ޑރ. ޢިޔާޟު: ޤައުމު ފަޚުރުވެރިވާފަދަ ޢިލްމީ ދަރިއެއް

ޝެއިޚް ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަޠީފަކީ ގިނަ ދިވެހިންނަށް އާ ނަމެއް ނޫނެވެ. ޑރ. ޢިޔާޟަކީ ދީނީ ގޮތުން ތަފާތު އެކި އެކި ސުވާލުތައް ކުރިމަތިވެފައިވާ ގިނަ ދިވެހިންގެ ސުވާލުތަކަށް މިހާރު އެންމެ ފުޅާ ދާއިރާއެއްގައި އެޖަވާބުތައް އެންމެ ގާތުން ފޯރުކޮށްދެމުންދާ ބޭފުޅެކެވެ. އެހެންކަމުން ގިނަބަޔަކަށް ޝެއިޚް ޢިޔާޟުގެ ނަމަކީ އައު ނަމަކަށް ނުވާނެއެވެ. ނަމަވެސް، މިނަމުގެ ފަހަތުގައި ފޮރުވިފައިވާ ޝަޚްސިއްޔަތުގެ ޤުރުބާނީތަކާއި ޑރ. ޢިޔާޟު ޑރ. ޢިޔާޟުއަކަށްވީ ގޮތަކީ ގިނަ ބަޔަކަށް އަދި ނޭނގިވާ ކަމެކެވެ. އާނއެކެވެ. މީސްތަކުން ހަނދާން ބަހައްޓާނީ ނަތީޖާއެވެ. މަސައްކަތެއް ނޫނެވެ. ފާތިޙުންގެ ފަތަޙަތަކާއި، ސައިންޓިސްޓުންގެ އީޖާދުތަކާއި، ޢިލްމުވެރިންގެ ފޮތްތަކާއި، ރަސްކަލުންގެ ކާމިޔާބުތަކަކީ މީސްތަކުން ނުހަނު ހަނދާންކޮށް އުޅޭ ކަންތައްތަކެވެ. ނަމަވެސް އެއިން ކޮންމެ ކާމިޔާބެއްގެ ފަހަތުގައި އެބޭފުޅުން ކުރައްވާފައިވާ މަސައްކަތާއި ވެލައްވާފައިވާ ޤުރުބާނީއަކީ މީސްތަކުންގެ ހަނދާނާ އެހާ ރައްޓެހިކަންކަމަށް ވެފައެއް ނުވެއެވެ. ނަމަވެސް، ޝަޚްސިއްޔަތުން މިނެކިރުމުގައި ފަސްމަންޒަރުގެ މަޢުލޫމާތަކީ ކޮންމެހެން އެނގެން ޖެހޭ ކަމަކަށްވާތީ ޑރ. ޢިޔާޟުގެ ތަޢާރަފެއް ޑރ. ޢިޔާޟު ކެމްޕެއިން ޓީމުން މި ހުށައަޅަނީ އަޅުގަނޑުމެންގެ ކެންޑިޑޭޓްގެ ސާފު ފަސްބައި ރައްޔިތުންނަށް ހާމަކޮށް ގޮތެއް ނިންމުމަށް ހުށަހެޅުމަށެވެ. ޑރ. ޢިޔާޟަކީ މިއީއެވެ. ގޮތެއް ނިންމަވާށެވެ.

މުޙައްމަދު ޢިޔާޟަކީ ހ. ލަކީ މަޝްހޫރު ކަޅުބެ ޢަބްދުލްލަޠީފްގެ ދަރިކަލެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ފުރަމާލޭގައިއެވެ. އެންމެ ފުރަތަމަ މަދަރުސާއަކަށްވެލެއްވީ ލޮބުވެތި ބައްޕާފުޅެވެ. ބައްޕާފުޅު ޢަބްދުލްލަޠީފް އަރިހުން އެޅަދުވަސްވަރު ވަރުގަދަ ތަޢުލީމީ ޝަޚްސިއްޔަތެއްގެ ބިންގާ އަޅުއްވާލެއްވިކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެންމެ މުޙިއްމު ޢިލްމުކަމުގައިވާ ކީރިތި ޤުރުއާނުގެ ޢިލްމުވެސް އެންމެ ފުޅާދާއިރާއެއްގައި ޙާޞިލްކުރެއްވީ ސީދާ ބައްޕާފުޅު އަރިހުންނެވެ. ދެބަފައިންގެ މަސައްކަތުން ޢިޔާޟުގެ ޢުމުރުފުޅުން 15 އަހަރުފުޅުގައި މުޅި ކީރިތި ޤުރުއާން ހިތުންދަސްޕުޅުކުރައްވާ ޙާފިޒުލް ޤުރުއާނެއްގެ ލަޤަބް ހޯއްދަވައިފިއެވެ.

