އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ – ތާރީޚުގެ ތެރެއަށް ނަޒަރެއް (7)

ޒައިނިޒަމްގެ ފިކުރު ހުވަފެނުން ޙަޤީޤަތަކަށް – ޔަހޫދީ ދައުލަތް އުފެދުން (ހ)
ފުރަތަމަ ބޮޑު ހަނގުރާމަ ނިމިގެން ދިޔަ ދަނޑިވަޅާ ދިމާކޮށް ޔޫރަޕުގައި ހިނގި އެންމެ މުހިއްމު އަދި އެންމެ ތާރީޚީ އެއް ހާދިސާއަކީ ރަޝިޔާގެ މަޝްހޫރު ކޮމިޔުނިސްޓް އިންޤިލާބެވެ. 1917 ވަނަ އަހަރުގެ މި އިންޤިލާބުގައި ރަޝިޔާގެ ރަސްކަން ނިމުމަކަށް އައިސް އެ ޤައުމުގައި ޔަހޫދީންނާ ދެކޮޅަށް ހެދި ތަންފީޒު ކުރެވެމުން ދިޔަ އިމްތިޔާޒީ ޤާނޫނުތަކާއި ޤަވާޢިދުތައް އުވިގެން ދިޔައެވެ. ރަޝިޔާގެ ޔަހޫދީން އެ ތަންތަނެއްގައި ބަންދުވެފައި ތިބި ޕޮގްރޮމްތައް ރޫޅާލެވި އެބައިމީހުންނަށް މިނިވަންކަން ލިބިގެން ދިޔައެވެ. މިގޮތުން ލިބުނު މިނިވަންކަމުގެ ޖައްވުގައި ރަޝިޔާގައި 2.8 މިލިއަން ޔަހޫދީން އުޅެމުން ގެންދިޔައެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގެ މުހިއްމު އަނެއް ނަތީޖާއަކީ ރަޝިޔާއާއި އޮސްޓްރޯހަންގޭރިއަން އެމްޕަޔަރ ރޫޅިގެން ގޮސް މުޅީން އާ ޤައުމުތަކެއް އިރުމަތީ ޔޫރަޕުގެ ސަރަހައްދުތަކުގައި އުފެދުމެވެ. މި ދެންނެވި ޤައުމުތަކުގައި ޔަހޫދީންގެ ބޮޑެތި އާބާދީތައް އުޅެމުން ގެންދިޔައެވެ. އެގޮތުން ޕޮލެންޑްގައި ތިން މިލިއަނަށްވުރެ ގިނަ ޔަހޫދީން ތިއްބެވެ. ރުމޭނިޔާގެ ޔަހޫދީންގެ އަދަދަކީ އެއް މިލިއަނެވެ. ހަންގޭރީގައި ބައި މިލިއަނެއްހައި ޔަހޫދީން ތިބި އިރު، މުޅީން އަލަށް ވުޖޫދަށް އައި ޤައުމެއް ކަމުގައިވާ ޗެކޮސްލޮވޭކިޔާގައި 375000 ޔަހޫދީން ތިއްބެވެ. އޮސްޓްރިއާގެ ޔަހޫދީ އާބާދީއަކީ 191000 އެވެ. ލެޓްވިއާގައި 95000 އަދި ލިތުއޭނިއާގައި 115000 ޔަހޫދީން ތިއްބެވެ. ޔޫގޯސްލާވިއާގެ ޔަހޫދީންގެ އަދަދަކީ 70000 އެވެ. ބަލްގޭރިޔާގައި 50000 ޔަހޫދީން އުޅެމުން ގެންދިޔައިރު، ގްރީސްގެ ޔަހޫދީ އާބާދީއަކީ 75000 އެވެ. މެދުތެރޭ އަދި ހުޅަނގު ޔޫރަޕުގެ ޤައުމުތަކަށް ބަލާލާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ޔަހޫދީ އާބާދީއެއް އޮތީ ޖަރުމަނުގައެވެ. ޖަރުމަނުގައި ބައި މިލިއަން ޔަހޫދީން އުޅެމުން ގެންދިޔައެވެ. ފަރަންސޭސި ވިލާތުގެ ޔަހޫދީ އާބާދީއަކީ 320000 އެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު އިނގިރޭސީންގެ މޭންޑޭޓްގެ ދަށަށް ފަލަސްޠީނު ދިޔުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ޤައުމުތަކުގެ ޔަހޫދީންގެ ތެރެއިން އެތައް ބަޔަކު ފަލަސްޠީނަށް ހިޖުރަކުރިއެވެ. 1939 ވަނަ އަހަރާ ހަމަޔަށް ދިޔަ އިރު މީގެ ތެރެއިން 400000 އެއްހައި މީހުން ވަނީ ފަލަސްޠީނަށް ގޮސްފައެވެ.

ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު 1919 ވަނަ އަހަރު ބޭއްވުނު ޕެރިސް ޕީސް ކޮންފަރެންސްގައި ބައިވެރިވި ޤައުމުތަކުން އިންސާނީ ހަމަހަމަކަމާއި އެއްބައިވަންތަކަމުގެ އުސޫލުތަކާ އެއްގޮތަށް އެ ޤައުމުތަކުގެ ރައްޔިތުންނާ މެދުގައި ކަންތައް ކުރަން އެއްބަސް ވިއެވެ. މި ކޮންފަރެންސްގައި މަތީގައި ބަޔާންކުރެވުނު ހުރިހާ ޤައުމުތަކަކުން ބައިވެރިވީ ނަމަވެސް އެއްބަސްވީ އުސޫލުތަކަށް ކަންތައް ކުރަމުން ގެންދިޔައީ ހަމައެކަނި ޗެކޮސްލޮވޭކިޔާއެވެ. އެ ޤައުމުގެ ސަރުކާރުން ޔަހޫދީންނާ މެދުގައި ހަމަހަމަ އުސޫލުތަކެއް ގެންގުޅެ އިޖުތިމާއީ އަދާލަތުގެ ނަމޫނާއެއް ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެހެން ހުރިހާ ޤައުމަކުން ޔަހޫދީންނަށް ނަފްރަތު ކުރުމާއި އިމްތިޔާޒުގެ ކަންތައްތައް އެކި ސިފަސިފައިގައި ފެންނަމުން ދިޔައެވެ. ބޮޑު ހަނގުރާމައިގައި ލިބިފައިވާ އިޤްތިޞާދީ ހީނަރުކަމަށްފަހު ކޮންމެ ޤައުމެއްގެ ސަރުކާރުންވެސް ބަލަމުން ގެންދިޔައީ އެ ޤައުމެއްގެ ނަސްލީ ވަޒަންވެރީންނަށް ފުރުސަތުތައް ހޯދައިދެވޭތޯއެވެ. މިގޮތުން ކުރެވުނު މަސައްކަތުގައި ކޮންމެ ސަރުކާރަކުންވެސް ޔަހޫދީންނާ މެދުގައި ބަލަމުން ގެންދިޔައީ އެ ބައެއްގެ ޙަޤީޤީ ރައްޔިތުންގެ އިޤްތިޞާދީ ކުރިއެރުމަށް އޮތް ހުރަހެއްގެ ގޮތުގައެވެ.

ޖަރުމަނުގައި އެޑޮލްފް ހިޓްލަރގެ ނާޒީ ޕާރޓީ ވެރިކަމަށް އައީ މި ދެންނެވިފަދަ ޙާލަތެއްގައި ޔޫރަޕް އޮއްވައެވެ. 1933 ވަނަ އަހަރުގެ ޖެނުއަރީ މަހު ހިޓްލަރ ޖަރުމަނުގެ ޗާންސެލަރ ކަމުގެ މަޤާމާ ޙަވާލުވުމަށްފަހު ލަސްތަކެއް ނުވެ ޔަހޫދީންނާ ދެކޮޅަށް ސަރުކާރުގެ ފަރާތުން ހަރުކަށި ޤާނޫނުތައް ހަދައި ތަންފީޒުކުރަން ފެށިއެވެ. 1934 ވަނަ އަހަރު ޖަރުމަނުގެ ރައީސް ފީލްޑް މާރޝަލް ޖެނެރަލް ވޮން ހިންޑެންބާރގް އަވަހާރަވުމުން ހިޓްލަރުގެ ހިތަކަށް ޖަރުމަނު ލިބިގެން ދިޔައެވެ. ހިންޑެންބަރގް އަވަހާރަވުމާއެކު ހިޓްލަރ އަކީ ޖަރުމަނުގެ ޒައީމް ނުވަތަ “ފުއަރަރ” ކަމުގެ އިޢުލާން ކުރެވުނެވެ. އެއަށްފަހު ޖަރުމަންގެ ސިޔާސީ، އިޖުތިމާޢީ، އަދި އިޤުތިޞާދީ ހުރިހާ ކަމެއްގައި ބަނުމާއި މޮހުމުގެ ފަހުބަސް ބުނަމުން ގެންދިޔައީ ހިޓްލަރެވެ.

