ދިވެހީން އަދިވެސް ޖާހިލު ކަމުގައިތަ؟

މިއީކީ އަޅުގަނޑު ދައްކާހިތުން ދައްކާ ވާހަކައެއްނޫނެވެ. އަދި ކިއެއްތަ ކޮންމެހެން ދައްކަން ބޭނުން ވާހަކައެއްވެސް ނޫނެވެ. ތިޔައިގެ ތެރެއިން ބަޔަކު ހިތްހަމަ ނުޖެހޭނެ ވާހަކަތަކެކެވެ. ނަމަވެސް މިއަދު މިޤައުމު މިއޮތް ހާލަތަށް ބަލާއިރު މިވާހަކަތައް ކޮންމެހެން ދައްކަންޖެހެއެވެ. ޤައުމުގެ މަސްރަހު ސިޔާސީ ގޮތުން ވަރަށް ބޮޑަށް ކިލަނބުވެފައިވާއިރު މިއަދު ގިނަ ބަޔަކު ތިބީ ކޮންހާލަތެއްގައިތޯއެވެ. ހަމަޔަޤީނުންވެސް މިއަދު ދިވެހި މުޖްތަމަޢުގެ ހާލަތާމެދު ފުންކޮށް ވިސްނާމީހަކަށް ފެންނާނެ އެންމެ ބޮޑު ހަޤީގަތަކީ މިއަދު ޤައުމުގެ އަފުރާދުންގެ ހޭލުންތެރިކަން ހުރީ މީގެ ބައިގަރުނު ކުރިން ވެސް ރާއްޖޭގެ މުޖްތަޢުގައި ނެތްފަދަ ހޭލުންތެރިކަމެއްކަމެވެ.

ވިސްނަވާށެވެ. މިއަދު މިޤައުމުގެ އެންމެ ގިނަ ބަޔަކު ތަބަޢަވަނީ ސިޔާސީ ލީޑަރުންނަށެވެ. މިފަދަ ލީޑަރުންގެ ފަހަތުން އެމީހުންނަށް ސަނާ ކިޔަން ތިބޭ އެކްޓިވިސްޓުންނަކީ ވަކިގޮތަކަށް ޕްރޮގްރާމްކޮށްފައިތިބޭ “ރޮބޮޓް” ތަކެކެވެ. މީގެ އެންމެ ބޮޑު ހެއްކަކީ ސިޔާސީ ލީޑަރު ކޮންމެ ފަދަ އެއްޗެއް ބުނި ކަމުގައިވިޔަސް އެއަށް ތާޢީދުކޮށް އަތްޖަހާ ތަރުހީބު ދޭކަމެވެ. ސިޔާސީ ޕާރޓީތައް 2005 ގައި އުފެދުނު ފަހުން މިއަދާހަމައަށް މިހިނގަމުންދާ 9 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ސިޔާސީ “ލީޑަރުން” ގެ ގޮތުގައި ތިބޭ ބައެއް ފަރާތްތަކުން ވަނީ އާންމު މައިދާންތަކުގައި ބޮޑެތި “އައުގުރާނަ” ގޮވާފައެވެ. ވާދަވެރި ސިޔާސީ ފަރާތްތަކާ ބެހޭގޮތުން ކަނޑައެޅިގެން ދޮގުހަދައި ހުތުރު ބަސްތަކުން އެއްޗެހި ކިޔާފައިވާއިރު އެތަނުގައި ތިބޭ “ޕްރޮގްރާމްކޮށްފައިވާ އެކްޓިވިސްޓުން”ނަށް ކުރެވޭ ކަމަކަށްވެފައި އޮންނަނީ ބާރުބާރަށް އަތްޖެހުމެވެ. އަޅުގަނޑަށް މިހާތަށް އެނގިފައިވާގޮތުގައި އަތްޖަހަނީ ބަޔަކު ބުނި ބަހަށް ތާޢީދު ކުރުމުގެ ގޮތުން ނުވަތަ އުފާވާ ހިތްހަމަޖެހޭ ބަސްތަކަކަށް ވުމުންނެވެ. މިއީ އަތްޖެހުމުގެ މާނަ އަޅުގަނޑުގެ ކޮށި ވިސްނުމަށް ނަގައިގަނެވޭ ގޮތެވެ.

