“ފީ ބުޔޫތް” ނަމުގައި ބާއްވާ ސިލްސިލާ ދަރުސް މިރޭ ނޫރު މިސްކިތުގައި

  • "ފީ ބުޔޫތް" ދަރުސް ސިލްސިލާގެ ތެރެއިން | ފޮޓޯ: އަލް އަސްރު

“ފީ ބުޔޫތް” މިނަމުގައި ބާއްވާ ސިލްސިލާ ދަރުސްގެ ތެރެއިން މާލޭގައި ބާއްވާ ދަރުސް މިރޭ އިޝާ ނަމާދަށްފަހު ނޫރު މިސްކިތުގައި އޮންނާނެ ކަމަށް  އަލް އަސްރުން ހާމަކޮށްފިއެވެ.

ނޫރު މިސްކިތުގައި ކިޔަވައި ދެއްވާނީ އިމާމް ބުޚާރީގެ އަލް އަދަބް އަލް މުފްރިދް ފޮތްކަމަށާއި ދަރުސް އޮންނާނީ އަންހެން ބޭކަނބަލުންނާއި ފިރިހެން ބޭފުޅުންނަށް އާންމުކޮށް ހުޅުވާލައިގެން ކަމަށް އަލް ޢަސްރުގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވިއެވެ.

“ފީ ބުޔޫތް”ގެ ނަމުގައި ކުރިއަށް ގެންދާ ދަރުސްތަކުގެ ތެރެއިން ވިލިގިލީގައިވެސް ދަރުސްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. ވިލިގިލީގައި މަސްޖިދުލް އިޚްލާސްގައި ބާއްވާ މިދަރުސް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހެއްގެ އިޝާ ނަމާދަށްފަހު ގައެވެ. މިދަރުސްތައް ދެއްވާނީ ޝެއިޚް އާދަމް ޝަމީމްއެވެ.

“ފީބުޔޫތް” ގެ ނަމުގައި އިންތިޒާމް ކުރާ މި ދަރުސް ސިލްސިލާގައި ކިޔަވައިދެއްވާ ފޮތަކީ މިއުއްމަތުގެ އެންމެ ބޮޑު މުޙައްދިޘް، އަލް އިމާމް ބުޚާރީ ލިޔުއްވި “އަދަބުލް މުފްރަދް” ގެޝަރަޙައެވެ. މި ފޮތަކީ އިމާމް ބުޚާރީ ލިޔުއްވި ފޮތްތަކުގެ ތެރެއިން ނުހަނު ފާހަގަކޮށްލެވޭ ފޮތެކެވެ. 9 ވަނަ ގަރުނުގައި ފަވާލެވުނު މި އަގުބޮޑު ޢިލްމީ ޚަޒާނާއަކީ އިސްލާމްދީނުގެ އަދަބު އަޚްލާޤާއި ބެހޭގޮތުން ލިޔެވުނު ފުރަތަމަ ފޮތެވެ. މި ފޮތުގައި ރިވެތި އަދަބު އަޚްލާޤް ގެ މިސާލުތައް ވަނީ ކީރިތި ރަސޫލާގެ ސުންނަތުންނާއި ސަޙާބީންގެ ބަސްފުޅުތަކުން ގަތާލެވިފައެވެ.

ނަބަވީ އިރްޝާދުގެ އަލީގައި ރިވެތި އަޚްލާޤުން ޒީނަތްތެރިވުމަށްޓަކައި ހުރިހާ ބޭފުޅުންވެސް މި ދަރުސް އަށް ވަޑައިގަތުމަކީ މި ދަރުސް އިންތިޒާމް ކުރައްވާ ފަރާތުގެ އެދުމެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!