މަޝްވަރާގެ މުހިންމުކަން

މަޝްވަރާއަކީ ގިނައަފްރާދުންގެ ނިންމުމުގެ މައްޗައް ބުރަވެ ގޮތެއްނިންމުމެވެ.  އެންމެންގެ މަސްލަޙަތު ހިމެނޭ ގޮތެއްގައެވެ. އިސްލާމްދީނު ގައި މަޝްވަރާކުރުމަކީ އިސްލާމީ އުއްމަތަށް ލިބިގެން ވާހައްޤެކެވެ. ޤައުމުގެ ވެރިންނަށް ވާޖިބުވެގެންވާ ކަމެކެވެ. އެއީ ސިޔާސީ ނިޟާމުގެ ތެރެއިން ހިމެނިގެންވާ ކަމަކެވެ.  މަޝްވަރާކުރުމަކީ މުޖްތަމަޢުގެ އިޖްތިމާޢީ ކަންތައްތަކުގެ ވެސް ފުރިހަމަ ހައްލެއް ކަމުގައި ދަންނާށެވެ.     ތަޖުރިބާކާރުންނާއި ކަމާއި ބެހޭ ހުރިހައި ފަރާތްތައް ގުޅިފައިވާ މަތިވެރި ގުޅުމެއްވެސް މެއެވެ.

މުޖުތަމަޢެއް ބިނާކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޢާއިލާއެއްގެ ފަރާތުންނެވެ. ޢާއިލާއެއް އެކުލެވިގެންވަނީ ޒަވާޖީޙަޔާތެއް ފެށުމަށްފަހުގައެވެ. އެޙަޔާތުގެ އެންމެ މަތިވެރި ރައުސުލް މާލަކީ ދަރިންނެވެ. ޢާއިލާގެ ޒިންމާދާރު ވެރިޔަކަށް ހުންނަ ބޭފުޅެއްގެ ފަރާތުން ދެމަފިރިންނާއި ދަރީންގެ މަސްލަޙަތު ހިމެނޭކަންކަމުގައި މަޝްވަރާނުކުރެވުމުގެ ސަބަބުން  އެއިގެ ނޭދެވޭ އަސަރުތަށް މުޅިޢާއިލާއަށް ކުރެއެވެ.

ދަރީންގެ ކުރިމަގު ބައްޓަންކުރުމުގެ ގޮތުން ދަރީން ކުރިޔަށް ދާންބޭނުންވާ ރޮނގަކުން ދަރީން ކުރިޔަށް ދިޔުމަށް މަޝްވަރާކުރުމަކީ މިއަދުގެ މުޖުތަމަޢު އިން މަދުންނޫނީ ނުފެންނަ އާދައެކެވެ. ގިނަފަހަރަށް ޢާއިލާގެ ވެރިޔެއްގެ މަޤާމުގައި ހުންނަ ފަރާތަކުން އެފަރާތަަށް ފެންނަ ރޮނގަކުން ދަރިންގެ ކުރިމަގު ބައްޓަންކުރުމަކީ ދަރީންގެ ޤާބިލުކަން މުޖުތަމައަށް ދެއްކުމަށް އެޅޭހުރަހަކަށް ވެގެންދެއެވެ.

ދިވެހިރާއްޖޭއަކީ ދުނިޔޭގެ ނިސްބަތުން އާބާދީ ކުޑަޤައުމެކެވެ. ހިތާމަޔަކީ މި ދިވެހިރާއްޖެ ވަނީ ވަރީގެ ނިސްބަތް އެއްދުވަހުން އަނެއްދުވަހަށް އިތުރުވެފައެވެ. އެއިގެ އެއްސަބަބެއް ކަމަށް އަޅުގަނޑުދެކެނީ ޢާއިލާގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ މަޝްވަރާގެ ރިވެތި އުސޫލު ގެއްލިގެންދިޔުމެވެ. ލިބިފައިވާ ބާރެއްގެ ބޭނުން ނަހަމަގޮތުގައި ކުރުމަށްވުރެ ވާހަކަދައްކައިގެން މަޝްވަރާގެ ރިވެތި އުސޫލުން ކަންތައްތައް ނިންމުމަކީ މީސްތަކުންގެ ލޯތްބާއި އިހުތިރާމު ލިބިގެންވާކަމެކެވެ.