ހިޓްލަރުގެ ސިޔާސަތަކީ ޔަހޫދީންނަށް ދަތިކޮށް ޖަރުމަނުން ޔަހޫދީން ހުސްކޮށްލުމުގެ ސިޔާސަތެވެ. އޭނާގެ ސަރުކާރުން 1935 ވަނަ އަހަރު ފާސްކުރި ނިޔުރެމްބަރގް ޤާނޫނުތަކުގެ ދަށުން ޔަހޫދީންނަށް އިޖުތިމާޢީ، އިޤުތިޞާދީ އަދި ސިޔާސީ މައިދާނުގައި ބޮޑެތި ޤާނޫނީ ހުރަސްތަކެއް ކުރިމަތިވެގެން ދިޔައެވެ. މިސާލަކަށް ދަންނަވާނަމަ، މި ޤާނޫނުތަކުގެ ދަށުން ޔަހޫދީންގެ ކިބައިން އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ނިގުޅައިގަނެވުނެވެ. ހަމަ އެހެންމެ، މި ޤާނޫނުތަކުގެ ދަށުން ޖަރުމަން ނަސްލުގެ މީހަކު ޔަހޫދީއަކާއި ކައިވަނީގެ ގުޅުމެއް ނުވަތަ ކައިވަނިން ބޭރުގައިވެސް ޖިންސީ އެއްވެސް ބާވަތެއްގެ ގުޅުމެއް ބޭއްވުން މަނާކުރެވުނެވެ. މި ކަހަލަ ޤާނޫނުތަކެއް ފާސްކުރެވި އެ ޤާނޫނުތަކުގެ ދަށުންނާއި، ޤާނޫނީ އިންތަކުގެ ބޭރުން ޔަހޫދީންނަށް ދަތިތަކާއި މުސީބާތްތައް ކުރިމަތިކުރެވެން ފެށުމުގެ ނަތީޖާއަކީ ޔަހޫދީންގެ ތެރެއިން އެތައް ބަޔަކު ޖަރުމަނު ދޫކޮށް ހިޖުރަކުރަން ފެށުމެވެ. 1932 ވަނަ އަހަރާއި 1938 ވަނަ އަހަރާ ދެމެދުގައި ޖަރުމަނުން ފަލަސްޠީނަށް ހިޖުރަކުރި 250000 ޔަހޫދީންނަކީ މިގޮތުން ހިޖުރަކުރި މީހުންނެވެ. މީގެ އިތުރުން އެތައް ހާސް ޔަހޫދީންނެއް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށްވެސް ހިޖުރަ ކުރިއެވެ. 1938 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ހިޓްލަރުގެ ލަޝްކަރުތައް ހަނގުރާމައަކާ ނުލައި އަވަށްޓެރި އޮސްޓްރިއާއަށް އަރައި އެ ޤައުމު ހިފުމަށްފަހު ޖަރުމަނުގެ ޔަހޫދީންނާ ދެކޮޅު ޤާނޫނުތައް އޮސްޓްރިއާގައިވެސް ހިންގަން ފެށިއެވެ.

ޖަރުމަނާއި އޮސްޓްރިއާގައި ޔަހޫދީންނާ ދެކޮޅަށް ހިޓްލަރުގެ ސަރުކާރުން ހިންގަމުން ގެންދިޔަ އިންސާނިއްޔަތާ ޚިލާފު އެންމެ ބޮޑު އެއް ޖަރީމާއަކީ ޔަހޫދީންގެ މީހުން ކޮންސެންޓްރޭޝަން ކޭމްޕްތަކަށް ފޮނުވުމެވެ. މި ކޭމްޕްތަކަކީ ވަރަށް ނިކަމެތި ހާލުގައި ބުރަ މަސައްކަތްކުރުން ފިޔަވައި އެހެން ކަމެއް ނޯންނަ ކޭމްޕްތަކެކެވެ. އެތަންތަނުގައި އުޅޭ މީހުންނަށް އޮންނަ ކަމަކީ ބުރަ މަސައްކަތް ކުރުމާއި އާއްމު ބަލިމަޑުކަމުގެ ވޭންތައް މެދުކެނޑުމެއް ނެތި އުފުލުމެވެ. މި ކަހަލަ ގޮތަކަށް ކަންތައް ކުރެވެމުން ދިޔަ އިރުވެސް ޔޫރަޕްގެ ބޮޑެތި ބާރުތަކުން އެ ކަންތަކާ ދެކޮޅަށް ފާޑުކިޔުން ފިޔަވައި އިތުރު ފިޔަވަޅެއް ނާޅައެވެ. ނަތީޖާއަކީ ތިމާ ބޭނުން ގޮތަކަށޔަހޫދީންނާ މެދުގައި ކަންތައްތައް ކުރެވިދާނެކަމުގެ ޔަޤީންކަން ހިޓްލަރަށް ލިބުމެެވެ. ނަމަވެސް ޔަހޫދީންނާ ދެކޮޅު ހަރަކާތްތައް އޭނާ ބޭނުންވާހައި ވަރުގަދައަށް ހިންގަން ހިޓްލަރަށް ގަރީނާއެއް ލިބުނީ 1938 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. މި ހާދިސާ ހިނގަން ޖެހުނީ ޕޮލެންޑަށް ނިސްބަތްވާ 17000 ޔަހޫދީން އޮސްޓްރިއާއިން ބޭރުކޮށްލުމަށް ފަހުގައެވެ. މި ޖަމާޢަތުގެ މީހުން އޮސްޓްރިއާއާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގުމަތީގައި އެއްވެސް ޤައުމަކަށް ނުވަދެވި ވަރަށް ނިކަމެތި ހާލުގައި އެތައް ދުވަހެއް ހޭދަކުރި ފަހުން ފަރަންސޭސި ވިލާތުގެ ޕެރިހުގައި އުޅެމުން ގެންދިޔަ އޭގެ ތެރެއިން މީހެއްގެ 17 އަހަރުގެ ފިރިހެން ދަރިފުޅު ފިސްތޯލައެއް ހިފައިގެން ޕެރިހުގައި ހުރި ޖަރުމަނު އެމްބަސީއަށް ދިޔައެވެ. އަދި އެމްބަސީގައި ހުރި މީހަކަށް ހަމަލާދީ ފުރާނައަށް ނުރައްކާވާ ދަރަޖައަށް އޭނާ ޒަޚަމްކޮށްލިއެވެ. މި ހާދިސާއާ ގުޅިގެން 1938 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހިޓްލަރުގެ ސަރުކާރުން ޔަހޫދީންނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގަން ފެށިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ގާތްގަނޑަކަށް 600 ސިނަގޮގް އަންދާލެވުނެވެ. ޔަހޫދީންގެ ފިހާރަތައް ލޫޓުވާލެވި، ގެތައް ހަލާކުކުރެވި އެތައް ބަޔަކަށް ތަޅާއަނިޔާކޮށް މަރާލެވިފައި ވެއެވެ. އަދި މި ހަރަކާތްތަކުގެ ތެރޭގައި 30000 ޔަހޫދީން ކޮންސެންޓްރޭޝަން ކޭމްޕްތަކަށް ގެންދެވުނެވެ. އޭގެ އިތުރުން ޖަރުމަނާއި އޮސްޓްރިއާގެ ޔަހޫދީ އާބާދީ އެއް ބިލިއަން ޖަރުމަން މާރކުން ޖޫރިމަނާ ކުރެވުނެވެ. 1939 ވަނަ އަހަރު ފެށުނު އިރު ޖަރުމަނުގެ ބައި މިލިއަން ޔަހޫދީންގެ ތެރެއިން 300000 މީހުން ވަނީ އެ ޤައުމު ދޫކޮށް ފަލަސްޠީނަށާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ހިޖުރަކޮށްފައެވެ.

