރައްވައިފިނަމަ ތިމެންމެން އަޑުއަހައިފީމެވެ. އަދި ކިޔަމަންގަނެފީމޭބުނުމެވެ. އެކަމަށް ފާޑުކިޔައި އެޙުކުމާމެދު ތިމާދެކޭގޮތް ބަޔާންކުރުމެއްނޫނެވެ. މާތްﷲ ނޫރުސޫރަތުގެ51ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ މާނައީ:” އެއުރެންގެ މެދުގައި، حكم ކުރެއްވުމަށް اللَّه އާއި، އެއިލާހުގެ رسول އާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިހިނދަކު، مُؤمِن ންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެއުރެން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ”

މިގޮތަށް ޢަމަލުނުކޮށް ބަޔަކުމީހުން ރުއްސަން ﷲގެ ޙުކުމް ތަންފީޒު ކުރާނީތޯ ނުވަތަ ނޫންތޯ ބަލަން ޚިޔާލު ހޯދަން އުޅުމަކީ ﷲއާއި އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه و سلم އާ ދެކޮޅުވެރިވުމެވެ. އެއީ އެބަޔަކު ނިކަމެތިވާނެ ކަމަކެވެ. މީ މުއުމިނަކަށް ހުއްދަކަމެއް ނޫނެވެ. ނިކަން މާތްﷲގެ ވަޙީބަސްފުޅު އަޑުއައްސަވާށެވެ. މުޖާދަލާ ސޫރަތުގެ 6 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ الَّذِينَ يُحَادُّونَ اللَّـهَ وَرَسُولَهُ كُبِتُوا كَمَا كُبِتَ الَّذِينَ مِن قَبْلِهِمْ ۚ وَقَدْ أَنزَلْنَا آيَاتٍ بَيِّنَاتٍ ۚ وَلِلْكَافِرِينَ عَذَابٌ مُّهِينٌ  މާނައީ: “ހަމަކަށަވަރުން، اللَّه އާއި، އެއިލާހުގެ رسول އާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ!) އެއުރެންގެކުރިން އުޅުނު (އެފަދަ) މީހުން ނިކަމެތިކޮށްލެއްވި ފަދައިން، އެއުރެން ނިކަމެތިކޮށްލައްވާ ހުށްޓެވެ. އަދި ހަމަކަށަވަރުން، ބަޔާންވެގެންވާ آية ތައް ތިމަނއިލާހު ބާވައިލެއްވީމެވެ. އަދި كافر ންނަށް ހުރީ، އިހާނަތްތެރިކަންދެނިވި عذاب އެވެ.” ދިވެހި ލޮބުވެތި އަޅުގަނޑުގެ އަޚުންނާއި އުޚުތުންނޭވެ! ނިކަން މިކަމާމެދު ވިސްނަވާށެވެ. މީ އާދައިގެ ކަމެއްކަމުގައި ނުދެކޭށެވެ އިލާހީ ކޯފާއެއް އަތުވެއްޖެނަމަ އަހަރުމެނެ އެންމެން ހަލާކުވާނެއެވެ. އިލާހީކޯފާއިން ސަލާމަތްވުމައްޓަކައި އިލާހީ ޤާނޫނާ ކުޅެން އުލޭބަޔަކާ ދެކޮޅުވެރިވާށެވެ އަދި އެކަން މަނާކުރަން އެމީހަކަށްވެވުނު މަސައްކަތެއްކުރާށެވެ. ހަނު ނުތިބޭށެވެ.

ޤައުމުގެ ވަލިއްޔުލްއަމުރަށާއި މަޖިލިހުގެ އެންމެހާ މެމްބަރުންނަށް މާތްﷲ ގަންދީކުރައްވައިގެން ތިއްބެވި ހުވާ އުވާނުލެއްވުމަށް ވަޞިއްޔަތްކޮށް ނަޞީޙަތްތެރިވަމެވެ. (إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّـهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ) وما على الا البلااغ . وصلى الله وسلم على نبينا محمد وآله وصحبه وسلم

 

ނޯޓް: މިއީ 2014 ފެބްރުއަރީ 5 ގައި ދިއިސްލާމްގައި ޝާއިއުކުރެވިފައިވާ ލިޔުމެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!