އިސްލާމީ ޝަރީޢަތާއި ވަޟަޢީ ޤާނޫނު

އިސްލާމީ ޝަރީއަތަކީ މުޅިކާއިނާތުގެ ވެރި މާތްﷲ މިބިންމަތީގައި އަދުލު އިންސާފުޤާއިމު ކުރުމަށް ބާވައިލެއްވުނު ހަމައެކަނި ސަމާވީ ޝަރީއަތެވެ. މީސްތަކުންނަށް އޮތް އެންމެ ރަގަޅުގޮތަކީ ކޮބައިކަން ދެނެވޮޑިގެންވާ އިލާހުގެ ހުކުމްތަކެވެ. އެއަށް ބަދެލެއް ގެނެއުމަކީ އެއްވެސް އިންސާނަކަށް ހުއްދަކަމެއްނޫނެވެ. އެޝަރީޢަތަކީ އިންސާނާއަށް ދެދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބެނިވި ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތަކީ އެއްވެސް ބަޔަކާއި ހަނގުރާމަ ކުރުމަށް ، ނުވަތަ މީސްތަކުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް ބާވައިލެއްވި ޝަރީޢަތެއްނޫނެވެ. އަދި ކިއެއްތަ އިސްލާމީ ޝަރީޢަތަކީ އެއަށްވުރެ ހައިބަތު ބޮޑުވެގެންވާ މާތް މަތިވެރި އެއްޗެކެވެ. ރިވެތި އަޚުލާގެއްގެ މަތީގައި ބިނާވެގެންވާ ޝަރީޢަތެކެވެ. ކީރިތި ރަސޫލާ ދުނިޔެއަށް ފޮނުއްވުނު މަޤުސަދުގެ ތެރެއިން މަޤްސަދެއް ކަމުގައި އެކަލޭގެ ފާނު ހަދީސްފުޅު ކުރައްވަނީ إِنَّماَ بُعِثْتُ لأٌتَمِّمَ مَكاَرِمَ الأَخْلاَقِ މާނައީ: [ތިމަންކަލޭގެފާނު ފޮނުއްވިގެން ވާކަންކަށަވަރީ ރިވެތިއަޚްލާޤު ފުރިހަމަކުރެއްވުމައްޓަކައެވެ .އިސްލާމީ ޝަރީޢަތަކީ ރިވެތި ގޮތްތަކަށް ލޯބިކުރާ ޝަރީއަތެކެވެ.

އަޅުގަނޑުމެންގެ ވަށައިގެންވާ ދުނިޔެއަށް ނަޟަރު ހިންގާލިނަމަވެސް އަޅުގަނޑުމެންނަށް ފެންނަމުންދަނީ އިސްލާމްދީނުގެ އަދާވާތް ތެރިން އަޑީގައި ތިބެގެން އެމީހުންގެ އުސޫލުތަކަށް ތަބާވުމަށް ތަފާތު ނަންނަމުގައި މަސައްކަތް ކުރަމުން ހަންފަތުރަމުންދާ މަންޟަރެވެ.

ހިތާއި ހަށިގަނޑުން ، ދުލާއި ޤަލަމުން އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ނަމުގައި އަމިއްލަ ފައިދާއަށް ޓަކައި މަސައްކަތް ކުރާ ޖަމާޢަތްތަކާއި ކުންފުނިތަކެވެ. މިފަދަ ބަޔަކަށް އިންސާނިއްޔަތަށް ޚިދުމަތް ކޮށްދެވޭނެ ކަމީ ހަމަބުއްދީގެ އަހުލުވެރިން ޤަބޫލުކުރުން ހެޔޮވެގެންވާ ވަރުގެކަމެއްނޫނެވެ. އެހެނީ އިންސާނިއްޔަތަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދެވޭނީ އިސްލާމީ ޝަރީޢަތުގެ މަންހަޖާއި އުސޫލުތަކަށް ރިޢާޔަތް ކުރުމާއި އެކުގައެވެ.
މުޅި އިންސާނިއްޔަތަށް ފާއުކުރެއްވި މުސީބާތެއްގެ ގޮތުގައި މުއައްރިޚުން ސިފަކުރައްވާ ފައިވާ ޔަހޫދީންނާއި ނަސާރާއިންނަކީ އިސްލާމްދީނުގެ އެންމެ ބޮޑު ޢަދާވާތް ތެރިންކަން ހަނދާނުން ނައްތައިލައިގެން ނުވާނެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތުގައި ވަޙީކުރައްވާފައިވަނީ ولَن تَرْضَى عَنكَ الْيَهُودُ وَلاَ النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ މާނައީ: ” އަދި يهودىންވެސް نصارىއިންވެސް އެއުރެންގެ دينއަށް ކަލޭގެފާނު تبعވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ.” މުސްލިމުން އެބައިމީހުންނާއި ކުރާ ކޮންމެ މުޢާމަލާތެއް ގައި އެބައިމީހުންނަކީ މުސްލިމުންގެ ޢަދުއްވުން ކަމުގައި ދަންނަންޖެހެއެވެ. ވަޟަޢީ ޤާނޫނުގެ ފުރިހަމަކަން ބަޔާންކޮށްދެއްވާ ސިޔާސީ މާހިރުންނަކީ އިސްލާމިއްޔަތަށް އަދި ކިއެއްތަ އިންސާނިއްޔަތަށްވެސް ހުރިބިރެކެވެ. މިފަދަ މީހުންނަކީ އިސްލާމީ ޝަރީއަތާއި އެއިގެ ވަސްފޮހެލަން ދުރާލާ ތައްޔާރުވަމުން އަންނަ ބަޔެއްކަން ކަށަވަރެވެ. މިފަދަ މީހުންނަކީ އެބައިމީހުންގެ ގާތަށް ފޮނުވުނު ރަސޫލުންނަށް ބަސްބުނެ ބޮޑާވެގަތް މީހުންނެވެ. މާތްﷲ ވަހީކުރައްވާފައިވަނީ اذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ މާނައީ: ކަލޭގެފާނުގެ ވެރިރަސްކަލާނގެއާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތާނގައި ތިބޭނޫއެވެ.”