ޤައުމުގެ މުސްތަޤުބަލުކަމުގައިވާ މިއަދުގެ ކުޑަކުދީން މާދަމާގެ ހަރުދަނާ މައިންބަފައިން ކަމުގައިވާއިރު މަޝްވަރާކުރުމުގެ ރިވެތި އާދަ ދަސްކޮށް ނުދެއްވައިފިނަމަ މާދަމާގެ މުޖުތަމަޢުއިން މިފަދަ ރިވެތި އާދަ ފޮހި ، ނެތިގެންދާނެއެވެ.

މުސްލިމު އަޚުންނޭވެ ! މަޝްވަރާކުރުމަކީ އިސްލާމްދީނުގެ އަސާސުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. މަޝްވަރާކުރުމަކީ ޞާލިހު މުއުމިނުންގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ.   وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ [1] މާނައީ ” އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު قائمކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ مشورةގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ”

މުސްލިމު އަޚުންނޭވެ ! އިސްލާމީ ޝަރީއަތަކީ އެންމެންގެ އިހުސާސްތަކަށް އިޙުތިރާމް ކުރާ ޝަރީއަތެކެވެ. އެއިގެ ހެއްކަކީ ކީރިތި ރަސޫލާ r އެކަލޭގެ ފާނުގެ ޙަޔާތް ޕުޅުގައި ކުދިބޮޑު އެންމެންނާއި ކަންކަމުގައި މަޝްވަރާ ކުރައްވާފައިވުމެވެ. ކޮންމެ ބަޔަކަށްވެސް ދިރިއުޅުމުގެ ޙައްޤު ލިބިގެންވެއެވެ. ހަމައެފަދައިން ޙަޔާތް ބާއްޖަވެރި ކުރުމަށް ބޭނުންވާ އެންމެ މުހިއްމު ޑިމޮކްރަސީ އުސޫލަކީ މަޝްވަރާގެ އުސޫލެވެ.

މާތްﷲ ކީރިތި ރަސޫލާ r އަށް  މަޝްވަރާކުރުމަށް އަމުރު ކުރައްވާ ފައިވެއެވެ. އަދި އެއަށް ފަހު އެގޮތުގައި ދެމިހުރުމަށް އަންގާފައިވެއެވެ. މާތްﷲ ވަޙީކުރައްވާ ފައިވެއެވެ.  وَشَاوِرْهُمْ فِي الأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللّهِ إِنَّ اللّهَ يُحِبُّ الْمُتَوَكِّلِين [2] މާނައީ ” އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورةކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزمކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّهއަށް وكيلކުރައްވާށެވެ! ހަމަކަށަވަރުން، وكيلކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.”

މުސްލިމު އަޚުންނޭވެ ! ދޭދޭ ޤައުމުތަކުގެ މެދުގައި ދެބަސްވެފައިވާ ކަންތައްތައްތަކުގެ ހައްލު ހޯދުމުގެ ގޮތުން މަޝްވަރާކުރުމަކީ މިއަދު އެންމެން ދަންނަ ޙަޤީގަތެކެެވެ. އެންމެ ކާމިޔާބު ގޮތެއްގައި ކުރެވޭ މަޝްވަރާއަކީ ކަމުގެ ތަޖުރިބާ ކާރުންނާއި ކުރެވޭ މަޝްވަރާ ކަންދަންނާށެވެ. ކަމާއި ބެހޭފަރާތްތަކާއި ނޫން އެހެންފަރާތް ތަކާއި ކުރެވޭ މަޝްވަރާތަކަކީ ޚިޔާނާތެއް ކަންދަންނާށެވެ. ބައިނަލް އަޤުވާމީ ކޯޓް ގެ ގޮތުގައި އުފެދިފައިވާ އައި.ސީ.ޖޭ ގެ ވެސް ގިނަ ނިންމުންތަކުގައި ކަނޑައަޅާފައިވަނީ ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިންނިންމުމެވެ.   ބައިނަލް އަޤުވާމީ ޖަމްޢިއްޔާތަށް އުފެދިފައިވާއިރު ހުރިހާ ޖަމްޢިއްޔާ ތަކުން ނިންމާ ކޮންމެ ނިންމުމަކީ މަޝްވަރާކުރެވުމަށް ފަހުނިންމާ ނިންމުންތަކެވެ.  މަޝްވަރާކުރުމަށް ފަހުނިންމޭ ގޮތްތަކާއި ޚިލާފްވުމަކީ މުސްލިމުންގެ ސިފައެއްނޫނެވެ. އެއީ އިސްލާމްދީނުގެ ޢަދާވާތް ތެރިންކަމުގައި ވާ ޔަހޫދީންގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ.  އެއިގެ ދިރިހުރި މިސާލަކީ އިޒްރާއީލެވެ. މަޝްވަރާގެ ޚާއްސިއްޔަތަށް ބަލާއިރު އެއީ ދީނުގެ ރިވެތި އުސޫލުގެ އިތުރުން މާތްﷲއަށް ކިޔަމަންތެރި ވުން އެއިގައި އެކުލެވިގެންވާ ނަބީބޭކަލުން ސުންނަތެއްވެސް މެއެވެ.

