ރާބިއާ ނިޝާން ދެއްކުމުގެ ސަބަބުން ޓީމްއިން ސަސްޕެންޑްކޮށްފި

  • އަހުމަދު އަބްދުލް ޒަހެރް ލަނޑު ޖެހުމަށްފަހު ރަބާ ނިޝާން ދައްކާލަނީ

މިސްރުގެ އަލް އަހްލީ ފުޓްބޯޅަ ކުލަބުގެ ސްޓްރައިކަރ އަހުމަދު އަބްދުލް ޟާހިރު ލަނޑުޖެހުމަށްފަހު ރާބިއާ ނިޝާން ދެއްކުމުގެ ސަބަބުން ސަސްޕެންޑް ކޮށްފިއެވެ.

އެންމެ ފަހުން ބޭއްވި އެފްރިކަން ކްލަބް މުބާރާތް ކާމިޔާބުކުރި އަލް އަހްލީ ފުޓްބޯޅަ ކުލަބުން ހާމަކުރި ގޮތުގައި 28 އަހަރުގެ ފޯވާރޑް ސަސްޕެންޑް ކޮށްފައިވަނީ އާދިއްތަދުވަހު ކުޅެވުނު އެފްރިކަން ޗެމްޕިއަންސް ލީގްގެ މެޗްގައި ލަނޑު ޖެހުމަށްފަހު ސަޕޯރޓަރުންނަށް ރާބިއާ ނިޝާން ދައްކާފަވާތީއެވެ. މިސަސްޕެންޝަންގެ ސަބަބުން އަންނަ މަހު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯރލްޑް ކަޕްގައި އަބްދުލް ޟާހިރުއަށް ނުކުޅެވުމަކީ އެކަށީގެންވާ ކަމެކެވެ. އޭއެފްޕީއަށް ވާހަކަދައްކަމުން ކްލަބްގެ އިސްފަރާތަކުން ބުނެފައިވަނީ އަބްދުލް ޟާހިރު ސަސްޕެންޑްކޮށްފައިވަނީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމުގެ ސަބަބުންނެވެ.

މިސްރުގެ ކުޅިވަރާއި ބެހޭ ވަޒީރު ހާމަކުރި ގޮތުގައި ކުން ފޫ ފައިޓަރ މުޙައްމަދު ޔޫސުފްއަށް ދިންފަދަ ސަސްޕެންޝަންއެއް އަބްދުލްޟާހިރުއަށްވެސް ޤައުމީ ފުޓްބޯޅަ ފެޑެރޭޝަންއިން ދޭނެކަމަށް އުއްމީދު ކުރާކަމަށާއި އަދި އެފަދަ އަދަބުތައް ދެވޭނީ ކުޅިވަރާއި ބެހޭ ވުޒާރާއިން ނޫންކަމަށާއި ނަމަވެސް އެކުޅިވަރަށް ޙާއްސަ އިދާރާއަކުން ކަމަށެވެ.

ރަޝިޔާގައި ބޭއްވި މުބާރާތެއްގައި މުޙައްމަދު ޔޫސުފް ރާބިއާ ނިޝާން ޖަހާފައިވާ ޓީޝާޓްއެއް ލުމުގެ ސަބަބުން މިސްރުގެ ކުން ފޫ އެސޯސިއޭޝަންއިންވަނީ އޭނާ ދެއަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ބައިނަލްއަޤްވާމީ މުބާރާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.

ރާބިއާ ނިޝާންއަކީ އަތްތިލައިގެ ހަތަރުއިނގިލި މައްޗަށްނަގާ ދައްކާ ނިޝާނެކެވެ. މިނިޝާން ރަމްޒުކޮށްދެނީ މިއަހަރުގެ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު މިސްރުގެ ރާބިއާ އަލް އަދަވިއްޔާގައި މިސްރުގެ އަސްކަރިއްޔާއިން ޑރ މުރްސީއަށް ތާއިދުކުރާ ފަރާތްތަކާއި ދެކޮޅަށް ހިންގި ޤަތުލްޢާންމުގައި މަރުވެދިޔަ އެތައްހާސް ރައްޔިތުންގެ ހަނދާނެވެ. އަދި މިސްރުގެ އަސްކަރިއްޔާއިން ހިންގަމުންދާ ޤަތުލްޢާންމު ތަކާއި ދެކޮޅުކަމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!