ޕާކިސްތާނުގެ މުޙައްދިޘް ޝެއިޚް ޒުބައިރު ޢަލީ ޒައީ އަވަހާރަވެއްޖެ

  • ޝެއިޚް ޒުބައިރު ޢަލީ ޒައީ (ރަޙިމަހުﷲ) ދަރުސެއް ދެއްވަނީ | ފޮޓޯ: ޔޫޓިއުބް

ޕާކިސްތާނުގެ ޙަދީޘް ޢިލްމުވެރިއެއްކަމަށްވާ ޝައިޚް ޒުބައިރު ޢަލީ ޒައީ މިއަދު އަވަހާރަވެއްޖެއެވެ.

ޝެއިޚް ޒުބައިރު ޢަލީ ޒައީ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ 25 ޖޫން 1957 ގައި ޕާކިސްތާނުގެ ޕީރްދާދު ކިޔާ ސަހަރުގައެވެ.

ޕްރައިވެޓް މުޢައްޞަސާއަކުން ބީއޭ ޙާޞިލްކުރެއްވުމަށްފަހު، ޝެއިޚް ވަނީ އެމްއޭ ވެސް ޙާޞިލްކުރައްވާފައެވެ. އަދި އޭގެ އިތުރުން 1990 ވަނަ އަހަރުވަނީ ޕާކިސްތާނުގެ ޕަންޖާބު ޔުނިވަރސިޓީއިން ޢަރަބިބަހުން އެމްއޭ އެއް ހައްދަވާފައެވެ. ދީނީ ޢިލްމު ޙާޞިލްކުރައްވާ ޞަޙީޙް ބުޚާރީ ދިރާސާކުރެއްވުމަށްފަހު، ސުންނަތުގެ ދިފާޢުގައި ޕާކިސްތާނުގައި ޝެއިޚް ޒުބައިރު ޢަލީ ޒައީ (ރަޙިމަހުﷲ) ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވެވިއެވެ.  ޝެއިޚްގެ މުޅި ޙަޔާތްޕުޅު ދެން ހޭދަކުރެއްވެވީ ބާޠިލް މަޒްހަބުތަކުން ފުރިފައިވާ ޕާކިސްތާނުގައި ސުންނަތުގެ ޢިލްމު ފެތުރުއްވުމުގައެވެ.

ޝެއިޚް ވެލައްވާފައިވަނީ އަހުލުއްސުންނަ ވަލްޖަމާޢަތުގެ ޢަޤީދާ ފެތުރުއްވުމުގައި އެއްވެސް ޖެހިލުންވެލެއްވުމެއް ނެތި މަސައްކަތްކުރެއްވި ބޭފުޅެކެވެ. 1983ގައި އެބޭފުޅާގެ ސަރަޙައްދުގައި އަހްލުއްސުންނާ ވަލްޖަމާޢަތުގެ އެންމެ މިސްކިތެއްވެސް ނުވާކަމަށްވެއެވެ. މިއަދު އެބޭފުޅާގެ މަސައްކަތުން އެ ސަރަޙައްދުގައި އަހްލުއްސުންނަ ވަލްޖަމާޢަތުގެ ދަޢުވަތު ފޯރުކޮށްދޭ 11 މިސްކިތް ހުރެއެވެ. އެމިސްކިތްތަކުން “ޤާލަ ﷲ!” އަދި “ޤާލަ ރަސޫލުﷲ!” ގެ އަޑު އުފުމެލުންދެއެވެ.

ޝެއިޚް ޒުބައިރު ޢަލީ ޒައީ (ރަޙިމަހުﷲ) ވެލައްވާފައިވަނީ، ބިދުޢަތައް ފަތުރާ މަޒުހަބުތަކުގެ މީހުންގެ ހަތުރެއްކަމުގައެވެ. ބާޠިލް މަޒްހަބުތަކުން ފުރިފައިވާ ޕާކިސްތާނުގެ އެތައް ބަޔަކަށް ޙައްޤު މަގު ބަޔާންކޮށްދިނުމުގައި ޝެއިޚްގެ އިސް ދައުރެއްވެއެވެ. ދިއޯ ބަންދީންނާއި ބުރަލްވީންގެ ގިނަ ޢަދަދެއްގެ ބަޔަކު ޝައިޚްގެ މަސައްކަތުން ބައިބަޔަށް އަހްލުއްސުންނަތުގެ މަގަށް ބަދަލުވަމުންދާކަމަށް ޝެއިޚްގެ ޙަޔާތް ދިރާސާކުރައްވާ ފަރާތްތަކުން ހާމަކުރެއެވެ.

ބާޠިލް މަޒްހަބުތަކަށް ރައްދުދެއްވުމުގެ އިތުރުން ޝެއިޚް ޒުބައިރު ޢަލީ ޒައީ (ރަޙިމަހުﷲ) އަކީ އެހެންދީންތަކުގެ މީހުންނާވެސް ޢިލްމީ ބަޙުޘްތައް ކުރެއްވުމުގައި މަޝްހޫރުބޭކަލެކެވެ.

1982 ގައި ޝެއިޚް ކުރެއްވި ކައިވެނިން ޝެއިޚަށް ވަނީ 7 ބޭފުޅަކު ލިބިލައްވާފައެވެ. އެއީ 3 ފިރިހެން ދަރިކަލުންނާއި 4 އަންހެން ދަރިކަނބަލުންނެވެ.

މާތް ﷲ ޝެއިޚްގެ ފުރާނަފުޅަށް ރަޙްމަތް ލައްވާ ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާށިއެވެ! އާމީން!

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Sheikh ah jannathul firdhaus minvaru kohdhehvvaandheyv.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!