ޔަހޫދީންނާ ދެކޮޅަށް އިންސާނިއްޔަތުކަމުގެ ކުނޑިފަށެއްވެސް ނެތް އަނިޔާވެރި ހަރަކާތްތައް ހިންގަމުން ގެންދިޔައިރު، ހިޓްލަރު ގެންދިޔައީ އޭނާގެ އެމްޕަޔަރ ބިނާކުރުމުގެ ރޭވުންތައްވެސް ތަންފީޒުކުރަމުންނެވެ. 1939 ވަނަ އަހަރުގެ މާރޗު މަހު އޭނާގެ ލަޝްކަރުތައް ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ވެވުނު ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް ޗެކޮސްލޮވޭކިޔާއަށް އަރައި އެ ޤައުމުވެސް ހަނގުރާމައަކާ ނުލައި ހިފިއެވެ. ހަމަ އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހިޓްލަރާއި ރަޝިޔާ ނުވަތަ ސޮވިއެޓް ޔުނިއަންގެ ލީޑަރ ޖޯސެފް ސްޓަލިންއާއި ދެ ލީޑަރުން އެއް ޤައުމު އަނެއް ޤައުމަށް ޙަމަލަ ނުދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ފަހުން ސާބިތުވެފައިވާ ގޮތުގައި މި އެއްބަސްވުމުގެ މޭޒުދޮށުގައި ވެވުނު އެހެން ސިއްރު އެއްބަސްވުމެއްގެ ދަށުން ޕޮލެންޑް ދެބައިމީހުން ދެމެދުގައި ބަހާލަން ޖަރުމަނުންނާއި ސޮވިއެޓުން ވަނީ އެއްބަސްވެފައެވެ. މި ހުރިހާ ކަމެއް ހިނގަމުން ގެންދިޔައިރު ޔޫރަޕް އޮތީ ނޭވާ ހިފަހައްޓާލައިގެން ކުޅިބަލާށެވެ. ވިލާބޯވަމުންދާކަމާއި، ކޮންމެ ފަދަ ވަގުތެއްގައިވެސް ތޫފާން ލައިގެންފާނެކަން އެނގިތިބެމެ، އެ ކަމާ މެދުގައި އަޅަންވީ ކޮން ފިޔަވަޅެއްތޯ ކަނޑަނޭޅިއެވެ. ހިޓްލަރުގެ ލަޝްކަރުތައް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ޕޮލެންޑަށް އަރައިގަތީ މި ކަހަލަ ހާލަތެއްގައި ޔޫރަޕް އޮއްވައެވެ. އޮސްޓްރިއާއާއި ޗެކޮސްލޮވޭކިޔާއާ ޚިލާފަށް ޕޮލެންޑުގެ ސިފައިން ޖަރުމަނުންނާ ދެކޮޅަށް އެބައިމީހުންގެ ސަފުތައް ރުކުރުވާލިއެވެ. އަދި އެބައިމީހުންގެ ޤައުމާއި މިނިވަންކަމުގެ ދިފާޢުގައި ހަތިޔާރުގައި ހިފިއެވެ. އެއާއެކު އިނގިރޭސީންނާއި ފަރަންސޭސީން ޖަރުމަނާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރިއެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުނީއެވެ.

