• ރާއްޖޭގެ ރަށެއްގެ ކައުންސިލް އިދާރާއެއް. ލާމަރުކަޒީ ނިޒާމް މިވަގުތު އޮތީ ކޯމާއެއްގައި ކަމަށް ގިނަ ރައްޔިތުން ދެކޭ. | ކުރިނބީލައިވް ފޮޓޯ: އަހްމަދު އާދަމް

ލޯކަލް ކައުންސިލްތަކުން ހަނދާން ނައްތާލާފައިވާ ބައެއް ކަންކަން (4)

ކައުންސިލްތައް ހަމަ މަގަށް އަޅުވައި އުޞޫލުން ބޭރުން ހިންގާ ކައުންސިލްތައް އުވާލުމުގެ ބާރު ލިބިފައިވާ ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ހާލަތު އަދި މިއަށްވުރެ ދެރައެވެ. އެތަނުގެ ބައެއް އިސް ބޭފުޅުންގެވެސް ދުވަހީ މަސައްކަތަކަށް ވެފައިވަނީ އެބޭފުޅުން ޤަބޫލު ނުކުރާ ސިޔާސީ މީހުންނާއި ދެކޮޅަށް ބަޔާން ނެރުމާއި މުޒާހަރާ ކުރުމާއި ދެކޮޅު ޙުއްޖަތްތައް ދައްކައި ގްރާސްރޫޓް އެކްޓިވިސްޓުންގެ ދަރަޖައިގާ މަސައްކަތް ކުރުމެވެ. އެލް.ޖީ.އޭ އިން އެ އޮތޯރިޓީގެ ހަޤީގީ ދައުރު އަދާކުރާނަމަ ރާއްޖޭގެ ބައެއް ކައުންސިލްތައް މިހާރު ވުޖޫދުގައި ނުތިބޭނެއެވެ. ޔަޢުނީ އުވޭނެއެވެ. ނަމަވެސް އެކިޒާތުގެ ބަހަނާ ދައްކައިގެން ޒިންމާއާ ފެއަށް ޖެހެން މަސައްކަތްކުރާ މަންޒަރު ނޫނީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުންވެސް ނުފެނެއެވެ. މިއީ ނުހަނު ހިތާމަހުރި ކަމެކެވެ.

ގިނަ ޢަދަދެއްގެ ކައުންސިލްތަކުގެ ހާލަތީކީ މިއީ ނަމަވެސް ބައެއް ރަށްތަކުގެ ކައުންސިލްތައް ވަރަށް ރަގަޅަށް ހަރަކާތްތެރިވަމުންދެއެވެ. މިގޮތުން ރާއްޖޭގެ ދެކުނު ރަށެއްގެ ރަށު ކައުންސިލަކުން މިހާރުވަނީ އެރަށު ކައުންސިލްގެ އާމްދަނީގެ ތެރެއިން ކޮންމެ އަހަރުކުވެސް ޑިގްރީއަށް ކިޔެވުމަށް ސްކޮލަރޝިޕެއް ތަޢާރަފުކޮށްފައެވެ. އެރަށުގެ ދަރިވަރަކަށް ޑިގްރީއަށް ކިޔެވުމަށް ކޮންމެ އަހަރަކުވެސް ސްކޮލަރޝިޕެއް ދިނުމަށް ކައުންސިލުން ޤަރާރެއް ފާސްކޮށް އުޞޫލެއް ތައްޔާރުކޮށް މިހާރު ވަނީ އިޢުލާނުވެސްކޮށްފައެވެ. ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކަށް ޒިޔާރަތްކޮށް އެކިއެކި ޕްރޮޖެކްޓްތައް ލިބޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވައެވެ. އަދި ރައްޔިތުންގެ އެކުވެރިކަން ދެމެހެއްޓުމަށްޓަކައި އެކިއެކި ޕްރޮގްރާމްތައް ހިންގަމުންދެއެވެ. މިފަދަ ބައެއް ކައުންސިލްތައްވެސް ހަރަކާތްތެރިވާކަން އުފަލާއެކު ފާހަގަކުރަމެވެ.

ކައުންސިލްތަކުން ފެންނަންޖެހޭ ހަޤީގީ މަންޒަރަކީ މިއީއެވެ. ދައުލަތުން ދޭ ބަޖެޓް ކުޑަވެގެން އެމަކާ އަބަދު ޝަކުވާކުރުމުގެ ބަދަލުގައި ޕްރޮޕޯސަލްތައް ހަދައިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެހީދޭ އެކިއެކި ފަރާތްތަކުގައި ދަންނަވައިގެން ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ކައުންސިލްތަކަށް ރައްޔިތުންނަށްޓަކައި ކޮށްދެވޭނެ ހާދަހާ ޝަރަފުވެރި މަސައްކަތެކެވެ.

ބައެއް ކައުންސިލް މެންބަރުން ޤަވާއިދުން އޮފީހަށްވެސް ހާޟިރުނުވެ، އަބަދު މަސްވެރިކަމާއި ކުޅިވަރާއި މިނޫންވެސް ކަންތައްތަކުގައި މަޝްޢޫލުވެގެން ނުވަތަ ޕާރޓީގެ ކަންތައްތައް ކުރިއަރުވައި މުޒާހަރާކޮށް ސަރުކާރު ޤަބޫލުވެސް ނުކުރާއިރުވެސް ބަރާބަރަށް މުސާރަނަގައެވެ. އަދި އެންމެ ފަހަރަކު މުއްދަތަށް މުސާރަ ނުލިބިއްޖެނަމަ ޝަކުވާވެސް ކުރެއެވެ. ދަންނަވަންތޯއެވެ. މިދެންނެވީ ވަރަށް ލަދުވެތި ވާހަކަތަކެކެވެ. އަޅުގަނޑުމެން މިއުޅެނީ 21 ވަނަ ޤަރުނުގެތެރޭގައެވެ. ސިޔާސީ ފިކުރު ހުރިނަމަވެސް ތިމާގެ ޕްރޮފެޝަނަލް ޒިންމާ އަދާކުރަންޖެހޭނީ ވަރަށް ޤާބިލުކަން ތަންދިން އެންމެ ރަގަޅަކަށެވެ. ރައްޔިތުންގެ ވަރަށް ގިނަ ހައްޤުތަކެއް ކޮނޑުގައި އަޅައިގެން ހުވައެއް ކޮށްގެން ބޮޑު މުސާރަ ނަގާއިރު މި ޒިންމާތައް ފުރިހަމައަށް އަދާނުކުރެވޭނަމަ އެންމެ އިންސާފުވެރި ރަގަޅުގޮތަކީ އިސްތިއުފާ ދިނުމެވެ. އެހެނީ ކޮންމެ ފަދަ ގޮތެއް މަގުފަހިކޮށްގެން ނަމަވެސް ތިމާވެސް އެރަކަށް ނިޞްބަތްވާ ރަށް ތަރައްޤީކޮށް ކުރިއެރުވުމަކީ ފަރުދީ އަދި ޤާނޫނީ ޒިންމާއެކެވެ. އެ ޒިންމާ ފުރިހަމައަށް އަދާކުރެވޭނީ ސިޔާސީ އަދި ޒާތީ ތަޢައްޞުބުން ސަލާމަތްވެ ތިމާއަކީ ހުރިހާ ރައްޔިތުންގެ މީހެއްކަމަށް ޤަބޫލުކުރެވޭ ދުވަހަކުންނެވެ.

(ނިމުނީ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!