ކީރިތި ރަސޫލާ r ޙަދީސްފުޅު ކުރައްވާ ފައިވަނީ  إِنَّ أُمَّتِي لَا تَجْتَمِع عَلَى ضَلَالَة    [3]. ” ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުން ނުބައިކަމަކަށް އެއްބައި ނުވާނެއެވެ. “

މަޝްވަރާކުރުމަކީ އަޅުކަމެކެވެ. އެއިގެ ސަބަބުން އެންމެ ރަގަޅު ފައިދާ ހުރިގޮތަށް ވާސިލުވެގެންދެއެވެ. ހުނަރާއި ކަމަށް އެންމެ ޤާބިލުމީހުން އެނގެއެވެ. މީސްތަކުންގެ ހިތްތައް އެކުވެރި ކުރުވައެވެ. ތަރުބަވީގޮތުން އެންމެންނަށް އެއްގޮތަކަށް ތަބާވުމުގެ ފުރުސަތު ހުޅުވެއެވެ. އަދި ފިތުނަތަކާއި ދެބަސްވުން ތަކާއި ހަސަދައިން ދުރުކޮށްދެއެވެ. އިސްލާމީ ދައުލަތެއް ޤާއިމުކުރުމުގެ ކުރިންވެސް އަދި އެއިގެ ފަހުންވެސް މަޝްވަރާކުރުމަކީ ނަބަވީ ތަރުބަވިއްޔަތުގެ ތެރޭގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ގެތެރެއިން ކަމެއްކަން ދަންނާށެވެ. އެހެނީ ކީރިތި ﷲ U އެކަމުގައި ޘަނާކިޔުއްވާ ފައިވާ ކަމެކެވެ.   މަޝްވަރާއަކީ މީސްތަކުންނަށް އެއިގެ ބޭނުން ތެރިކަން އެހާބޮޑުކަމަކަށް ވެފައި ކީރިތި ޤުރުއާނުގައި މަޝްވަރާގެ ނަމުން ސޫރަތަކަށް ނަން ދެވިގެންވެއެވެ.

މަޝްވަރާގެ ސަބަބުން އެންމެން އެއްސައްފެއްގައި މަސައްކަތްކުރެވި މުޅިއުންމަތް އެއްބައިވަންތަ ބަޔަކަށްވެ އިސްލާމްދީނުގެ އިއްޒަތާއި ކަރާމާތް އުފުލިގެންދެއެވެ. އެބަޔެއްގެ ތެރޭގައި މަޝްވަރާ ކުރެވިއްޖެނަމަ އެބައިމީހުންނަށް ގެއްލުމާއި ފައިދާތަށް ވަކިކޮށް ދެނެގަނެވުމަށް ފަސޭހަވެއެވެ.

