ރައީސް ޔާމީން އެންމެ ފުރަތަމަ ޤައުމާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅު

މިއީ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، 17 ނޮވެމްބަރ 2013، ގައި ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވުމަށްފަހު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި އެންމެ ފުރަތަމަ ދެއްވި ޚިޠާބެވެ.

بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وأصـحَابِه أجمـعـين.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ދިވެހިރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،
اللّه سبـحــانه وتعالـىގެ ޙަޟުރަތުން ވާގިއެދިހުރެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރުމަށްފަހު، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން އަޅުގަނޑާ ތިޔަ ޙަވާލުކުރެއްވި ބުރަ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، އަޅުގަނޑުގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެމަތީ ދަރަޖައަކަށް އަދާކުރަމުން ގެންދިޔުމުގެ ހެޔޮ ވިސްނުމާއި ތައުފީޤު ދެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.
އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބުގައި، އަޅުގަނޑަށާއި އަޅުގަނޑުގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދަށް ވޯޓް ދެއްވައި، އަޅުގަނޑުމެން މަޤާމަށް އިންތިޚާބު ކުރެއްވި ކަމަށްޓަކައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. މިއީ ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެންނަށް ދެއްވި ވަރަށް ވަރުގަދަ ވަރަށްބޮޑު ޝަރަފެއް.
އަޅުގަނޑުމެން މި މަޤާމަށް އިންތިޚާބު ކުރެއްވުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް، މި ފުރްޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ޚާއްޞަކޮށް، އަޅުގަނޑު ތަމްސީލުކުރާ ޕާޓީއާ އިއްތިހާދުވެވަޑައިގެންނެވި ސިޔާސީ ލީޑަރުން، އަޅުގަނޑު ހޮއްވަވައިދެއްވުމަށް ކުރެއްވި ބުރަ މަސައްކަތްތައް، އަޅުގަނޑު ފާހަގަކުރަން. އެމަސައްކަތްތަކުގެ މަތިން ދުވަހަކުވެސް އަޅުގަނޑު ހަނދާންނައްތާނުލާނެ ވާހަކަ، ވަރަށް އުފަލާއެކު، ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:
މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް. މިއަދަކީ އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު، އަލުން ބިނާކުރުމުގެ އާ މަރްޙަލާއެއް އަޅުގަނޑުމެން ފަށާ ދުވަސް. އާ ރޫޙަކާއެކު އަޅުގަނޑުމެންގެ ޤައުމިއްޔަތު އިތުރަށް ވަރުގަދަކޮށް، ޤައުމު ކުރިއަށް ގެންދިޔުމުގެ މަތިވެރި ޢަޒުމުގައި، އަޅުގަނޑުމެން މަސައްކަތް ފަށާ ދުވަސް.
ދިވެހިރާއްޖެއަކީ ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވާ މިނިވަން ޤައުމެއް. މިޤައުމުގެ މިނިވަންކަމާއި ސިޔާދަތު ބިނާވެފައި މިވަނީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މައްޗަށް. އެހެންކަމުން، ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ވަރުގަދަ ލޯބި އިތުރުކޮށް، ޤައުމިއްޔަތުގެ ރުކުންތަކަށް އިސްކަންދީގެން، ޤައުމީ ބަހާތައް ހަރުދަނާ ކުރުމަށް އަޅުގަނޑު އިސްކަންދޭނަން. ހަމައެޔާއެކު، އަޅުގަނޑުމެންގެ ޅަކުދިންނާއި، ޒުވާނުންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުޞޫލުތައް ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި، އިރާދަކުރެއްވިއްޔާ، އަޅުގަނޑު ސާބިތުކަމާއެކު ދެމިހުންނާނެ ވާހަކަ، ޔަޤީންކޮށް ކަށަވަރުކޮށް އަރުވަން.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން:
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު މިއަދު އަޅުގަނޑާ ޙަވާލުވާއިރު، މި ލޮބުވެތި ޤައުމު މިއޮތީ، ވަރަށް ނާޒުކު ފައްތަރެއްގައި. ޤައުމު މިވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ވަރަށް ބޮޑަށް ޤައުމު ފިތިފައި. ރައްޔިތުން ތިބީ ވަރަށްބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި. އެހެންކަމުން، ސިޔާސީ ހަލަބޮލިކަމުން އަރައިގަނެ، ރާއްޖޭގެ ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމުކޮށްދިނުމަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އަދި ދައުލަތުގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން މިއަދު އަޅުގަނޑުގެ މައްޗަށް އޮތް ވަރަށް މުހިންމު ޤައުމީ ޤައުމީ ވާޖިބެއް. ވަރަށްބޮޑު މަސްއޫލިއްޔަތެއް. މި މުހިންމު މައްސަލަ ޙައްލުކުރެވޭނީ، ދެންމެ އަޅުގަނޑު މިދަންނަވާލި ފަދައިން، އަޅުގަނޑުމެންގެ މެދުގައި ގެއްލިފައިވާ އިޖްތިމާޢީ ފޭރާން ވަރުގަދަކޮށް، ރައްޔިތުން އެކަތިގަނޑަކަށްވެ އެއްބައިވެގެން. ކޮންމެ ރައްޔިތަކުވެސް އަމިއްލަ މަޞްލަޙަތަށްވުރެ، ޤައުމީ މަޞްލަޙަތު އިސްކޮށްގެން. ވަކިމީހަކަށް، ވަކި ކުލައަކަށް ނުބަލައި، އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމަށް ދެކިގެން. އާދެ! ޤައުމަކީ އެންމެ އިސްކަން ކަމުގައި ދެކިގެން. ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައްދީ، ރައްޔިތުންގެ ކަންކަން ފުރިހަމަކޮށްދީގެން. ޤައުމުގެ ހަމަޖެހުމަށްޓަކައި، އެންމެން އަތުކުރިއޮޅާލައިގެން، އެއް މިޞްރާބަކަށް ދަތުރުކުރަން ފަށަންވެއްޖެ.
