ތުރުކީގެ ސަފީރު މިސްރުން ފޮނުވާލައިފި

  • ތުރުކީގެ ބޮޑު ވަޒީރު އުރުދުޣާން، މިސްރުގެ އަސްކަރިއްޔާއިން އެޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޤަތުލްޢާމްތަކާއި ދެކޮޅުކަން ހާމަކުރައްވަނީ

މިސްރުގެ އަސްކަރިއްޔާއިން ބަޣާވާތަކުން މިސްރުގެ ވެރިކަން ބަދަލުކުރުމަށް ފަހު، ތުރުކީއާއި އޮންނަ ގުޅުން ހީނަރުވެ، މިސްރުގައި ހުންނަ ތުރުކީގެ ސަފީރު އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

މިކަމާ ގުޅިގެން މިސްރުގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ މިސްރުގައި ހަމަނުޖެހުން އުފެއްދުމަށް ތުރުކީން ވާގިވެރިވަމުންދާ ކަމަށާއި މިސްރާ ދެކޮޅަށް ބައިނަލްޤްވާމީ ގޮތުން ތުރުކީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަފީރު އަނބުރާ ޤައުމަށް ފޮނުވާލުމުން، ތުރުކީގެ ޚާރިޖީ ވަޒީރު އަހުމަދު ދަވުތޮގްލޫ ވިދާޅުވީ ސަފީރު ފޮނުވާލުމުގެ ކުރިން ތުރުކީއާ މަޝްވަރާ ކޮށްފައި ނުވާކަމަށެވެ. އަދި މަޝްވަރާ ކުރުމަކާ ނުލާ އެކަން އެންމެ ފުރަތަމަ މީޑިއާ އަށް ހާމަކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެއީ ބައިނަލްއަޤްވާމީ ގޮތުން ތަބާވާ ޑިޕްލޮމެޓިކް މިންގަނޑުތަކާ ވެސް ޚިލާފު ކަމެއް ކަމަށެވެ.

ދެޤައުމުގެ ގުޅުން ހީނަރުވެފައިވާ މިދަނޑިވަޅުގައި، ބުރާސްފަތި ދުވަހު ތުރުކީގެ ބޮޑު ވަޒީރު ރަޖަބް ތައްޔިބް އުރުދުޣާން ވަނީ އަނެއްކާވެސް މިސްރުގައި އެޤައުމުގެ އަސްކަރިއްޔާއިން ހިންގި ބަޣާވާތާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ބަޣާވާތަކުން ވެރިކަމަށް އައި މީހުންނަށް ދުވަހަކު ވެސް އިހްތިރާމް ނުކުރާނެ ކަމަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!