މަޝްވަރާދެއްވާ ޢަޚުންނެވެ ! ތިޔަބައިމީހުން ގެ ނިޔަތް މާތްﷲ U އަށް އިޚުލާސްތެރި ކުރާށެވެ. ހަމަކަށަވަރުން   މަޝްވަރާއަށް އެދޭމީހުންނަކީ ތިމާއަށް އިތުބާރު ކުރާ މީހުން ކަމުގައި ހަނދާނުގައި ބަހައްޓާށެވެ. ދެވޭ ކޮންމެ މަޝްވަރާއަކީ  އަމިއްލަ އެދުމުން އެއްކިބާވެ ، ތިމާއަށް ފެންނަ އެންމެ ރަގަޅުގޮތް ކަމުގައި ބަޔާންކުރުމަކީ އަނެކާއަށް އިތުބާރު ލިބިގެން ދާނޭ ކަމެއް ކަންދަންނާށެވެ. މުޅި މައްސަލަ އެއްކޮށް އަޑުއެއްސެވުމަށް ފަހުގައިނޫނީ ގޮތެއް ކަނޑަ ނައަޅުއްވާށެވެ. މީސްތަކުންގެ ޢައިބުތަކާއި ސިއްރުތަކަށް ރައްކާތެރިވާށެވެ.

 މުސްލިމު އަޚުންނޭވެ ! ޤުރުއާނުގެ ނައްޞެއް ބަޔާންވެގެން ނުވާކޮންމެ ކަމެއްގައި މަޝްވަރާ ކުރެވިދާނެއެވެ.  ބަދުރު ހަނގުރާމައި ގައި ހައްޔަރުވި އަޘީރުންނާއި ގުޅޭގޮތުން އަބޫބަކުރުގެ ފާނު އަދި އުމަރުގެ ފާނާއި ކީރިތި ރަސޫލާ މަޝްވަރާކުރައްވާ ފައިވެއެވެ.  ދިރިއުޅުމުގެ ތަފާތު ކަންތައް ތަކުގައި އެކަލޭގެ ފާނު އަސްޙާބު ބޭކަލުންނާއި މަޝްވަރާކުރައްވާ ފައިވެއެވެ. މަޝް ވަރާކުރުމުގެ ނަތީޖާއަކީ ދެބަސްވުންތަކާއި އިޚްތިލާފުތަކުން މީސްތަކުން އެއްކިބާވެ އެންމެން އެކަތިގަނޑަކަށްވެ ކުރިޔަަށް ދިޔުމުގެ މަގުތަނަވަސްވެގެން ދިޔުމެވެ. ކޮންމެ ކަމެއްގައިވެސް އެކަމުގެ އަހުލުވެރި ތަޖުރިބާ ކާރުންނާއި މަޝްވަރާ ކުރުމަކީ އަންގަވާފައިވާ ގޮތެވެ. ޤުރުއާނުގެ ޤަޠުޢީ ނައްޞަކުން ސާބިތުވެފައިވާ ކަމެއްގައި މަޝްވަރާ ނުކުރެވޭނެއެވެ. އެއިގައި އަމިއްލަ ރައުޔެއް ކަނޑަ ނެއެޅޭނެއެވެ. ހަމަ އެފަދައިން އުންމަތުގެ އިލްމުވެރިން ޢިޖްމާޢުވެފައިވާ ކަމެއްގައި މަޝްވަރާނު ކުރެވޭނެއެވެ. މާތްﷲ  ވަޙީކުރައްވާ ފައިވެއެވެ.   وَمَا كَانَ لِمُؤْمِنٍ وَلَا   مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْراً أَن يَكُونَ لَهُمُ   الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ   ضَلَالاً مُّبِيناً[4]

 އަދި اللَّهއާއި، އެކަލާނގެ رسولއާ ކަމަކަށް ނިޔާކުރައްވައިފިހިނދު،
مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّهއަށާއި، އެކަލާނގެ رسولއާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ. މާތްﷲ އަޅުގަނޑުމެންގެ  ތެރޭގައި މަޝްވަރާގެ ރިވެތި އުސޫލު ހިފެހެއްޓުމުގެ ހެޔޮ ތައުފީޤުދެއްވާށި ! އާމީން

ތިޔަބައިމީހުން މާތްﷲއަށް ބިރުވެތިވާށެވެ. ޣައިބުގެ ޢިލްމު ދެނެވޮޑިގެންވާ ފަރާތާއި ކުދި ބޮޑު  ހުރިހާކަމެއް ގައި މަޝްވަރާކުރައްވާށެވެ.

މީސްތަކުންނޭވެ. އިންސާނާގެ އެންމެ ރަނގަޅު ނިންމުމަކީ މާތްﷲ  ޙަޟުރަތުން މަޝްވަރާއަކަށް އެދުމަށް ފަހުނިންމޭ ނިންމުންތަކެވެ.