އިސްލާމީ ދައުލަތެއްގެ ޝަރަފު ލިބިފައިވާ މުސްލިމުން ޤައުމުގެ އަލުވެރިންނަށް އަނިޔާ ނުދީ އެމީހުންގެ ވިހަގަދަ ވަކިން ވަކިހިއްޕާ ނުލެވޭނަމަ އެމީހުންނަށް ހަމަނިދިން ނިދާ ނުލެވޭނެއެވެ. އިސްލާމީ އުންމަތުގެ ވަހުދަތު ނަގައިލާ އިސްލާމީ އުންމަތުގެ އެކުވެރިކަމުގެ ފޭރާން ކުދިކުދިކޮށް ކޮށާލުމަށް ފަހުގައި ނޫނީ އެމީހުން ހުއްޓައެއް ނުލާނެއެވެ. އެމީހުންގެ ނުބައިކަން ހާމަވެގެންދާ މިސާލަކީ ވަޟަޢީ ޤާނޫނުގެ ނަމުގައި މުސްލިމުން ނަސާރާދީނަށް ވެއްދުމެއް ނޫނެވެ. އެމީހުންގެ ފޮތްތަކުގައި ބަޔާންކޮށްފައި ވަނީ މުސްލިމުން ނަސާރާއިން އަދި ޔަހޫދީންނަށްވެސް ހަދަން ބޭނުންނޫން ކަމުގައެވެ. އެހެނީ އެމީހުންގެ ދީން ގަބޫލުކޮށްފިނަމަ އެމީހުންނަށް ލިބިގެންވާ ހައްޤުތަކެއް އިސްލާމްދީން ދޫކޮށް ކުފުރުގެ މަގުއިޚްތިޔާރު ކުރިމީހާއަށް ދެވޭނެއެވެ. ނަމަވެސް މުސްލިމަކަށްނުވެ ޔަހޫދީއަކަށްނުވެ ނަސާރާއަކަށްނުވެ މުސްލިމުނަމެއްގައި ތިބުމަކީ ޢަދާވާތްތެރިންގެ މަޤްޞަދެވެ. މުސްލިމުންނަށް މަސްލަޙަތު ހޯދައި ދިނުމަކީ އެފަދަމީހުންގެ މައްޗަށް ލާޒިމްކުރާކަމެއް ކަމުގައިދެކެ ތަފާތު ޖަމާއަތްތަކާއި ، ދައުލަތްތަކާއި އަފްރާދުންގެ ނަމުގައި މަކަރާއި ޙީލަތް ހަދަމުން ގެންދާ ބަޔެއްގެ ޤާނޫނުތަށް ތަންފީޛުކުރުމަކީ އެނގި ހުރެ ހަލާކުގެ ތެރެޔަށް ވެއްޓިގެންދިޔުމެވެ.
އަދާވާތްތެރިންގެ އަނެއް މަޤުސަދަކީ އިސްލާމީ ޤައުމުތަކުގެ ހަމަޖެހުން ނަގާލާ މުސްލިމުންގެ އިޤްތިސާދު ފުނޑު ފުނޑުކޮށް ލުމެވެ. އެބައިމީހުންގެ މަޤްޞަދު ޙާސިލުކުރުމަށް އޮތް އެންމެ ބޮޑު އެއްވަސީލަތަކީ މިއުންމަތުގެ އަހުލުވެރިން ބައިބައި ކޮށްލުމެވެ. މުސްލިމުންގެ އެކުވެރިކަން ޢަދާވާތްތެރިކަމަށް ބަދަލުކުރުމެވެ. އިންސާފުޤާއިމުކޮށް އިސްލާޙު ކުރުމުގެ ނަމުގައި ނުވަތަ އެނޫންވެސް ނަމެއްގައި އަޅުގަނޑުމެންގެ ވަޠަނަށް އަތްގަދަ ކުރުމެވެ. އެއީ އެމީހުންގެ އަމިއްލަ ވަޟަޢީ ޤާނޫނު ތަންފީޒުކުރުމުގެ މަޤުޞަދުގައެވެ. އެހިނދު ދިމާވާ ކޮންމެ މައްސަލައެއްގެ ހައްލަކީ ވަޟަޢީޤާނޫނެވެ. އިސްލާމީ ޝަރީޢަތެއްނޫނެވެ. އަދި އަޅުގަނޑުމެންގެ މައްޗައް އެންމެ ފަހުބަސް ބުނާބަޔަކީވެސް ވަޟަޢީޤާނޫނެވެ. މިނިވަންކަމުގެ އުފަލުގައި އުޅޭ ބަޔަކަށް އަޅުވެތިކަމުގެ ތަޞައްވުރެއް ނުކުރެވޭނެއެވެ. ހަޤީގީ މިނިވަންކަމަކީ އިސްލާމީ ޝަރީޢަތް ހޯދައިދެއްވި މިނިވަންކަމެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ވަޟަޢީ ޤާނޫނުގެ ދަޢުވާ ކުރާ ޤައުމުތަކުގައި އިންސާނިއްޔަތަށް ޚިދުމަތް ކޮށްދިނުމަށް ކުރެވިފައިވަނީ ކޮންކަމެއްތޯއެވެ.

މާތްﷲ ބާވާލެއްވި ޝަރީއަތް ފިޔަވާ އެހެންޝަރީޢަތެއް ޤާއިމުކުރުމަށް މަސައްކަތް ކުރާ މީހުންނަކީ ފާފަވެރިންނެވެ. އެބައިމީހުންނަށް ވާގިވެރިވާ މީހުންނަކީވެސް ފާފަވެރިންނެވެ. ބޮޑުބަދަލަކަށް އެދިގެން ދުނިޔޭގެ މުސްލިމު ޤައުމުތަކަށް ގެނެވުނު ވަޟަޢީ ޤާނޫނުގެ އަސަރު މިއަދު ތާރީޚުން ފެންނަން އެބައޮތެވެ. އެއިގެ ސަބަބުން އެއްޖީލުން އަނެއްޖީލަށް އަނިޔާވެރިކަން ވާރުތަވާނެއެވެ، އަދި ވަމުންދާނެއެވެ. މިއީ އިސްލާމީ ޝަރީޢަތާއި އިސްލާމީ ޢަޤީދާ އާއި ޚިލާފް ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ މާނައީ :” دينއެއްގެ ގޮތުގައި إسلام دين ނޫން دينއެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبولއެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرةގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.”