ޢިލްމުވެރިން ބުނެއުޅެއެވެ. ޢިލްމުތަކުގެ ތެރެއިން އެންމެ މައި ޢިލްމަކީ ކީރިތި ޤުރުއާނެވެ. އެހެން ޢިލްމުތައް ބިނާވެގެންދަނީ އެޢިލްމުގެ މައްޗަށެވެ.

ޝެއިޚް ޢިޔާޟުގެ ޙަޔާތަކީ މިކަމަށް އޮތް ދިރިހުރި މިސާލެކެވެ. ޢުމުރުފުޅުން އެންމެ 15 އަހަރުފުޅުގައި ކީރިތި ޤުރުއާން ހިފްޒުކުރެއްވުމަށްފަހު ޢިލްމުގެ މައިދާނުގައި ޝެއިޚް ޢިޔާޟު ވަޑައިގަތީ ކުރިއަށެވެ. ކާމިޔާބަކު ފުލު ކާމިޔާބެއް ޙާޞިލްކުރައްވަމުންނެވެ. ޕްރީ ސްކޫލުގެ ތަޢުލީމް ޙާޞިލްކުރެއްވީ އޭރު ސަރުކާރުން ހިންގަވަމުން ގެންދެވި އިސްކަންދަރު މޮންޓެސޫރީ ކިންޑަރގާރޓެން ގައެވެ. އެއަށްފަހު ގުރޭޑް އެކަކަށް ވެދެވަޑައިގެންނެވީ މަޖީދިއްޔާ ސުކޫލަށެވެ. ގުރޭޑް 6 އާ ހިސާބަށް ވަޑައިގެންނެވިތަނުން، ސަރުކާރުގެ ފަރާތުން އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ނަމުގައި ޢަރަބި އިސްލާމީ ތަޢުލީމުދޭ މަދަރުސާއެއް ހުޅުވުމާ ގުޅިގެން މަޖީދިއްޔާއިން ކެނޑިވަޑައިގެން ޢަރަބިއްޔާ ސުކޫލާ ގުޅިވަޑައިގަތެވެ. އެއީ 1987މ ގައެވެ. އެއަށްފަހު ޢަރަބިއްޔާ ސުކޫލުގައި ހޭދަކުރެއްވި ކޮންމެ އަހަރަކުވެސް ގުރޭޑުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ޙާޞިލްކުރެއްވެވިއެވެ. 1989މ ގައި ޢަރަބިއްޔާ ސުކޫލް ނިންމެވުމަށްފަހު މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އަށް ވެންނެވިއެވެ. މަޢުހަދުގައިވެސް ޢިޔާޟު ފާހަގަވެގެންގޮސްފައިވަނީ އާދަޔާ ޚިލާފް މޮޅު ދަރިވަރެއްކަމުގައެވެ. އެގޮތުން 1991 ވަނަ އަހަރުގެ އަދި މުޅި ސުކޫލުން 1 ވަނަ ދަރިވަރުގެ މަޤާމް ޙާޞިލްކުރެއްވެވިއެވެ. މަޢުހަދުގެ ފަހު އަހަރު 1993މ ގައި މަދީނާ ޔުނިވަރސިޓީގެ ސްކޯލަރޝިޕް ލިބިލެއްވުމުން މަޢުހަދުގެ ކިޔެވުން ދޫކޮށްލެއްވުމަށްފަހު ވަޑައިގެން މަތީ ޘާނަވީ ތަޢުލީމް ފުރިހަމަކުރެއްވީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި އެއް އަހަރު ހޭދަކުރައްވައިގެންނެވެ. އެއަށްފަހު، މަދީނަތުލް މުނައްވަރާގެ އިސްލާމިކް ޔުނިވަރސިޓީ އިން ފެކަލްޓީ އޮފް ޤުރުއާނުން ޤުރުއާނާއި އޭގެ ޢިލްމުތަކުން އޮނަރސް ޑިގްރީއެއް ނެންގެވިއެވެ. މާސްޓަރސް ޑިގްރީ ޙާޞިލްކުރެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒުންނެވެ. އިންޓަރޕްރިޓޭޝަން އޮފް ތަފްސީރު އެންޑް ޙަދީޘުން ޑިޝްޓިންކްޝަންއާ އެކު ހެއްދެވި މާސްޓަރސްގެ ތީސިސް ލިޔުއްވާފައިވަނީ އިމާމު އައްޝަވްކާނީ ލިޔުއްވި ނަޔިލުލް އަވްޠާރުގެ މަންހަޖާ ބެހޭ ގޮތުންނެވެ. 2004މ ވަނަ އަހަރު މާސްޓަރސް ޙާޞިލްކުރެއްވުމަށްފަހު 2005މ ވަނަ އަހަރު މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ޕީއެޗްޑީ އަށް ރަޖިސްޓަރކުރެއްވެވިއެވެ. އިސްލާމިކް ޖުރިސްޕްރުޑެންސް އެންޑް ސައިންސެސް އިން މޭޖަރ ވެލައްވާ ތީސީސް ލިޔުއްވީ ދިވެހިރާއްޖޭގެ ސްޓޮކް މާކެޓްތަކުގައި ޙިއްސާއަށް އިންވެސްޓްކުރުމާ ބެހޭ ގޮތުންނެވެ. އިސްލާމީ ފިޤުހުގެ އަލީގައި ކުރެއްވި މި ނަޒަރީ ދިރާސާއާއެކު ޕީއެޗްޑީ ފުރިހަމަކުރެއްވީ 2013މ ވަނަ އަހަރެވެ.