ހަތަރުކަމެއް އެމީހެއްގެ ފަރާތުން ފެނިއްޖެނަމަ ހަތަރުކަމަކުން މަނާނުވެވޭ ހުއްޓެވެ. ޝުކުރުކުރުމުގެ ނަސީބުލިބިއްޖެ މީހަކަށް އިތުރުވުމަށް މަނާނުވެވޭ ހުއްޓެވެ.  ތައުބާވުމުގެ ނަސީބުލިބިއްޖެނަމަ ތައުބާ ޤަބޫލު ވުމަށް ހުރަހެއް ނުވާހުއްޓެވެ. މާތްﷲގެ ފަރާތުން މަޝްވަރާއަށް އެދިއްޖެނަމަ ހެޔޮކަންތަކުން މަނާނުވެވޭ ހުއްޓެވެ.

މަޝްވަރާކޮށްގެން ނިންމޭ ނިންމުމަކީ ހެޔޮކަމަށް އެޅޭ ހުރަހެއްނޫނެވެ. މަޝްވަރާކުރުމަކީ ހުރިހައި ހާލެއްގައިވެސް މާތްﷲއާއި ގުޅިފައިވާ ކަމެކެވެ. އަބަދުވެސް ކަންކަމުގެ ނަޞްރުދެއްވާނީ މާތްﷲ ކަންކަށަވަރެވެ. އެންމެ ރަގަޅުގޮތަކީ ކަމުގެ އަހުލުވެރިންނާއި މަޝްވަރާކުރުމާއި އެކު މާތްﷲގެ މަޝްވަރާއަށް އެދުމެވެ. މިއީ ކީރިތިރަސޫލާ r ގެ ސުންނަތުން ސާބިތުވާ އެންމެ ރަގަޅުގޮތްވެސް މެއެވެ.

ސަލަފުއްސާލިހުން ވިދާޅުވަނީ ހެޔޮވިސްނޭ މީހުން ކަންކަމުގައި އިލްމުވެރިންނާއި މަޝްވަރާ ކުރައްވާނެކަމެވެ. އެހެނީ އަމިއްލައަށް ގޮތެއް ނިން މައިފިނަމަ އެއިގެ ސަބަބުން ގެއްލުމެއް ދިމާވުމަކީ ކައިރި ކަމެކެވެ. ވީމާ އޭނަގެ ނިންމުމާއި ހިކުމަތްތެރިންގެ ނިންމުންތަކާއި އަޅާކިޔުމަށް ފަހު ނިންމޭނިންމުމަކީ އެންމެ ފުރިހަމަނިންމުމެވެ. عَنْ أَبِي هُرَيْرَةَ ، قَالَ : ” مَا رَأَيْتُ أَحَدًا أَكْثَرَ مَشْورَةً لأَصْحَابِهِ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ “[5] އަބޫހުރައިރާގެ ފަރާތުން ރިވާވެގެންވެއެވެ. ” ކީރިތި ރަސޫލާ ޞައްލައްﷲއަށް ވުރެގިނައިން އެކަލޭގެ ފާނުގެ އަސްޙާބު ބޭކަލުންނާއި މަޝްވަރާކުރައްވާ ބޭފުޅެއްނުވެއެވެ.”

ހަމަކަށަވަރުން މަޝްވަރާ ކުރެވެންޖެހޭނީ ޝަރުޢީ ގިއުގަނޑުގެ ތެރޭގައި މީސްތަކުންނަށް ލުއިފަސޭހަ އަދި ގެއްލުން އެންމެ ކުޑަވާ ގޮތެއްގެ މައްޗަށެވެ.

މުޖުތަމަޢުގެ މަސްލަހަތު ރައްކާތެރި ކުރުމުގެ ގޮތުން މަޝްވަރާގެ އުސޫލުން ނުނިންމާނަމަ   ފަހުން ހިތާމަކޮށް ދެރަވުމަކީ މިއަދުފެންނަށް ހުރިހަޤީގަތެއް ކަންދަންނާށެވެ.

