• ރާއްޖޭގެ ރަށެއްގެ ކައުންސިލް އިދާރާއެއް. ލާމަރުކަޒީ ނިޒާމް މިވަގުތު އޮތީ ކޯމާއެއްގައި ކަމަށް ގިނަ ރައްޔިތުން ދެކޭ. | ކުރިނބީލައިވް ފޮޓޯ: އަހްމަދު އާދަމް

ލޯކަލް ކައުންސިލްތަކުން ހަނދާން ނައްތާލާފައިވާ ބައެއް ކަންކަން (3)

ލާމަރުކަޒީއަކީ ޢަރަބި ބަހެކެވެ. މާނައަކީ މައި ސަރުކާރުން ހުރިހާ ކަމެއް ބެލެހެއްޓުމުގެ ބަދަލުގައި މައި ސަރުކާރަށް ލިބިގެންވާ ބައެއް ބާރުތައް ކައުންސިލްތަކަށް ނަޤުލްކުރުމެވެ. މިބާރުތައް ނަޤުލްކުރުމުގައިވެސް މައްސަލަތައް ހުރިކަމަށް ޤަބޫލު ކުރަންޖެހެއެވެ. ނަމަވެސް މިކަންތަކަށް ވުރެ ބޮޑު މައްސަލައަކީ ކައުންސިލްތަކަށް އިންތިޚާބު ވެފައިވާ މެންބަރުންގެ އަޚްލާޤެވެ. ތިމާ ކައުންސިލް މެންބަރުކަމަށް އިންތިޚާބު ވާ ވަގުތުން ފެށިގެން ތިމާއަކީ ރަށުގެ ޢިއްޒަތްތެރިއެކެވެ. ވޯޓުދިން ރައްޔިތެކޭ ވޯޓު ނުދޭ ރައްޔިތެކޭ ވާންޖެހޭނީ ހަމަހަމައެވެ. ވަޒީފާގެ ޝަރަފުގައިވެސް އެ ވަޒީފާއަށް ބަރާބަރަށް ހާޟިރުވެ ތިމާގެ ޤާނޫނީ ޒިންމާ އަދާކުރަންޖެހެއެވެ.

ނަމަވެސް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ކައުންސިލްތަކަށް ސިޔާސީ ކުލަ ވަނުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ކައުންސިލް މެންބަރުންގެ މެދުގައި އުފެދިފައިވާ ކޯޅުމެވެ. 5 މެންބަރުން ތިބޭއިރު މީގެ ތެރެއިން 3 މެންބަރުންނަކީ އެއް ޕާރޓީއެއްގެ މެންބަރުންނަށް ވެފައި އަނެއް 2 މީހުންނަކީ އެހެން ޕާރޓީއަކަށް ނިޞްބަތްވާ ބަޔަކަށް ވެއްޖެނަމަ ދެން ކުރާ ކަމަކީ މެޖޯރިޓީގެ ބޭނުންކޮށްގެން މިދެންނެވި 2 މެންބަރުން ކައުންސިލުން ބޭރުކުރުމެވެ. ނުވަތަ އެމީހުންނަށް ފިއްތައިގެން ދަތިކޮށްގެން ގެންގުޅުމެވެ. މިއީ ރާއްޖޭގެ ވަރަށް ގިނަ ކައުންސިލްތަކުގެ ހާލަތެވެ. ކައުންސިލް މެންބަރުންނަކީ ސިޔާސީ ޕާރޓީތަކަށް ނިޞްބަތްވާ ބަޔެއް ނަމަވެސް އެމީހުންގެ ޕްރޮފެޝަނަލް ޒިންމާ އަދާކުރުމުގައި ސިޔާސީ ފިކުރު ގެންގުޅުމަކީ ވަރަށް ނުރައްކާކަމެކެވެ.