ދުނިޔޭގެ ތާރީޚަށް ބަލާއިރު މަޣްރިބް ކަރައިން ނުވަދިހައިން ސައްތައިގެ އަޑަކީ އިސްލާމީ ޝަރީޢަތާއި ޚިލާފު ޤާނޫނަށް ތާއިދު ކޮށް ވަޟަޢީ ޤާނޫނުގައި އާނބަސްބުނި އަޑެވެ. އެއިގެ ދިރިހުރި މިސާލުތަށް މިސްރު ، ތޫނިސް ، ޔަމަން އިންވެސް ފެންނަމުން އެބަދެއެވެ، އެއިގެ ނަތީޖާ ހިތިޒަހަރަށް ވުރެވެސް ހިތިއެވެ، ލޭއޮހޮރުން ގިނަވެ ކޮރަޕްޝަނާއި ނޭއްގާނީ އަމަލުތަކުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުންވަނީ ހަލާކުވެގެއްލިފައެވެ.
ވަޟަޢީ ޤާނޫނުއަކީ އިންސާނުން އަމިއްލަޔަށް އެމީހުންގެ މަސަލަހަތު ނެގެހެއްޓުމެވެ. އެފަދަމީހުން އަމިއްލަ ވަޟަޢީ ޙުކުމް ދަމަހައްޓާނެއެވެ. ނުވަތަ އަމިއްލަޔަށް ފެންނަ ރަގަޅުގޮތެއް ނިންމާނެއެވެ.
އެއިގެ ނަތީޖާއަކީ ސަރުކާރުން ބޮޑެތި ޚަރަދުތަށް ކޮށްގެން ރައްޔިތުންގެ މަސްލަޙަތު ހިމާޔަތް ކުރުމަށް ބާއްވާ ޖަލްސަތަކުން ފާސްވާ ގަރާރުތަކާއި ޤާނޫނާއި ޤަވާއިދުތަށް ތާއަބަދު ބަދަލުކުރުންމަތީ ދެމިތިބެން ޖެހުމެވެ. އެހެނީ ނިކަމެތި ފަޤީރު ޤައުމުތަކުގައި ، ވެރިކަމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކޮންމެ ފަސް އަހަރަކުން އެއްފަހަރު ވެރިކަމުގައި ހުންނަވާ ވަލިއްޔުލް އަމުރުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން ހަދާލެވޭ ކޮންމެ ޤާނޫނާއި ޤަވާޢިދަކީ މާދަމާ މާތްﷲގެ ޙަޟުރަތުގައި ތިބާ ޖަވާބުދާރީ ވާންޖެހޭނެ ކަމެކެވެ. ތިބާފަދަ އިންސާނަކު މަސްލަޙަތު ހިމާޔަތް ކުރުމުގެ ނަމުގައި ނުވަތަ ގިނަމީހުންގެ ނިންމުމެއް ކަމުގައި ކަނޑައަޅައި އިސްލާމީ ޝަރީޢަތުގެ ހަމަތަކާއި ޚިލާފަށް ނިންމާ ނިންމުމަކީ އެއްބަޔަކަށް އެއިން ފައިދާތަކެއް ކުރިކަމުގައިވިޔަސް އަނެއްބައި މީހުންގެ ހައްޤުގައި އިހުމާލުވުން ކަމުގައި ހަނދާނުގައި ބަހައްޓާށެވެ. މާދަމާ އެފަދަ މީހުން ތިބާއާއި ދެކޮޅަށް ތެދުވެ ހަމަނުޖެހުން އުފައްދާ އަޑު އުފުލުމަކީ ވަޟަޢީ ޤާނޫނުގެ ދަސްތޫރެވެ. ވަޟަޢީ ހުކުމްތަކަކީ މާތްﷲގެ ހަޟުރަތުގައި ޤަބޫލުކުރެވިގެންވާ ޙުކުމްތަކެއް ނޫނެވެ. މާތްﷲ ވަހީކުރައްވާފައިވަނީ إِنِ الْحُكْمُ إِلَّا لِلَّهِ މާނައީ : “اللَّه އަށް މެނުވީ حكم ކުރެއްވުމެއްނެތެވެ.”
އާދެ ! ޖާހިލިއްޔަ ޒަމާނުގައި ކާންގެންގުޅޭ ކަދުރުން ބުދު ހަދައިގެން ބަނޑުހައި ވުމުން އެކަދުރުތަށް ކައި ހަދާ ބީދައިން ތިބާ ބޭނުން ވާހިދަކު އަމިއްލަ މަސްލަހަތު އިސްކޮށް ތިބާއަށް ފެންނަގޮތަކަށް ޤާނޫނު ބަދަލުކުރުމަކީ މަސްލަޙަތެއްނޫނެވެ.

ވިސްނާ ފިކުރުކުރުމަށް ސިކުނޑި ދެއްވި އިންސާނާއެވެ ! ތިބާ ތަބާ ވާންވީ އިންސާނުންގެ މަސްލަޙަތު އެކުލެވިގެން ވާގޮތަށް ރައްބުލް ކާއިނާތު ބާވާލެއްވި ޝަރީއަތަށްކަން ދަންނާށެވެ! ޤައުމެއް އާރާސްތުކުރަން ބޭނުންވާ ހުރިހައި ރިވެތި އުސޫލެއް އިސްލާމީ ޝަރީ ޢަތުން ފެންނަން ހުރިކަން ދަންނާށެވެ.
އިސްލާމީ ޝަރީއަތަކީ އޯގާތެރި ، މަތިވެރި، މުޖުތަމަޢަށް ގެއްލުން ކުރަނިވި ނޭއްގާނީ ޢަމަލުތަކުން މީސްތަކުން އެއްކިބާކުރުމުގެ ހިއްސީ ، މަޢުނަވީ ބާރު އެކުލެވިގެންވާ ތާއަބަދަށް ހުރިހައި ޒަމާނަކަށް އެކަށޭނެގޮތަށް އެކުލެވިގެންވާ ދިރިހުރި އަޚުލާޤީ ލާމަޘީލު ނަމޫނާ ޝަރީޢަތެކެވެ.

