ކުޑަކުދިން ހިމެނޭގޮތަށް މިސްރުގެ 14 އަންހެނަކު ޖަލަށްލުމަށް ޙުކުމްކޮށްފި

ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން މިސްރުގެ ވެރިކަން ކާމިޔާބު ކުރެއްވި ޑރ މުޙައްމަދު މުރްސީ، އެޤައުމުގެ އަސްކަރިއްޔާއިން ހިންގި ބަޣާވާތެއްގައި ވެރިކަމުން ދުރުކުރުމުގެ ސަބަބުން އެކަމާއި ދެކޮޅުހަދާ، މުރްސީއަށް ތާއީދުކޮށް ބޭއްވި މުޒާހަރާއެއްގައި ބައިވެރި ވި ކަމުގެ ކުށުގައި، މިސްރުގެ ސާދަ އަންހެނަކު އެގާރަ އަހަރުގެ މުއްދަތަށް ޖަލަށް ލާން މިޞުރުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

މި ސާދަ އަންހެނުންގެ ތެރޭގައި ޢުމުރުން ފަނަރަ އަހަރުގެ އަންހެން ކުއްޖަކުގެ އިތުރުން، ކުޑަކުދީން ކަމަށް ބެލެވޭ އުމުރުގެ ހަތް ކުދީން ވެސް ހިމެނެއެވެ. ކޯޓުންކުރި ޙުކުމްގައިވާ ގޮތުން، މިކުޑަކުދިން ލެވޭނީ ކުޑަކުދިންނަށް ޙާއްސަ ޖަލަކަށެވެ.

މީގެ އިތުރުން، “ޓެރަރިސްޓް ޖަމާޢަތެއް” ގެ މެންބަރުން ކަމުގައިބުނެ، އިޚްވާނުލް މުސްލިމޫންގެ އިސް ހަ ފިރިހެނެއްގެ މައްޗަށްވެސްވަނީ ފަނަރަ އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

މިސްރުގެ ސެކިއުލަރ އަސްކަރިއްޔާއިން ހިންގި ބަޣާވާތުގައި މުރްސީ ވެރިކަމުން ދުރުކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 3 ވަނަދުވަހުއެވެ. އެކަމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ވަނީ ހާހެއްހާ މީހުން މަރުވެފަ އެވެ. އަދި މުރްސީ ނިސްބަތްވާ އިޚްވާނުލް މުސްލިމޫންގެ އެތައް ބަޔަކު ހައްޔަރުކޮށް، އެޖަމާޢަތަށް އެކިކަހަލަ ފިއްތުންތައް ދަނީ މިސްތުގެ އަސްކަރިއްޔާއިން ކުރިމަތި ކުރުވަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!