1939 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދެވަނަ ބޮޑު ހަނގުރާމަ ފެށުމަށްފަހު 1940 ވަނަ އަހަރު ނިމިގެން ދިޔަ އިރު ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ޕޮލެންޑާއި ޑެންމާރކާއި ނޯރވޭއާއި ހޮލެންޑާއި ފަރަންސޭސި ވިލާތް އޮތީ ޖަރުމަންގެ ބާރުގެ ދަށުގައެވެ. 1941 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ފެށުނުއިރު ރަޝިޔާގެ ބައެއްވެސް އޮތީ ހިޓްލަރުގެ ވެރިކަމުގެ ދަށުގައެވެ. މި ބިޔަ ސަރަހައްދުގައި ޔަހޫދީންގެ 3.5 މިލިއަން މީހުން އުޅެމުން ގެންދިޔައެވެ. ހިޓްލަރުގެ ޝުލްޓްޒްޓަފެން ނުވަތަ އެސްއެސްގެ ނަން ދެވިފައިވާ ހަތިޔާރު އެޅި ޚާއްސަ ޖަމާއަތުގެ މީހުން ގެންދިޔައީ ޔަހޫދީން ހޯދައި ކޮންސެންޓްރޭޝަން ކޭމްޕްތަކަށާއި ޖަރުމަނުގެ ހަތިޔާރު ފެކްޓަރީތަކާއި ސިފައިންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް މަސައްކަތު މީހުންގެ ގޮތުގައި ފޮނުވުމުގެ ކަންތައް ކުރަމުންނެވެ.

ހިޓްލަރުގެ ވެރިކަމުގައި، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޔަހޫދީންނަށް ދެވުނު އަނިޔާތަކުގެ ވާހަކަތައް ބޮޑެތި ފޮތްތަކުގައި ތަފްސީލުކޮށް ލިޔެވިފައި ވެއެވެ. ހޮލޮކޯސްޓްގެ ނަމުން މަޝްހޫރުވެފައިވާ މި ނަސްލު ނައްތާލުމުގެ ހަރަކާތުގައި މަރުވެގެން ދިޔައީ ކިތައް ޔަހޫދީންތޯ މިއީ އަބަދުވެސް ކުރެވޭ ސުވާލެކެވެ. ޒައިނިސްޓް ޖަމާޢަތްތަކުންނާއި ހުޅަނގުގެމުއައްރިޚުންގެ ގިނަ ބަޔަކުގެ ނަޒަރުގައި ޖަރުމަންގެ ކޮންސެންޓްރޭޝަން ކޭމްޕްތަކާއި މަރުގެ ޗެމްބަރުތަކުގައި މަރުވި ޔަހޫދީންގެ އަދަދު ހަ މިލިއަނަށް އަރައެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ހިޓްލަރުގެ ހަރަކާތްތަކުގެ ތެރޭގައި މަރުވެގެންދިޔަ ޔަހޫދީންގެ ޙަޤީޤީ ޢަދަދަކީ ގާތްގަނޑަކަށް 225000 އެވެ. ހިޓްލަރުގެ ކޭމްޕުތަކުގައި ޔަހޫދީންނާ މެދުގައި ކަންތައްތައް ކުރެވުނީ އިސްލާމީ އުސޫލުތަކުގެ ދަށުން އެއްވެސް ޙާލެއްގައި ޤަބޫލު ކުރެވޭނެ ގޮތަކަށް ނޫނެވެ. އެހެން ކަމުން މި އަމަލުތައް ހަރު ބަހުން ކުށްވެރި ކުރުމާއެކުވެސް ދަންނަވަން ޖެހެނީ ޒައިނިސްޓުން ބުނާ އަދަދުތަކަކީ ވަރަށް ބޮޑަށް އޮޅުވާލެވިފައިވާ އަދަދުތަކެއްކަން ދޭހަކޮށްދޭ އެތައް ހެއްކެއް އެބަހުރި ކަމުގައެވެ. މި މަޤާމުގައި އެ ހުރިހާ ތަފްސީލަކަށް ދާން ޖާގަނެތުމާއެކު އެ ބައި ދޫކޮށްލަނީއެވެ.