ޑރ. ޢިޔާޟަކީ ތަޢުލީމު ޙާޞިލްކުރައްވަމުން ގެންދެވި ދުވަސްވަރުން ފެށިގެން ޤައުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ވަޑައިގެންނެވި ޤައުމު ފަޚުރުވެރިވާފަދަ ޢިލްމީ ޤާބިލް ދަރިއެކެވެ. ޢުމުރުފުޅުން އެންމެ 15 އަހަރުން ފެށިގެން ކީރިތި ޤުރުއާން ހިތުދަސްބޭފުޅެކެވެ. 1999މ އިން 2001މ އަށް އަދި 2009މ އިން ފެށިގެން މިއަދާ ހަމައަށްވެސް މާލޭގެ އެކި މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ނަމާދުކުރައްވާ އިމާމެކެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހުއްދަދެއްވާފައިވާ ހާފިޒުންގެ އެގްޒަމިނާރއެކެވެ. 2007މ ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ފަރާތުން ވަޢުޒު ބުނުމުގެ ހުއްދަލިބިލައްވާފައިވާ ވާޢިޒެކެވެ. އެތައް އަހަރަކު ޤައުމީ ޤުރުއާން މުބާރާތުގެ ޖަޖުކަން ކުރައްވާފައިވާ އިސް ޖަޖެކެވެ. 2009މ އިން ފެށިގެން އިސްލާމިކް ފިޤުހު އެކަޑެމީގެ މެމްބަރުކަން ކުރެއްވުމަށްފަހު މިހާރު އެ އެކަޑެމީގެ ނައިބުރައީސެވެ. އެތައް ދީނީ ދަރުސެއް ދެއްވަވާފައިވާ ދީނީ ޢިލްމުވެރިއެކެވެ. މާލޭގައި ޝައިޚް ޢިޔާޟުގެ ދަރުސެއް ނުބޭއްވޭ މިސްކިތެއް ނެތެވެ. މީގެ އިތުރުންވެސް، ރައްޔިތުންނާ ވީހާ ގާތަކުން ދީނީ މަޢުލޫމާތު ފެތުރުއްވުމުގެ ގޮތުން ގިނަ ދީނީ ލިޔުންތަކެއް ލިޔުއްވާފައިވާ ލިޔުންތެރިއެކެވެ. މިހާރުވެސް، މަހަކު އެއްފަހަރު ނެރޭ މަޖައްލާ “ހިދާޔަތުގެ އަލި” އަދި “ދިއިސްލާމް މަޖައްލާ” އަދި ކުރިން މަހަކު އެއްފަހަރު ނެރެމުންދިޔަ “ދަރުމަ” މަޖައްލާ އަށް ލިޔުއްވަމުން ގެންދަވައެވެ. އަދި މިއަށްވުރެވެސް ގާތުން ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވުމަށް އެމްވީއިސްލާމްކިޔުއޭ ވެބްސައިޓާއި ރާއްޖެއިސްލާމް ވެބްސައިޓް މެދުވެރިކުރައްވާ ރައްޔިތުންނަށް ދީނީގޮތުން އުފެދޭ ތަފާތު ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ޝެއިޚް ޢިޔާޟުވަނީ އެހެން ޢިލްމުވެރިންނަށް ނަމޫނާއެއް ދައްކަވާފައެވެ. ރައްޔިތުންނަށް ފަސޭހައަކަށްޓަކާ ފޭސްބުކްގެ ޒަރީޢާއިން ޑރ. ޢިޔާޟުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށްވެސް ކޮންމެ ދުވަހަކުހެން ދީނީ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދަވައެވެ. މިހާރުވެސް 20،000 އަށް ވުރެ ގިނަ ސުވާލަށް ދެއްވާފައިވާ ޖަވާބު ލިޔެ ޝާއިޢުކުރެވި ރައްކާކުރެވިފައިވެއެވެ. މީގެ އިތުރުންވެސް ޑރ. ޢިޔާޟަކީ މަޢުހަދުގައި ހިންގެވި ތަފާތު ކޯސްތަކުގައި އެކި މާއްދާތައް ކިޔަވާދެއްވާފައިވާ ލެކްޗަރަރއެކެވެ.