2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމުން މިކަން ވަރަށް ރަގަޅަށް ފެނިގެންދިޔައެވެ. އަލަށް ހަވާލުވި ސަރުކާރު ދެކެ ހިންހަމަ ނުޖެހިގެން ބައެއް ކައުންސިލް މެންބަރުން އިސްވެތިބެ އެރަށްތަކުގެ ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގައި ވަނީ ހުޅުޖަހައި އަންދާލާފައެވެ. ތިމާމެންގެ “ގޮތެއް ފޮތެއްނެތް” ސިޔާސީ ވިސްނުމުގެ ތެރެއަށް ޒުވާނުން ވައްދައި ދައުލަތުގެ މުދަލުގައި ހުޅުޖެހުމުން އެކަމުގެ ގެއްލުން ވާނީ ކޮންބަޔަށްތޯއެވެ؟ އެ ގެއްލެނީ ދައުލަތުގެ މާލިއްޔާއިން އެތައް މިލިޔަން ރުފިޔާއެވެ. ތިމާމެންގެ ރައްޔިތުންގެ އެކިއެކި ޕްރޮޖެކްޓްތަކަށް ޚަރަދުކުރުމަށް ހުރި ފައިސާއެވެ. މީގެ އިތުރުންވެސް ސަރުކާރުގެ އިސްވެރިން ރަށަށް ވަޑައިގަންނަވާއިރު އެބޭފުޅުންނަށް ފުރައްސާރަކޮށް ޖެއްސުންކޮށް އެބޭފުޅުންގެ ކުރިމަތީގައި ތިބެ އަޑުގަދަކޮށް ލެއްވުނުހާ ހުތުރު ވައްތަރުތަކެއް ބައެއް ކައުންސިލަރުންވަނީ ޖައްސާފައެވެ. ރައްޔިތުންނަށް މިދެއްކެނީ ކަހައި ރީތި ނަމޫނާއެއްތޯއެވެ؟ އެއްގޮތަކަށްވެސް އެއީ ތިމާގެ މޮޅުކަމެއް ނޫނެވެ. އެހެނެއްކަމަކު އެއީ ތިމާގެ ގޮތެއްފޮތެއް ނެތްކަން ރައްޔިތުންގެ ކުރިމަތީގައި ފާޅުވެ ބާޒާރުވުމެކެވެ.

ދެން ފެށުނު އަނެއްކަމަކީ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއްކަމަށް ބުނެ މެޖޯރިޓީ ބޭނުންކޮށްގެން ނެރުނު ޤަރާރުތަކެވެ. މިހާރު މިދުވަސްވަރުވެސް މިފަދަ ޤަރާރުތަކެއް ދަނީ ނެރެމުންނެވެ. ސަރުކާރުގެ ސައްޙަކަން ބެލުމަކީ ކައުންސިލްތަކަށް އޮންނަ ހައްޤެއް ނުވަތަ މަސްޢޫލިއްޔަތެއް ނޫނެވެ. އަދި އެއީ ކައުންސިލްތަކުން ބަލަންޖެހޭ ކަމެއްވެސް ނޫނެވެ. އެއްވެސް ޤާނޫނަކުން ފެންނަން އޮތްކަމެއްވެސް ނޫނެވެ. މިގޮތަށް ކުރިއަށް އޮތް 20 ވަރަކަށް އަހަރު ކޮންމެ ކައުންސިލަކުންވެސް އެ ކައުންސިލްގެ މެޖޯރިޓީ މެންބަރުންގެ ޕާރޓީ ނޫން ޕާރޓީއެއްގެ ބަޔަކު ސަރުކާރާ ހަވާލުވެއްޖެނަމަ އެ ސަރުކާރެއް ޤަބޫލުނުކޮށް ޤަރާރު ނެރެން ފަށައިފިނަމަ ދިވެހީން އުފަލުން މަރުހަބާ ކިޔާފައިވާ ލާމަރުކަޒީ ނިޒާމަކީ “ވަރަށް ޖޯކު” އަދި އެހާމެ “ކޮމެޑީ” ނިޒާމަކަށް ވެދާނެއެވެ. އޭރުން މި ނިޒާމް އެއްކަލަ ޑީގްރޭޑް ކުރި “ގަބުޅި ކަތީބު” ނިޒާމަށްވުރެ އެތަށް ހާސް ފިޔަވަޅެއް ފަހަށް ވެއްޓިގެންދާނެއެވެ.

ނަމަވެސް ހަޤީގަތަކީ ކޮބައިތޯއެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކުގެ ޤާނޫނީ ދައުރަކީ އެއިރެއްގައި ރާއްޖޭގައި އޮންނަ ސަރުކާރަކާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ. އެއްވެސް ހާލެއްގައި ކައުންސިލްތަކަކީ ވަކިވަކި ސަރުކާރުތަކެއް ނޫނެވެ. ކޮންމެ ސަރުކާރެއް އޮތްކަމުގައި ވީނަމަވެސް ކައުންސިލްތަކުން ބަލަންޖެހޭނީ ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތަކަށް ރަށް ޢުމްރާނީ ގޮތުންނާއި އިޖްތިމާޢީގޮތުން އަދި އިޤްތިޞާދީގޮތުން ކުރިއެރުވުމެވެ. ސަރުކާރާއި ޢަދާވާތްތެރިވެ އެ ސަރުކާރު އޮތީތީވެ ކައުންސިލްގެ މަސައްކަތް ހުއްޓާލައި ބާރުބާރަށް ރަށުތެރޭގައި ޕާރޓީގެ ދިދަ ހިފައިގެން މުޒާހަރާ ކުރާނަމަ އެއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނަތަކަށް ނޫނީ ނުވާނެއެވެ. އަދި ކިއެއްތޯއެވެ. އެއީ ވަރަށް ބޮޑު ޖަރީމާއެކެވެ.
(ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!