ދޭދެ ފަރުދުންގެ މަސްލަޙަތާއި މުޖުތަމަޢުގެ މަސްލަހަތާއި ފަލާޙާއި ކާމިޔާބަށް ވާސިލުވުމުގެ ހުރިހައި މަގެއް ކޮށާލެވިފައިވާ ރިވެތި ލާމަސީލު ނަމޫނާ ޝަރީޢަތެކެވެ.
ދައުލަތެއްގެ އަސާސީވާޖިބުތަކުގެ ތެރެއިން އެއްވާޖިބަކީ ރައްޔިތުންނަކީ ފުއްދުން ތެރި ވިސްނުންތެރި ބަޔަކަށް ހެދުމެވެ. އިސްލާމީ ޝަރީއަތަކީ ވަޒީފާގެ ފުރުސަތުތަކާއި އިޤްތިޞާދީ ހީނަރުކަމުން މުޖްތަމަޢު ސަލާމަތް ކުރުމުގެ ލާމަޘީލު ނަމޫނާ ދައްކާފައިވާ ޝަރީއަތެކެވެ. އެއިގެ ތާރީޚީ ހެކިތަށް އުމަރު ބިން ޢަބްދުލް ޢަޒީޒުގެ ޚިލާފަތުން ފެންނަން އެބަހުއްޓެވެ. ވަޟަޢީ ޤާނޫނުގެ މުއައްރިޚުންނަށް މިއަދާ ހަމަޔަށްވެސް އެކަމުގެ ފައިދާތަށް ޢަމަލީ ސިފައެއްގައި ދެއްކިފައެއްނެތެވެ. ވަޟަޢީ ޤާނޫނު އަށަގެންފައިވާ ގައުމުތަކުގައި ފިތުނަ ފަސާދަ އުފެދި އެއިގެ ހައްލު ހޯދުމަށް އިސްލާމީ ޝަރީޢަތުގެ ހުކުމްތަށް މިއަދު ތަންފީޛު ކުރެވެމުން ދެއެވެ. އިސްލާމީ ޝަރީޢަތަކީ ވަޟަޢީ ޤާނޫނުއާއި ޚިލާފަށް އިންސާނިއްޔަތަށް ޚިދުމަތް ކޮށްދިނުމުގެ އިތުރުން މުސްލިމުނަށް ފާގަތި މުސްތަޤުބަލަކަށް އެދޭނަމަ ތަބާވާންޖެހޭ އެންމެ ފުރިހަމަ ދުސްތޫރީ ނިޟާމެވެ.
އިންސާނުންގެ މަސްލަޙަތު ދެނެވޮޑިގެންވާ ފަރާތުގެ ހުކުމްތަކަށް ބޯލަބައި ކިޔަމަންވުމަކީ ދުނިޔޭގައި ހިންހަމަޖެހުމާއި އުފާ ލިއްބައިދޭ ކަމެކެވެ.
ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދޭނަމަ މާތްﷲ ބާވައިލެއްވި އެކަލާނގެ ޝަރީއަތުގައި އަންގަވާފައިވާ ގޮތަށް މައްސަލަތަކުގެ ހައްލު ހޯދަން މަސައްކަތްކުރާށެވެ! އެހެނީ އެނޫން އެހެން ހުރިހައި ޤާނޫނުތަކަކީ އިންސާނުގެ އަމިއްލަ އަތުން ހަދާފައިވާ އެއްޗެކެވެ. އެފަދަ ޤާނޫނު ތަކަކީ ތާއަބަދު ބަދަލުވެގެން ދާނޭ އެއްޗެއް ކަންދަންނާށެވެ!