ދީނީ ޚިދުމަތްތަކުގެ ތެރެއިން، ތަފާތު އިޖްތިމާޢީ ގިނަ ޙަރަކާތްތަކެއްވެސް ޑރ. ޢިޔާޟު ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން، ޑރ. ޢިޔާޟަކީ މަހަލްދީބް ފައުންޑޭޝަންގެ ބާނީ އަދި ރައީސެވެ. ޑރ. ޢިޔާޟުގެ ބެއްލެވުމުގެ ދަށުން މަހަލްދީބު ފައުންޑޭޝަނުން އަންނަނީ ރޯދަމަހުގެ ރޯދަވީއްލުންތަކާއި އަޟްޙާ ޢީދުގައި އުޟްޙިޔާ ކަތިލުމުގެ ޙަރަކާތްތައް އިންތިޒާމްކުރަމުންނެވެ. މީގެ އިތުރުންވެސް މާލޭގައި މާފަންނު ސްޓޭޑިއަމްގައި ކުރެވުނު ޢީދު ނަމާދު ކޮންމެ ފަހަރަކުވެސް އިންތިޒާމްކުރެވިގެން ގޮސްފައިވަނީވެސް ސީދާ ޑރ. ޢިޔާޟުގެ އަމީރުކަމުގެ ދަށުންނެވެ. މާލޭގައި މިފަދަ ބޮޑު އިޖްތިމާޢީ އެއްވުންތަކެއް އިންތިޒާމްކުރެވިގެންދިޔުމުން ރައްޔިތުންނަށް އެކަމުން ލިބުނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ޑރ. ޢިޔާޟަކީ މިފަދަ ބޮޑެތި ޙަރަކާތްތަކުގެ ފަރުދާގެ ފުރަގަހުގައި ހުންނެވި ލީޑަރެކެވެ.