މި ފުރްޞަތުގައި، އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ، މުޅި ޤައުމަށާއި، ދިވެހި ރައްޔިތުންނަށްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން. ކޮންމެ ރައްޔިތަކީވެސް އަޅުގަނޑުގެ އަޚެއް. އަޅުގަނޑުގެ އުޚުތެއް. އަޅުގަނޑުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަމުން މިގެންދަނީ، އަޅުގަނޑަކީ ރައްޔިތުންގެ ރައީސްކަން، ހުރިހާ ވަގުތެއްގައިވެސް ހަނދާންބަހައްޓައިގެން.
ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:
މިއަދު ރާއްޖެ މިވަނީ އިޤްތިޞާދީ ވަރަށްފުން ވަޅުގަނޑެއްގެ ތެރޭގައި. އިޤްތިޞާދީ ގޮތުން ރާއްޖެ މިއަދު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. ދައުލަތުގެ ދަރަނި މިވަނީ އަތްނުފޯރާ ހިސާބަށް މައްޗަށް ގޮސްފައި. ހަމައެހެންމެ، ދައުލަތުގެ ބަޖެޓްގެ ޚަރަދުތައް މިވަނީ އިންތިހާއަށް މައްޗަށް ގޮސްފައި. އެހެންކަމުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މިއަދު މިވަނީ ވަރަށްބޮޑު އިސްކަމެއްދޭން ޖެހިފައި. އެހެންކަމުން، ދައުލަތުގެ ބަޖެޓްގެ ޚަރަދުތައް ކުޑަކުރުމަށް ޚާއްޞަ މަސައްކަތްތަކެއް އަޅުގަނޑު ވަރަށް އަވަހަށް ފަށާނެ ވާހަކަ ދަންނަވަން.
އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިމިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން. ރާއްޖޭގެ އިޤްތިޞާދީ މައި ތަނބުތައް ވަރުގަދަކުރެވިގެން. އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަން ފަށަންޖެހޭ. ހަމައެޔާއެކު، ވިޔަފާރީގެ ފުރްޞަތުތައް، ފުޅާ ދާއިރާއެއްގައި ހުޅުވާލައިގެން. ރާއްޖޭގެ މަސްވެރިންނަށާއި ދަނޑުވެރިންނަށް، އެކަށީގެންވާ އާމްދަނީއެއް ލިބޭ ގޮތްތައް ތަނަވަސްކޮށްދީގެން. ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް ތަނަވަސްކޮށްދީގެން. ޤައުމު ކުރިއަށް ގެންދިޔުމުގައި، ޒުވާނުންނަކީ ޤާބިލު، ޙަރަކާތްތެރި ބަޔަކަށް ހަދައިގެން. ޒުވާނުންނަށް އިތުބާރުކޮށްގެން. ޒުވާނުންނަށް ފުރްޞަތު ތަނަވަސްކޮށްދީގެން. ތަޢުލީމީ ފުރްޞަތުތައް އިތުރަށް ފުޅާކޮށް، ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ދައުރަށް އިސްކަންދީގެން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް 5 އަހަރު އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ، މިދެންނެވި ގޮތުގެ މަތިން، ރާއްޖޭގެ ޒުވާނުންނަކީ، ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރާ، އުފެއްދުންތެރި ބައެއްގެ ގޮތުގައި އަޅުގަނޑުގެ ސަރުކާރު ދެކިގެން.
