ވެރިން އިންތިޚާބު ކުރުމުގައި އިންސާފް އިސްކުރަންޖެހެނީ ކީއްވެ؟

ވެރިކަމަކީ ކޮންމެ މީހަކަށް ލިބޭނެ މަޤާމެއް ނޫނެވެ. އަދި އެއީ ކޮންމެ މީހަކު އެދޭނެ ކަމެއްވެސް ނޫނެވެ. ބައެއް މީހުން އުންމީދު ނުކޮށް ހުއްޓާވެސް އެމީހަކަށް ކޮންމެވެސް ވެރިކަމެއް ލިބިދާނެއެވެ. މިއީ ދުނިޔެ ދައްކަމުންދާ މިސާލެވެ. ނަމަވެސް ކޮންމެ ކޮންމެ މީހަކަށް “ވެރިކަމެއް ނުކުރެވޭނެ” އެވެ. މިއީ ކަށަވަރު މުޖައްރިބު ކަމެކެވެ. ނަމަވެސް ގިނަ މީހުންނަކަށް މިކަމެއް ނޭނގެއެވެ. ނުވަތަ އެނގުނަސް ޤަބޫލު ކުރަން ބޭނުން ނުވަނީއެވެ.

ވެރިމީހަކީ ބަޔެއްގެ ތެރޭގައި އެމީހުން ކުރާ ކަންތައްތަކަށް ޢަމުރު މަޢުރޫފް ހިންގަން ހުންނަ މީހެކެވެ. ގޯސްކަންތައްތަކާއި ރަގަޅު ކަންތައްތައް ބަލަން ހުންނަ މީހެކެވެ. ކުއްކުރާ މީހުންގެ ފުށުން ކުށެއް ނެތް މަޢުސޫމް މީހުން ސަލާމަތް ކުރަން ހުންނަ މީހެކެވެ. ކޮންމެ ވެރިޔަކީވެސް އެމީހެއްގެ ޤިޔާދަތުގެ ދަށުގައި ތިބޭ ބަޔެއްގެ އެންމެ އިސް ފަރާތެވެ. އެބައެއްގެ / ރައްޔިތުންގެ އިޙްސާސްތަކާއި ވިންދުތަށް ގުޅިފައިވާ މައި ލޭ ނާރެވެ.
ކުރުގޮތަކަށް ދަންނަވާނަމަ ތަނެއް ފާސިދު ވުމާއި ރަގަޅުވުން ބިނާ ވެގެންވާނީ އެތަނެއްގައި ހުންނަ ވެރިއެއްގެ ސަބަބުންނެވެ. ނުބައިވެ ހައްދުފަހަނައަޅާފައިވާ ތަނަކަށް ހެޔޮލަފާ ވެރިޔަކު ނާންނާނެކަމަށް ގިނަ ބަޔަކު ދެކެނީ މިހެންވެގެންނެވެ. ކޮންމެއަކަސް ވެރިމީހާއަކީ މިފަދަ ޒިންމާދާރު މީހަކަށް ވާއިރު އެފަދަ މަޤާމަކަށް އެމީހަކު އައްޔަން ކުރާއިރު ފިކުރާއި ވިސްނުން ހިނގާކަށް ނުޖެހޭނެތޯއެވެ. މިގޮތުން ރަށެއްގެ ވެރިޔަކީ އޭނާގެ ރައްޔިތުން އެންމެހައި ގެއްލުންތަކުން ރައްކާތެރިކޮށް ހިމާޔަތްކުރަން ހުންނަ މީހާއެވެ. އޭނާގެ ފިކުރު އަބަދުވެސް ހުންނަން ޖެހޭނީ ރައްޔިތުންނަށް ފައިދާކަން ބޮޑީ ކޮންގޮތަކަށްތޯ ބެލުމުގައެވެ.
ނަމަވެސް މިހާރު ފެންނަމުން ދަނީ މި މަންޒަރުބާއެވެ؟ “ވެރިޔާއަކީ ކޮންމެ ކަހަލަ މީހަކަސް މަސައްކަތް ކުރާނީ އަތްދަށު މީހުންނެވެ.” މިހެންވެ ކޮންމެ މީހަކު ރަށެއްގެ ވެރިކަމުގައި ހުއްޓަސް ރަގަޅުވާނެ ކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް ދަންނަވަންތޯ. މިއީ މުޅީން ކުށްހީ އެކެވެ. ކަންތައްތައް ކުރި ނާރާ އަންޒަމާނުގެ ހާލަތުގައި އަޅުގަނޑުމެން އުޅެންޖެހިފައިވަނީ މިދެންނެވި ފަލްސަފާ އަދިވެސް ބަލައިގަނެވޭތީއެވެ.
ހަރުދަނާ ރަގަޅު ވެރިއަކީ ރައްޔިތުންނާއި ސީދާ މުއާމަލާތު ކުރެވެންޖެހޭނެ މީހެކެވެ. ރައްޔިތުން އެދޭ ކޮންމެ ހިނދެއްގައި ބައްދަލު ކުރެވެން ޖެހޭނެއެވެ. ކަންތައްތައް ކުރަންވާނީ ދެފުށްފެންނަ ސާފު ގޮތެއްގައެވެ. އެއްވެސް ޖެހިލުމެއްނެތި އެތައް ހާސް ބައެއްގެ ކުރިމަތީގައިވެސް ވާހަކަ ދެކެވެން ޖެހޭނެއެވެ. ކަންތައްތަކުގައި ޖަވާބުދާރީ ވާން އެގެންޖެހޭނެއެވެ. ޒާތީ މަސްލަހަތައްވުރެ އާންމު މަސްލަހަތު އިސްކުރަން އެގެންޖެހޭނެއެވެ. ލީޑަރޝިޕްގެ އަސާސްތައް މީހާގެ ކިބައިގައި ހުރެ އެކަންތައް ޢަމަލީ ގޮތުން ސާބިތުކޮށްދޭންޖެހޭނެއެވެ. ކުލައަކާއި ސިފައަކަށް ބެލުމެއްނެތި ހަމަޔާއި އިންސާފުން ކަންތައްތައް ނިންމެން ޖެހޭނެއެވެ. މިނޫން ގޮތަކަށް ވެރިކަން ކުރާ މީހަކަށް ވެރިއެކޭ ކިޔުމުގެ ހައްޤެއް ނެތެވެ.