ކޮންމެއަކަސް، ދެވަނަ ބޮޑު ހަނގުރާމަ ނިމިގެން ދިޔައިރު ޒައިނިސްޓް ޔަހޫދީންގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި އެތައް ސަތޭކަ ދޮރެއް ވަނީ ހުޅުވިފައެވެ. ހަނގުރާމައިގެ ތެރޭގައިވެސް ޔަހޫދީންގެ ޖަމާޢަތްތައް ޔޫރަޕުން ފަލަސްޠީނަށް ހިޖުރަކޮށްފައި ވެއެވެ. ފަލަސްޠީނުގެ ޔަހޫދީންގެ 26000 މީހުން އިނގިރޭސީންގެ ސަފުތަކުގައި ހަނގުރާމައިގައި ބައިވެރިވިއެވެ. މީގެ ތެރެއިން އެއް ބަޔަކީ އިނގިރޭސި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އިޒްރޭލުގެ ހަގާނާގެ ފައުޖެއްގެ ގޮތުގައި ހަނގުރާމައިގައި ބައިވެރިވި ބައެކެވެ. ކުރީ ބާބުގައި ދެންނެވިފައި ވާނޭ ފަދައިން ހަގާނާއަކީ ފަލަސްޠީނުގައި އޮތް ޔަހޫދީ އާބާދީގައި އޮތް އަސްކަރީ ޖަމާޢަތެކެވެ. ފަލަސްޠީނުގެ ޢަރަބި މުސްލިމުންނާ ދެކޮޅަށް ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުން ގެންދިޔަ ޖަމާޢަތެކެވެ. އެ ޖަމާޢަތުގެ ހަނގުރާމަވެރީން ވަކި ޔުނިޓެއްގެ ގޮތުގައި އިނގިރޭސި ސިފައިންގެ ދަށުން ހަނގުރާމަކުރުމަށް ހަމަޖެހުނީ އިނގިރޭސި ވިލާތުގައި ހުންނެވި ވޯރލްޑް ޒައިނިސްޓް އޯރގަނައިޒޭޝަންގެ ރައީސް ޑރ. ކާއިމް ވައިޒްމަނާއި، ފަލަސްޠީނުގައި އޮތް އެ ޖަމާޢަތުގެ އޭޖެންސީގެ ލީޑަރު ޑޭވިޑް ބެން ގޫރިއަނާއި، ހަގާނާގެ އިސް ވެރީން އިނގިރޭސި ލީޑަރުންނާއެކު ކުރި މަޝްވަރާތަކެއް ކުރުމަށްފަހު 1944 ވަނަ އަހަރުއެވެ. މަޤުޞަދަކީ ޔަހޫދީ ހަނގުރާމަވެރީންނަށް ހަނގުރާމައިގެ އަމަލީ ތަޖުރިބާއާއި ހުޅަނގުގެ އެންމެ ޒަމާނީ ހަތިޔާރުތައް ބޭނުންކުރުމުގެ ހުނަރާއި ތަމްރީނު ހޯދައިދިނުމެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައިވެސް ޔަހޫދީ އަސްކަރީ އަދި ޓެރަރިސްޓް ޖަމާޢަތްތަކުން ގެންދިޔައީ ފަލަސްޠީނީ ޢަރަބި މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިކަމުގެ ލާމަސީލު ނަމޫނާތަކެއްފަދަ އަމަލުތައް ހިންގަމުންނެވެ. ހަގާނާއާއި އިރްގުނާއި ސްޓަރން ގޭންގުގެ ޓެރަރިޒަމްގެ ހަރަކާތްތަކުގެ ސަބަބުން އެތައް ހާސް ފަލަސްޠީނީންނެއް ފުރާނައާއި މުދާކޮޅު ސަލާމަތްކުރުމަށްޓަކައި ގެދޮރާއި ވަޒަން ދޫކޮށް އުރުދުނާއި މިޞުރު ފަދަ ޤައުމުތަކަށް ހިޖުރަކުރަމުން ގެންދިޔައެވެ. ހުސްވަމުން ދިޔަ ފަލަސްޠީނީ އަވަށްތައް ފުރަމުން ގެންދިޔައީ ޒައިނިސްޓް އޭޖެންސީއާއި މި ދެންނެވި ޓެރަރިސްޓް ޖަމާޢަތްތަކުގެ އެހީތެރިކަމާއެކުގައި ފަލަސްޠީނަށް އެތެރެވަމުންދިޔަ ޔަހޫދީންނެވެ. ޖަރުމަނުންގެ އަނިޔާއިން ސަލާމަތްވުމަށްޓަކައި ހިޖުރަކުރަމުން ގެންދިޔަ ޔަހޫދީންނެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު ފަލަސްޠީނުގެ ޔަހޫދީ އާބާދީ ވަނީ 6 ލައްކައަށް އަރާފައެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ޔޫރަޕްގެ ޔަހޫދީންނަށް ކުރިމަތިވި އަނިޔާވެރިކަމުގެ އެންމެ މުހިއްމު އެއް ނަތީޖާއަކީ ފަލަސްޠީނުގައި ޔަހޫދީ ދައުލަތް އުފެއްދުމަށްޓަކައި ކުރެވެމުން އައި މަސައްކަތް ހަލުވި ވެގެން ދިޔުމެވެ. މި މަސައްކަތަށް އިތުރު ދިރުމެއް ލިބިގެން ދިޔައީ ދުނިޔޭގެ އާ ބޮޑުބާރުގެ ގޮތުގައި ބައިނަލް އަޤުވާމީ މަސްރަހަށް ނިކުތް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ވަރަށް ވަރުގަދަޔަށް ޒައިނިސްޓުންގެ ދިފާއުގައި ތެދުވުމުންނެވެ. މިއީ ފަލަސްޠީން ޔަހޫދީ މައްސަލައިގެ ތެރެއަށް އެމެރިކާ ވަންނަ ހިސާބެވެ. މި ހިސާބުން ކުރިޔަށް ދާން އަޅުގަނޑު ގަސްތުކުރަނީ އެމެރިކާގައި ޔަހޫދީންގެ އާބާދީއެއް އުފެދި އެ އާބާދީގެ ކަންތައްތައް ދެވަނަ ބޮޑު ހަނގުރާމަ ނިމުމާ ހަމަޔަށް އައި ގޮތް ކުރުގޮތަކަށް ބަޔާން ކުރުމަށް ފަހުގައެވެ.

