ދުނިޔެ ސިއްސުވާލި ސްނޯޑެން : އަންތަރީސް ކޮށްލި އާދަޔާ ޚިލާފު ތޫނުފިލި އިންސާނާ ( ދެވަނަ ބައި )

  • ސްނޯޑެން އެންއެސްއޭގައި

ސްނޯޑެން އެންއެސްއޭގެ މަޢުލޫމާތު ހޯދީ ކިހިނެއް؟
އަދާ ހަމަ އަށް ވެސް ކޮންމެ މީހަކު ވެސް ކުރާ ސުވާލަކީ ސްނޯޑެން އެންއެސްއޭގެ ދުވަސްވީ ސިއްރު މަޢުލޫމާތު ތައް ހޯދީ ކިހިނެއް ބާއެވެ؟ އެއްވެސް މީހެއްގެ ނަމުގައި ސިސްޓަމަށް ނުވަދެ މަތީ ފަންތީގެ މީހެއްގެ ޕާސްވޯޑް ވެސް ނުހޯދާ އޭނާ އެ ހުރިހާ މަޢުލޫމާތެއް ހޯދީ ކިހިނެއް ބާއެވެ؟ މި ކަމުގައި ވެސް ސްނޯޑެން ބޭނުން ކޮށްފައި ވަނީ އޭނާގެ އާދަޔާ ޚިލާފު ތޫނުފިލިކަން ބާއެވެ؟ ނުވަތަ އޭނާ އަކީ ޙަޤީޤަތުގައި ވެސް ހެކަރެއް ބާއެވެ؟
އެންއެސްއޭގެ މުވައްޒަފު ވަނީ މިކަމުގައި އޭނާ ދެކޭގޮތް ހާމަ ކޮށްފައެވެ.
އޭނާ ކިޔައިދިން ގޮތުން އެޑްވަޑް ސްނޯޑެން އެންއެސްއޭގެ ވަޒީފާ އަށް ވަނުމުގެ ކުރިން އޭނާ ވަނީ އެންއެސްއޭ އަށް ވަރަށް ބޮޑުވެގެން އުޅުނު މައްސަލަ އެއް ވަރަށް ފަސޭހައިން ޙައްލު ކޮށްދީ އެންއެސްއޭގެ ވެރިންގެ ތާއީދާއި އިތުބާރާއި ރުހުން ހޯދާފަ އެވެ.
އެގޮތުން އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުން ތައް ރައްކާތެރި ކަމާއި އެކު ބެކަޕް ކޮށް ބެލެހެއްޓޭނޭ ސިސްޓަމެއް ސްނޯޑެން ވަނީ ޤާއިމު ކޮށްދީފަ އެވެ. މިސިސްޓަމް ވެގެން ދިޔައީ އެންއެސްއޭގެ ހުރިހާ ވެރިން ވެސް ވަރަށް ގަޔާވި އަދި އެހާ ވެސް މޮޅު ސިސްޓަމަކަށެވެ.
ފަހަރެއްގައި ވެސް މި ސިސްޓަމްގެ ފުރަގަހުގައި ކަޅު ކުލައިގެ ކޯޓެއް ލައިގެން އިނދެ މީގައިވާ މަޢުލޫމާތު އެހެން މީހަކަށް ވަގަށް ނެގިދާނެ ކަމަށް އެމީހުންގެ ކޮށި ވިސްނުމަކަށް ނައެވެ.

މީގެ އިތުރުން ސްނޯޑެން ވެގެން ދިޔައީ އެންއެސްއޭއިން ބޭނުންކުރާ ސޮފްޓްވެއަރގައި ހުރި ގިނަ މައްސަލަ ތައް އަވަސް އަވަހަށް ފާހަގަ ކޮށް އެކަން އިސްލާޙު ކުރުމަށް ވަރަށް ބޮޑަށް ބާރު އެޅި މީހަކަށެވެ.
އެހެން ނަމަވެސް އޭނާ އެދުނު ފަދައިން އެންއެސްއޭގެ ސިސްޓަމް ތަކުގައި ހުރި ލޯވަޅުތައް ބައްދައި ޕެޗް އެޅުމަށް އެންއެސްއޭއިން އޭރު މާބޮޑު ސަމާލު ކަމެއް ދީފައި ނުވާ ކަމަށް އެންއެސްއޭގައި ސްނޯޑެން އާއި އެކު ވަރަށް ގާތުން މަސައްކަތް ކުރި މުވައްޒަފު ބުނެފައި ވެއެވެ.
ކަޅު ކުލައިގެ ހުޑުލީ ވިއްސާރަ ކޯޓެއް ފާޑުގެ ފިނިއިރުލާ ބޮލުގައި އަޅާ ހުޑާއި އެކު އެންއެސްއޭގެ ލޯގޯ އާއި ނަމާއި ނިޝާން އަދި އެތެރޭގައި ނުރައްކާތެރި ގޮތަކަށް ތޮފި އަޅައިގެން އިން ބާޒެއް ޖަހާފައިވާ ކޯޓެއް ލައިގެން އިނދެ ސްނޯޑެން އެންއެސްއޭގެ މަޢުލޫމާތު ތައް ނަގާފައި ވަނީ އޭނާގެ މޭޒުމަތީގައި އެމެރިކާގެ ޤާނޫނު އަސާސީ ބާއްވައިގެން އޭގައިވާ ހުދޫދުގެ ތެރެއިން ކަމަށެވެ.
އަދި އެއްވެސް އިރެއްގައި ޤާނޫނު އަސާސީގެ އިމުގެ ބޭރުން ކަމެއް ކުރެވިފައި ވޭތޯ އަދި ކުރެވިދާނެތޯ އޭނާ ވަރަށް ފަރުވާތެރި ކަމާއި ޝައުޤުވެރި ކަމާއި އެކު އެމެރިކާގެ ޤާނޫނު އަސާސީ ބަލާ ކަމަށް ސްނޯޑެން އާއި އެކު މަސައްކަތް ކުރި މީހުން އެމެރިކާގެ މީޑިޔާ ތަކުގައި ވަނީ ކިޔައިދީފަ އެވެ.
ނުނިމޭ…..
މާދަމާގެ ބައިގައި ….
ސްނޯޑެން ފަހާ ދުވެގެން ވެސް އެމެރިކާ އަށް ނާކާމިޔާބު!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!