އިލާހީ ގާނޫނަށް ތަބާވުމަކީ ތަރަށްޤީ އާއި ކުރިއެރުމަށް އެޅޭ ހުރަހެއް ނޫނެވެ. ޝަރުޢީ އުސޫލުތަކަށް ތަބާވުމަކީ ހެއްދެވިފަރާތާއި ގުޅިފައިވާ ކަމެކެވެ. ނަޞްރު ދެއްވާނީ މާތްﷲއެވެ. ދިރިއުޅުމުގެ ނިޟާމުގައި ކީރިތި ރަސޫލާގެ ސުންނަތުން ދަރުސްތައް ލިބިގަނެ ޝަރުޢީ ހުކުމްތަކަށް ބޯލަބައި ކިޔަމަން ވުމީ އިންސާނާގެ ޤަދަރު އުފުލި ކާމިޔާބުވެގެން ދިޔުމާއި އެކު ކީރިތިރަސޫލާ  ގެ ސުންނަތުން ސާބިތުވާ ގޮތްވެސް މެއެވެ.
އިސްލާމްދީނުގެ ޢަދާވާތްތެރިން އިސްލާމީ ވަޙުދަތު ގެ ފޭރާން ކުދިކުދި ކުރުމަށް ވަޟަޢީ ޤާނޫނުގެ ނަމުގައި މަސައްކަތް ކުރާމީހުން އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ޝަރުޢީ ހައްދު ތަަ ކަކީ އިންސާނިއްޔަތާއި ޚިލާފު ޢަމަލެއް ކަމުގައި ބުނެ ޝަހުވާނީ އެދުންތަކާއި ދުނިޔެވީ އެދުންތަކަށް މަގުފަހިކޮށްދޭ އުޤޫބާތަކީ މަސްލަހަތު ކަމުގައި ބުނެވޭ ފަދަ އިސްލާމް ދީނާއި ބީރައްޓެހި ފިކުރުތައް މުސްލިމުންގެ މެދުގައި ފެތުރުމަށް މަސައްކަތް ކުރަމުންދެއެވެ.
ވަޟަޢީޤާނޫނު ގައި އެންމެ ފުޅާކޮށް ވާހަކަ ދެކެވޭ އެއް “ހައްދަކީ” ވައްކަމުގެ ހައްދެކެވެ. އެއީ ލާއިންސާނީ ޖަރީމާއެއް ކަމުގައި ވަޟަޢީ ޤާނޫނުގެ އަހުލުވެރިން ނުވަތަ އިންސާނިއްޔަތަށް ޚިދުމަތް ކުރާމީހުން ފާހަގަ ކުރެއެވެ.
އިސްލާމީ ޝަރީޢަތުގައި ވައްކަން ކުރުމުގެ “ހައްދު” އަދި ވަޟަޢީ ޤާނޫނުގައި ވައްކަން ކުރުމުގެ އަދަބު ކަނޑައެޅިފައިވާ ގޮތަށް ބަލާއިރު އިންސާނިއްޔަތަށް ޚިދުމަތް ކޮށްދެވެނީ ކޮން ފިކުރެއްގެ ބަޔަކަށްކަން ދެނެގަތުމަށް އިންސާނުންނަށް ދެއްވާފައިވާ ބުއްދި ބޭނުންކޮށްގެން ވިސްނާ ފިކުރުކޮށްފިނަމަ އިސްލާމީ ޝަރީއަތުގެ ފުރިހަމަކަން ހާމަވެގެންދާނެއެވެ.
ވައްކަން ކުރުމުން ވަޟަޢީ ޤާނޫނުން ދެވޭ އަދަބުގެ ނަތީޖާއަކީ ކޮބައިތޯ ވިސްނާލުމަކީ އިންސާނާއަށް ދެއްވާފައިވާ ބުއްދިން ރަގަޅުގޮތް ހާމަވެގެންދާނޭ ހަޤީގަތެކެވެ.
ވައްކަން ކުރިމީހާގެ މައްޗައް އެކަންސާބިތުވުމުން ކޯޓުން އޭނަގެ މައްޗައް ހުކުމް އިއްވަނީ އެންއަހަރު ދުވަހުގެ ޖަލުހުކުމެކެވެ. އެފަދަ މީހަކީ އޭނާ ބަލަހައްޓަން ޖެހޭ އަންބަކާއި ދަރީންނާއި އަދިވެސް އެތަކެއް ޒިންމާތަކެއް ވާމީހެކެވެ. މިފަދަ ހާލަތެއްގައި އަނބި ދަރީން ނިކަމެތިވެ ، އޭނާ އުފުލަންޖެހޭ ޒިންމާތަކާއި މަސްޢޫލިއްޔަތު ތަކުން އެއްކިބާކުރުމެވެ. އެއިގެ ނަތީޖާއަކީ ކޮބައިތޯއެވެ ! ވައްކަން ކުރިމީހާގެ މައްޗައް ހުކުމް ކުރެވުނީ ވަޟަޢީ ޤާނޫނުންނެވެ. އެވައްކަން ކުރިމީހާގެ އަނބިމީހާ އާއި ދަރިންނާއި ، އެޢާއިލާއަށް އަދާކުރަންޖެހޭ ޒިންމާ ތަކަށް ހައްލެއް ގެނެވުނުތޯއެވެ. ކުށްކުރިމީހާގެ އިތުރުން އެހެންމީހުން ނަށްވެސް އެއިގެ އަދަބުދެވިގެންދެއެވެ، މައުސޫމު ދަރިންނާއި ، އަންބަކަށް އަދަބުދެވިގެން ހިނގައްޖެއެވެ. އިންސާނުން އަމިއްލަޔަށް ހަދާ ވަޟަޢީ ޤާނޫނުގެ ހަޤީގަތަކީ މިއީއެވެ.

އިސްލާމީ ޝަރީއަތް މިފަދަ މައްސަލަތަކަށްވެސް ވަރަށް ފުރިހަމަ ހައްލުގެނެސްފައިވެއެވެ. ވައްކަން ކުރިމީހާގެ އަނބިދަރީންނަށްވެސް ހައްލުހޯދައި ދެއްވައެވެ.
ވަޟަޢީ ގާނޫނު ޤަބޫލުކުރާ ގޮތުގައި އެފަދަ މީހަކަށް އެދެވުނު އަދަބަކީ އެއީ އިންސާފުވެރި ހައްޤު އަދަބެވެ. ކުށަށް އަރައިގަތް މީހާއަށް އެދެވުނީ އަދަބެއްތޯއެވެ ؟ އަދި ކިއެއްތަ އެއީ ހައްޤު އަދަބެއް ކަމުގައި ނުބެލެވޭނެ ވަރަށް ގިނަ ސަބަބުތަކެއްވެއެވެ.

ކުށްވެރިޔާއަށް އިތުރު ހިއްވަރެއް މިކަމުގައި ލިބިގެންދެއެވެ. އެއީ ކުށްވެރިޔާއަށް ކުށުގެ މާޙައުލުން ތަމްރީނު ހޯދުމަށް ދައުލަތުގެ ބައިތުލް މާލުން ޚަރަދުކޮށް އޭނާގެ ކެއިންބުއިން ބޭސްފަރުވާ ހިލޭސާބަހަށް ބަދަލެއް ނެތި އެންއަހަރު ދުވަހުގެ މުއްދަތަށް ބަލައި ހަދައެވެ. އަދި އަނބިދަރީން ބިކަވެ ނިކަމެތިވެއެވެ. އަނބިދަރިން ގެ ކެއުން ބުއިން އަންނައުނު ، ހޯދާނީ ކިހިނެއްތޯއެވެ. މުޖުތަމައަށް އިތުރު ބަލިމަޑުކަމެއް ފެތުރިގެން ދިޔުންނޫން އެހެން އިތުރު ކަމެއް ވޭތޯއެވެ. ޙުކުމް ކުރެވުނު މީހާއަށް ބަރޯސާވެ ދިރިއުޅުން ބިނާވެފައިވާ އެތައް އަފްރާދުންތަކަށް މިފަދަ އެހީތަކެއް ފޯރުކޮށް ދެނީކާކުތޯއެވެ. އެކަމުގެ ޒިންމާ ނަގަންޖެހޭނީ ކާކުތޯއެވެ. ފަހަރެެއްގައި ވައްކަން ކުރިމީހާގެ ޢާއިލާއަކީ ތަޤުވާވެރި ދީންވެރި ވަފާތެރި ޢާއިލާއެއް ކަމުގައި ވެއްޖެނަމަ އެފަދަ ޢާއިލާއަކަށް އަދަބުދިނުމަކީ ވަޟަޢީ ޤާނޫން ބުނާ އިންސާނިއްޔަތަށް ޚިދުމަތް ކުރުންތޯއެވެ.
ވަޟައީ ޤާނޫނުގެ އަދަބު ތަންފީޛު ކުރެވުނު ކުށްވެރިޔާދެވަނަ ފަހަރަށް މުޖުތަމަޢަށް އަނބުރާ އަންނައިރު ފަސޭހަ ކަމާއި އެކު ކުރީގައި އަރައިގަތް ކުށަށްވުރެ ބޮޑެތި ކުށްތަކަށް އަރައިގަންނަން ތަމްރީނު ލިބިފައިވެއެވެ. މިފަދަ ވަޟަޢީ ޤާނޫނުގެ ސަބަބުން ވައްކަންކުރާމީހާއަށް ހިތްވަރު ލިބި މުޖުތަމަޢު ފަސާދަވެގެން ދާކަމީ މިއަދު ފެންނަން އޮތް ހަޤީގަތެކެވެ.