މިވަރުން އަދި ނިމުނީއެއްނޫނެވެ. އެލީޑަރު ބުނި ބަހަކީ ކިތަންމެ ހުތުރު އަދި ދީނާ ޚިލާފު ބަހެއް ނަމަވެސް އަދި އެކަން ފަހުން އެނގުނު ނަމަވެސް އެބަސް ކުއްވެރި ނުކުރެވެއެވެ. ނުވަތަ ކުޑަމިނުން އެއާ ދެކޮޅު ނަހަދާތަނުގައި އެހެން ޕާރޓީތަކުގެ މީހުންގެ ކުރިމަތީގައި އެ ބަސް ދިފާޢުކޮށް ވާހަކަދެއްކުމަކީ ބައެއް މީހުންނަށް ލިބޭ އާދަޔާޚިޔާފު އުފަލެކެވެ. މުރުތައްދުވެދާފަދަ ނޭއްގާނީ ބަސްތަކަށް ތަރުހީބު ދިނުމުގެ އިތުރުން ދެން ފާހަގަކުރެވޭކަމަކީ ލީޑަރުން އަމުރުކުރާ ކޮންމެ ކަމަކީވެސް މިވެރިން ތަންފީޒުކުރާ ކަމަކަށް ވާކަމެވެ. ދައުލަތާއި އާންމު ތަންތަނުގައި ހުޅުޖަހާ އަންދައި، ބޮޑެތި މުއައްސަސާތައް ލޫޓުވައި، މަގުތަކުގައި ހަމަނުޖެހުން ހިންގުމަށް ކުރެވޭ އަމުރުތަކަށް މިވެރިން ބޯލަނބަނީ މަޔަކު ދަރިއަކަށް ކަމެއް ކުރުމަށް އެދުމުންވެސް ނުކުރާހާ އަވަހަށް އަދި އެއަށްވުރެންވެސް ފުރިހަމަކޮށެވެ.

އެތައް ތަނެއްގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގައި ބޮޑެތި ޖިނާޢީ ކުށްތަކަށް އަރައިގަންނައިރު އެންމެ ނުރައްކާތެރިކަމަކީ ސިޔާސީ ލީޑަރުންގެ އަމުރަށް އިދިކޮޅު ސިޔާސީ ފަރާތްތަށް މަރާލުމަށް ނުވަތަ އެމީހުންގެ “ވަސް ފޮހެލުމަށް” ދެވޭ ހަމަލާތަކެވެ. މިފަދަ ކަންތައްތަކަކީ ލީޑަރު އަންގައިގެން ކުރާ ކަންތައްތަކެއް ކަމުގެ އެންމެ ބޮޑު ދަލީލަކީ މުޖުރިމު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން ނުވަތަ ޝަރީޢަތުގައި ދަޢުވާ ކުރުމުން އެފަރާތް ހިމާޔަތްކުރުމަށް ސީދާ ޕާރޓީގެ ފަރާތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭކަމެވެ. ޙުރުމަތްތެރި ވެގެންވާ ނަފްސެއް ޤަސްތަކާނުލައި ޤަތުލުކުރުމަކީ ބޮޑުވެގެންވާ ޙަރާމްކަމެއްކަމަށް ޢާލަމްތަކުގެ ވެރި ﷲ އަންގަވާފައިވީނަމަވެސް، ބައެއް މީހުންނަށް އެބައިމީހުންގެ ވެރި ރަސްކަލާންގެ ވަޙީ ބަސްފުޅަށްވުރެ ސިޔާސީ ލީޑަރުގެ ބަސް މާބޮޑަށްވެސް އިސްވެގެންވާކަމީ މިއަދު ހިތާމައާއެކު އަދި ލަދުވެތިކަމާއެކު ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ.

