• ރާއްޖޭގެ ރަށެއްގެ ކައުންސިލް އިދާރާއެއް. ލާމަރުކަޒީ ނިޒާމް މިވަގުތު އޮތީ ކޯމާއެއްގައި ކަމަށް ގިނަ ރައްޔިތުން ދެކޭ. | ކުރިނބީލައިވް ފޮޓޯ: އަހްމަދު އާދަމް

ލޯކަލް ކައުންސިލްތަކުން ހަނދާން ނައްތާލާފައިވާ ބައެއް ކަންކަން (2)

މުޅިން އަލަށް ކައުންސިލްތަކަށް މެންބަރުން ހޯދުމަށް 2011 ވަނަ އަހަރު އިޢުލާން ކުރުމުން އެތައް ހާސްބަޔަކު ކުރިމަތިލިއެވެ. މީގެ ތެރޭގައި އެކި ޢުމުރުގެ އެކި ފަންތީގެ މީހުން ހިމެނުނެވެ. އިންތިޚާބުގެ ކެމްޕެއިން ވަރަށް ފޯރިއާއެކު ކުރިއަށް ގެންގޮސް ކޮންމެ ކައުންސިލަކަށް މެންބަރުން އިންތިޚާބު ކުރެވުނުއިރު މީގެ ތެރޭގައި މުޅިން ކަހަލަގޮތަކަށް ތިބީ ސިޔާސީ ގޮތުން ހޮވިފައިތިބި ބައެކެވެ. ޔަޢުނީ، އެބައިމީހުން އިންތިޚާބު ކުރީ ފެންވަރާއި ޤާބިލުކަމަށްވުރެ ސިޔާސީ ވިސްނުމަށް ބަލައިގެންނެވެ. މިއީ ހަޤީގަތެވެ. މިހެން ދަންނަވަން ބޭނުން ނުވިޔަސް ފެންނާން އޮތް އަލިގަދަ ހެތްކެވެ.

ރާއްޖޭގެ ބައެއް ކައުންސިލްތަކަށް ލިޔަންކިޔަންވެސް ކިރިޔާ އެނގޭ މީހުން އިންތިޚާބު ވެފައި އެބަހުއްޓެވެ. ތަޢުލީގޮތުން ވަރަށް ބޮޑެތި ފާސް ނަންގަވައިގެން ތިބި ޢިލްމުވެރި ޒުވާނުންގެ ބަދަލުގައި ކިރިޔާ އަސާސީ ތަޢުލީމު ދަންނަ މީހުން އިންތިޚާބު ކުރެވިފައިވެއެވެ. މީހުން މަރާފައިވާ ބޮޑެތި މުޖުރިމުންނާއި، ވައްކަން ކޮށްގެން ޙުކުމްކޮށްފައިވާ “ވަގުން” ނާއި، މާރާމާރީގެ ލީޑަރުންނާއި، ލުޓޭރުންނާއި އަދިވެސް މުޖްތަމަޢުގައި ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކިތަންމެ ބަޔަކު ކައުންސިލްތަކުގެ މެންބަރުންގެ ގޮތުގައި އިންތިޚާބުވެފައި އެބަހުއްޓެވެ. ގިނަ މީހުންގެ ހަޤީގަތް ރައްޔިތުންނަށް އެނގެއެވެ. ފިސާރި ރަގަޅަށް އެނގެއެވެ. ނަމަވެސް ތިމާގެ ޕާރޓީގެ ޓިކެޓްގައި ކުރިމަތިލާފައިވާ މީހާއަށް ވީމާ އޭނާއަށް ވޯޓު ދިނުމަކީ ލާޒިމްކަމަކަށް ވަނީއެވެ. މިއީ ހުރިހާ ރަށެއްގައި ކަހަލަގޮތަށް އާދައެވެ. ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކޮށް އޭގެ އަވާގައި އެތަކެއް ޒުވާނުން ޖައްސައި ކުށުގެ ވެއްޓެއް ރަށްރަށުގައި އުފައްދާފައިވާ މީހުންނަށް ބޮޑެތި ޖަގަހަ ހަދައި ކެމްޕޭން ކުރާއިރު އެބައިމީހުންގެ ހަޤީގަތް ނޭނގި ހުންނާނެތޯއެވެ. ނޫނެކެވެ. ފުރަތަމަވެސް ލާމަރުކަޒީ ނިޒާމަށް އެޅުނު ހުރަހަކީ މިއީއެވެ.

ތަޢުލީމީގޮތުން އެއްވެސް “އުރަތްޕެއް” ނެތް ބަޔަކު (ގިނަ) ކައުންސިލްތަކަށް އިންތިޚާބު ވެގެން ދިޔުމުގެ ނަތީޖާ ވަރަށް ދެރައެވެ. ރަށްރަށް ބޭރުން ވަޑައިގަންނަވާ މެހުމާނުންނާ މުޚާޠަބުކޮށް އިނގިރޭސިބަހުން އެއްޗެއް ބުނެލަން ނޭނގޭތަކުގައި އާންމު ރައްޔިތުންނާ މުޚާޠަބުކޮށް ދިވެހިންވެސް ވާހަކަދައްކަން ވަރަށް ގިނަ ކައުންސިލަރުންނަށް ނޭނގެއެވެ. މުޚާޠަބުކޮށް ވާހަކަދައްކަން ނޭނގޭ ހާލުގައި ތިމާގެ ޕާރޓީނޫން އެހެން ޕާރޓީތަކުގެ މީހުންނަނީ ބައެއް ފަހަރު މުސްލިމުންނޫން ކަމަށްވެސް ބައެއް ކައުންސިލަރުންނަށް ހީވެ އެގޮތަށް ޢަމަލުތައް ބަހައްޓައެވެ. އެންމެ ބޮޑު މައްސަލައަކަށް ދިމާވި ކަމަކީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކޮންމެ ކައުންސިލަކުންވެސް ތައްޔާރުކުރަންޖެހޭ އިދާރީ އޮނިގަނޑުތަކާއި، ޤަވާޢިދުތަކާއި، އުޞޫލުތައް ތައްޔާރު ކުރަން ދަތިތަކާ ކުރިމަތިލާންޖެހުމެވެ. ކޮންމެ ކައުންސިލަކީވެސް އެ ކައުންސިލެއްގެ އިޙްތިޞާޞްގައި ހިމެނޭ ސަރަޙައްދުތަކެއްގައި ވިޔަފާރިކޮށް އެތަންތަން އިންވެސްޓަރުންނަށް ހުޅުވައި ރަށަށް އެކިކަހަލަ ޕްރޮޖެކްޓްތައް ގެނެސް އާމްދަނީވެސް ހޯދުމުގެ ބާރުވެސް ލިބިގެންވާ ބައެކެވެ. ނަމަވެސް ކުރިން ދެންނެވިހެން ދެބަހުން ކުރެ ބަހަކުން ޕްރޮޕޯސަލެއް ނަމަވެސް ތައްޔާރުކުރަން ކައުންސިލް މެންބަރުންނަށް ނޭނގުމުގެ އަދި އެކަމަށް އިސްނަގާކަށް ނޭގުނެވެ. ރަށަށް ލިބެންހުރި ކިތަންމެ އިންވެސްޓްމަންޓްތަކަށް ވަނީ ފުރަގަސްދީފައެވެ.
(ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!