ދުނިޔެ ސިއްސުވާލި ސްނޯޑެން : އަންތަރީސް ކޮށްލި އާދަޔާ ޚިލާފު ތޫނުފިލި އިންސާނެއް ( 3 ވަނަ ބައި )

  • އެޑްވަޑް ސްނޯޑެން

ސްނޯޑެން ފަހާ ދުވެގެން ވެސް އެމެރިކާ އަށް ނާކާމިޔާބު
ސްނޯޑެންގެ އަނގަ ބަންދު ކުރުމަށާއި، އޭނާގެ އަޑު ކަނޑުވާލުމަށް ދުނިޔޭގެ އެންމެ ބާރުގަދަ ކަމަށް ހެދިގެން އުޅޭ އެމެރިކާ ވަނީ ނުކުޅެދިފަ އެވެ.
މިކަމަކީ ނުކުޅެދޭ ބަލި މޮޔަ ދަރީގެ ދަރަޖަ ބައެއް ފަރާތްތަކުން އެމެރިކާ އަށް ދޭންޖެހޭ ކަމެއް ކަމަށް ދުނިޔޭގެ ދޫހެލޭ ސިޔާސީ ލީޑަރުން ވިދާޅުވަނީ ސަބަބެއް ނެތިއެއް ނޫނެވެ.
ސްނޯޑެން ވަނީ ހުރިހާ ގޮތަކުން ވެސް އެމެރިކާގެ އާރެއް ބާރެއް ނެތް ބައެއް ކަމާއި އެއީ ސިންގާގެ ކެހެރި ގަނޑެއްގެ ތެރޭގައި ބޮނދާއޮތް ނިކަމެތި ހިކަންޖެއް ކަން މުޅި ދުނިޔެއަށް ސާބިތު ކޮށްދީފަ އެވެ.
އެމެރިކާގެ ރައްޔިތަކަށް ވެހުރެ ސްނޯޑެންގެ އަޑު ކަނޑުވާލުމަށް އޭނާ އަށް ރިޝްވަތު ދިނުމަށާއި، އެހެނިހެން ދުނިޔޭގެ ދަޅަތަކަށް ހެއްލުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން ސްނޯޑެން އަށް ބިރު ދައްކައި އިންޒާރުދީގެން އެމެރިކާއިން ކުރި މަސައްކަތުން ވެސް އިތުރަށް ފަލީޙަތްވެ ބޭޒާރުވީ ހަމަ އެމެރިކާއެވެ.
އެމެރިކާއިން ވަނީ ސްނޯޑެން އަތުލުމަށް ރަޝިޔާއާއި ހޮންގްކޮންގްއަށް ފިއްތުންތައް ކުރިމަތި ކޮށްފަ އެވެ.
އެހެން ނަމަވެސް މިދެގައުމުން ވެސް ވަނީ އެމެރިކާ އިތުރަށް ފަލީޙަތް ކޮށް އެމީހުން ބުނާ ކޮންމެ ގޮތެއް ހަދަން ނުޖެހޭކަން ސާބިތު ކޮށްދީފައެވެ.
މި ދެ ޤައުމުގެ އިތުރުން އެމެރިކާގެ މުޑުދާރު ސިޔާސަތާއި މެދު ނަފްރަތުގެ ލޮލަކުން އަބަދުވެސް ބަލަމުން އަންނަ އިކުއެޑޯއާއި ވެނެޒުއެލާއިން ވެސް ވަނީ ސްނޯޑެން އަށް ދާއިމީ ގޮތެއްގައި ސިޔާސީ ޙިމާޔަތް ދޭނެކަން ކަށަވަރު ކޮށްދީފަ އެވެ.
އެހެން ނަމަވެސް ސްނޯޑެން މިވަގުތު ހުރި ރަޝިޔާއިން ބޭރަށް ދިޔުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ސްނޯޑެން ވަނީ އަނެއްކާވެސް އެމެރިކާގެ ފިއްތުން ތަކަށް ގޮންޖަހައި ރަޝިޔާގެ ޙިމާޔަތް ޤާނޫނީ ގޮތުން ހޯދާފައެވެ.
މި މައްސަލާގައި ރަޝިޔާ އަށް އެމެރިކާއިން ކުރިމަތި ކުރުވި ފިއްތުން ތަކަށް ރަޝިޔާއިން ވެސް ބޯނުލެނބުމުން އެމެރިކާ ވަނީ އިތުރަށް ދުނިޔޭގެ ކުރިމަތީގައި ފަލީޙަތްވެ ބޭޒާރު ވެފައެވެ.

ސްނޯޑެންގެ މަސައްކަތުން އެމެރިކާގެ ޚިޔާނާތްތެރި ކަމާއި މުނާފިޤުކަން ހާމަވާ ލިޔުންތައް ބޭޒާރު ކޮށްލުމުން އެބައިމީހުންނަކީ އަމިއްލަ ޤައުމުގެ ރައްޔިތުންނާއި މެދު ވެސް ޚަޞީލަތް ނުބައި ބައެއް ކަން މިއަދު އެމެރިކާ ރައްޔިތުން ވެސް ދަނެއެވެ.
ދުނިޔޭގެ ސުޕަ ޕަވަރު ކަމަށް ބުނާ އެމެރިކާގެ ފަޚުރުވެރި ރައީސް ކަމަށް އެބައިމީހުން ދެކޭ ބަރާކް އޮބާމާ ވެސް ވަނީ ސްނޯޑެންގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން މަޖުބޫރު ވެފައެވެ. އޮބާމާ ވަނީ ސްނޯޑެން ހާމަކުރި މަޢުލޫމާތު ތަކަށް އިޢުތިރާފްވެ ދެން ދުވަހަކުވެސް އަމިއްލަ ޤައުމުގެ ރައްޔިތުންނަށް ޖާސޫސް ނުކުރާން ވަޢުދުވެ އަޙުދު ކަށަވަރު ހިފާފައެވެ.
އެހެނަސް އޭނާގެ ބަހަށް މިއަދު އޭނާއަށް ވޯޓު ދީގެން ހޮވި ރައްޔިތުން ވެސް އިތުބާރެއް ނުކުރެއެވެ.

ނުނިމޭ…..
މާދަމާގެ ބައިގައި ….
އެންމެ އިތުބާރު ކުރި ބައިވެރިންގެ ކުރިމަތީވެސް ފަލީޙަތްވުން …

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!