މާތްﷲ އަށް ޝިރުކުކުރުން

މާތްﷲ ނުފުއްސަވާ ފާފަތަކުން އެންމެ ބޮޑުވެގެންވާ ފާފައަކީ އެކަލާނގެ އަށް ޝަރީކުކުރުމެވެ.

ޝަރީކު ނުވަތަ ޝިރުކަކީ ކޮބައިތޯއެވެ. ޝިރުކުގެ ބާވަތްތަކަކީ ކޮބައިތޯއެވެ ؟ ބޮޑެތި ޝިރުކުތަކަކީ މާތްﷲ އާއި އެހެންފަރާތަކާއި އެއްފަދަކުރުމެވެ. އެއީ ތިމާއަށް ގެއްލުން ނުވަތަ ފައިދާއެއް ދެވޭ އެހެން އިތުރުފަރާތެއް މާތްﷲ ފިޔަވާ ވާކަމަށް ހިތުގެ އަޑިން ޤަބޫލުކުރުމެވެ. ނުވަތަ އެހެންފަރާތަކަށް ސަޖިދަޖެހުމެވެ. ނުވަތަ އެހެންފަރާތަކަށް ޒަބަޙަކުރުމެވެ. ނުވަތަ މިނޫންވެސް މިފަދަ ކަންކަމެވެ.މިފަދަ ޝިރުކުތަކަކީ އިންސާނާ ދީނުންބޭރުވާ ފަދަކަންކަމެވެ.

އެކަލާނގެއާއި އެއްވެސް މަޚުލޫޤަކާއި އެއްވެސް ގޮތެއްގައި އެއްފަދަ ކުރުމަކީ ޝިރުކެކެވެ. ޝިރުކުގެ ބައިތަކަށް ބަލާއިރު ޝިރުކުލް އަސްޣަރު ( ކުދި ޝިރްކު ) ޝިރުކުލް އަކްބަރު ( ބޮޑެތި ޝިރްކު) ހިމެނެއެވެ. ކުދި ޝިރުކުތަށް ގުނާ ޢަދަދު ނުކުރެވޭހައި ގިނައެވެ. އާދެ ! ޝިރުކަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.މާތްﷲ ވަޙީކުރައްވާފައިވަނީ : لا تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ. މާނައީ ” اللَّهއަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريكކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.”

އަމިއްލަނަފްސަށް މިއަށްވުރެ ބޮޑު އަނިޔާއެއް މިބިންމަތީގައި ނުވެވޭނެއެވެ. އެއީ މާތްﷲ އަށް އަދާކުރަންޖެހޭ ޙައްޤެއް އެހެން ފަރާތަކަށް އެހެން މަޚުލޫޤަކަށް ދިނުމާއިއެކު ، ތިމާގެ ނަފްސު މާތްﷲގެ ރަޙުމަތާއި ބަރަކާތުން އަމިއްލަ އަތުން މަހުރޫމުވެގަތުމވެ. މިއީ ކޮންފަދަ ބޮޑު އަނިޔާއެއްތޯއެވެ !

ކުޑަ ޝިރުކު ( ޝިރުކުލް އަޞްޣަރު ) ދީނުންބޭރު ނުވިކަމުގައިވިޔަސް އެއީ އަޅާނުލާ ދޫކުރެވޭ ވަރުގެ ކަމެއްނޫނެވެ. އެހެނީ އޭނަ ތައުބާ ނުވަނީސް މަރުވެއްޖެނަމަ އޭނަޔަށް ގަދަފަދަ ވެގެންވާ ޢަދާބު ހައްޤުވާނެއެވެ.
މާތްﷲ އަށް ޝިރުކުރުން ފިޔަވައި އެހެން ހުރިހައި ފާފައެއް މާތްﷲ ފުއްސަވާނެއެވެ. ނަމަވެސް ޝިރުކަކީ މާތް ﷲ ނުފުއްސަވާ ފާފައެކެވެ. މާތްﷲ ވަޙީކުރައްވަނީ :إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا މާނައީ ” ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريكކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّهއަށް شريكކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.”
ޝިރުކު ކުރާމީހާގެ ނިމުން އޮތްގޮތާއި މެދު މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ إِنَّهُ مَن يُشْرِكْ بِاللّهِ فَقَدْ حَرَّمَ اللّهُ عَلَيهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ” ހަމަކަށަވަރުން اللَّهއަށް شريكކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ حرامކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: شريكކުޅަ މީހުންނަށް) نصرދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.”

