އިޚްވާނުލް މުސްލިމޫންއަކީ “ޓެރަރިސްޓުން”ގެ ގޮތުގައި މިސްރުގެ ބަޣާވާތުގެ ސަރުކާރުން ކަނޑައަޅައިފި

މިސްރުގެ ރައީސް ޑރ މުޙައްމަދު މުރްސި ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލް މުސްލިމޫންއަކީ “ޓެރަރިސްޓުން”ގެ ގޮތުގައި މިސްރުގެ ބަޣާވާތުގެ ސަރުކާރުން ކަނޑައަޅައިފިއެވެ.

85 އަހަރުވެފައިވާ މިސްރުގެ އެންމެ ބޮޑު އިސްލާމީ ޖަމާއަތަކީ ޓެރަރިސްޓުން ގޮތުގައި ކަނޑައެޅުމުން އިޚްވާނުލް މުސްލިމޫންއިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އަދި ބަޣާވާތުގެ ސަރުކާރުން އެގޮތަށް ކަނޑައެޅިޔަސް، އެޖަމާޢަތުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށްވެސްވަނީ ބުނެފައެވެ.

ބަޣާވާތަކުން ޑރ މުރްސީ ވެރިކަމުން ދުރުކުރުމަށް ފަހުގައި މިހާރު މިސްރުގައި ވެރިކަން ކުރަމުންދާ އެޤައުމުގެ އަސްކަރިއްޔާއިން އިޚްވާނުލް މުސްލިމޫންއަކީ “ޓެރަރިސްޓުން”ގެ ގޮތުގައި ކަނޑައަޅާއި ނެރުނު ބަޔާނުގައިވަނީ މިސްރު ސަރުކާރުން ވަނީ އިޚްވާނުލް މުސްލިމޫންއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފަކަމަށާއި މި ޖަމާއަތުގެ ހަރަކާތްތައް މީގެ ފަހުން ހިންގާ މީހުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން އަދަބު ދެވޭނެކަމަށެވެ.

އަސްކަރިއްޔާއިން އިޚްވާނުލް މުސްލިމޫންއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅަން ނިންމީ މިސްރުގެ ނީލް ޑެލްޓާގެ ފުލުހުންގެ މަރުކަޒަކަށް އަންގާރަ ދުވަހު ދިން ހަމަލާގެ ފަހަތުގައި ވަނީ އިޚްވާނުން ކަމަށް ބުނެއެވެ. ނަމަވެސް 15 މީހުން މަރުވެ 100 މީހުން ޒަޚަމްވި ޖާނުންފިދާވުމުގެ މިހަމަލާވަނީ އިޚްވާނުލް މުސްލިމޫންއިންވެސް ކުށްވެރިކޮށްފައެވެ.

މިސްރުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ހަސަނުލްބަންނާ، މީގެ 85 އަހަރުކުރިން އުފެއްދި އިޚްވާނުލްމުސްލިމޫން ޖަމާޢަތް ރޫޅާލާ އެޖަމާޢަތަކީ ޤައިރު ޤާނޫނީ ޖަމާއަތަކަށް ހެދުމަށް މިސްރުގެ “ލާދީނީ” ޕާޓީތަކާއި އަސްކަރިއްޔާއިން ކޮންޓްރޯލްކުރަމުން ގެންދާ ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

ޑިމޮކްރަޓިކް ހަމަތަކުގެ މަތިން މީގެ އަހަރު ދުވަސް ކުރިން އިންތިހާބުކުރި ޑރ މުހައްމަދު މުރްސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލް މުސްލިމޫންއަކީ މިސްރުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ އަދި އެންމެ ތަޖްރިބާކާރު ސިޔާސީ ޖަމާއަތެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!