އެންމެ މީހެއްކުރިކަމެއްގެ ސަބަބުން މުޅި ޢާއިލާއެއް ހަލާކުގެތެރެއަށް އެއްލާލުން ފިޔަވައި އެހެން އިތުރު ކަމެއް ވަޟަޢީޤާނޫން ފެންނަން އެބައޮތްތޯއެވެ. އަދި އެވައްކަން ކުރިމީހާއަށް ދެވުނީ އަދަބެއްތޯއެވެ. ނުވަތަ އިތުރު ފުރުސަތެއްތޯ ނުވަތަ އިތުރު ތަޖުރިބާއެއް ލިބުމުގެ ފުރުސަތެއްތޯއެވެ. މިއީ ޒަމާނީ ވަޟަޢީ ވަޟަޢީ ޤާނޫނުއިން ކުށުގެ ވެއްޓަށް ކުށްވެރިޔާ ތަރުބިއްޔަތު ކޮށް އެހީވުން ފިޔަވައި އެހެން ކޮންކަމެއްތޯއެވެ. މިއީ ކުށްކުރާމީހާ އިސްލާޙުވުމުގެ އިތުރުން އެފަދަ މީހުންނަށް އެހީވުމުގެ ގޮތުން ސަރުކާރުގެ ބަޖެޓުން ބޮޑުބައެއް ހޭދަކުރުން ނޫންތޯއެވެ.އިޤްތިޞޯދީ ގޮތުން ދައުލަތަށް ލިބިގެންދާ ހީނަރުކަމެއް ނޫންތޯއެވެ. މުޖުތަމަޢުގެ އަމަން އަމާންކަން ނަގާލާފަދަ ބަޔަކު ތައްޔާރު ކުރުންނޫންތޯއެވެ. އެފަދަ މީހުންނަކީ މާދަމާ ބިރުފަހަނަޅާ ކުށަށް އަރައިގަތުމުގެ ހިތްވަރުލިބި އަނބުރާ މުޖުތަމައަށް ރުޖޫޢަވާހިދު މުޖުތަމައުގެ އަފްރާދުންގެ މުދަލަށް ނުރައްކަލެއްގެ ގޮތުގައި ވެގެންދާނޭ ބައެއްނޫންތޯއެވެ. މިފަދަ ވަޟަޢީ ޤާނޫނުއެއްގެ ސަބަބުން ކުށްވެރިޔާނޫން އެހެން މައުސޫމު ބަޔަކަށް އަދަބު ދެވެނީނޫންތޯއެވެ. ކުށްވެރިޔެއްގެ އަނބިދަރީން ނިކަމެތި ވުމާއި ، އަންނަން އޮތް ޖީލަށް އެފަދަ ޢާއިލާތަކުން ކުށްވެރިން އުފެދި ބޮޑުވުމާއި ، ފާޙިޝް އަމަލުތަކަށް އެފަދަ ޢާއިލާތަކުގެ މައިންނަށް އަރައިގަތުމަށް މަގުފަހިވުމާއި ، ކުށުގެ ވެއްޓަށް އާދަވެ އެކަންތައް ތަކުން ދުރުވުމަކީ ހަށިގަނޑުގައި އަޅާވޭނެއްފަދަ ގޮތަކަށް ވެގެންދިޔުންނޫންތޯއެވެ.
މިފަދަ ބޭކާރު ޚަރަދު ތަކުގެ ސަބަބުން ވަޟަޢީ ޤާނޫނުގެ ސަބަބުން ދަރަނިވެރިވެ އަތްނުފޯރާފަށަށް އެދަރަނިތަށް ދިޔުމުން އެކަމުގެ ހައްލެއް ހޯދުމަށް އަގުބޮޑު ރައުސުލް މާލު އިސްލާމްދީނުގެ އަދާވާތް ތެރިންގެ އަތްމައްޗަށް ދޫކުރެވި ކުޑަކުއްޖަކަށް ބޯޅައެއް ލިބުމުން ކުޅޭފަދައިން އިސްލާމީ ދައުލަތުގެ ވަހުދަތާއި އިސްތިޤުލާލު ގެއްލި އެއްކައުވަންތަ އިލާހަށް ތަބާވާ މުސްލިމުން އަޅުވެތިވެ މުސްލިމުންގެ ގަދަރާއި ޝާނާއި ޝައުކަތު ގެއްލި ނިކަމެތިވެ ވިއްސިވިހާލެވި ވެއްޔާއި މޮޑެވި މުސްލިމުންގެ ޢަދާވާތްތެރިންނަށް މުސްލިމުންނާއި ކުޅުމަށް ފުރުސަތުދެވެއެވެ. ނަތީޖާއަކީ ވަޟަޢީ ޤާނޫނުގެ ބާނީންގެ ގޮތުގައި ދަޢުވާ ކުރާމީހުންގެ ލާދީނީ އުސޫލުތަކަށް ތަބާވާން މަޖުބޫރުވުމެވެ.
އިސްމީ ޝަރީޢަތަކީ ހުރިހައި ކަމެއްގެ ހައްލެވެ. ވައްކަން ކުރާމީހާގެ މައްޗައް ހައްދު ޤާއިމު ކުރުމުގެ ޝަރުޠު ފުރިހަމަވުމުން ، ޖަމާއަތެއްގެ މީހުންނަށް ފެންނަ ގޮތަށް ވައްކަމުގެ ހައްދު ކަމުގައިވާ ކުޑަހުޅުން ކަނާތު އަތް ފުރަތަމަފަހަރު ކަނޑާލުމުން އެމަންޟަރު ފެންނަ މީހުންވެސް މިފަދަ ނޭއްގާނީ ޢަމަލުތަކާއި ދުރަށް ދާނެކަން ކަށަވަރެވެ. ހައްދު ޤާއިމު ކުރެވުނު މީހާގެ ޢާއިލާގެ މެންބަރުން ކުރިމަތީގައިވެސް ލަދުގަންނަން ޖެހި ކުށްކުރުމުގެ ޚިޔާލާއި މުޅިން ދުރަށްދެއެވެ. ޢާއިލާގެ މަސްލަޙަތު ހިމާޔަތް ކުރުމުގައި ކުރިޔަށްވުރެ ބޮޑަށް ގަދައަޅައި މަސައްކަތް ކުރެއެވެ.