މިއީ ވަރަށް ވެސް ނުރައްކާތެރި ކަމެކެވެ، އިންސާނާ މިކަމުގެ ތެރެއަށް ގެނބިގެން ޣަރަޤުވެގެންދަނީ ޢިލްމީ ގޮތުން ހޭލުންތެރި ނުވުމާއި ، އިސްލާމްދީނާއި ފުށުއަރާ ، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އާދަކާދަ ތަކާއި، އިންސާނާގެ ގޮތް ދޫނުކުރުމާއި ، މިކަމުގެ ނުރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ވިސްނާނުލުމުގެ ސަބަބުންނެވެ. އިސްލާމީ ދައުލަތެއްގައި ދިރިއުޅެމުންދާ މީހަކަށް މިކަމުން ސަލާމަތް ވުމަށް ދެއްކޭނެ އެއްވެސް ޢުޛުރެއް ، ހުއްޖަތެއް ، އަދިބުރުހާނެއް ނެތެވެ. ރެއާދުވާލު ރޭޑިއޯ ޓީވީ އަދި އިންޓަރނެޓްގެ ޛަރީޢާއިން މިކަމުގެ މަޢުލޫމާތު ލިބެމުންދާއިރު މިކަމުގައި އިހުމާލުވުމަކީ ހުއްޖަތެއް ނުވަތަ ޢުޛުރެއް ކަމަށް ނުބެލެވޭނެއެވެ.

ޝިރުކުލް އަސްޣަރު އަކީ އެކަމުގައި ދެމިހުރެއްޖެނަމަ އެމީހެއްގެ ހެޔޮ ޢަމަލު ބާޠިލު ވެގެންދާނޭ ކަމެކެވެ. މާތްﷲ ވަޙީކުރައްވަނީ : وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الخَاسِرِينَ މާނައީ ” ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ رسولންނަށް وحىކުރައްވާފައިވެއެވެ. ކަލޭގެފާނު شريكކުރައްވައިފިނަމަ، ކަލޭގެފާނުގެ عملތައް باطلވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. ”

އިސްލާމީ ޝަރީޢަތުގައި އެކަންކުރުމަށް ނަހީ ކުރައްވާފައިވާ ، އެއިގެ ސަބަބުން ބޮޑެތި ޝިރުކުތަކަށް މަގު ފަހިކޮށްދޭ ކޮންމެ ޢަމަލަކީ ޝިރުކުލް އަސްޣަރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޝިރުކުލް އަސްޣަރު ނުވަތަ ކުޑަ ޝިރުކުތައް ތިންބަޔަކަށް އިލްމުވެރިން ބައްސަވާފައިވެއެވެ. އެއީ ދުލުންކުރެވޭ ޝިރުކާއި ޢަމަލުތަކުން ކުރެވޭ ޝިރުކާއި ، ހިތުންނުވަތަ ނިޔަތުން ކުރެވޭ ޝިރުކެވެ.
ދުލުންކުރެވޭ ޝިރުކުގެ މިސާލަކީ މާތްﷲ ފިޔަވާ އެހެންފަރާތެއް ގަންދީހުވާކުރުން ފަދަކަންކަމެވެ. ސަބަބަކީ މާތްﷲ އަށްދެވޭ ޤަދަރާއި ޢިއްޒަތް އެހެންފަރާތަކަށް ދެވެނީއެވެ. عن عمر بن الخطاب أن رسول الله قال: مَنْ حَلَفَ بِغَيْرِ الله فقد كَفَرَ أو أشْرَكَ ޢުމަރު ބިން ޚައްޠާބުގެ ފަރާތުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޙަދީޡްފުޅުކުރެއްވިއެވެ. މާތްﷲ ފިޔަވައި އެހެންފަރާތެއް ގަންދެއްވައިފިނަމަ ހަމަކަށަވަރުން މާތްﷲއަށް އުރެދިއްޖެއެވެ. ނުވަތަ ޝަރީކުކޮށްފިއެވެ. ”