ޔަހޫދީންގެ އެކަށީގެންވާ ވަރުގެ އާބާދީއެއް އެމެރިކާގައި އުފެދުނީ 1800 އިގެ ފަހުކޮޅުގައެވެ. 1880 ވަނަ އަހަރާ ހަމަޔަށް ދިޔައިރު އެމެރިކާގައި ގާތްގަނޑަކަށް ތިން ލައްކަ ޔަހޫދީން އުޅުނެވެ. މީގެ ތެރޭގައި ގިނައީ ޖަރުމަނު ދޫކޮށް އެމެރިކާއަށް ހިޖުރަކުރި އަޝްކެނާޒީ ޔަހޫދީންނެވެ. އެބައިމީހުންނަކީ ޔޫރަޕްގެ މުޖުތަމައުގެ އިލްމީ އަދި އިޖުތިމާއީ ތަހުޒީބުގެ ހުރިހާ ތަޖުރިބާތަކެއް ކޮށްފައިވާ ބަޔަކަށް ވުމާއެކު އެމެރިކާގައިވެސް އެމީހުންގެ މުޖުތަމަޢު ވެގެން ދިޔައީ އެހެން އެންމެންނާ ވާދަކުރުމުގެ ޤާބިލުކަން ހުރި ބަޔަކަށެވެ. އެމެރިކާގެ މުޖުތަމަޢުގައި ޔަހޫދީންނަށް ނަފްރަތުކުރުމުގެ ބައްޔާއި ދީނީ އަދި ނަސްލީ ތަޢައްޞުބު ޔޫރަޕުގައި އޮންނަ ވަރާ ގާތަށްވެސް ނެތުމުގެ ނަތީޖާއަކީ އެމެރިކާގެ މުޖުތަމަޢުން ޔަހޫދީންނަށް ހިޔާވައްސެއް ލިބިގެން ދިޔުމެވެ. 1880 ވަނަ އަހަރުގެ ފަހުން ރަޝިޔާގެ ޔަހޫދީންގެ ތެރެއިން އެތައް ހާސް ބަޔަކުވެސް އެމެރިކާއަށް ހިޖުރަކުރަން ފެށިއެވެ. 1924 ވަނަ އަހަރާ ހަމަޔަށް ދިޔައިރު އެމެރިކާގެ ޔަހޫދީންގެ އާބާދީ ދެ މިލިއަނަށް އަރައެވެ. އޭގެ ފަހުންވެސް ހުއްޓުމެއް ނެތި ޔޫރަޕާއި ރަޝިޔާއިން އެމެރިކާއަށް ޔަހޫދީ ޖަމާޢަތްތައް ހިޖުރަކޮށްފައި ވެއެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުނު އިރު އެމެރިކާގައި 1.5 މިލިއަނަށްވުރެ ގިނަ ޔަހޫދީން ތިއްބެވެ. ހަނގުރާމައިގައި އެމެރިކާގެ ލަޝްކަރުގައި ބައި މިލިއަން ޔަހޫދީ ސިފައިން ހަނގުރާމަ ކުރިއެވެ. ހަނގުރާމަ ނިމުނު އިރު އެމެރިކާގެ ޔަހޫދީ އާބާދީ ވަނީ 4.5 މިލިއަނަށް އަރާފައެވެ.

ޒައިނިސްޓް ހަރަކާތްތައް ޔޫރަޕުގައި 1800 އިގެ ފަހުކޮޅުގައި ފެށުމަށްފަހު މަޑުމަޑުން އެ ހަރަކާތްތައް އެމެރިކާގައިވެސް ފެތުރިގެން ދިޔައެވެ. 1900 އިގެ ކުރީކޮޅުގައި އެމެރިކާގައި ވޯރލްޑް ޒައިނިސްޓް އޯރގަނައިޒޭޝަންގެ ގޮއްޕެއް ހުޅުވުނެވެ. އެންމެ ފުރަތަމަ އެމެރިކާގެ ޔަހޫދީ މުޖުތަމަޢުގެ ބޮޑު ބައެއްގެ ފަރާތުން ފެނިގެން ދިޔައީ ޒައިނިޒަމާ ދެކޮޅު ޝުއޫރުތަކެކެވެ. ގިނަ އަދަދެއްގެ ދީނީ ލީޑަރުން ޤަބޫލުކުރި ގޮތުގައި ޒައިނިޒަމަކީ ޔަހޫދީންގެ މުސްތަޤުބަލާއި އެބައިމީހުންގެ ކަންތައްތައް ޔަހޫދީންގެ ކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ނިންމެވުމަށް ރުހި ޤަބޫލުވެގެން ތިބެން އެބައިމީހުންގެ މައްޗަށް އޮތް ވާޖިބާ ދެކޮޅަށް ކުރެވޭ ބަޣާވާތެކެވެ. އަނެއް ބަޔަކު ބުނިގޮތުގައި ޒައިނިޒަމް ފަދަ ފިކުރެއްގެ ދަށުން އަމިއްލަ ދައުލަތެއް އުފައްދަން ކުރެވޭ މަސައްކަތުގައި އެމެރިކާގެ ޔަހޫދީން ބައިވެރިވާން ފަށައިފިނަމަ އޭގެ ނަތީޖާއަކަށް ވާނީ އެމެރިކާގެ ޔަހޫދީން އެމެރިކާއަށް ވަފާތެރި ނޫން ކަމުގެ ވިސްނުން