އިޤްތިޞާދީ ކުރިއެރުން، ޙަޤީޤީ ކުރިއެރުމަކަށް ވެގެންދާނީ، އެކަމުން ރައްޔިތުންނަށް ލިބޭ ފައިދާ އިތުރުވަމުންދާ މިންވަރަކުން ކަމާއި، އެ ފައިދާ ޙިއްޞާކުރާ ދާއިރާ ފުޅާވަމުންދާ މިންވަރެއްގެ މައްޗަށް ކަމަށްވެގެން.
ރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:
ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދީ، ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމްކޮށްދިނުމަކީ އަޅުގަނޑު ވަރަށްބޮޑަށް އިސްކަންދޭނެ ކަމެއް. ޚާއްޞަކޮށް، އަންހެން ކަނބަލުންނަށް، ގޭގައި ތިއްބަވައިގެން އާމްދަނީ ހޯދޭނެ ވަސީލަތްތައް ތަނަވަސްކޮށްދީ، ޢާއިލީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، އަޅުގަނޑު ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން. ޤައުމު ބިނާކުރުމުގެ މަސައްކަތުގައި، އަންހެނުންގެ ދައުރު ފުޅާކޮށް، އަންހެނުން އަދާކުރާ މުހިންމު ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި ސަރުކާރުގެ އިޖްތިމާޢީ ސިޔާސަތުގެ މުހިންމު ރުކުނެއް.
މަސްތުވާތަކެތީގެ ނުރައްކަލުން މި ޖީލު ސަލާމަތްކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އަނބުރާ މުޖްތަމަޢަށް ގެނެސް، އެކުދިންނަކީވެސް ރަނގަޅު އަދި މަސައްކަތްތެރި ކުދިބަޔަކަށް ހެދުމަކީ، މިއަދު ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއް. މިރޮނގުން މިހާރު ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކޮށް، މި ވަބާއިން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް، ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ، ފަހަތަށްނުޖެހޭނެ ކަމުގެ ޔަޤީންކަންވެސް އަރުވަން.
ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، ތަޢުލީމީ ދާއިރާގައި ކުދިންގެ އަޚްލާޤަށް އިސްކަންދިނުމަކީ، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް. މާތްވެގެންވާ އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތާ، ރިވެތި އަޚްލާޤުގެ މަތީގައި ކުދިން ބޮޑުކުރުމަކީ، ރާއްޖޭގެ ކުރިމަގު ބާއްޖަވެރިކުރުމަށްޓަކައި އޮތް ވަރަށް މުހިންމު ކަމެއް.
ރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:
އަޅުގަނޑު އެކުލަވައިލާ ސަރުކާރަކީ، ޚަރަދުކުޑަ ސަރުކާރަކަށްވާނެ. އަދި ސަރުކާރު އެކުލަވައިލާއިރު، އިއްތިހާދުވެފައިވާ ޕާޓީތަކާ މަޝްވަރާކޮށްގެން، ދިވެހި ރައްޔިތުންނަށާއި، ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތްތަކަކަށް ވިސްނައިގެން، މަޤާމުތަކަށް ޤާބިލު ބޭފުޅުން ހަމަޖައްސަމުން ގެންދާނެ ވާހަކަ ދަންނަވަން.
ސަރުކާރުގެ ކަންކަން ނިންމުމުގައި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް ވިސްނައި، އިސްކަންދެމުން ގެންދާނެ ވާހަކަ ދަންނަވަން. މި ސަރުކާރަކީ ރައްޔިތުންގެ ހަރުމުދަލަށް އިޙްތިރާމް ކުރާނެ ސަރުކާރެއް. މި ސަރުކާރަކީ ރާއްޖޭގެ މުހިންމު ހިސާބުތަކުގައި ހުރި ބިންބިމާއި، ސަރަޙައްދުތަކުގެ ބޭނުން، އެންމެ އެދެވޭގޮތުގައި ހިފާ، އެ ސަރަޙައްދެއްގެ ރައްޔިތުންނަށް، އެކަމުގެ ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރާނެ ސަރުކާރެއް ކަމުގެ ކަށަވަރުކަން އަރުވަން. ހަމައެހެންމެ، ދިވެހިންގެ ފަޚްރުވެރި ބިނާތައް އަޅުގަނޑުމެން ޙިމާޔަތް ކުރާނަން. ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދުގެ މައި ދޮރާށި ރައްކާތެރިކޮށްދޭނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ވެރިކަމަކީ، ނަތީޖާ ޙާޞިލުކުރާ، މާޔޫސްކަމާއި ނުތަނަވަސްކަމުގައި ތިއްބެވި ރައްޔިތުންނަށް، އުފާފާގަތި ދުވަސްތަކެއް ފެނިގެންދާނެ ވެރިކަމަކަށް ވެގެންދާނެ.

ރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:
ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިންމު ބަޔަކީ، ރާއްޖެއާ އެކުވެރި ދައުލަތްތަކާމެދު އުފެދިފައިވާ ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހިކުރުން. ވަކިން ޚާއްޞަކޮށް، އަވަށްޓެރި ޤައުމުތަކާއެކު އޮތް ޒަމާންވީ ރަޙްމަތްތެރިކަން، އިތުރަށް ވަރުގަދަކޮށް، ޢަރަބި އިސްލާމީ ޤައުމުތަކާއެކު އިތުރަށް ގުޅުން ބަދަހިކުރުން. އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ކުރިމަތީގައި، ރާއްޖޭގެ ޝަރަފާއި ޤަދަރުވެރިކަން ދެމެހެއްޓުން. އަޅުގަނޑުމެންގެ ކަންކަން، އަޅުގަނޑުމެން އަމިއްލައަށް ނިންމުން.
ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ އަޅުގަނޑު މިއަދު މި ޙަވާލުވަނީ، ރާއްޖޭގެ ކުރިމަގުގެ ތަޞައްވުރާމެދު އާ ހުވަފެންތަކެއް ދެކެމުން. އާ ވިސްނުންތަކަކަށް މަރްޙަބާ ކިޔަމުން. އާ އުންމީދުތަކެއް ރައްޔިތުންނަށް ދެމުން.
ދެންމެ އަޅުގަނޑު މިދެންނެވި ކަންތައްތައް ކާމިޔާބު ކުރެވޭނީ، އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން. އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ތާއީދާއި އެއްބާރުލެއްވުން އަޅުގަނޑަށާއި އަޅުގަނޑުގެ ސަރުކާރަށް ލިބިގެން. އަޅުގަނޑު ޝައްކެއްނުކުރަން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އެކުވެރިކަމާއި އެއްބާރުލުން، އަޅުގަނޑުގެ މި މަސައްކަތުގައި ތިޔަބޭފުޅުން ދައްކަވާނެކަމާ ދޭތެރެއަކު. މިނިވަން މުއައްސަސާތަކާއި، ސަރުކާރުގެ ހުރިހާ އިދާރާތަކެއްގެ އެހީތެރިކަން ،އަޅުގަނޑުގެ މި މަސައްކަތުގައި ބޭނުންވާނެ. ރާއްޖޭގެ އެކިއެކި ޞިނާޢީ މަސައްކަތްތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ފަރާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުންގެ އެއްބާރުލެއްވުން އަޅުގަނޑަށް ލިބިގެން.
މާތްﷲގެ ވާގިފުޅާއެކު، މިއަދު އަޅުގަނޑުމެން މިފަށާ ދަތުރަކީ، ތަރައްޤީގެ އިތުރު ކުރިބޯށިތަކަކަށް ވާސިލުވެވޭނެ ދަތުރަކަށް ހެދުމުގައި އަދި ރާއްޖެއަކީ މި ސަރަޙައްދުގައިވާ އެންމެ އަމާން، އެންމެ ތަރައްޤީވެފައިވާ ޤައުމު ކަމަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ދިވެހި ރައްޔިތުންނަށް ދަންނަވަން. ދުޅަހެޔޮކަމާއެކު ރައްޔިތުންނަށް ދިރިއުޅެވޭނެ އަމާން މާޙައުލެއް ސަރުކާރުން އިރާދަކުރެއްވިއްޔާ، ޤާއިމްކޮށްދޭނެ ކަމުގެ ޔަޤީންކަން، ދިވެހި ރައްޔިތުންނަށް އަރުވަން. ފުދުންތެރި މަސައްކަތްތަކަކަށް އަހުލުވެރި، ޒިންމާދާރު ޒުވާނުންތަކެއް ބިނާކޮށްދޭނެ ވާހަކަ ދަންނަވަން. އެންމެންނަށް ބައިވެރިވެވޭ، ފުދުންތެރި އިޤްތިޞާދަކަށް ބޭނުންވާ ފުރްޞަތުތައް ފަހިކޮށްދީ، ހަމަހަމަކަމާއެކު ވަޒީފާގެ ފުރްޞަތުތައް އިތުރަށް ތަނަވަސްކޮށްދޭނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު ތިޔަ އެންމެ ލޮބުވެތި ބޭފުޅުންނަށް އަރުވަން.
މާތްﷲ، އިސްލާމްދީނުގެ މާތް ދަންމަރު، މި ދިވެހި ޤައުމު އަބަދަށްޓަކައި އަލިކުރައްވާށި! ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން އަބަދަށްޓަކައި ޙިމާޔަތް ކުރައްވާށި! ރާއްޖޭގެ ރައްޔިތުންނަށް އަމާން ޞުލްޙަވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި! ރާއްޖޭގެ ކަންތައްތައް، އެންމެ ހެޔޮގޮތުގައި ކުރިއަށް ގެންދިޔުމުގެ ހެޔޮވިސްނުމާއި ތައުފީޤު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށާއި އަޅުގަނޑަށް ދެއްވާށި! އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!