އަދިވެސް ކީރިތި ރަސޫލާ  ޙަދީސްފުޅު ކުރެއްވިއެވެ. قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ يَنْهَاكُمْ أَنْ تَحْلِفُوا بِآبَائِكُمْ فَمَنْ كَانَ حَالِفًا فَلْيَحْلِفْ بِاللَّهِ أَوْ لِيَصْمُت ހަމަކަށަވަރުން ތިޔަބައި މީހުން ތިޔަބައިމީހުންގެ މައިންބަފައިން ގަންދެއްވާ ހުވާނުކުރައްވާށެވެ. ތިޔަބައިމީހުން ހުވާ ކުރައްވާނަމަ މާތްﷲ ގަންދީ ހުވާކުރައްވާށެވެ. ނޫނީ ތިޔަބައިމީހުން ހުވާނުކުރާށެވެ.
މިއަދު އަޅުގަނޑުމެންގެ ތެރެއަށް ޢާންމުވެފައިވާ އަވައްޓެރި ޤައުމު ތަކުގެ ޘަޤާފަތް މީޑިއާގެ ޛަރީޢާއިން ހަލުއި ގޮތެއްގައި ފެތުރެމުންދާކަން ދަނެ ، އެކަމަށް ހުށިޔާރުވާށެވެ!
ޝިރުކުލް އަސްޣަރުގެ ދެވަނަބަޔަކީ ބުނާ ބަހުން މާތްﷲއަށް ޝިރުކުކުރުމެވެ. މިސާލަކަށް ތިމަންނަ ގެނބެން އުޅެނިކޮށް ސަލާމަތްވީ މާތްﷲ އާއި މިވެނި މީހެއްގެ ސަބަބުންނެވެ. މިފަދަ ޢިބާރާތަކީ މާތްﷲއާއި އެކަލާނގެ މަޚުލޫގަކާއި އެއްފަދަ ނުވަތަ އެއްދަރަޖައެއް ދިނުމެވެ. ބަހަކީ ތިބާ ދުލުން ބޭރުނުވާހާ ހިނދެއްގައި ތިބާގެ މިލްކެކެވެ. ތިބާގެ ދުލުން ބަސްބޭރުވުމުން އެއީ ތިބާގެ އަޅެއްކެވެ.
ޝިރުކުލް އަސްޣަރުގެ ތިންވަނަ ބަޔަކީ ޤަބޫލުކުރާ ޤަބޫލުކުރުން ނުވަތަ ހިތުން ކުރެވޭ ޝިރުކެވެ. މިއީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ވަރަށް ޢާންމު ކަމެކެވެ. މިއަދުވެސް ވަރަށް ގިނަ ދިވެހިން ޤަބޫލުކުރާ ޤަބޫލުކުރުމެކެވެ. މަޣުރިބްނަމާދާއި ޢިޝާނަމާދާއި ދެމެދު ގެއަށް ވަކިވައްތަރެއްގެ ދިރޭ އެއްޗެއް ވަދެއްޖެނަމަ އުފާވެރި ނުވަތަ ހިތާމަވެރި ކަމެއް ދިމާވަނީ ކަމަށް ޤަބޫލު ކުރެވެއެވެ. މަގުމަތިން ހިނގާފައި ދާއިރު ތަނެއްގައި އަޅާ ގަތުމުން ތިމާ ހިތް ނޭދޭ ވާހަކައެއް ކޮންމެވެސް ބަޔަކު ދައްކަނީ ކަމަށް ޤަބޫލުކުރެވެއެވެ. ލޮލުގެ ކަނާތު އެސްފިޔަ އާދަޔާއި ޚިލާފަށް ތޮޅޭނަމަ އެއީ އުފާވެރި ޚަބަރެކެވެ. އަދި ވައަތު އެސްފިޔަ ނަމަ ހިތާމަވެރި ޚަބަރެކެވެ. ހަނދުވަރު ރެއެއްގައި ކަޅުބުޅަލެއް ހުރަސްކުރުމަކީ ތިމާއަށް ހުރި ނުރައްކަލެއް ކަމަށް ޤަބޫލު ކުރެވެއެވެ. މިފަދަ ޝިރުކުތަކުން ސަލާމަތްވާށެވެ.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: “إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ.
ޢަބްދުﷲ ބިން މަސްޢޫދު ރަޞިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނިކޮށް އަޑު އެއްސެވީމެވެ. ހަމަކަށަވަރުން ( ޝަރީޢަތާއި ޚިލާފަށް ހަދާފައިވާ ) ރުޤާ އަދި ތަވީޛުގޮތަށް ގެއްލުމަކުން ސަލާމަތްވުމަށް ނުވަތަ ފާއިދާއެއް ލިބިގަތުމަށް އަޅައިގެން އުޅޭ ނުވަތަ ތަނެއްގައި އެލުވާފައިވާ އެއްޗިއްސާއި އަދި ދެމަފިރިންގެ ލޯބި އިތުރުކުރުމަށް ނުވަތަ ވަކިނުވެވި މައްސަލަނުޖެހޭ ގޮތަށް އަޅައިގެން އުޅޭ އަނގޮޓި އަދި މިފަދަ ހުރިހައި އެއްޗަކީ ޝިރުކެވެ.