އެމެރިކާގައި ފެތުރުމެވެ. އޭގެ ސަބަބުން އެމެރިކާގައި ޔަހޫދީންނަށް އޮތް މަޤާމު ގެއްލި ޔޫރަޕެކޭ އެއްފަދައިން އެންޓި ސެމިޓިޒަމްގެ މޫތައް އެމެރިކާގައިވެސް ފެތުރިގެން ދާނެއެވެ. މި ކަހަލަ ވިސްނުންތަކެއްގައި އެތައް ބަޔަކު ދެކޮޅު ހެދި ނަމަވެސް އެމެރިކާގައި ޒައިނިޒަމްގެ ހަރަކާތްތައް ދިޔައީ މަޑުމަޑުން ފުޅާވަމުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ނާޒީންގެ އަނިޔާވެރިކަމުގެ ވާހަކަތައް އެމެރިކާގައި އާއްމުވާން ފެށުމުން ޒައިނިސްޓުންގެ ދިދައިގެ ދަށަށް ޖަމާވާ އެމެރިކާގެ ޔަހޫދީންގެ އަދަދު އިތުރުވެގެން ދިޔައެވެ. އަދި ޔަހޫދީ ދައުލަތެއް އުފައްދައި، ޔޫރަޕުގައި ނިކަމެތި ހާލުގައި އުޅެމުން ގެންދިޔަ ތިމާމެންގެ އަޚުންނާއި އުޚުތުންނަށް އަމިއްލަ ވަޒަނެއް ހޯދައިދިނުމަކީ ކޮންމެހެން ކުރަން ޖެހިއްޖެ ކަމެއް ކަމުގައި އެމެރިކާގެ ޔަހޫދީންގެ ގިނަ ބަޔަކު ޤަބޫލުކުރަން ފެށިއެވެ. މި ހިސާބަށް ދިޔަ އިރު އެމެރިކާގައި ޔަހޫދީންގެ ނުފޫޒު އޮތީ ވަރަށް ވަރުގަދަޔަށް ފެތުރިފައެވެ. ޤައުމުގެ ބޭންކިންގ ދާއިރާ އޮތީ ޔަހޫދީންގެ މާލިއްޔަތުގެ ބިންގަލުގެ މަތީގައެވެ. އެހެންކަމުން އެމެރިކާގައި އިންވެސްޓްމަންޓްގެ މުގުލުގައި ތިބީ ޔަހޫދީންނެވެ. އަލަށް އުފެދިގެން އައި ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއެއް ކަމުގައިވާ ހޮލީވުޑަކީ ޔަހޫދީންގެ އަމިއްލަ ވިޔަފާރިއެއް ފަދަ އިންޑަސްޓްރީއެކެވެ. މީގެ އިތުރުން ބޭސްވެރިކަމާއި ޤާނޫނީ ދާއިރާ ފަދަ މުހިއްމު ދާއިރާތަކުގައި ޔަހޫދީން ތިބީ އެންމެ ކުރީ ސަފުގައެވެ. ނޫސްވެރިކަމާއި މީޑިޔާގެ އެހެނިހެން ވަސީލަތްތައް އޮތީ ޔަހޫދީންގެ ކޮންޓްރޯލްގެ ދަށުގައެވެ. މި ކަހަލަ ސަބަބުތަކާހުރެ އެމެރިކާގެ ސަރުކާރަށް ޔަހޫދީންގެ ޚިޔާލަށް އިހުތިރާމްކުރުން މަޖުބޫރުވެފައި އޮތަސް، އެމެރިކާއިން ޔަހޫދީ ދައުލަތަކަށް ތާއީދުކުރުމުގެ އެންމެ މުހިއްމު ސަބަބުތަކަކީ މިއެއް ނޫނެވެ. ޔަހޫދީންނާ އެމެރިކާ ސަރުކާރާ ދެމެދުގައި އުފެދުނު އެއްބާރުލުމުގެ އެންމެ މުހިއްމު ސަބަބަކީ ޔޫރަޕްގެ ޤައުމުތައްވެސް ޔަހޫދީ ދައުލަތަކަށް ތާއީދުކުރި އެންމެ މުހިއްމު ސަބަބެވެ. އެއީ މުސްލިމުންނަށް ދެރަ ދިނުމާއި، މެދުއިރުމަތީގައި އިސްލާމީ އުއްމަތަށް ދުއްތުރާކޮށް އުއްމަތުގެ މަސްލަހަތު ނަގާލައި، ކްރިސްޓިއަން ހުޅަނގުގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާނޭ ބާރެއް އުފެއްދުމެވެ. މީގެ އިތުރުން މެދުއިރުމަތީގެ ތެލުގެ އިންޑަސްޓްރީ ކޮންޓްރޯލްކޮށް، އެމެރިކާގެ މަސްލަހަތުތައް ހިފަހައްޓާނޭ އެކުވެރިއަކު މެދުއިރުމަތީގައި ބޭއްވުމަކީވެސް އެމެރިކާގެ މަޤުޞަދެކެވެ.

(ނުނިމޭ…)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!