ސިޔާސީ ވާދަވެރިކަން މިހިސާބަށް ދިޔައިރު ފާހަގަވި އަނެއް މުހިއްމުކަމަކީ ވާދަވެރިންގެ އަބުރު ކަތިލުމެވެ. “ބޮޑު ލާރި” ހުށަހަޅައިގެންވެސް “މިކޮޅަށް” ނައުމުން ދެން ނެރޭ ހަތިޔާރަކީ މީހާގެ އަބުރު ނަގާލުމެވެ. މިގޮތުން މިލިޔަނުން ފައިސާ ދީގެން ހަށިވިއްކާ ނުވަތަ ފާޙިޝް ޢަމަލުތައް ހިންގާ މީހުން މެދުވެރިކޮށް މިފަދަ ފަރާތްތައް “ދުއްވާލުމަށް” ރޭވޭ ޖަރީމާއަކީ ކުރިން ބުނެވިދިޔަ ހުރިހާކަމަށްވުރެ ނުބައި ކަމެކެވެ. އެހެނީ އަބުރު ކަތިލެވުމަކީ ދުނިޔެ މަތީގައި މީހަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމެކެވެ. އެވޭލާ ޒަމާނުގައި ޢަރަބި ކަރައިގާ އުޅުނު މަޝްހޫރު މީހަކު ބުނެފައިވެއެވެ. “މީހެއްގެ އަބުރު ކަތިލުމަކީ ލޭ އޮހޮރައި ފުރާނައަށް ނުރައްކާވުމަށްވުރެ ވޭން ގަދަ ކަމެކެވެ”. މިއީ މިހައިބޮޑު ހަޤީގަތެއްތޯއެވެ. މިއަދު ސިޔާސީގޮތުން ވާދަވެރިން ބަލިކަށިކޮށްލުމަށް ކުރެވޭ އެންމެ ފުޅާ ހަރަކާތަކީ އަބުރު ހުތުރުކޮށްލުމެވެ. ހިތާމަހުއްޓެވެ. މީގެ ނުރައްކާ މިންވަރު އަދި ނުބައި މިންވަރު ދަނެތިބެ ހިންގަމުންދަނީ ހިތުގައި ބިރުވެތިކަމެއް ނެތްތާގައި ލަދުވެތިކަމެއްވެސް ނެތިއެވެ.

ސިޔާސީގޮތުން ޚިޔާލު ތަފާތުވުމަކީ އެއްވެސް މައްސަލައެއްނޫނެވެ. އަދި ކިއެއްތޯއެވެ. އެމީހަކު ޤަބޫލުކުރާ ސިޔާސީ ފިކުރެއްގައި ޝާމިލުވުމަކީ ޤާނޫނީ ހައްޤެކެވެ. އަދި އެހެން މީހުންވެސް ސިޔާސީގޮތުން ޚިޔާލު ތަފާތުވާނެކަމަށް ޤަބޫލުކޮށް އެހެންމީހުންގެ ފިކުރަށް އިޙްތިރާމްކުރުމަކީ އިންސާނިއްޔަތުވެސް ދަންނަ ހަޤީގަތެކެވެ. ނަމަވެސް މިޤައުމުގެ ހާލަތަކީތޯއެވެ. ހިތާމަހުއްޓެވެ. މިކަމަކީ މިޤައުމުގެ ވަރަށް ގިނަ ބަޔަކު ދަންނަކަމެއްނޫނެވެ. އަދި ޤަބޫލުވެސް ކުރާކަމެއްނޫނެވެ. ސިޔާސީ ގޮތުން ތިމާއާ ޚިޔާލު ތަފާތުވާ މީހާ ވެގެންދަނީ ދުޝްމިނަކަށެވެ. ޢަދުއްވަކަށެވެ. އެއީ ތިމާގެ މަންމަ ކަމުގައިވިޔަސް، ބައްޕަ ކަމުގައިވިޔަސް، އާޢިލާ މީހަކު ކަމުގައިވިޔަސް ނުވަތަ ތިމާގެ އަނބިމީހާ ކަމުގައި ވިޔަސްމެއެވެ. އެމީހަކަށް އެއްވެސް އުފަލެއް ލިބުމަށް ނޭދޭއިރު އެކި ކަންތައްތަކުގައި ދަތިކުރުމަކީވެސް އާންމުކަމެކެވެ. ތިމާގެ އަނބިމީހާއަކީ ސިޔާސީ ގޮތުން ޚިޔާލުތަފާތު މީހެއް ނަމަ ވޯޓުލުމެއް އޮންނަ ދުވަހެއް ގައިނަމަ އޭނާގެ އައި.ޑީ ކާޑް ފޮރުވުމާއި ވޯޓުލުމަށް ނުދެވޭގޮތަށް ހުރަސްއެޅުންފަދަ ކަންތައްތައް ކުރުމަކީވެސް މިއަދު މިޤައުމުގެ ގިނަ ބަޔަކު ކުރަމުންދާކަމެކެވެ.