ސަބަބަކީ ގެއްލުން އަދި ފައިދާ އެފަރާތަކަށް ލިއްބައި ދެނީ މިފަދަ އެއްޗަކުން ކަމަށް ޤަބޫލުކުރެވުމެވެ. މިފަދަ އެއްޗިހި ހަދާފައިވަނީ ޝަރީޢަތާއި އިސްލާމީ އުސޫލުތަކާއި ޚިލާފު ގޮތަކަށެވެ.
عن عُقْبَةَ بْنَ عَامِرٍ رضي الله عنه قال : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : مَنْ تَعَلَّقَ تَمِيمَةً فَلا أَتَمَّ اللَّهُ لَهُ وَمَنْ تَعَلَّقَ وَدَعَةً فَلا وَدَعَ اللَّهُ لَهُ ޢުޤްބަތު ބިން ޢާމިރު ވިދާޅުވަނީ ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނިކޮށް އަޑުއެއްސެވީމެވެ. ތަނެއްގައި އަޅުވާގެން އުޅޭ އެއްޗަކުން އޭނަގެ ބޭނުމެއް ނުފުއްދެވޭނެއެވެ. އެއިގެ ސަބަބުން ބޭނުންވާގޮތަށް ނުވާނެއެވެ.
ސައިހޮޓާތަކާއި ގޯތި ގެދޮރުގެ ކަން ކަނުގައްޔާއި ، ދޮރާށި މަތީގައްޔާއި ، ވޮލެޓްތަކުގައި ރިޒްޤު ތަނަވަސް ކުރުމުގެ ބޭނުމުގައި ލިޔެ ގެންގުޅޭ މިފަދަ އެއްޗަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއްނޫނެވެ.
މަޙުމޫދު ބިން ލަބީދު ގެ ފަރާތުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ހަދީޘް ފުޅުކުރެއްވިއެވެ . ތިޔަބައިމީހުންގެ މައްޗައް ތިމަންކަލޭގެ ފާނަށް ވާ އެންމެ ބޮޑުބިރުފުޅަކީ ޝިރުކުލް އަސްޣަރު އެވެ. އަސްޙާބުބޭކަލުން ދެންނެވިއެވެ. މާތްﷲގެ ރަސޫލާ ކޮބައިތޯ ޝިރުކުލް އަސްޣަރަކީ ، ކީރިތި ރަސުލާ ހަދީޘް ފުޅުކުރެއްވިއެވެ. ދެއްކުންތެރިކަމެވެ.