ތިމާ އުޅޭ މާހައުލުގައި މީސްތަކުންގެ ނުރުހުމާއި މަލާމާތް ލިބުމުން އެހެން މާހައުލަކަށް ދިޔަކަމުގައި ވިޔަސް އެފަދަ މީހަކު ފެންނަ ކޮންމެ މީހަކަށް އެވައްކަން ކުރިމީހާގެ ކުށެއް ފޮރުވޭކަށް ނޯވެއެވެ. އިސާހިތަކު މާތްﷲގެ ހަޟުރަތަށް ތައުބާވެ މަޣުފިރަތަށް އެދޭނެއެވެ. އިސްލާމީ ޝަރީޢަތުގައި މީސްތަކުންނަށް އަދަބު ދިނުމުގެ މަޤުޞަދަކީ ކުށް ކުރާމީހުންނަށް ކުށަށް ދެވަނަ ފަހަރު އަރައި ގަންނަން ހުރި ހުރިހައި ދޮރެއް ބަންދު ކުރުމެވެ. އިންސާނިއްޔަތާއި ޚިލާފު އަދަބު ތަކެއް ދިނުމެއް ނޫނެވެ.

އިންސާނާ އުފެއްދި ޚާލިޤަކީ މާތްﷲއެވެ. އިންސާނުންނަށް ރަގަޅުގޮތް ދެނެވޮޑުވޮޑިގެންވާ ފަރާތަކީ މާތްﷲ އެވެ. ކުށް ކުރާމީހާއަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބު ދެވިއްޖެނަމަ މުޖުތަމަޢުގައި އުފެދޭ ނޭއްޤާނީ ވަބާތައް ކަމުގައިވާ ފަސާދައާއި ، ރިޝްވަތު ފަދަ ކަންކަމުން މުޖުތަމަޢު ސަލާމަތްވެގެން ދެެއެވެ. އިސްލާމީ ޝަރީޢަތަކީ ބަރަކާތާއި ރަހުމަތް ޝާމިލުވެގެންވާ ޝަރީޢަތެކެވެ. އިސްލާމީ ޝަރީޢަތުގެ އަސްލާއި އުޞޫލުގެ މައްޗައް ހުކުމްކުރެވި އެތަނެއްގައި ޝަރީޢަތް ޤާއިމު ކުރެވިއްޖެނަމަ ހުރިހައި އިންސާނުންވެސް މިޝަރީޢަތް ތަންފީޛުކުރަން އެދޭނެ ކަމީ ޝައްކެއް ވަސްވާހެއް އޮތްކަމެއް ނޫނެވެ. އެހިދު މާތްﷲގެ ބަރަކާތާއި އަމާންކަމާއި ފާގަތިކަމާއި އެކުވެރިކަމާއި ހުރިހައި ރިވެތި ސިފަތަކުން ޒީނަތް ތެރިވެގެންވާ ފަރުދުން ތަކެއްގެ މައްޗައް ބިނާވެގެންވާ ޢާއިލާތަކާއި އެޢާއިލާތަކުން ޞާލިހު ދަރިންތަކެއް އުފެދި ، ރަގަޅު ފާގަތި މުޖުތަމަޢެއް ބިނާކުރެވި އެފަދަ މުޖުތަމަޢަކީ ފުރިހަމަ އިސްލާމީ ދައުލަތެއް ކަމުގައިވެ އިސްލާމީ މުޖުތަމަޢުގައި އެންމެން އެއްސަފެއްގައި ގަރުބަގަތީއްސުރެ ފާގަތި ދުޅަހެޔޮ ސިއްހަތަކާއި އެކު އެއްވެސް ބިރެއްނެތި ދުނިޔޭގެ ހަޔާތް ވޭތުކުރާނެއެވެ.
ވަޟަޢީ ޤާނޫނުގެ އަހުލުވެރިންނޭވެ ! އިސްލާމީ ޝަރީޢަތުގެ މަޤްޞަދަކީ، މީސްތަކުންގެ ޢާއްމު މަޞްލަޙަތު ޙިމާޔަތްކޮށްދީ އެބައިމީހުންނަށް ގެއްލުންހުރި އެންމެހައިކަންތައްތަކުން ރައްކާތެރިކޮށްދިނުމެވެ. އިސްލާމީ ޝަރީޢަތުގެ އެންމެހައި ޙުކުމްތައް އައިސްފައިވަނީ މިމަޤްޞަދު ޙާޞިލުކޮށް ދިނުމަށަވެ. ޝަރީޢަތުގެ އެކިއެކި ޙުކުމްތަކުން މިކަން ވަރަށް ރަނގަޅަށް ސާފުވެއެވެ. މާތް ﷲ ވަޙީކުރައްވައެވެ. وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ މާނައީ” ތިޔަބައިމީހުންނަށް ދަތި އުނދަގޫވާކަމެއް ދީނުގައި ލައްވާފައިނުވެއެވެ.” އަދިވެސް ވަހީކުރައްވާފައިވެއެވެ . يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ މާނައީ : ލުއިފަސޭހަ ގޮތްތައް الله ތިޔަބައިމީހުންނަށް އިރާދަ ކުރައްވައެވެ. އަދި ދަތި އުނދަގޫ ގޮތްތަކެއް އެކަލާނގެ ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވައެވެ.” يُرِيدُ اللَّهُ أَنْ يُخَفِّفَ عَنْكُمْوَخُلِقَ الإنْسَانُ ضَعِيفًا މާނައީ”އިންސާނާ ޚަލްޤު ކުރެވިގެންވަނީ ނިކަމަތި ޙާލެއްގައި ކަމުން، ﷲ އެދިވޮޑިގަންނަވަނީ، ތިޔަބައިމީހުންނަށް ލުއިފަސޭހަ ކުރެއްވުމެވެ.”