އިންސާނާގެ ޙަޤީގަތަކި އިންސާނާއަކީ އަނިޔާވެރި ޖާހިލު ކުށްކުރާމީހެކެވެ. ވީމާ ގިނަބަޔެއްގެ މަޝްވަރާގެ މަތިން ނިންމޭކަންތައް ތަކުގައި ލިބޭގެއްލުން ކުޑަވާނެކަން ކަށަވަރެވެ. ތިމާއަމިއްލަ ޒާތީ ކަންތައްތަކުގައި ނިންމާނެގޮތެއް ނޭގޭ ޙާލަތްތަކުގައި އެހެންމީހުންގެ މަޝްވަރާގެމަތިން ކަންތައްތައް ނިންމުމުން  ތިމާއަށް ގިނަފަހަރު ހިތްހަމަޖެހުންލިބޭނެކަން ކަށަވަރެވެ. ކޮންމެ ޢުމުރުފުރައެއްގެ ބަޔެއްގެ މަސްލަޙަތަކީ ކޮބައިކަން އެޢުމުރު ފުރައެއްގެ ބަޔަކަށް ނޫނީ އެންމެ ރަގަޅަށް ނޭގޭނެއެވެ. މީސްތަކުންގެ ފައިދާއަށާއި މަސްލަޙަތަށް މަސައްކަތް ކުރާމީހުންނާއި މަޝްވަރާކުރުމަކީ ކާމިޔާބަށް ވާސިލުވުމަށް ތިމާއަށް ލިބޭ ހިތްވަރެއްކަން ދަންނާށެވެ. މީސްތަކުންގެ ސިއްރު ނުހިފެހެއްޓޭ މީހުންނާއި ތިމާގެ ޒާތީ ކަންކަމުގައި މަޝްވަރާކުރުމަކީ ތިމާފަޟީހަތްވެ ބޭޒާރުވުމުގެ އިތުރުން މަޝްވަރާގެ އިތުބާރުގެއްލިގެންދާކަމެކެވެ.  މަޝްވަރާކުރުމަކީ ތިމާގެ ނަފްސުގެ ބޮޑާކަމުން ތިމާ ސަލާމަތް ކޮށްދޭކަމެކެވެ. ކަމާއި ނުގުޅޭ މީހުންނާއި މަޝްވަރާކުރުމަކީ ތިމާގެ ބޮޑާކަމާއި ތިމާގެ މޮޅުކަން އެހެންމީހުންނަށް ދެއްކުމެވެ. ނުވަތަ ތިމާގެ ނުކުޅެދުންތެރިކަމެވެ. އަބަދުވެސް ތިމާއަށް ކަންކަމުގައި އެންމެ ރަގަޅުމަޝްވަރާ ދެއްވާނީ ތިމާގެ މައިންބަފައިން ނެވެ. އެމީހުންގެ ނަސޭޙަތަކީ ތިމާގެ އިއްޒަތާއި އަބުރު އަދި ތިމާގެ މަސްޢޫލިއްޔަތާއި ގުޅުން ހުރި ކަންތައްތަކުގައި ތިމާއަށް ކާމިޔާބު ލިބުމެވެ.    މަޝްވަރާކުރުމުގައި އިޚުލާސްތެރި ވެއްޖެނަމަ އެކަންތަކަކީ އަޅުކަމެކެވެ. އެކަމުގައި މާތްﷲ ޘަވާބުދެއްވާނެއެވެ.  ހެޔޮ ކަންތަކުގައި  އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްލާމްދީން އެކަމަށް އަމުރުކުރާކަމެކެވެ.

އިބްނި ޖައުޒީ ވިދާޅުވަނީ މަޝްވަރާތަކުގެ މައްޗައް ބުރަވެ ނިންމޭނިންމުމެއް ނާކާމިޔާބު ވެއްޖަނަމަ އެމީހަކު އެމީހެއްގެ ނަފްސައް މަލާމާތެއް ނުކުރާނެކަން ކަށަވަރެވެ. އެއިގެ އިތުރުން އެކަންތައް ކާމިޔާބު ނުވި ސިއްރު ހޯދަން އިތުރަށް މަސައްކަތް ކުރާނެއެވެ.

                           – محمد منهاج موسى

 


[1] الشورى: 38

[2] آل عمران: 159

[3] ابن ماجه

[4] الأحذاب 36

[5] الترمذي

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!