ހުޅުމާލެއިން ގިނަ ޢަދަދެއްގެ ބަނގުރާ ކޭސްތަކެއް އަތުލައިގެންފި

  • މިއޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ބަނގުރާ ކޭސްތައް -- ފޮޓޯ: ޕޮލިސް މީޑިއާ

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަތަރި ދޯންޏަކުންނާއި ސަފާރީއަކުން ގިނަ ޢަދަދެއްގެ ބަނގުރާ ކޭސްތަކެއް ފުލުހުން އަތުލައިގެންފިއެވެ.

މި ބަނގުރާފުޅިތައް އަތުލައިގެންފައިވަނީ، ހުޅުމާލެއަށް ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އިއްޔެ ހަވީރު 17:45 ހާއިރު ފުލުހުން ފުރަތަމަ ބަލާ ފާސްކޮށްފައިވާ ހުޅުމާލޭ ދެކުނު ފަޅުގައި އަޅާފައި އޮތް ސަތަރި ދޯނިން ގިނަ ޢަދަދެއްގެ ބަނގުރާފުޅިތައް ފެނިފައިވެއެވެ. އަދި އެދޯނީގައި ހުރި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

އަދި އިއްޔެ އިރުއޮއްސި 18:39 ހާއިރު ފުލުހުން މަރާމާތުކުރަމުންދާ ސަފާރީއަކަށް ގޮސް ބެލިބެލުމުން ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް އެސަފާރީންވެސް ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އެސަފާރީތެރޭގައި ބަނގުރާ ބޭނުންކޮށްގެން ތިބި ކަމަށް ތުހުމަތުކުރެވޭ 2 ދިވެހިންނާއި އަދި ސަފާރީގައި ބަނގުރާ ބެލެހެއްޓުމުގައި ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މި އޮޕަރޭޝަނުގައި ސަފާރީންނާއި ސަތަރި ދޯނިންވެސް ގިނަ ޢަދަދެއްގެ ބަނގުރާ ކޭސްތައް ފެނިފައިވާއިރު އެތަކެތީގެ ޖުމްލަ ޢަދަދު ގާތްގަނޑަކަށް 60 އަށްވުރެ ގިނަވާނެކަމަށް ފުލުހުން ބުނެއެވެ. އެއިގެ ތެރޭގައި އޮރިޖިނަލް ޕެކިންގައި ނުކަނޑާ ހުރި ކޭސްތަކާއި ކަނޑާފައި ހުރި ބައެއް ކޭސްތައްވެސް ހިމެނެއެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން މިހާރު ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!