ހަމަކަށަވަރުން އިސްލާމީ ޝަރީޢަތުން މީސްތަކުންގެ މައްޗައް ހުކުމް ކުރެވެންޖެހޭނީ ޝަރުޢީ ގިއުގަނޑުގެ ތެރޭގައި މީސްތަކުންނަށް ލުއިފަސޭހަ އަދި ގެއްލުން އެންމެ ކުޑަވާ ގޮތެއްގެ މައްޗައް ބިނާކޮށް އިސްލާހުކުރުމުގެ މަޤުސަދުގައެވެ.
މުޖުތަމަޢުގެ މަސްލަހަތު ރައްކާތެރި ކުރުމަށް ޝަރުޢީ އުސޫލަށް ތަބާނުވެވިއްޖެނަމަ ފަހުން ހިތާމަކޮށް ދެރަވާނެއެވެ.

އިންސާނާގެ ޙަޤީގަތަކި އިންސާނާއަކީ އަނިޔާވެރި ޖާހިލު ކުށްކުރާމީހެކެވެ. ވީމާ ޝަރުޢީ ގިއުގަނޑުގެ ތެރޭގައި ނިންމޭކަންތައް ތަކުގައި ގެއްލުމެއް ނުވާނެކަން ކަށަވަރެވެ. ތިގެމާއަމިއްލަ ޒާތީ ކަންތައްތައް ވުރެން މުޖުތަމަޢުގެ މަސްލަހަތާއި ލާބައަށް މަސައްކަތް ކުރުމަކީ ތިމާގެ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާނެކަމެވެ. އެއިގެ ސަބަބުން ތިމާއަށް ގިނަފަހަރު ހިތް ހަމަޖެހުން ލިބޭނެކަން ކަށަވަރެވެ. އިސްލާމީ ޝަރީޢަތަކީ އަދުލު އިންސާފުގެ ދީނެވެ. ވަކިބަޔެއްގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރާ ދީނެއް ނޫނެވެ. ކީރިތި ރަސޫލާ  ހަދީސް ފުޅު ކުރައްވަނީ وَالَّذِي نَفْسِي بِيَدِهِ لَوْ أَنَّ ‏‏ فَاطِمَةَ بِنْتَ مُحَمَّدٍ ‏‏ سَرَقَتْ لَقَطَعْتُ يَدَهَا މާނައީ : ”ތިމަން ކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ހުވާ ކުރައްވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވިއަސް، ތިމަން ކަލޭގެފާނު އެކަމަނާގެ އަތްޕުޅު ކަނޑުއްވާ ހުށީމެވެ.” ޝަރުޢީ އުސޫލުގެ މަތީން މީސްތަކުންގެ ފައިދާއަށާއި މަސްލަޙަތަށް މަސައްކަތް ކުރާމީހުންނާއި އެކީގައި މަސައްކަތް ކުރުމަކީ ކާމިޔާބަށް ވާސިލުވުމަށް ތިމާއަށް ލިބޭ ހިތްވަރެއްކަން ދަންނާށެވެ. ޝަރުޢީ ކަންތައްތަށް ނުދަންނަ މީހުންގެ ފަތުވާގެ މައްޗައް ބިނާވެ ނިންމާ ނިންމުކަމީ މުޅި މުޖުތަމަށް ވެވޭ ޚިޔާނާތެއް ކަން ދަންނާށެވެ. މާތްﷲ އަށް ކިޔަމަންވެ އެކަލާނގެ ޝަރީއަތް ތަންފީޛު ކުރަން މަސައްކަތް ކުރާ މީހަކީ މާތްﷲގެ ހަޟުރަތުގައި ޤަދަރު އުފުލި އަމާން ބަނދަރަކަށް ވާޞިލުވާނޭ މީހެކެވެ. ކަމާއި ނުގުޅޭ މީހުންގެ ފަތުވާ ހޯދުމަކީ ތިމާގެ ބޮޑާކަމާއި ތިމާގެ މޮޅުކަން އެހެންމީހުންނަށް ދެއްކުމެވެ. ނުވަތަ ތިމާގެ ނުކުޅެދުންތެރިކަމެވެ. އަބަދުވެސް ތިމާއަށް ކަންކަމުގައި އެންމެ ރަގަޅު އުސޫލުތަކެއް ފެނިގެންދާނީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ  ގެސުންނަތުން ކަން ދަންނާށެވެ. ޤުރުއާނާއި ސުންނަތަކީ ތިމާގެ އިއްޒަތާއި އަބުރު އަދި ތިމާގެ މަސްޢޫލިއްޔަތާއި ގުޅުން ހުރި ކަންތައްތަކުގައި ތިމާއަށް ކާމިޔާބު ލިބޭނެ ދާއިމީ ވަޞީލަތެއް ކަންދަންނާށެވެ ! އިސްލާމީ ޝަރީއަތް ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި އިޚުލާސްތެރި ވެއްޖެނަމަ އެކަންތަކަކީ އަޅުކަމެކެވެ. އެކަމުގައި މާތްﷲ ޘަވާބު ދެއްވާނެއެވެ. ހެޔޮ ކަންތަކުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްލާމްދީން އެކަމަށް އަމުރުކުރާކަމެކެވެ.ގިނަ މީހުންތަބާވިކަމުގައި ވިޔަސް އިސްލާމީ ޝަރީޢަތާއި ޚިލާފުވާ ފަދަކަމެއްގައި ގިނަބަޔެއްގެ ނިންމުމެއް ބެލުމެއްނެތެވެ. އެއިގައި ބަލަންޖެހޭނީ އިސްލާމީ ޝަރީޢަތް ހުއްދަ ކުރާގޮތެއްގެ މައްޗަށެވެ. އެހެނީ އިންސާނުން ހެއްދެވިފަރާތުގެ ޤާނޫނުން އިންސާނުންނަށް ގެއްލުމެއް ނުވާނެއެވެ. އެ ޝަރީޢަތް ބާވައިލެއްވުނީ އިންސާނުންގެ މަސްލަޙަތު ހިމާޔަތް ކުރުމަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!