• މަޖިލިސް މެމްބަރުން އަރައިރުންވެ މަޖިލިސްގެ ހަރު މުދަލަށް ގެއްލުން ދީފަ / ފޮޓޯ: ސަން އޮންލައިން

ތަހުޒީބީ މަޖިލިހެއްތޯ / ނާތަހުޒީބީ މަޖިލިހެއްތޯ؟

ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ އެންމެ އިއްޒަތްތެރި މަޖިލީހުން ފެނިގެން ދިޔައީ ދިވެހި ރައްޔިތުން ލަދުން ވިރިގެންދާ ފަދަ ދަށު ދަރަޖައިގެ އަމަލުތަކެކެވެ. މެމްބަރުންގެ ނާތަހުޒީބީ ޢަމަލުތައް ފަސް އަހަރު ވަންދެން ތަހައްމަލު ކުރަން ޖެހުނެވެ. އެއަށްފަހު އެނެއްކާވެސް ދިވެހިންނަށް މިވަނީ އައު މަޖިލީހެއް ހޮވަން ފުރުސަތު ލިބިފައެވެ.

ސުވާލު އުފެދެނީ މި ހިސާބުންނެވެ. މިހާރު މުއްދަތު ހަމަވަމުންދާ މެމްބަރުންގެ ފަރާތުން ފެނިގެން ދިޔަ ނާތަހުޒީބީ އަމަލުތަކުން އެއްވެސް ވަރަކަށް ދިވެހިންނަށް ޢިބްރަތްތަކެއް ލިބިއްޖެ ބާއެވެ؟ ފެންނަ ފެނުމަށް ދެންނެވެން އޮތީ ޢިބްރަތް ޙާސިލުކުރުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ގިނަ ރައްޔިތުންނަށް ލިބިފައި ނުވާކަމަށެވެ. މިހެން ދަންނަވަން ޖެހުނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެހެނީ، އެއްކަލަ މަޖިލީހުގައި ޑުރާމާ ކުޅުއްވި ގިނަ މެމްބަރުންނަށް ޕާޓީތަކުގެ ޓިކެޓް މިހާރު ވަނީ ލިބިފައެވެ.  ކެމެރާ ކުރިމަތީގައި ބަރަހަނާވި މެމްބަރުންނާއި، މަޖިލީހުގެ ތަޅުމަށް ވެއްޓި އެތާނގައި ފަތާ އުޅުނު މެމްބަރުންނާއި، ބޮލުގައި ޑަސްބިން އެޅި މެމްބަރުންނާއި، ދެއިރަށް ރިޝްވަތު ހިފައިގެން ޕާޓީ ބަދަލުކުރި މެމްބަރުންނާއި، އަނގައިން ހަޑި މުޑުދާރު ބަސްތައް ގޮވާ ހެދި މެމްބަރުންނަށްވެސް ވަނީ ޓިކެޓުތަށް ލިބިފައެވެ. ތަޢުލީމީ ޤާބިލު ބައެއް މީހުން އެއްކައިރި ކުރުމަށްފަހުއެވެ. އާޚިރުގައި މިކަމުގެ ޒިންމާ ނަގަން ޖެހެނީ ހަމަ ދިވެހި ރައްޔިތުންނެވެ.

މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ހުރިހާ ޤާނޫނުތަކެއް ހެދިގެން އަންނަ ތަނެވެ. ޤާނޫނު ހެދުމަކީ ކުޅޭކުޅޭ ކުޅިވަރެއް ނޫނެވެ. އަދި ކޮންމެ ކޮންމެ މީހަކީ އެކަމަށް އަހުލުވެރި މީހެއްވެސް ނޫނެވެ. ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވުމުން ދިވެހިރާއްޖޭގައި ހެދޭ ޤާނޫނުތަކަކީ އިސްލާމީ ޝަރީޢަތާ ތަޢާރުޟުވުމެއް ނެތް ޤާނޫނުތަކަކަށް ވާން ޖެހޭނެއެވެ. އަދި އެކަން ވަނީ ޤާނޫނު އަސާސީންވެސް ކަށަވަރުކޮށްދީފައެވެ. ނަމަވެސް ސުވާލަކީ މިދިޔަ ފަސް އަހަރުގައި ރައްޔިތުންގެ މަޖިލީހުން ފަރުމާވެގެން ނުކުތް ޤާނޫނުތަކުގައި ކިހާ ވަރަކަށް އިސްލާމީ ޝަރީޢަތާ ތަޢާރަޟުވާ ނުކުތާތަށް ނުވަތަ ޤާނޫނުތައް އެބަ ހުރި ބާވައެވެ؟ މިސާލެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ ބިލަށް ބައްލަވާށެވެ. އެބިލު އަދިވެސް ޤާނޫނަކަށް ވެގެން ނުދެއެވެ. މަޝްހޫރު ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސެއިން، އެބިލަކީ އިސްލާމްދީން ފުނޑުފުނޑުވެގެންދާނެ ބިލެކޭ ވިދާޅުވުމުން، އެބޭފުޅާ ވަނީ މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރެވި، އެކަމާ މެދު ސުވާލުވެސް ކުރެވިފައެވެ. އެބޭފުޅާ ދެއްކެވި ވާހަކަތަކަށް މެމްބަރުން އެއްބަސްވެލެއްވިއެވެ. އިސްލާމީ ޝަރީޢަތާ ޚިލާފު އެތަކެއް ނުކުތާއެއް ވާކަމަށް އެއްބަސްވެލެއްވިއެވެ.

މި ހާދިސާއިން އެކަނިވެސް އެނގިގެންދާ އެއްޗެއް އެބައޮތެވެ. ދީނުގެ ޝަރުޢީ ޢިލްމު ލިބިފައިވާ މެމްބަރުންތަކެއް މަޖިލީހުގައި ތިބުމުގެ މުހިއްމު ކަމެވެ. ދުނިޔެވީގޮތުން ޤާނޫނީ ރޮގުން ކިތަންމެ މަތީ ތަޢުލީމެއް ހާސިލުކޮށްފައި ވިޔަސް، އިސްލާމީ މި ދިވެހިރާއްޖޭގެ މަޖިލީހަށް އެވަރުން ނުފުދޭ ކަމެވެ. ޤާނޫނުލް ޢުޤޫބާތު ފަދަ އިސްލާމީ ބޮޑެތި ޙުދޫދުތަކާ ގުޅޭ މުުހިއްމު ބިލަކަށް ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ދިގު ދެމިގެން ދާ ދިއުމަކީ މިބުނި ފަދަ ކަމަކަށް މަޖިލީހުގެ މެމްބަރުން ނުކުޅެދިފައިވާ ކަމުގެ އެންމެ ބޮޑު ހެއްކެވެ.

އިސްލާމީ ޝަރީޢާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ބޭފުޅުން މަޖީލިހަށް ބޭނުންވެފައިވާ މިންވަރު މިހާރު ދިވެހިންނަށް ވާނީ ކަށަވަރުވެފައެވެ. ނަމަވެސް ސުވާލަކީ، ދިވެހިން ބޭނުންވަނީ އަނެއްވާސް މިފަދަ ނާތަހުޒީބީ އަޚުލާޤެއް ނެތް މަޖިލިހެއްތޯ ނުވަތަ ދީނީ ތަޢުލީމީ ތަހުޒީބީ ޤާބިލު މެމްބަރުން ތަކެއް ތިބޭ މަޖިލީހެއްތޯއެވެ؟

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!