އިލްމުވެރިންނާއި ، މުދާވެރިންނާއި ، އަޅުވެރިންނާއި ، ކިޔަވާކުދިންނާއި ، މުޖުތަމަޢުގައި މިފަދަމީހުންނަށް ޝައިޠާނާ ފާރަލާނެއެވެ. ވީމާ މިފަދަ މީހުން ހިތްނިޔަތް ޚާލިޞްކުރާށެވެ. ދެއްކުންތެރިކަމުގެ ވަސްވާސްތަކަކީ ޝައިޠާނާގެފަރާތުން އަންނައެއްޗެއްކަން ދަންނާށެވެ. ދެއްކުންތެރި ކަމުގެ ސަބަބުން ހިތްތަކުގައި ހަސަދަ އުފެދި ޝައިޠާނީ އިތުރު ދޮރުތަކެއް ހުޅުވިގެންދާނެއެވެ. މިފަދަ ދެއްކުންތެރިން ޤިޔާމަތްދުވަހުން އެބައިމީހުން ދެއްކެން އުޅުނުބަޔެއްގެ ފަރާތުން ދަރުމައާއި ޡަވާބަށް އެދުމަށް މާތްﷲ ވަޙީކުރައްވައެވެ. މިފަދަ ޝިރުކުތަކުން ސަލާމަތް ވުމަށް މާތްނަބިއްޔާ  ގެ ފަރާތުން ވާރިދުވެފައިވާ ގޮތަށް ޢަމަލު ކުރާށެވެ.
ޝިރުކަކީ އިންސާނާގެ ދެދުނިޔެ އަބާއްޖަވެރި ކުރުވާ ޙަރާމްކުރައްވާ ފައިވާ ޝައިޠާނާގެ ޢަމަލެއްކަން ދަންނާށެވެ !
عَنْ أَبِي هُرَيْرَةَ , قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَنْ أَتَى عَرَّافًا أَوْ كَاهِنًا , فَصَدَّقَهُ بِمَا يَقُولُ , فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަބޫ ހުރައިރާ ރަޞިޔައްﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ، ކީރިތި ރަސޫލާ  ހަދީޘް ފުޅުކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން އަތްބަލާ މީހުން އަދި ކާހިނުން ކާއިރިޔަށް ގޮސް އެމީހުން ބުނާ ބަސް ތެދުކުރާމީހުން ދަންނާށެވެ. އެބައިމީހުން ކީރިތި ރަސޫލާ ގެ ރިސާލަތަށް އިންކާރުކޮށްފިއެވެ.

ރާހިބަލައިގެން އެއިގައިވާ ގޮތްތަށް ޤަބޫލުކުރުމަކީ ވެސް ޝިރުކެކެވެ، އެހެނީ އެދަޢުވާކުރެވެނީ ޣައިބުގައި ވާކަމަކަށެވެ. އެއީ މާތްﷲ އަށް ޚާއްސަވެގެންވާ ސިފަފުޅެކެވެ.
ޝިރުކަކީ މާތްﷲ ބަރީއަވެގެންވާކަމެކެވެ. އަބޫހުރައިރާގެ ފަރާތުން ރިވާވެގެންވާ ގުދުޞީ ޙަދީޘެއްގައި މާނައިގައިވަނީ ތިމަންﷲ އާކީ މަތިވެރިވެ ވޮޑިގެންވާ ފަރާތެވެ ، ތިމަންﷲ އާއި އެހެންފަރާތަކާއި ބައިވެރި ކުރެވިއްޖެމަ ތިމަންﷲ އެކަމުން ބަރީއަވެވޮޑިގަންނަމެވެ. ހައްދަވާ ބޮޑުކުރައްވާ އިލާހު ، އެނގިގެން ނާއި ނޭނގި ކުރެވޭ ޝިރުކުތަކުން މިއަޅާ ދުރުކުރައްވާ ފާފަ ފުއްސަވާނދޭއެވެ! اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ ، وَأَسْتَغْفِرُكَ لِمَا لا أَعْلَمُ
محمد منهاج

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!