ދުނިޔެ ސިއްސުވާލި ސްނޯޑެން : އަންތަރީސް ކޮށްލި އާދަޔާ ޚިލާފު ތޫނުފިލި އިންސާނާ ( ފަހު ބައި )

  • ސްނޯޑެންގެ ޕޯސްތަރެއް ކައިރިން މީހަކު ދަނީ

އެންމެ އިތުބާރު ކުރި ބައިވެރިންގެ ކުރިމަތީވެސް ފަލީޙަތްވުން
އެމެރިކާއިން އެންމެ އިތުބާރު ކުރާ އަދި އެމެރިކާ އަށް އެންމެ އިތުބާރު ކުރި ނޭޓޯ އާއި ވިލާތުގެ އިއްތިޙާދުގެ ޤައުމު ތަކަށް އެމެރިކާއިން ޖާސޫސް ކޮށްފައި ވާކަމަށާއި، މި ޤައުމު ތަކުގައި މިކަން ކޮށްފައި ވަނީ އެ ޤައުމު ތަކުގެ އެމްބަސީ ތަކުގައި ޖާސޫސީ ވަޞީލަތްތައް ހަރުކޮށްގެން އެމްބަސީން ތަކުން ނުކުންނަ ހުރިހާ ލިޔުން ތަކާއި އަޑުތައް ދެނެގަނެގެން ކަމަށް ސްނޯޑެން ވަނީ ބުނެފަ އެވެ.

އެގޮތުން ސްނޯޑެން ވެސް އެތަނެއްގައި ކުރިން މަސައްކަތް ކުރި އެމެރިކާގެ ސިއްރު ޖާސޫސީ އިދާރާ ނެޝަނަލް ސެކިޔުރިޓީ އެޖެންސީ، އެންއެސްއޭއިން ދުނިޔޭގެ 38 ގައުމެއްގެ އެމްބަސީތައް “ބަގު” ކޮށްފައިވާ ކަމަށް ސްނޯޑެން ހާމަ ކުރުމަކީ އެމެރިކާގެ ބައިވެރިންނަށް ވެސް ކެތްކުރެވޭ ކަމަކަށް ނުވިއެވެ.

އެމެރިކާގެ ބައިވެރިން ކަމަށްވާ ވިލާތުގެ އިއްތިޙާދުގައި ހިމެނޭ އެމެރިކާގެ ބައިވެރިންގެ އެމްބަސީތަކާއި އދ.ގައި ހުންނަ ފަރަންސޭސިވިލާތާއި ގުރީސްގެ އެމްބަސީ އަދި ވޮޝިންގްޓަންގައި ހުންނަ އިޓަލީވިލާތުގެ އެމްބަސީގެ އިތުރުން އެމެރިކާގެ އެހެނިހެން ބައިވެރިންގެ އެމްބަސީތައްވެސް އެގައުމުން “ބަގު” ކޮށް އެ ތަންތަނަށް ވެސް ރަހުމަތްތެރި ކަމަށް ދެކުނު އެމެރިކާއިން ވަނީ ޖާސޫސް ކޮށްފައެވެެ.

އެގޮތުން ޖަޕާން، މެކްސިކޯ، އުތުރު ކޮރެއާ، އިންޑިއާ އަދި ތުރުކީގެ އެމްބަސީތައް އެމެރިކާ އިން “ބަގު” ކޮށްފައިވާ މައްސަލަ ފެންމަތި ވުމާއި އެކު އެ ޤައުމު ތަކުން ގެންދަނީ އެމެރިކާ އަށް ޑިޕްލޮމެޓިކް ގޮތުން ދެވެން އޮތް ކޮންމެ ޙަމަލާއެއް ދެމުން ނެވެ.
ދުނިޔޭގެ އެތައް ޤައުމެއްގެ އެންމެ އިސް ވެރިންނާއި ޤައުމު ތަކަށް ޖާސޫސް ކޮށް އެތައް ބައެއްގެ އިންސާނީ ހައްގުތައް ފޭރިގަނެ އެތައް ބައެއްގެ ކަރާމާތް އެމެރިކާއިން ނަގާލިކަމަށް ބުނެ އެކަމުގެ މަޢުލޫމާތު ހާމަކުރި ސްނޯޑެންގެ ފަހަތުން މިއަދު އެމެރިކާ ދުވަމުން ދާއިރު، ހުރިހާ ނުބައި ކަމެއް ކޮށްފައިވާ އެމެރިކާއިން ބުނާ ގޮތުން މިކަމުގައި ވެސް ކުއްވެރި ވަނީ އެ މަޢުލޫމާތު ހާމަކުރި ސްނޯޑެން އެވެ. އެއީ ވެސް އެމީހުންގެ އިންސާފުވެރިކަން މުޅި ދުނިޔެއަށް ހާމަވެ އެމެރިކާ އިތުރަށް ފަލީޙަތްވެ ބޭޒާރުވީ ކަމެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!