ރަށުގެ ފެންވަރުގައި، އަތޮޅު ފެންވަރުގައި ނުވަތަ ޖަމާޢަތުގެ ފެންވަރުގައި މަސައްކަތް ކުރާ ވެރިންނަކީ ވެސް ޒިންމާދާރު ބަޔަކަށް ވާން ޖެހެއެވެ. އަދި އެފަދަ ފަރާތްތައް ޒިންމާދާރު ކުރަންވެސް ޖެހެއެވެ. ވެރިމީހާ ދައްކާ ކޮންމެ ވާހަކައަކަށް އަތްޖަހައި ތަރުހީބު ދީގެން ނުވާނެއެވެ. ދީނާ ޚިލާފު ވާހަކައެއް އޭނާ ދައްކައިފިނަމަ ފާޅުގައި އޭނާއާ ދެކޮޅުވާންޖެހޭނެއެވެ. މިއީ ފިޠުރަތުގެ އުޞޫލެވެ. މިހެންވެ ވެރިން އިންތިޚާބު ކުރުމުގައި ނުހަނު ފުންކޮށް ވިސްނަންޖެހެއެވެ. އެބައިމީހުން ދީނަށް ހުރުމަތްތެރިކޮށް ހިތާ މިންވަރު ރަގަޅަށް ދަނެގަންނަން ޖެހޭނެއެވެ. ފާޅުގައި ދީނަށް މަލާމާތްކުރާ މީހަކު އިންތިޚާބު ކުރުމަށްވުރެ އިޚްލާސްތެރި ކާފަރަކުވެސް އޭގެ ޒާތުގައި މާ ރަގަޅުވެދާނެއެވެ. މިޤައުމުގެ ތަންތަން ބޮއްސުންލައި، ޤަވާޢިދެއް ޤާނޫނެއް ނެތި، ހަމަޔާއި އިންސާފު އޮޅި އާންމު މަސްލަހަތު ގެއްލި ތަންތަން ފަސާދަ ވެގެން ދިޔުމުގެ އަސްލަކީ ހެޔޮލަފާ ވެރިން އެތަނެއްގައި ތިބުންކަމީ މެންދުރުގެ އިރުފަދައިން އިއްޔެއާއި މިއަދުވެސް ދުނިޔެ ދައްކަމުންދާ ހަޤީގަތެކެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Emme fahu jumula in olhun araagoiy ebave eve

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!