ދީނީ ޚިދުމަތްތަކާއި އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިހުންނަވާ ސިޔާސީ މައިދާނުގައިވެސް ޑރ. މުޙައްމަދު ޢިޔާޟު ގެންދަވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވަމުންނެވެ. އެގޮތުން، ޑރ. ޢިޔާޟަކީ ރާއްޖޭގައި އުފެދިފައިވާ އެންމެ ޢިލްމުވެރި ސިޔާސީ ޕާރޓީކަމުގައިވާ ޢަދާލަތު ޕާރޓީގެ ޢިލްމުވެރިންގެ މަޖްލީހުގެ ނައިބު ރައީސެވެ. ފަހުގެ ތާރީޚުގައި ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ހިނގާފައިވާ ބޮޑެތި ކަންކަމުގައި ޑރ. ޢިޔާޟު ބައިވެރިވެ ވަޑައިގެންފައިވެއެވެ. އެގޮތުން، 2011 ވަނަ އަހަރު އިސްލާމްދީނުގެ ޙިމާޔަތުގައި މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި ކުރެވުނު މަޣްރިބް ނަމާދާއި ޢިޝާ ނަމާދު އިމާމުވެ ކުރެއްވީ ޑރ. ޢިޔާޟުކަމުގައި ފާހަގަކޮށްލުން އެއީ ޝެއިޚްގެ ސިޔާސީ ޙަރަކާތުގެ ފުންކަމުގެ ތަޢާރަފަކަށް ފުދޭ މިންވަރެކެވެ.

ތަފާތު އެތައް ގޮތަކުން ޤައުމަށް ޚިދުމަތްކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖްލީހުގެ ހުޅުމާލެ ދާއިރާގެ ގޮނޑިއަށް ޑރ. ޢިޔާޟު މިހާރުވަނީ ކުރިމަތިލައްވަން ނިންމަވާފައެވެ. މިއީ ޑރ. ޢިޔާޟު ފަދަ ޢިލްމީ ޤާބިލް ދަރީން އެމަޖްލީހަށް ކުރިމަތިލުމަށް ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން އެދެމުން އައި އެދުމަށް ޑރ. ޢިޔާޟު ދެއްވި އިޖާބައެކެވެ. ރައްޔިތުންގެ އެދުމުގެ އިތުރުން، ރައްޔިތުންގެ މަޖްލީހުގައި ޢިލްމީ ޤާބިލް ދަރީން ތިބުމަކީ މުޙިއްމުކަމެއްކަން ޚުދު ޑރ. ޢިޔާޟުވެސް ޤަބޫލުކުރައްވައެވެ. އަދި މިހާރު މަޖްލީހުގެ ޙަރަކާތްތައް ކުރިއަށް ދާގޮތާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާކަމަށާއި، އިސްލާމީ ޤައުމެއްގައި މުސްލިމުންގެ މައްޗަށް ޤާނޫނުހަދަން އޮންނަ ޤާނޫނުހަދާ މަޖްލީހަކީ ދީނީ ޢިލްމު އުނގެނިގެންތިބި ޢިލްމުވެރިންގެ ޙިއްސާ އެތަނުގައި އޮންނަން ޖެހޭނެކަން ޤަބޫލުކުރައްވާކަމަށް ވިދާޅުވެ ޑރ. ޢިޔާޟު މިފަހަރުގެ ރައްޔިތުންގެ މަޖްލީހަށް ކުރިމަތި މި ލެއްވީ އަޅުގަނޑުމެން ރައްޔިތުން އެދެމުން މިއައި ފަދަ އުއްމީދީ ހުވަފެނަކާއެކުއެވެ. ޢިލްމީ ބޭފުޅުން މަޖްލީހުގައި ތިއްބެވުމަކީ، އެއީ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އަދި އެއީ ދީނީ ޢިލްމުވެރިއަކަށްވުމުން، އެއީ ރައްޔިތުންނަށް ލިބޭ ޔަޤީންކަމެކެވެ.

އަޅުގަނޑުމެންގެ ކެނޑިޑޭޓްގެ ފަސްމަންޒަރަކީ މިއީއެވެ. ތިބޭފުޅުން އެހެން ކެނޑިޑޭޓުންނާއި އަޅާކިޔުމަށްފަހުގައި ގޮތެއް ނިންމަވާށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!