• ރާއްޖޭގެ ރަށެއްގެ ކައުންސިލް އިދާރާއެއް. ލާމަރުކަޒީ ނިޒާމް މިވަގުތު އޮތީ ކޯމާއެއްގައި ކަމަށް ގިނަ ރައްޔިތުން ދެކޭ. | ކުރިނބީލައިވް ފޮޓޯ: އަހްމަދު އާދަމް

ލޯކަލް ކައުންސިލްތަކުން ހަނދާން ނައްތާލާފައިވާ ބައެއް ކަންކަން (1)

ރަށްރަށާއި އަތޮޅުތަށް ހިންގުމުގައި މަސައްކަތްކުރެއްވި ކަތީބުންނާއި، ކުޑަ ކަތީބުންނާއި، އަތޮޅުވެރިންނާއި، އެހީތެރިންނާއި އަދި ނައިބުންނަކީ މާ އެވޭލާ ޒަމާނުގެ “ކޮންސެޕްޓެއް” ކަމަށްބުނެ އެހެން ޒަމާނީ ނިޒާމަކަށް ބަދަލުވުމަށް ވަރަށް ގިނަ ބަޔަކު މީގެ އަހަރުތަކެއްގެ ކުރިން ދިޔައީ ވަރަށް ގަދައަށް ވަކާލާތު ކުރަމުންނެވެ. މިގޮތަށް ވަކާލާތުކުރި ގިނަ ބައެއްގެ ބަހަކަށްވީ، މައި ސަރުކާރުގެ ވަކިތަކުން ރަށްތަކުގެ ވެރިކަން ވަކިކޮށް މުސްތަޤިއްލު ބައެއްގެ ގޮތުގައި ހަދައިގެން މެނުވީ ތަރައްޤީ ނުވާނެކަމެވެ. މިހެންވެ ރަށްތަށް ހިންގުން “ޑީ ސެންޓްރަލައިޒޭޝަން” ނުވަތަ ލާމަރުކަޒީ ނިޒާމަށް ބަދަލުކުރުމަށް ޤާނޫނެއް ފާސްކޮށް އެ ޤާނޫނުގެ ދަށުން އިންތިޚާބެއް ބާއްވައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް މިހާރު ވަނީ އިންތިޚާބު ކުރެވި މަސައްކަތް ފެށިފައެވެ. 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިފްތިތާޙް ކުރެވުނު މި ނިޒާމަށް ދިވެހީން މަރުޙަބާ ކިޔާފައިވަނީ ވަރަށް ފޮނި އުންމީދުތަކަކާއެކުގައެވެ. ނަމަވެސް އެ އުންމީދުތަށް މިއަދު ކޮބައިތޯއެވެ؟

ރާއްޖޭގެ 200 ރަށުގައި (ކުޑައެއް ބޮޑެއް ނެތި) ކޮންމެ ރަށެއްގައިމެ ރަށު ކައުންސިލެއް އިންތިޚާބު ކުރެވިފައިވެއެވެ. ކޮންމެ ކައުންސިލެއްގައި މަދުވެގެން 5 މެންބަރުން ތިއްބަވައެވެ. މީގެ މާނައަކީ ރަށު ކައުންސިލް މެންބަރުންގެ ޢަދަދު އެކަނިވެސް 1،000 އަށް އަރައެވެ. ރާއްޖޭގައި 19 އަތޮޅު އޮންނައިރު އައްޑޫ ފިޔަވައި ބާކީއޮތް 18 އަތޮޅުގައި 18 އަތޮޅު ކައުންސިލް އިންތިޚާބު ކުރެވިފައިވެއެވެ. ބައެއް އަތޮޅު ކައުންސިލްތަކުގައި 7 މެންބަރުން، 8 މެންބަރުން ނުވަތަ 9 މެންބަރުންވެސް ހިމެނެއެވެ. އެވްރެޖްކޮށް ޔަޤީނުންވެސް 5 މެންބަރުން ކޮންމެ އަތޮޅު ކައުންސިލެއްގައި ހިމެނޭއިރު ރާއްޖޭގެ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލް މެންބަރުންގެ ގޮތުގައި މަދުވެގެން 110 މެންބަރުން ހިމެނެއެވެ.

ލާމަރުކަޒީ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުވެސް ވަރަށް ބޮޑަށް ތަފާތެވެ. އަދި އިތުރު މަޤާމްތަކެއްވެސް އުފެދިގެންދިޔައެވެ. މިގޮތަށް އިތުރުވާ ކޮންމެ މަޤާމަކީ ދައުލަތުގެ ބަޖެޓުން ޚަރަދުވާނެ ފައިސާއެވެ. ކޮންމެ ކައުންސިލް މެންބަރެއްގެ މުސާރައަކީ މަދުވެގެން މަހަކު 10،000 ރުފިޔާ ކަމުގައި ބެލިނަމަވެސް މަހަކު ދައުލަތުގެ ބަޖެޓުން ކައުންސިލް މެންބަރުންގެ މުސާރައަށް އެކަނި 11.1 މިލިޔަން ރުފިޔާ މަދުވެގެން ޚަރަދުވާނެއެވެ.

ބައެއް މީހުން މާބޮޑަށް ޑީގްރޭޑް ކޮށްފައި ތިބި “ގޮބޮޅި ކަތީބުން” ގެ ބަދަލުގައި ދައުލަތުގެ ބަޖެޓުން އެތައް މިލިޔަން ރުފިޔާއެއް ކޮންމެ މަހަކު ހަމައެކަނި ކައުންސިލްތަކުގެ މެންބަރުންނަށް ޚަރަދުވާއިރު ކައުންސިލް އިދާރާތަކުގެ އިދާރީ މުވައްޒަފުންގެ ޢަދަދުވެސް މިހާރު ވަނީ މެދު އުޑުގައި ޖެހިފައެވެ. ފައިނޭންސް އޮފިސަރުންނާއި، މުނިސިޕަލް އޮފިސަރުންނާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރުންނާއި، ޕްލޭނިންގ އޮފިސަރުންނާއި، އެސިސްޓެންޓް ޑިރެކްޓަރުންނާއި، ޑިރެކްޓަރުންނާއި، ޑިރެކްޓަރ ޖެނެރަލުން ފަދަ މަޤާމްތައް މުޅިން އަލަށް އުފެދިގެން ދިޔައެވެ. އޮފިސަރ ލެވެލް ގެ މަޤާމްތަކަށް އެސިސްޓެންޓުންގެ މަޤާމްވެސް އުފެދިގެން ދިޔައެވެ. އެތައް ލައްކަ ރުފިޔާއެއް ކޮންމެ ކައުންސިލް އިދާރާއެއްގެ މުވައްޒަފުންގެ މުސާރައަށްވެސް ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވެއެވެ.

މިދެންނެވީ ހަމައެކަނި ރިކަރަންޓް ޚަރަދުތަކުގެ ތެރެއިންވެސް ބައެއް ޚަރަދުތަކެވެ. މީގެ އިތުރުންވެސް އެކިއެކި ޕްރޮޖެކްޓްތަކަށް ކޮންމެ ކައުންސިލަކަށްވެސް ފައިސާ އެލޮކޭޓް ކުރެވިފައިވެއެވެ. ދައުލަތުގެ ބަޖެޓުން މިވަރުގެ ބޮޑު ހޭދައެއް ކޮއްގެން ހިންގަމުންދާ ނިޒާމްގެ މިއަދުގެ ހާލަތަކީ ކޮބައިތޯއެވެ؟

(ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!