މިދަންނަވާލެވުނީ ނިސްބަތުން ވަރަށް މަދު ކަންތައްތަކެއްގެ ވާހަކައެވެ. ގިނައީ މިތަނުގައި ބަޔާންނުކުރެވޭ ވާހަކަތަކެވެ. ތެދެއްމެއެވެ. ޓެކްނޯލޮޖީގެ ގޮތުން އަޅުގަނޑުމެން އުޅެނީ ވަރަށްވެސް ކުރީގައެވެ. ފަންޖިފުޓިތައް މާޒީގެ ތެރެއަށް ދޫކޮށް މުންޑާއި ގަންޖިފަރާސް ދޫކޮށް މޮޅެތި ފޭރާމުގެ ހެދުން ލައިގެން ތާރުއެޅި މަގުތަކުގައި ކާރު ދުއްވިއެއް ކަމަކު އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާން މިވަނީ ހަލާކުވެ ވީދިފައެވެ. މިފަދަ ކޮންމެ ވާހަކައަކާމެދު ވިސްނާ މީހަކަށް ފެންނާނެ އެންމެ ބޮޑު ހަޤީގަތަކީ އަޅުގަނޑުމެންގެ މިޤައުމުގެ މިއަދުގެ މުޖްތަމަޢުގެ ހޭލުންތެރިން ހުރީ މީހެ ބައިޤަރުނު ކުރިންވެސް ރާއްޖޭގައި ނެތްފަދަ ނިކަމެތި ހޭލުންތެރިކަމެއް ކަމަށެވެ. މިޤައުމުގައި އަދިވެސް އުޅެނީ ޖާހިލުންނޭ ނުބުނެވުނަސް މިއަދު މިޤައުމުގެ ގިނަ ބަޔަކު ކަންތައް ކުރަނީ އިހު އެވޭލާ ޒަމާނުގައި ޢަރަބި ކަރައިގެ ބާޒާރުތަކުންވެސް ފެނުނުފަދަ ޖާހިލު ގޮތަކަށެވެ. މީސްތަކުން ކުރަމުން މިއަދު އެގެންދަނީ މިފަދަ ޖާހިލިއްޔަތުގެ ޢަމަލުތަކެވެ. ވިސްނާށެވެ. އަދިވެސް ފުރުޞަތު އެބައޮތެވެ.

5 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ﷲ ސުބްހާނަހޫވަތައާލާ ތިބާއަށް ހެޔޮޖަޒާ ލައްވަވާށި………އާމީން

  2. އިބުރަތް ހާޞިލްކުރަން ބޭނުންވާ މީހަކަށް މިވަރުން ފުދޭނެކަން ނޭނގެ

  3. ވިސްނާކަށް ބޭނުމެއްނޫން ލިޔުންތެރިޔާ އެއްކޮޅަށްގޮސް ހުސްވެފަ

  4. މި ލިޔުމާ ދެކޮޅު ހަދާނީ އެމް.ޑީ.ޕީ މީހުން. އެއީ މިޤައުމު ހަލާކު ކުރާ މީހުން. ވަރަށް އުފާވޭ އެމް.ޑީ.ޕީ މީހުންވެސް ދި އިސްލާމް ކިޔާތީ. ލާދީނީ މީހުންނަށް ދުވަހަކުވެސް އިރާދަކުރެއްވިއްޔާ ކާމިޔާބެއް ނުވާނެ.

  5. އަޅު ގަނޑު އުފާކުރަން ތިފަދަ ހެޔޮވިސްނޭ ކުދިން މިގައުމުގައި ތިބިކަމުން..

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!